އިމާމް އިބްނުލް ޤައްޔިމް ވިދާޅުވިއެވެ:

ނަމާދުގައި މީސް­ތަކުން ވަނީ ފަސް ދަރަޖައަކަށެވެ.

ފުރަތަމައީ: އަމިއްލަ ނަފްސަށް އަނިޔާ­ވެރިވެ، ފަރުވާކުޑަކުރި މީހާއެވެ. އޭނާއަކީ ނަމާދުގެ ވުޟޫގައާއި، ވަގުތުތަކުގައާއި، އޭގެ ޙައްދު­ތަކާއި ރުކުން ތަކުގައި އުނިކުރި މީހާއެވެ.

ދެވަނައީ: ނަމާދުގެ ވަގުތުތަކަށާއި، ބޭރުފުށުގެ ޙައްދު­ތަކާއި، ރުކުންތަކަށާއި ވުޟޫއަށް ރައްކާ­ތެރިވާ މީހާއެވެ. ނަމަވެސް ވަސްވާސް­ތަކުން ދުރުވުމަށް އޭނާގެ ނަފްސާ ޖިހާދުކުރުން ދޫކޮށް­ލާފައިވާ މީހާއެވެ. ފަހެ އޭނާ ވަނީ އެ ވަސްވާސް­ތަކާއި އޭނާގެ އަމިއްލަ ފިކުރުތަކާ އެކުގައެވެ.

ތިންވަނައީ: ނަމާދުގެ ޙުދޫދު­ތަކާއި، ރުކުންތަކާ މެދު ރައްކާ­ތެރިވެ، ވަސްވާސް­ތަކުން ދިފާޢު ވުމަށް އަމިއްލަ ނަފްސާ ޖިހާދު ކުރާ މީހާއެވެ. އެނާ މަޝްޣޫލު­ވެގެންވަނީ، އޭނާގެ ނަމާދުން އޭނާގެ ދުޝްމަނު ވައްކަން ކޮށްފާނެތީ، ދިފާޢު ވުމަށް ޖިހާދު ކުރުމުގައެވެ. އޭނާ އެވަނީ ނަމާދާއި ޖިހާދާއި މި ދެކަމުގައެވެ.

ހަތަރުވަނައީ: އޭނާ ނަމާދަށް ހުއްޓިއްޖެ ހިނދުގައި، އޭގެ ޙައްޤު­ތަކާއި، ރުކުން­ތަކާއި ޙުދޫދުތައް ފުރިހަމަ ކުރާ މީހާއެވެ. އޭނާގެ ހިތްވަނީ އެ ނަމާދުގެ ޙައްދުތައް ރައްކާ­ތެރި ކުރުމާއި، އެއްވެސް ބައެއް އުނިވިޔަ ނުދިނުމަށް މަސައްކަތް ކުރުމުގައެވެ. އަދި ކިޔެއް، އޭނާގެ ވިސްނުން އެކީގައި ހުސް­ވެފައި ވަނީ އެންމެ ފުރިހަމަށް އެނަމާދު ކުރުމާމެދުގައެވެ. އޭނާގެ ހިތް ފުރިފައި ވަނީ އެ ނަމާދުގެ މަތި­ވެރި­ކަމުންނާއި އޭގައި އޭނާގެ ރައްބަށް އަޅުވެތިވުމުންނެވެ.

ފަސްވަނައީ: ނަމާދު ކުރާއިރު އިސްވެދިޔަ މީހާ ފަދައިން ފުރިހަމައަށް ނަމާދު ކުރާ މީހެކެވެ. ނަމަވެސް އެއާއެކު އޭނާ އޭނާގެ ހިތް ނަގައި ބާއްވާފައި ވަނީ އޭނާގެ ރައްބުގެ ޙަޟްރަތުގައެވެ. އެ ހިތް ވަނީ އެކަލާނގެއަށް ސަމާލުވެ ބަލަބަލައެވެ. އަދި އެކަލާނގެ ދެކެ ވާ ލޯތްބާއި، އެކަލާނގެ މަތި­ވެރި­ކަމުން ފުރިގެންނެވެ. ޚުދު އޭނާއަށް އޭނާގެ ރައްބު ފެންނަ ފަދައެވެ. ކުރީގެ ވަސްވާސް­ތަކާއި، ޝައިޠާނީ ފިޔަވަޅުތައް ވަނީ ބަލިކަށިވެފައެވެ. އޭނާއާއި އޭނާގެ ރައްބާ ދެމެދު އެތަކެތިން ލެވިފައިވީ ފަރުދާތައް ވަނީ ކަހާލެވިފައެވެ. ފަހެ މާތް­ކަމާއި މަތި­ވެރި­ކަމުގެ ގޮތުން ނަމާދުގައި މީނާއާއި އެނޫން މީހުންނާ ދެމެދުވާ ފަރަޤު އުޑާއި ބިމާ ދެމެދަށް ވުރެ ވެސް ބޮޑެވެ. މީނާ ވަނީ މީނާގެ ވެރިރަސް­ކަލާނގެއާއިގެން މަޝްޣޫލު ވެގެންނެވެ. އަދި އެކަލާނގެ ވެފައި ވަނީ އޭނާގެ ލޮލުގެ ފިނިކަން ކަމުގައެވެ.

ފަހެ ފުރަތަމަ ބަޔަކީ ޢަޛާބު ލިބެނިވި ބައެކެވެ.

ދެވަނަ ބަޔަކީ އެ ނަމާދާމެދު ޙިސާބު­ކުރެވޭނެ ބައެކެވެ.

ތިންވަނައީ (ނަމާދުގައި ކުރެވުނު) ކުށްތަކަށް ކައްފާރާ ލެއްވިގެންވާ ބައެކެވެ.

ހަތަރުވަނައީ ފުރިހަމަ ސަވާބު ލިބިގެންވާ ބައެކެވެ.

ފަސްވަނައީ އޭނާގެ ވެރިރަސް­ކަލާނގެ ޙަޟްރަތުގައި ކުއްތަން­ވެގެންވާ ފަރާތެކެވެ. އެހެނީ އޭނައަކީ އެބަ­އެއްގެ ލޮލުގެ ފިނިކަން ނަމާދުގައި ލައްވާފައިވާ މީހުންގެ ތެރެއިން ހިމެނޭ މީހެކެވެ. ފަހެ ދުނިޔެމަތީގައި ނަމާދުން ލޮލަށް ފިނިކަން ލިބިއްޖެ މީހަކީ، އާޚިރަތުގައި އޭނާގެ ރައްބުގެ ޙަޟްރަތާ ކުއްތަންވުމުން ލޮލަށް ފިނިކަން ލިބިގެންދާނެ މީހެކެވެ. އަދި ދުނިޔޭގައި ވެސް ލޮލަށް ފިނިކަން ލިބިގެންވީ މީހެކެވެ. ﷲ ޛިކުރު ކުރުމުން އެމީހެއްގެ ލޮލަށް ފިނިކަން ލިބިއްޖެ މިހާގެ ހުރިހާ ވެސް ހިތްހަމަޖެހުމަކީ އެއީއެވެ. އަދި ﷲ ޛިކުރު ކުރުމުން ލޮލަށް ފިނިކަން ނުލިބިއްޖެ މީހާއީ އޭނާގެ ދުނިޔެއާމެދު ހިތާމައިން، ނަފްސު ކުދިކުދި­ވެގެންދާ މީހެކެވެ.

ރިވާ­ވެގެންވާ ގޮތުގައި،1 އަޅާ ނަމާދަށް ތެދުވާހިނދު ﷲ (މަލާއިކަތުންނަށް) ވަޙީކުރައްވައެވެ. ”ޙިޖާބުތައް އުފުއްލަވާށެވެ!“ އަދި އޭނާ އެހެންފަރާތަކަށް އެނބުރިގެންފި­ނަމަ ވަޙީކުރައްވައެވެ. ”ޙިޖާބުތައް ތިރި­ކުރައްވާށެވެ!“

މިތަނުގައި އެނބުރިގަތުން ތަފްސީރު ކުރެވެނީ ﷲ ނޫން އެހެން ފަރާތަކާ ދިމާއަށް އޭނާގެ ހިތް ލެނބުމަށެވެ. އެހެން ފަރާތަކަށް އެނބުރިގެންފި ނަމަ އެކަލާނގެ ފަރުދާތައް ތިރިކުރައްވައެވެ. އެއަށްފަހު ޝައިޠާނާ އެ ދޭރެއަށް ވަދެ ލޯގަނޑެއް ފަދައިން ދުނިޔޭގެ ކަންކަން އޭނާއަށް ދައްކައިދެއެވެ. އޭނާގެ ހިތުން ﷲ އަށް ކުރިމަތިލައި، އެހެން ފަރާތަކަށް ދީލާނުލައިފި ނަމަ ޝައިޠާނާއަކަށް ﷲއާއި އެ ހިތާ ދެމެދަށް ވަނުމަކަށް ކުޅަދާނަ­އެއް ނުވާނެއެވެ. ޝާއިޠާނާ ވަންނަނީ އެ ފަރުދާ ތިރި­ކުރެއްވުމުންނެވެ. ފަހެ އޭނާގެ ހިތާއިގެން ﷲގެ ޙަޟްރަތަށް ފިލަން ގޮސްފި­ނަމަ ޝާއިޠާނާ ވެސް ފިލައި­ފާނެއެވެ. ދެން އެކަލާނގެ ނޫން ކޮޅަކަށް ޖެހިލައިފި­ނަމަ ޝައިޠާނާއި ޙާޟިރުވެދެއެވެ.

ފަހެ ނަމާދުކުރާ މީހާއާއި އޭނާގެ ދުޝްމިނާއާ ދެމެދު ކަންތައް އޮތް ގޮތަކީ މިއީއެވެ.

މަޞްދަރު: އިބްނު ޤައްޔިމް ގެ އަލްޥާބިލުއްޞައްޔިބު މިނަލް ކަލިމިއްޠައްޔިބި، ޞ 19.


  1. ޢިލްމުވެރީން ”ރިވާ­ވެގެން ވެޔޭ“ ވިދާޅުވަނީ ޢާންމު ގޮތެއްގައި އެ ޙަދީޘުގެ ޟަޢީފު­ކަމަށް އިޝާރާތް ކުރެއްވުމަށެވެ. އަޅުގަނޑު ބެލި ބެލުމުން މި ޙަދީޘްގެ އަސްލު މަޞްދަރެއް އަތަކު ނުޖެހުނެވެ. ↩︎