އެންމެ ބޮޑެތި ޢަޖާއިބުތަކުގެ ތެރޭގައި، އަދި المَلِكُ الغَلَّابُ ގެ ކުޅަދުންވަންތަކަމަށް ދަލީލު ކޮށްދޭ އެންމެ ބޮޑެތި އާޔަތްތަކުގެ ތެރޭގައި ހަ އުޞޫލެއް ވެއެވެ. ހީކުރާ މިހުންގެ ހީތަކުގެ މައްޗަށް، ޢާންމު މީސްތަކުންނަށް ސާފުކޮށް ބަޔާން ވާނޭހޭން الله تعالى ވަނީ މި އުޞޫލުތައް ބަޔާން ކޮށްދެއްވާފައެވެ. ދެން މީގެ ފަހުގައި ދުނިޔޭގެ ވިސްނުންތޫނު މީހުންނާއި، އާދަމުގެ ދަރީންގެ ތެރޭވީ ބުއްދިވެރީންގެ ތެރެއިން ގިނަ ބަޔަކަށް މި އުޞޫލުތައް އޮޅި، އޭގައި ކުށްހެދިއެވެ. މަދު ބައެއްގެ ތެރެއިން ވެސް މަދު ބަޔަކު މެނުވީއެވެ.
ފުރަތަމަ އަޞްލު
އެއީ ﷲއަށް އެއްވެސް ބައިވެރިއަކު ލުމެއްނެތި ހަމައެކަނި ﷲއަށް ދީން ޚާލިޞް ކުރުމެވެ. އަދި މިކަމުގެ އިދިކޮޅު ކަމުގައިވާ ﷲއަށް ޝިރުކު ކުރުން ބަޔާން ކުރުމެވެ. އަދި ޤުރުއާނުގެ ބޮޑު ބައެއް، އެންމެ ހިތްގައު މީހާއަށް ދާންދެން އެންމެހައި މީސްތަކުންނަށް ވެސް ދޭހަވާނޭހެން، އެކިއެކި ގޮތްގޮތުން، މި އަޞްލު ބަޔާން ކޮށްދިނުމަށް އައިސްފައި ވުމެވެ. ދެން މިއަށްފަހުގައި އުންމަތުގެ ގިނަ ބައަކަށް ވެދިޔަ ކަމެއް ވެދިޔުމަށްފަހުގައި، (އަޅުކަމުގައި اﷲ تعالىއަށް) އިޚްލާޞްތެރިވުމަކީ، ހެޔޮލަފާ ޞާލިޙުންނަށް ކުޑައިމީސްކޮށް އެބައިމީހުންގެ ޙައްޤުތައް ދިނުމުގައި އުނިކުރުން ކަމުގައި ޝައިޠާނާ މީސްތަކުންނަށް ދައްކައިދީފިއެވެ. އަދި ﷲއަށް ޝަރީކު ކުރުމަކީ ޞާލިޙުންނަށް ލޯބިކޮށް އެބޭކަލުންނަށް ތަބާވުން ކަމުގައި ދައްކައިދީފިއެވެ.
ދެވަނަ އަޞްލު
اﷲ تعالى ވަނީ ދީނުގައި އެއްބައިވެގަތުމަށް އަމުރުކުރައްވާފައެވެ. އަދި ދީނުގައި ބައިބައިވެދިޔުން ނަހީކުރައްވާފައެވެ. ފަހެ اﷲ تعالى ވަނީ، ޢާންމުންގެ މީހުންނަށް ދޭހަވާ ފަދަ، އަދި ސާފުކޮށް އެނގި ފުދޭނޭ ފަދަ ބާޔާނަކުން، މި ކަން ބަޔާން ކޮށްދެއްވާފައެވެ. އަދި އަހަރެމެންގެ ކުރީގައި ޚިލާފުވެ ބައިބައިވެ އެ ކަމުގައި ހަލާކުވެދިޔަ މީހުން ފަދައިން ވުން އަހަރެމެންގެ މައްޗަށް ނަހީކުރެއްވިއެވެ. އަދި އެކަލާނގެ މުސްލިމުންނަށް އެއްބައިވެގަތުމަށް އަމުރުކުރައްވާކަމާއި ބައިބައިވެގަތުން ނަހީކުރައްވާކަން ޛިކުރުކުރެއްވިއެވެ. އަދި މިކަން އިތުރަށް ފާޅުވެ ސާފުވެގެންދަނީ ސުންނަތުގައި މިކަމާމެދު އައިސްފައިވާ ޢަޖާއިބުވާހައި ގިނަ ދަލީލުތަކުންނެވެ.
ދެން މީގެ ފަހުގައި ކަންތައް ވީގޮތަކީ: ދީނުގައި ޢިލްމާއި ފިޤުހުވެރިކަމަކީ އެއީ ދީނުގެ އަޞްލުތަކާއި ފަރުޢުތަކުގައި ބައިބައިވެގަތުންކަމުގައި ވެއްޖެއެވެ. އަދި ދީނުގައި އެއްބައިވެގަތުމަކީ މޮޔައަކު ނޫނީ މަގުފުރެދި ދީންގެއްލިފައިހުރި ޒިންދީޤަކު ނޫނީ ނުބުނާ ބަހަކަށް ވެއްޖެއެވެ.
ތިންވަނަ އަޞްލު
އަހަރެމެންގެ މައްޗަށް އިސްވެފައިވާ ވެރީންގެ ބަސްއަހައި ކިޔަމަންވުމަކީ މި އެއްބައިވަންތަކަން ފުރިހަމަވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ ވެރިޔާއަކީ ޙަބަޝީ އަޅަކުކަމުގައި ވިޔަސް މެއެވެ. اﷲ تعالى ވަނީ ބަޔާނުގެ އެކިއެކި ވައްތަރުތަކުން، ސާފުވެ އެނގި ފުދޭހައި ވަރަށް، ޝަރުޢީ ގޮތުންނާއި (ކައުނުގައި ލައްވައި މިންވަރުކުރައްވާފައިވާ) ޤަދަރުގައި މިކަން ބަޔާންކޮށްދެއްވާފައެވެ. ދެން ވެގެން ދިޔަގޮތަކީ، ދަންނަކަމަށް ދަޢުވާކުރާ ގިނަބަޔަކު ނުދަންނަ ކަމަކަށް މި އަޞްލު ވެގެން ދިޔުމެވެ. މިހެން މިކަން އޮއްވައި މިއަށް އަދި ޢަމަލުކުރެވޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟
ހަތަރުވަނަ އަޞްލު
ޢިލްމާއި ޢިލްމުވެރީން ބަޔާން ކޮށްދިނުމެވެ. އަދި ފިޤުހާއި ފިޤުހުވެރީން ބަޔާންކޮށްދިނުމެވެ. އަދި ޢިލްމުވެރި ފިޤުހުވެރީންނާ (ބޭރުފުށުން) ވައްތަރުވެގެން ތިބޭ، އެކަމަކު އެބޭކަލުންގެ ތެރެއިން ނުވާ މީހުން ބަޔާންކޮށްދިނުމެވެ. اﷲ تعالى ވަނީ ބަޤަރާ ސޫރަތުގެ ކުރީކޮޅުގައި މިއަޞްލު ބަޔާންކޮށްދެއްވާފައެވެ. އެއީ
އަދި މިކަން އިތުރަށް ފާޅުވެ ސާފުވެގެން ދަނީ، ސުންނަތުގައި، އެންމެ ތަންދޮރުނުދަންނަ ވިސްނުންކޮށި މީހާއަށް ވެސް ސާފުވާނޭ ފަދައިން ޞަރީހަކޮށް ބަޔާންވެ ވާރިދުވެގެން އައިސްފައިވާ ދަލީލުތަކުންނެވެ. ދެން (މި ހުރިހައި ކަމަކަށް ފަހުގައި ވެސް) މީސްތަކުންނަށް އެންމެ ބީރައްޓެހި ކަމަކަށް މިކަން ވެއްޖެއެވެ. އަދި ޢިލްމާއި ފިޤުހަކީ އެއީ ބިދުޢައާއި މަގުފުރެދުންތައް ކަމުގައި ވެއްޖެއެވެ. އަދި އެ މީހުންގެ މެދުގައިވާ އެންމެ ހެޔޮ އެއްޗަކީ ބާޠިލުން ޙައްޤު އޮޅުވާލުންކަމުގައި ވެއްޖެއެވެ. އަދި ﷲ تعالى ޚަލްޤުތަކުންގެ މައްޗަށް ފަރުޟުކުރައްވައި، މަދަޙަބަސްފުޅު ވަޙީކުރައްވާފައިވާ (ޝަރުޢީ) ޢިލްމަކީ އެއީ މޮޔައަކު ނޫނީ ޒިންދީޤަކު މެނުވީ އެއާމެދު ވާހަކަ ނުދައްކާ އެއްޗެއް ކަމުގައި ވެއްޖެއެވެ. އަދި އެ ޢިލްމާމެދު އިންކާރުކޮށް އެއަށް ޢަދާވާތްތެރިވެ އެ ޢިލްމާމެދު އިންޛާރުދީ އެކަން ނަހީކުރުމަށް ފޮތް ލިޔެ ހަދާ މީހާއަކީ އެއީ ފިޤުހުވެރި ޢިލްމުވެރިޔާއަށް ވެއްޖެއެވެ.
ފަސްވަނަ އަޞްލު
ﷲ سبحانه ގެ ވަލީވެރީން ބަޔާންކުރެއްވުމެވެ. އަދި ޙަޤީޤީ ވަލީވެރީންނާއި، اﷲ تعالىގެ ޢަދުއްވުންގެ ތެރެއިން އެ ވަލީވެރީންނާ ވައްތަރުވެގަނެގެން އުޅޭ މުނާފިޤުންނާއި ފާޖިރުންގެ ތަފާތު ބަޔާންކުރެއްވުމެވެ.
މިކަމަށް އާލު ޢިމްރާން ސޫރަތުގެ އާޔަތެއްފުދޭނެއެވެ. އެއީ اﷲ تعالىގެ މި ބަސްފުޅެވެ:
އަދި މާއިދާ ސޫރަތުގެ އާޔަތެކެވެ: އެއީ اﷲ تعالىގެ މި ބަސްފުޅެވެ:
އަދި ޔޫނުސު ސޫރަތުގެ އާޔަތެކެވެ: އެއީ اﷲ تعالىގެ މި ބަސްފުޅެވެ:
ދެން ކަންތައް ވެގެން ދިޔަ ގޮތީ: ވަލީވެރިޔާ ރަސޫލުންނަށް ތަބާވުން ދޫކޮށްލަން ޖެހޭކަމަށް ޢިލްމަށް ދަޢުވާކުރާ އަދި ތިމާމެންނަކީ ޚަލްޤުތަކުންނަށް މަގުދައްކައިދޭ، ޝަރީޢަތް ޙިމާޔަތް ކުރާ ބަޔަކުކަމަށް ދަޢުވާކުރާ މީހުން، ބުނަން ފެށީއެވެ. އެ ރަސޫލުންނާއި ނަބީބޭކަލުންނަށް ތަބާވެއްޖެނަމަ އެމީހުންގެ ގާތުގަ ވަލީވެރިއަކަށް ނުވެއެވެ. އަދި ޖިހާދުކުރުން ދޫކޮށްލަން ޖެހޭކަމަށް ބުނެއެވެ. ޖިހާދުކޮށްފިމީހާ އެމީހުންގެ ގާތުގަ ވަލީވެރިއަކަށް ނުވެއެވެ. އަދި އީމާންތެރިކަމާއި ތަޤުވާވެރިކަން ދޫކޮށްލަންޖެހޭކަމަށް ބުނެއެވެ. އީމާންތެރިކަމާއި ތަޤުވާވެރިކަމުގައި ޢަހުދުވެ ދެމިހުރެއްޖެ މީހާ އެމީހުންގެ ގާތުގަ ވަލީވެރިއަކަށް ނުވެއެވެ.
އޭ އަޅަމެންގެ ރައްބެވެ! އިބައިލާހުގެ ފާފަފުއްސެވުމާއި ޢާފިޔަތަށް އަޅަމެން އެދެމެވެ. އިބައިލާހީ ދުޢާތައް އަޑުއައްސަވާ އިލާހެވެ.
ހަވަނަ އަޞްލު
ޤުރުއާނާއި ސުންނަތް ދޫކޮށް، ތަފާތު، ބައިބައިކުރަނިވި ރައުޔުތަކާއި ހަވާނަފްސަށް ތަބާވުމަށް ޝައިޠާނާ ހަދާފައިވާ ޝުބުހަޔަށް ރައްދުދިނުން.
އެއީ (އެ ޝުބުހައަކީ) ޤުރުއާނާއި ސުންނަތް މުޠުލަޤު މުޖުތަހިދަކަށް މެނުވީ ނޭނގޭނޭ ކަމަށް ބުނުމެވެ. މި މުޖުތަހިދަކީ ވަކި ސިފަތަކެއް ހުންނަންޖެހޭ މީހެކެވެ. އެއީ ފަހަރެއްގައި އަބޫބަކުރުގެފާނާއި ޢުމަރުގެފާނަށް ވެސް ފުރިހަމައަށް ލިބިގެން ނުވާފަދަ ސިފަތަކެވެ. ތިމާއަށް މި ސިފަތައް ލިބިގެންނުވާނަމަ (އެމީހުން ބުނާގޮތުގައި) އޭނާއަށް ފަރުޟުވެ ލާޒިމުވެގެން ވަނީ ޤުރުއާނާއި ސުންނަތް ދޫކޮށްލުމެވެ. ޤުރުއާނާއި ސުންނަތް ފަހުމްވުމުގެ އުދަގޫކަމުން، އެއިން ހިދާޔަތް ހޯދަން އުޅެފި މީހާ މިވަނީ ދީންގެއްލިފައިވާ ޒިންދީޤަކަށް ނޫނީ މޮޔައަކަށެވެ.
ފަހެ ﷲގެ ހުސްޠާހިރުވަންތަކަމާއެވެ. އެކަލާނގެއަށް ޙަމްދުލިބިވޮޑިގެން ވެއެވެ.
ޝަރުޢީ ގޮތުންނާއި ޤަދަރުގެ ގޮތުން އަދި އެކަލާނގެ، ޚަލްޤު ކުރެއްވުމުގައްޔާއި އަމުރުފުޅު ހިންގެވުމުގައި މި ލަޢުނަތް ލިބިގެންވާ ނުބައި ޝުބުހައަށް އެކި ގޮތްގޮތަށް ރައްދު ދެއްވުމުގައި އެކަލާނގެ ކިހައި ވަރަކަށް ބަޔާންކޮށްދެއްވާފައި ވޭ ހެއްޔެވެ! މިގޮތުން މިކަން ވަނީ ދީނުގަ ކޮންމެހެން ޟަރޫރީ ގޮތުން އެނގެން ޖެހޭ ކަމަކަށް ވެފައެވެ. ނަމަވެސް މީސްތަކުންގެ ގިނަ ބަޔަކަށް ނޭނގެއެވެ!
މާނައީ: ”ހަމަކަށަވަރުން، އެއުރެންކުރެން ގިނަ މީހުންގެ މައްޗަށް ކޯފާގެ ބަސްފުޅު ޙައްޤުވެއްޖެކަން ކަށަވަރެވެ. ފަހެ، އެއުރެން އީމާނެއް ނުވާނެތެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ ކަނދުރާތަކުގައި ކަސްތަޅުތަކެއް ލެއްވީމެވެ. ފަހެ، އެ ކަސްތަޅުތައް ދަތްދޮޅިތަކާ ހަމަޔަށް ހުންނަހުށްޓެވެ. ފަހެ، އެއުރެން ވަނީ ބޯތައް އުފުލިގެންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންގެ ކުރިމަތިން ހުރަހަކާއި، އެއުރެންގެ ފުރަގަހުން ހުރަހެއް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންގެ ލޯތަކުގައި ފަރުދާއެއް ލެއްވީމެވެ. ދެން އެއުރެންނަކަށް ނުފެންނާނެތެވެ. އަދި ކަލޭގެފާނު އެއުރެންނަށް އިންޛާރު ކުރެއްވިޔަސް ނުވަތަ އެއުރެންނަށް ކަލޭގެފާނު އިންޛާރު ނުކުރެއްވިޔަސް، އެއުރެންނަށް ހަމަހަމަވެގެންވެއެވެ. އެއުރެން އީމާނެއް ނުވާނެތެވެ. ކަލޭގެފާނު އިންޛާރުކުރައްވާކަން ކަށަވަރީ، ޤުރުއާނަށް ތަބާވެ، ޣައިބުގައި ރަޙްމާންވަންތަ ރަސްކަލާނގެއަށް ބިރުވެތިވާ މީހާއަށެވެ. ފަހެ، އެ މީހާއަށް ފާފަފުއްސެވުމާއި، ދީލަތި ދަރުމައެއް ހުރިކަމުގެ އުފާވެރި ޚަބަރު ކަލޭގެފާނު ދެއްވާށެވެ!“
آخره والحمد لله رب العالمين وصلى الله على سيدنا محمد وعلى آله وصحبه وسلم تسليمًا كثيرًا إلى يوم الدين.
-
މި އާޔަތްތަކަކީ:
﴿ يَٰبَنِيٓ إِسۡرَٰٓءِيلَ ٱذۡكُرُواْ نِعۡمَتِيَ ٱلَّتِيٓ أَنۡعَمۡتُ عَلَيۡكُمۡ وَأَوۡفُواْ بِعَهۡدِيٓ أُوفِ بِعَهۡدِكُمۡ وَإِيَّٰيَ فَٱرۡهَبُونِ ٤٠﴾ އޭ އިސްރާއީލުގެ ދަރިންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި ތިމަންރަސްކަލާނގެ ޢަހުދު ތިޔަބައިމީހުން ފުއްދާށެވެ! (އެބަހީ: ތައުރާތުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާފައިވާ އެންގެވުންތަކަށް ކިޔަމަންވެ، އެގޮތުގެ މަތިން ޢަމަލުކުރާށެވެ!) އޭރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ޢަހުދު ފުއްދަވާހުށީމެވެ. (އެބަހީ: ކިޔަމަންގަތް އަޅުންނަށް ދެއްވާނެކަމަށް އަންގަވާފައިވާ ހެޔޮ ޖަޒާ ދެއްވާހުށީމެވެ.) އަދި ހަމައެކަނި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ!
﴿ وَءَامِنُواْ بِمَآ أَنزَلۡتُ مُصَدِّقٗا لِّمَا مَعَكُمۡ وَلَا تَكُونُوٓاْ أَوَّلَ كَافِرِۢ بِهِۦۖ وَلَا تَشۡتَرُواْ بَِٔايَٰتِي ثَمَنٗا قَلِيلٗا وَإِيَّٰيَ فَٱتَّقُونِ ٤١﴾ އަދި ތިޔަބައިމީހުންނާ އެކުގައިވާ ފޮތް (އެބަހީ: ތައުރާތު) ތެދުކުރަނިވި ގޮތުގައި ތިމަންރަސްކަލާނގެ ބާވައިލެއްވި ފޮތަށް (އެބަހީ: ޤުރްއާނަށް) ތިޔަބައިމީހުން އީމާންވާށެވެ! އަދި އެ ފޮތަށް އެންމެ ފުރަތަމައިން ކާފަރުވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވާށެވެ! އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް، ކުޑަ އަގެއް ތިޔަބައިމީހުން ނުގަންނާށެވެ! އަދި ހަމައެކަނި ތިމަންރަސްކަލާނގެއަށް ތަޤުވާވެރިވާށެވެ!
﴿ وَلَا تَلۡبِسُواْ ٱلۡحَقَّ بِٱلۡبَٰطِلِ وَتَكۡتُمُواْ ٱلۡحَقَّ وَأَنتُمۡ تَعۡلَمُونَ ٤٢﴾ އަދި ތިޔަބައިމީހުން ޙައްޤާއި ބާޠިލު އޮޅުވައިނުލާށެވެ! އަދި ތިޔަބައިމީހުން ދެނެތިބި ޙާލުގައި ޙައްޤު ވަންހަނާ ނުކުރާށެވެ!
﴿ وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَٱرۡكَعُواْ مَعَ ٱلرَّٰكِعِينَ ٤٣﴾ އަދި ތިޔަބައިމީހުން ނަމާދު ޤާއިމްކުރާށެވެ! އަދި ތިޔަބައިމީހުން ޒަކާތްދޭށެވެ! އަދި ރުކޫޢުކުރާ މީހުންނާ އެކުގައި ތިޔަބައިމީހުން ރުކޫޢުކުރާށެވެ!
﴿ أَتَأۡمُرُونَ ٱلنَّاسَ بِٱلۡبِرِّ وَتَنسَوۡنَ أَنفُسَكُمۡ وَأَنتُمۡ تَتۡلُونَ ٱلۡكِتَٰبَۚ أَفَلَا تَعۡقِلُونَ ٤٤﴾ ތިޔަބައިމީހުން ފޮތް ކިޔަވަކިޔަވައި ތިބޭ ޙާލުގައި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މަތިން ހަނދާން ނައްތާލައި، މީސްތަކުންނަށް ހެޔޮކަންތަކަށް އަމުރުކުރަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟
﴿ وَٱسۡتَعِينُواْ بِٱلصَّبۡرِ وَٱلصَّلَوٰةِۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلۡخَٰشِعِينَ ٤٥﴾ އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ.
﴿ ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَٰقُواْ رَبِّهِمۡ وَأَنَّهُمۡ إِلَيۡهِ رَٰجِعُونَ ٤٦﴾ އެއުރެންނީ، އެއުރެންގެ ރައްބު އާ ބައްދަލުވާނޭ ބަޔަކުކަމާއި، އެކަލާނގެ ޙަޟުރަތަށް އެނބުރި ރުޖޫޢަ ވަނިވި ބަޔަކުކަން ކަށަވަރުކޮށް ޔަޤީންކުރާ މީހުންނެވެ.
﴿ يَٰبَنِيٓ إِسۡرَٰٓءِيلَ ٱذۡكُرُواْ نِعۡمَتِيَ ٱلَّتِيٓ أَنۡعَمۡتُ عَلَيۡكُمۡ وَأَنِّي فَضَّلۡتُكُمۡ عَلَى ٱلۡعَٰلَمِينَ ٤٧﴾ އޭ އިސްރާއީލުގެ ދަރީންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތާއި، އަދި (އެދުވަސްވަރުގެ) ޢާލަމްތަކުގެ މައްޗަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުން މާތްކުރައްވާފައިވާކަން ހަނދުމަކުރާށެވެ! ↩︎