އިބްނު ތައިމިއްޔާ ވިދާޅުވިއެވެ:

ނަމާދުކުރާ ގޮތަށް ބަލާއިރު އޭގެ އެއް ޝިޢާރަކީ ބިސްމީގެ މައްސަލައެވެ. ފަހެ ބިސްމިއަކީ ޤުރްއާނުގެ (އެބަހީ އަލްޙަމްދުގެ) އާޔަތެއްކަން ސާބިތު ކުރުމާއި ނަފީ ކުރުމުގައްޔާއި، (ނަމާދުގައި) ބިސްމި ކިޔުމާ މެދުގައި މީސް­ތަކުން ވަނީ އަރައިރުން ވެފައެވެ. އަދި މައްސަލައިގެ ދެ ފަރާތުން ވެސް ވަނީ އޭގެ ބައެއް ވާހަކަ­ތަކުން ބާވަތެއްގެ ޖާހިލު­ކަމަކާއި އަނިޔާ­ވެރި­ކަމެއް ފާޅުވާ ކަހަލަ ލިޔުން­ތަކެއް ލިޔެފައެވެ. ކަމަކީ ކިތަންމެހައި ވެސް އާދައިގެ ކަމަކަށް ވާ ހިނދުގައެވެ. ފަހެ މި މައްސަލައާއި މިކަހަލަ މައްސަލަ­ތަކުގައި ތަޢައްޞުބު ވުމީ އަހަރެމެންނަށް ނަހީ ކުރައްވާފައިވާ ބައިބައިވުމާއި އިޚްތިލާފުގެ ޝިޢާރެކެވެ. އެހެނީ މިކަމަށް ގޮވާލާ ސަބަބަކީ އުންމަތުގެ މެދުގައި ޚިލާފު ވެފައިވާ ކަންކަން ފައުޅު ކުރުމެވެ. އެހެންޏާ މި މައްސަލަތަކަކީ ޚިލާފީ މައްސަލަތަކުގެ ތެރެއިން މުހިންމު­ކަމުގެ ގޮތުން އެންމެ ލުއި މައްސަލަތަކުގެ ތެރޭ ހިމެނޭ ކަން­ކަމެވެ. ބައިބައިވުމުގެ ޝިޢާރުތައް ފައުޅު ކުރުމަށް ޝައިޠާނާ ގޮވާ ގޮވެލި ނުވާ­ނަމައެވެ. [مجموع الفتاوى (22/‏405)]

އެއަށްފަހު ބިސްމީގެ މައްސަލައިގެ ޤައުލުތައް ގެންނެވުމަށްފަހު ވިދާޅުވިއެވެ.

މިފަދަ މުސްތަޙައްބު ކަންކަން ދޫކޮށް­ލައިގެން ވިޔަސް ހިތްތައް އެއްބައިކުރަން ޤަޞްދުކުރުން އެދެވިގެން ވެއެވެ. އެހެނީ މިކަންކަން ކުރުމުގެ މަޞްލަޙަތަށްވުރެ ހިތްތައް އެއްގަލަކަށް އެރުވުމުގެ މަޞްލަޙަތަކީ ދީނުގައި މާ އިސްކަންދެވޭ މަޞްލަޙަތެކެވެ. ގެފުޅުގެ ބިނާ­ކޮށްފައިހުރި ގޮތް ބަދަލު ނުކުރައްވައި ނަބިއްޔާ ދޫކޮށް­ލެއްވި ފަދައިންނެވެ. އެއީ އެ ގެފުޅު ހުރިގޮތަށް ބެހެއްޓުމުގައި ހިތްތައް އެއްބައިކުރުން އެކުލެވިގެން ވާތީއެވެ. އަދި ޢުޘްމާނުގެފާނު ދަތުރުމަތީގައި [ޤަޞްރު­ކުރެވޭ] ނަމާދު ފުރިހަމައަށް ކުރެއްވުމުން އިބްނު މަސްޢޫދު އެކަލޭގެފާނަށް އިންކާރު ކުރެއްވުމަށްފަހުގައި ވެސް އެކަލޭގެފާނުގެ ފަހަތްޕުޅުގައި ފުރިހަމައަށް ކުރެއްވި ފަދައިންނެވެ. އަދި ވިދާޅުވިއެވެ. ޚިލާފުވުމަކީ ނުބައި­ކަމެކެވެ. [مجموع الفتاوى (22/‏407)]