އިސްލާމް ދީނުގެ ފުރަތަމަ ރުކުނަކީ: ޝަހާދަތުގެ ދެ ކަލިމައަށް ހެކިވުމެވެ.
އެއީ އެއިން އެއް ކަލިމައަށް ހެކިވެފައި އަނެއް ކަލިމައަށް ހެކިނުވެއެއް ނުވާނެއެވެ. أَشْهَدُ أن لَا إلَهَ إلَّا اللهُ ކިޔައި ﷲ މެނުވީ ޙައްޤު ވެގެން އަޅުކަން ކުރެވޭ އިލާހަކު ނުވާކަމަށް ހެކިވެފައި، مُحَمَّدٌ رَسُولُ اللهِ، މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް އިންކާރުކުރާ ނަމަ ފުރަތަމަ ޝަހާދަތް، أَشْهَدُ أن لَا إلَهَ إلَّا اللهُ މި ޝަހާދަތް، ޞައްޙައެއް ނުވާނެއެވެ.
ހަމަ އެހެންމެ، މުޙައްމަދު ﷺ ގެ ރިސާލަތަށް ހެކިވެފައި ﷲ ފިޔަވައި ޙައްޤު އިލާހެއް ނުވާކަމަށް އޭނާ އިންކާރު ކުރާނަމަ ރަސޫލާގެ ރިސާލަތަށް ހެކިވި ޝަހާދަތަކުން ފައިދާއެއް ނުކުރާނެއެވެ. ދެ ޝަހާދަތަށް އެކީ ހެކިވާން ޖެހޭނެއެވެ.
ފުރަތަމަ: أَشْهَدُ أن لَا إلَهَ إلَّا اللهُ މި ޝަހާދަތަށް ހެކިވުމުގެ މާނައަކީ އަޅުކަންކުރުމުގައި ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމެވެ.
ދެވަނައަށް: أَشْهَدُ أن مُحَمَّدًا رَسُولُ اللهِ މި ޝަހާދަތުގެ މާނައަކީ ފުރިހަމައަށް ތަބާވުމާއި އިޤްތިދާވުމުގައި ނަބިއްޔާ – – ޚާއްޞަކުރުމެވެ. އެހެނީ ﷲ – – ގެ ޙަޟްރަތުން ދީން އަހަރެމެންނާ ހަމައަށް ފޯރުކޮށްދެއްވީ އެކަލޭގެފާނެވެ.
މިތާ ޝަހާދަތުގެ މާނައަކީ ހަމައެކަނި އެ ކަލިމަތައް ދުލުން ކިޔައިލުމެއް ނޫނެވެ. އެއާ އެއްކޮށް ޢަމަލު ވެސް އަންނަން ޖެހޭނެއެވެ.
«أَشْهَدُ أن لَا إلَهَ إلَّا اللهُ» މި ކަލިމައިގެ މާނައަކީ: ﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ ފަރާތެއް ނުވާކަމަށް ތިމަން ޔަޤީންކޮށް އިޢުތިރާފުވަމެވެ. «لَا» އަކީ މިތާ «لا» النافية للجنس އެވެ. މުޅި ޖިންސު އެކީ ނަފީކުރާ އަކުރެކެވެ. «إلَهَ» އަކީ އިސްވެދިޔަ ނަފީގެ «لَا» ގެ އިސްމެވެ. އެއާއެކު އެވަނީ ނަޞްބުގެ ޙާލަތުގައި އަބަފިލީގެ މައްޗަށް ބިނާވެފައެވެ. އެ ނަފީގެ «لَا» ގެ ޚަބަރަކަށް ބެލޭނީ «بِحَقٍّ» މި ކަލިމައެވެ. އެހެންކަމުން މި ކަލިމައިގެ ފުރަތަމަ ބައިގެ މާނައަކީ «لَا إلَهَ بِحَقٍّ» އެއްވެސް ޙައްޤު އިލާހެއް، އަޅުކަންކުރެވޭ ފަރާތެއް ނުވެއެވެ. އޭގެ މާނައަކީ «لَا إلَهَ» އެއްވެސް އިލާހަކު ނުވެޔެކޭ ނޫނެވެ. މުރާދަކީ ޙައްޤުވެގެންވާ އިލާހެއް ވުން ނަފީކުރުމެވެ. އެހެނީ ބާޠިލު އެތައް އިލާހެއް ވެއެވެ. މީހުންގެ ތެރޭގައި، އިރަށް އަޅުކަންކުރާ މީހުންނާއި، ހަނދަށާއި، ތަރިތަކަށް އަޅުކަންކުރާ މީހުންނާއި، ގަސްގަހާއި ހިލައަށް އަޅުކަންކުރާ މީހުންނާއި، ޤަބުރުތަކާއި މަރުވެފައިވާ މީހުންނަށާއި، ޒިޔާރަތް ފަދަ ތަންތަނަށް އަޅުކަންކުރާ މީހުން ހިމެނެއެވެ. އަދި ކިއެއްހެއްޔެވެ؟ އިންޑިޔާގައި އަޅުކަންކުރާ ފަދައިން ގެރިއަށް އަޅުކަންކުރާ މީހުންނާއި ލަދުވެތި ގުނަވަންތަކަށް އަޅުކަންކުރާ މީހުން ވެސް އުޅެއެވެ. — والعياذ بالله. — އެހެންކަމުން ދުނިޔޭގައި މީހުން އަޅުކަންކޮށް އުޅޭ އެތައް ބައިވަރު އިލާހުންތައް ވެއެވެ. އެހަމަކު ޙައްޤުވެގެންވާ ހަމައެކަނި އިލާހަކީ ﷲ އެވެ. ﷲ ވަޙީކުރެއްވިއެވެ. ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِۦ هُوَ ٱلۡبَٰطِلُ وَأَنَّ ٱللَّهَ هُوَ ٱلۡعَلِيُّ ٱلۡكَبِيرُ މާނައީ: ”އެހެނީ، ހަމަކަށަވަރުން، ﷲ އީ، ޙައްޤުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން، އެއިލާހު ފިޔަވައި، އެއުރެން އަޅުކަންކުރާ ތަކެއްޗަކީ، އެއީ ބާޠިލު ތަކެއްޗެވެ. އަދި ހަމަކަށަވަރުން، ﷲ އީ، އެންމެ މަތިވެރި، އެންމެ ޢަޡަމަތްތެރި އިލާހެވެ.“
اَلْإِلَٰهُ ގެ މާނައަކީ މަޢުބޫދެވެ. އެބަހީ: އަޅުކަން ކުރެވޭ ފަރާތެވެ. އެހެންކަމުން «أَشْهَدُ أن لَا إلَهَ إلَّا اللهُ» ގެ މާނައަކީ: ﷲ ފިޔަވައި ޙައްޤު މަޢުބޫދަކު ނުވެއެވެ. މި އިބާރާތުން ހުރިހައި ބާޠިލު މަޢުބޫދުން ނަފީކުރެއެވެ. ﷲ ފިޔަފައި އަޅުކުރެވޭ މަޢުބޫދުންނަކީ ބާޠިލު ތަކެއްޗެވެ. ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِۦ هُوَ ٱلۡبَٰطِلُ ”އެހެނީ، ހަމަކަށަވަރުން، ﷲ އީ، ޙައްޤުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން، އެއިލާހު ފިޔަވައި، އެއުރެން އަޅުކަންކުރާ ތަކެއްޗަކީ، އެއީ ބާޠިލު ތަކެއްޗެވެ.“
ފުރަތަމަ ޝަހާދަތުގެ މާނައަކީ މިއެވެ. މި ތަނުގައި «لَا» ގެ ޚަބަރަކީ مَوجُودٌ (ވުޖޫދުގައި ވުން) ކަމުގައި ނުބެލެވޭނެއެވެ. [އެބަހީ: «لَا» އިން ނަފީކުރަނީ ﷲ ފިޔަވައި އެހެން އިލާހަކު ވުޖޫދުގައި ވުމެއް ނޫނެވެ.] ބައެއް މީހުން ބުނެއެވެ. [އޭގެ މާނައަކީ:] «لَا إلَهَ مَوجُودٌ إلَّا اللهُ» ﷲ ނޫން އިލާހަކު ވުޖޫދުގައި ނުވެއެވެ. [މި އެވެ.] މިއީ ޞައްޙަ ގޮތެއް ނޫނެވެ. އެތައް ބައިވަރު އިލާހުންތަކަކަށް ދުނިޔެމަތީގައި އަޅުކަންކުރެވޭކަން އެންމެން ވެސް ދަނެއެވެ. ދުނިޔެމަތީގައި ޝިރުކު އުފެދުނު ހިސާބުން ފެށިގެން ޤިޔާމަތަށް ދާންދެން ވެސް ޝިރުކު މި ބިންމަތީ ވާނެއެވެ. އަދި އަޅުކަންކުރެވޭ ތަފާތު އިލާހުން ވެސް ވާނެއެވެ. ނަމަވެސް ހަމައެކަނި ޙައްޤު އިލާހަކީ ﷲ އެވެ. ﷲ ވަޙީކުރެއްވިއެވެ. وَهُوَ ٱلَّذِي فِي ٱلسَّمَآءِ إِلَٰهٞ وَفِي ٱلۡأَرۡضِ إِلَٰهٞۚ މާނައީ: ”އުޑުގައި ވެސް އިލާހަކީ އެކަލާނގެއެވެ. އަދި ބިމުގައި ވެސް އިލާހަކީ އެކަލާނގެއެވެ.“ ފަހެ އުލޫހިއްޔަތު ޙައްޤުގޮތުގައި ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ އަށެވެ. އެއިލާހު ފިޔަވައި އަޅުކަންކުރެވޭ އެހެން ފަރާތްތަކުގެ އުލޫހިއްޔަތު ވަނީ ބާޠިލުވެގެންނެވެ. އެއީ ޙައްޤަކާ ނުލައި އަޅުކަންކުރެވޭ ފަރާތްތަކެކެވެ. «لَا إلَهَ إلَّا اللهُ» ގެ މާނައަކީ މިއީއެވެ. އަދި ޢަރަބިބަހުގެ ޢިލްމުވެރީން ކުރެ މުޙައްޤިޤުންގެ ގާތުގައި އެ ކަލިމައިގެ އިޢުރާބަކީ މިއީއެވެ.
«أَشْهَدُ أن مُحَمَّدًا رَسُولُ الله» ގެ ”މާނައަކީ، މުޙައްމަދުގެފާނީ ﷲގެ ޙަޟްރަތުން އެންމެހައި މީސްތަކުންގެ ގާތަށް — އިންސީންނާއި ޖިންނީންގެ ގާތަށް — ފޮނުއްވި ރަސޫލެއް ކަމަށް ތިމާ އިޢުތިރާފުވެ އިޤްރާރުވަމެވެ.“
ފަހެ އެކަލޭގެފާނުގެ ރިސާލަތަށް ތިމާ އެތެރެފުށާއި ބޭރުފުށުން އިޤްރާރުވާން ޖެހޭނެއެވެ. ބޭރުފުށުން ތިމާގެ ދުލުންނެވެ. އެތެރެ ފުށުން ތިމާގެ ހިތުންނެވެ. އެކަލޭގެފާނީ ﷲގެ ރަސޫލާ ކަމަށް ދުލުން އިޤްރާރުވެފައި ހިތުން އެކަމަށް އންކާރުކުރާނަމަ އޭނާއަކީ މުނާފިޤެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. إِذَا جَآءَكَ ٱلۡمُنَٰفِقُونَ قَالُواْ نَشۡهَدُ إِنَّكَ لَرَسُولُ ٱللَّهِۗ وَٱللَّهُ يَعۡلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشۡهَدُ إِنَّ ٱلۡمُنَٰفِقِينَ لَكَٰذِبُونَ ”ކަލޭގެފާނުގެ އަރިހަށް މުނާފިޤުން އަތުވެއްޖެ ހިނދު، އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، ﷲ ގެ ރަސޫލާ ކަމަށް ތިމަންމެން ހެކިވަމުއެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، އެކަލާނގެ ރަސޫލާ ކަން ﷲ ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން، މުނާފިޤުންނީ، ދޮގުވެރީންކަމަށް ﷲ ހެކިވެވޮޑިގެންވެއެވެ.“ އެމީހުންނީ އެމީހުންގެ ޝަހާދަތުގައި — ހެކިވީ ހެކިވުމުގައި — ދޮގުވެރީންނެވެ. އެހެނީ ރަސޫލާ ﷺ ގެ ރިސާލަތަށް އެބައިމީހުން އިޢުތިރާފެއް ނުވެއެވެ. ދުލުން ކަމައެކަނި ޝަހާދަތުގެ ބަސްތައް ކިޔައިލަނީ މުސްލިމުންނާ އެކު އުޅެ، ދުނިޔަވީ ފައިދާތަކެއް ހޯދުމަށެވެ. ٱتَّخَذُوٓاْ أَيۡمَٰنَهُمۡ جُنَّةٗ ”އެއުރެންގެ ހުވާތަކަކީ، އައްޑަނަތަކެއް ކަމުގައި އެއުރެން ހެދޫއެވެ.“ އެބަހީ: އެމީހުން ވަންހަނާވެ ރައްކާތެރިވާން ސުތުރާއެއްގެ ގޮތުގައި އެ ބަސްތައް ހެދިއެވެ. އެކަމަކު އެބައިމީހުންގެ ހިތްތަކުގައި އެބައިމީހުންނީ ކާފަރުންނެވެ. އެހެނީ ރަސޫލާ ﷺ ގެ ރިސާލަތަށް ބޭރުފުށުންނާއި އެތެރެފުށުން ވެސް އިޢުތިރާފުވާން ޖެހޭނެއެވެ.
ހަމަ އެހެންމެ އެކަލޭގެފާނުގެ ރިސާލަތަށް ތިމާގެ ހިތުން އިޢުތިރާފުވެފައި، ދުލުން ފާޅުގައި އެ ބަސްތައް ބުނަން އިންކާރުކުރާ ނަމަ އޭނާ ވެސް މުއުމިނަކަށް ނުވާނެއެވެ. އެހެނީ މުޝްރިކުން ވެސް އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އިޢުތިރާފުވިއެވެ. ﷲ ވަޙީކުރެއްވިއެވެ. قَدۡ نَعۡلَمُ إِنَّهُۥ لَيَحۡزُنُكَ ٱلَّذِي يَقُولُونَۖ فَإِنَّهُمۡ لَا يُكَذِّبُونَكَ وَلَٰكِنَّ ٱلظَّٰلِمِينَ بَِٔايَٰتِ ٱللَّهِ يَجۡحَدُونَ މާނައީ: ”އެއުރެން (އެބަހީ: މުޝްރިކުން) ބުނާ ބުނުމުގެ ސަބަބުން ކަލޭގެފާނަށް މޮޅިވެރިކަން ލިބިވަޑައިގަންނަވަމުން ދާކަން ތިމަން ﷲ ދެނެވޮޑިގެންވަމެވެ. ފަހެ، އެއުރެން (ހިތުގެ އަޑިން) ކަލޭގެފާނު ދޮގެއް ނުކުރެތެވެ. އެހެނެއްކަމަކު އަނިޔާވެރީން ދެކޮޅުހަދަނީ ﷲ ގެ އާޔަތްތަކާ މެދުގައެވެ.“ އެކަލޭގެފާނަކީ ﷲ ގެ ރަސޫލާކަން އެމީހުން ދަނެއެވެ. އެކަމަކު އެމީހުންގެ ބޮޑާކަމާއި ކިބުރުވެރިކަމާއި ޖާހިލިއްޔަ އިލާހުންތަކަށް އޮތް ތަޢައްޞުބުގެ ސަބަބުން އެމީހުން އެކަލޭގެފާނުގެ ރިސާލަތަށް ހެކިވުމަށް ހުރަސްއެޅިއެވެ.
ހަމެ އެގޮތަށް ޔަހޫދީންނާއި ނަޞާރާއިން ވެސް އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އެބައިމީހުންގެ ހިތްތަކުން އިޢުތިރާފުވެއެވެ. އެކަމަކު އެމީހުންގެ ދޫތަކުން އެކަމަށް އިޢުތިރާފުނުވެ، އެކަމާ އެމީހުން ދެކޮޅުހެދީއެވެ. ﷲ ވަޙީކުރެއްވިއެވެ. ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَعۡرِفُونَهُۥ كَمَا يَعۡرِفُونَ أَبۡنَآءَهُمۡۖ وَإِنَّ فَرِيقٗا مِّنۡهُمۡ لَيَكۡتُمُونَ ٱلۡحَقَّ وَهُمۡ يَعۡلَمُونَ ”ތިމަން ﷲ އެ ބަޔަކަށް ފޮތް ދެއްވި މީހުން އެއުރެންގެ އުފަންދަރިން ދަންނަ ފަދައިން އެކަލޭގެފާނު—އެބަހީ: ﷲ ގެ ރަސޫލާ ﷺ—ދަންނާނެއެވެ. އަދި އޭގެ ތެރެއިން ބަޔަކު ދެނެތިބެގެންމެ، ޙައްޤު ވަންހަނާކުރާކަން ކަށަވަރެވެ.“
ފަހެ އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް ދުލުން ބުނުމުގެ ކުޅަދާނަކަން ލިބިގެންވާ މީހަކު ދުލުން އެކަމަށް އިޢުތިރާފުނުވެ ހަމައެކަނި ހިތުން އެކަން ގަބޫލުކޮށްލުމަކުން ނުފުދޭނެއެވެ. އެހެނީ މުޝްރިކުންނާއި، ޔަހޫދީންނާއި ނަޞާރާއިން ވެސް ވީ އެކަލޭގެފާނަކީ ﷲ ގެ ރަސޫލާކަމަށް ހިތުން އިޢުތިރާފުވާ ބައެއް ކަމުގައެވެ. އެކަމަކު ދުނިޔޭގައި އެބައިމީހުންގެ މަޤާމާއި އެމީހުންގެ ރިޔާސަތު ގެއްލިދާނެ ކަމުގެ ބިރަށް، ނޫނީ ރަސޫލާ ﷺ އާ މެދު އޮތް ޙަސަދައެއްގެ ސަބަބުން، ނޫނީ އެބައިމީހުންގެ ބޮޑާކަމުގެ ސަބަބުން، ނޫނީ އެހެންވެސް ނުބައި އެދުމަކާ ހެދި އެ ބަސް ދުލުން ބުނަން އިންކާރުކުރީއެވެ.
ދެންފަހެ، އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް ޙައްޤުގޮތުގައި ހެކިވާނަމަ ކޮންމެހެން ވެސް އެކަލޭގެފާނާ ތަބާވާން ޖެހޭނެއެވެ. އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް ޙައްޤުގޮތުގައި ތިމާގެ އެރެތެފުށާއި ބޭރުފުށުން، [ހިތާއި ދުލުން،] ހެކިވެފައި އެކަލޭގެފާނާ ތަބާނުވާނަމަ، އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އޭނާ އެވީ ހެކިވުން، އޭނާގެ އެ ޝަހާދަތް، ޞައްޙަވެގެންނެއް ނުވާނެއެވެ. ﷲ ވަޙީކުރެއްވިއެވެ. فَإِن لَّمۡ يَسۡتَجِيبُواْ لَكَ فَٱعۡلَمۡ أَنَّمَا يَتَّبِعُونَ أَهۡوَآءَهُمۡ ”ފަހެ، އެއުރެން ކަލޭގެފާނަށް އިޖާބަ ނުދިންނަމަ ފަހެ، ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެއުރެން އެ ތަބާވަނީ، ހަމައެކަނި އެއުރެންގެ ހަވާނަފްސުގެ އެދުންތަކަށެވެ.“
އެކަލޭގެފާނުގެ އެއްވެސް އަމުރުފުޅަކަށް ބޯނުލަނބާ މީހާއަކީ ކާފަރެކެވެ. އަދި ބައެއް ކަންކަމުގައި އެކަލޭގެފާނަށް ކިޔަމަންވެފައި އަނެއްބައި ކަންކަމުގައި އެކަލޭގެފާނަށް ކިޔަމަން ނުވާނަމަ އޭނާގެ ޝަހާދަތަކީ (ހެކިވީ ހެކިވުމަކީ) އުނިވެގެން ވާ ޝަހާދަތެކެވެ. އެކަލޭގެފާނަށް ކޮންމެހެން ވެސް ކިޔަމަންވާން ޖެހޭނެއެވެ.
ﷲ ވަޙީކުރެއްވިއެވެ. يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلۡأَمۡرِ مِنكُمۡ މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲ އަށް ކިޔަމަންވާށެވެ! އަދި، ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރީންނަށް ވެސް ކިޔަމަންވާށެވެ!“ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَرَسُولَهُۥ وَلَا تَوَلَّوۡاْ عَنۡهُ وَأَنتُمۡ تَسۡمَعُونَ ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި (އެކަލޭގެފާނު ވިދާޅުވާ އެއްޗެއް) އަޑުއިވޭ ޙާލު ތިޔަބައިމީހުން އެކަލޭގެފާނަށް ފުރަގަސްނުދޭށެވެ!“ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَلَا تُبۡطِلُوٓاْ أَعۡمَٰلَكُمۡ ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ ޢަމަލުތައް ތިޔަބައިމީހުން ބާޠިލުކޮށްނުލާށެވެ!“ مَن يُطِعِ ٱلرَّسُولَ فَقَدۡ أَطَاعَ ٱللَّهَۖ وَمَن تَوَلَّىٰ فَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ حَفِيظٗا ”ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން ﷲ އަށް ކިޔަމަންވެއްޖެއެވެ. އަދި، ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަން ﷲ ކަލޭގެފާނު ނުފޮނުއްވަމެވެ.“ وَأَطِيعُواْ ٱللَّهَ وَٱلرَّسُولَ لَعَلَّكُمۡ تُرۡحَمُونَ ”އަދި، ﷲ އަށާއި، ރަސޫލާއަށް، ތިޔަބައިމީހުން ކިޔަމަންތެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ.“ وَإِن تُطِيعُوهُ تَهۡتَدُواْۚ ”އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންވާނަމަ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭނެތެވެ.“
ބައެއް ފަހަރު ﷲ އަށް ކިޔަންވުމާ އެކުގައި އެކަލޭގެފާނަށް ކިޔަމަންވުން އެކަލާނގެ ވަނީ ޛިކުރުކުރައްވާފައެވެ. އަދި އަނެއްބައި ފަހަރު އެކަލޭގެފާނަށް ކިޔަމަންވުން ވަނީ ވަކިން ޛިކުރުކުރައްވާފައެވެ. އެހެންކަމުން އެކަލޭގެފާނަށް ކިޔަމަންވުމާއި އެކަލޭގެފާނަށް ތަބާވުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ދެ ކަމެވެ.
އަދި ހަމަ އެފަދައިން އަހަރެމެންގެ މައްޗަށް ވާޖިބުވެގެން ވަނީ އެކަލޭގެފާނު ގެންނެވި ކަންތަކުގެ ތެރެއަށް އަމިއްލަ ކަންކަން އިތުރު ނުކޮށް އެކަލޭގެފާނު ގެންނެވި ވަރުން ފުއްދާލުމެވެ. ދީނުގެ އަޅުކަންތަކުގެ ތެރެއަށް، ރަސޫލާ ﷺ ޝަރުޢުކުރައްވާފައި ނުވާ ކަމެއް ގެނެސްގެން ނުވާނެއެވެ. އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވިއެވެ. «وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ.» ”އަދި އަލަށް ދީނުގެ ތެރެއަށް ގެނެވޭ ކަންކަމާމެދު ތިޔަބައިމީހުން ރައްކާވެ ތިބޭށެވެ. އެހެނީ ކޮންމެ އާ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.“ «مَنْ عَمِلَ عَمَلًا لَيسَ عَلَيهِ أَمْرُنَا فَهُوَ رَدٌّ.» ”އަހަރެމެންގެ މި ދީނުގެ ތެރެއިން ނުވާ ޢަމަލެއް ކޮށްފި މީހާ، ފަހެ، އޭނާގެ ޢަމަލު ވަނީ ރައްދުކުރެވިގެންނެވެ.“
އެހެންކަމުން، ބިދުޢަތަކާއި، ދީނުގެ ތެރެއަށް ގެނެވޭ އައު ކަންތަކުން ދުރުވެ، ރަސޫލާ ﷺ ގެންނެވި މިންވަރުން ފުއްދާލުމީ «أَشْهَدُ أن مُحَمَّدًا رَسُولُ الله» މި ޝަހާދަތުގެ މާނައިގެ ތެރޭ ކަމެކެވެ.
ދެން ހަމަ އެފަދައިން، އެކަލޭގެފާނު ޚަބަރުދެއްވި އެންމެހައި ކަމަކާއި، އަމުރުކުރެއްވި ކަންކަމާއި ނަހީކުރެއްވި އެންމެހައި ކަމެއްގައި އެކަލާގެފާނުގެ ބަސްފުޅު ތެދުކުރަން ޖެހޭނެއެވެ. އެކަލޭގެފާނު އެންގެވި ގޮތަށް އަޅާ ޢަމަލުކުރި ކަމުގައި ވިޔަސް އެ ކަންކަން ތެދުނުކުރާނަމަ އެއީ މުނާފިޤުންގެ ގޮތެވެ. މުނާފިޤުން ވެސް ނަމާދުކޮށް ރޯދަހިފައި ޙައްޖުވެ ޖިހާދުކޮށް ހަދައެވެ. އެކަމަކު ރަސޫލާ ﷺ ގެ ރިސާލަތު އެމީހުން ތެދެއް ނުކުރެއެވެ. އެހެންކަމުން، ޣައިބުގެ ކަންތައްތަކުގެ ތެރެއިން މާޒީވެ ގޮސްފައިވާ ކަންތައްތަކާއި، މުސްތަޤްބަލުގައި ވާނޭ ކަންކަމުގެ ވާހަކަތަކުން އެކަލޭގެފާނު –– ޚަބަރުދެއްވި ކަންކަމާއި އެކަލޭގެފާނު ޚަބަރުދެއްވި އަމުރުފުޅުތަކާއި ނަހީތަކާއި، މިހެން ގޮސް އެކަލޭގެފާނު ގެންނެވި ކަންކަމުން އެއްވެސް ކަމެއްގައި އެއްވެސް ޝައްކެއް ކުރުމަކާ ނުލައި ތެދުކުރަން ޖެހޭނެއެވެ. އެކަލޭގެފާނުގެ ޙައްޤުގައި ﷲ –– ވަޙީކުރެއްވިއެވެ: وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ ٣ إِنۡ هُوَ إِلَّا وَحۡيٞ يُوحَىٰ ”އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުދައްކަވައެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެއެވެ.“ އަދި ވެސް އެކަލާނގެ ވަޙީކުރެއްވި ފަދައިންނެވެ. وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمۡ عَنۡهُ فَٱنتَهُواْۚ ” އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން ތިޔަބައިމީހުން ދުރުވެގަންނާށެވެ!“
ފަހެ ރަސޫލާއަށް ކިޔަމަންވެ އިޤްތިދާވުމަކީ ވާޖިބެކެވެ. އަދި ރަސޫލާ ﷺ ގެންނަވައިފައި ނުވާ ބިދުޢަތަކާއި، ދީނުގެ ތެރެއަށް އަލަށް ގެނެވޭ ހުރިހައި ކަމެއް ދޫކޮށްލުމަކީ ވެސް ވާޖިބެކެވެ. ހުރިހައި ހެވެއް ވަނީ ރަސޫލާ ގެންނެވި ކަންކަމުގައެވެ. އެކަލޭގެފާނު ނުގެންނަވާ ކޮންމެ ކަމަކީ ނުބައެކެވެ. ހެޔޮ ކަމެއް ނޫނެވެ. އެފަދަ ކަމެއް ކުރާ މީހާ ކިތަންމެ ހެޔޮ އެދިގެން އެ ކަން ކުރި ކަމުގައި ވިޔަސް ކަން އޮތީ އެހެންނެވެ. އޭނާ ބުނަނީ: މިއީ އިތުރު ހެވެކެވެ. އަހަރެމެން ބުނާނީ: ނޫނެކެވެ. ތިޔައީ ބިދުޢައެކެވެ. ބިދުޢައަކީ ރައްދުކުރެވިގެންވާ އެއްޗެކެވެ. ތިޔައީ ނުބައި ކަމެކެވެ. ތިބާ ތިޔަ ދަޢުވާކުރާ ގޮތުގައި ތިޔަ ކަމަކީ ތިބާ ﷲ އާ ކުއްތަން ކޮށްދޭނޭ ކަމެކެވެ. އެކަމަކު އަސްލު ތިޔަ ކަމަކީ ތިބާ ﷲ އާ ދުރުކޮށްދޭނޭ ކަމެކެވެ.
ފަހެ މިއީ ޝަހާދަތުގެ ދެ ކަލިމައިގައި، «أشْهَدُ أَنْ لَا إلَهَ إلَّا اللهُ وَ أشْهَدُ أَنَّ مُحَمَّدًا رَسُولُ اللهِ» ، މި ދެ ކަލިމައިގައި އެކުލެވިގެންވާ ބައެއް މާނަތަކެވެ.
ހަމަ އެފަދައިން ﷲ މެނުވީ ޙައްޤު އިލާހަކު ނުވާ ހަމަށް ހެކިވުމަށްފަހު އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ކުރާ މީހުން، ފަހެ އެމީހުންގެ ޝަހާދަތް ޞައްޙަ ނުވާހުށްޓެވެ. އެއީ މިއަދު އިސްލާމުން ކަމަށް ދަޢުވާކުރާ ޙާލު ޤަބުރުތަކާއި، ޒިޔާރަތްތަކަށް އަޅުކަން ކުރާ މީހުން ފަދަ މީހުންނެވެ. ފަހެ ﷲ މެނުވީ ޙައްޤު އިލާހަކު ނުވާ ހަމަށް ހެކިވެ އެމީހުން ވީ ޝަހާދަތް ޞައްޙަ ނުވާހުށްޓެވެ. އެހެނީ އެމީހުންގެ ޝިރުކުން އެ ޝަހާދަތް އުވާލީއެވެ. އެމީހުން ދުލުކުރިން «لَا إلَهَ إلَّا اللهُ» ކީ ކަމުގައި ވިޔަސް ޢަމަލުކުރަނީ އެއާ ޚިލާފަށެވެ. އަޅުކަން ކުރަނީ ﷲ ނޫން ފަރާތްތަކަށެވެ. ދުޢާކުރަނީ އެކަލާނގެ ނޫން ފަރާތްތަކުގެ ކިބައަށެވެ. އަދި ބޮޑުކަމެއް ޖެހިއްޖެ ނަމަ އެހީއަށް އެދެނީ މަރުވެފައިވާ މައްޔިތުންގެ ކިބައިންނެވެ. ފަހެ މިބައިމީހުން ﷲ މެނުވީ ޙައްޤު އިލާހަކު ނުވާ ހަމަށް ހެކިވެ، ޙައްޤު ގޮތުގައި ޝަހާދަތް ކީޔައި އިސްލާމްވީކަމުގައި ނުވެއެވެ. އެހެނީ އެމީހުންގެ ބަހާއި ޢަމަލާ ދިމާނުވެއެވެ.
މަޞްދަރު: އަލްމިންޙަތުއްރައްބާނިއްޔާ ފީ ޝަރްޙިލް އަރްބަޢީނައްނަޥަޥިއްޔާ، ޞ …