އައްޝައިޚް ޢަބްދުއްރައްޒާޤް ބިން ޢަބްދިލްމުޙްސިން އަލްބަދްރު އަކީ ސަޢޫދީ ޢަރަބިއްޔާގެ ފުންނާބުއުސް މަޝްހޫރު ޢިލްމުވެރިއެކެވެ. އެބޭފުޅާއަކީ މަދީނާގެ އަލްޖާމިޢަތުލް އިސްލާމިއްޔާގެ މުދައްރިސެއްގެ އިތުރުން، މަސްޖިދުއްނަބަވީގައި ޢިލްމީ ދަރުސްތައް ދެއްވާ ބޭފުޅެކެވެ. ޝައިޚް ވަނީ އިސްލާމީ ޢަޤީދާގެ ދާއިރާއިން ޑޮކްޓަރޭޓް (ޕީއެޗްޑީ) ޙާޞިލުކުރައްވާފައެވެ.
އުނގެނިވަޑައިގަތް މައިގަނޑު ޢިލްމުވެރިން
ޝައިޚް ޢަބްދުއްރައްޒާޤް ޢިލްމު އުނގެނިވަޑައިގަތް ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި އަންނަނިވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ:
- އައްޝައިޚް ޢަބްދުލްމުޙްސިން އަލްޢައްބާދު (ޝައިޚްގެ ބައްޕާފުޅު އަދި މަޝްހޫރު މުޙައްދިޘް)
- އައްޝައިޚް ޢަބްދުﷲ އަލްޣުނައިމާން
- އައްޝައިޚް ޢަލީ ނާޞިރު ފަޤީހީ
ޢިލްމީ މަސައްކަތްޕުޅުތައް
ލިޔުއްވާފައިވާ ފޮތްތަކާއި ބަޙުޘްތައް
ޝައިޚް އެކުލަވާލައްވާފައިވާ މުހިންމު ބައެއް ފޮތްތައް ތިރީގައި އެ ވަނީއެވެ:
- فقه الأدعية والأذكار. މިއީ ދުޢާތަކާއި ޛިކުރުތަކުގެ މާނައާއި، އޭގެ ފުންމިނާއި، ޝަރުޢީ މިންގަނޑުތަކުގެ މައްޗަށް ބިނާކޮށް ލިޔުއްވާފައިވާ ވަރަށް ތަފްސީލީ ފޮތެކެވެ. މިއީ މި މައުޟޫޢުގައި ލިޔެވިފައިވާ އެންމެ ފުރިހަމަ އެއް މަސައްކަތެވެ.
- الحج وتهذيب النفوس. ޙައްޖުގެ އަޅުކަމުގައި އެކުލެވިފައިވާ ނަފްސު އިޞްލާޙުކޮށް ތަރުބިއްޔަތު ކުރުމުގެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ ފޮތެކެވެ.
- تذكرة المؤتسي شرح عقيدة عبد الغني المقدسي. އިމާމް ޢަބްދުލްޣަނީ އަލްމަޤްދިސީގެ ޢަޤީދާ ފޮތަށް ޝައިޚް ލިޔުއްވާފައިވާ ޝަރަޙައެކެވެ. މިއީ އަހުލުއްސުންނާ ވަލްޖަމާޢާގެ އަޞްލުތަކާއި ސަލަފުއްޞާލިޙުންގެ މަންހަޖު އޮޅުންފިލުވައިދޭ ފޮތެކެވެ.
- شرح حائية أبي داود. އިމާމް އަބޫ ދާވޫދުގެ މަޝްހޫރު ”ޙާއިއްޔާ“ ނަމަކަށް ކިޔާ ޢަޤީދާ އާ ބެހޭ ޅެންބައި ފަސޭހަ އިބާރާތުން ޝަރަޙަކޮށްދެއްވާފައިވާ ފޮތެކެވެ.
- دراسة لأثر مالك في الاستواء. މިއީ އިމާމް މާލިކު އިސްތިވާގެ މައްސަލައިގައި ދެއްވާފައިވާ މަޝްހޫރު ޖަވާބާ ބެހޭ ގޮތުން ކުރައްވާފައިވާ ޢިލްމީ ދިރާސާއެކެވެ.
އޯޑިއޯ ދަރުސްތަކާއި ޝަރަޙަތައް
މިސްކިތްތަކުގައްޔާއި، ރޭޑިއޯ އަދި ޓީވީތަކުގައި ޝައިޚް ދެއްވާފައިވާ މުހިންމު ޝަރަޙަތަކުގެ ތެރޭގައި:
- ޝަރްޙުލް ޤަވާޢިދިލް މުޘްލާ
- ޝަރްޙުލް ކަލިމިއް ޠައްޔިބް
- ޝަރްޙު ޤަވާޢިދިލް އަސްމާއިލް ޙުސްނާ ލިއިބްނިލް ޤައްޔިމް
- ޝަރްޙު ޙާއައްޔަތި އަބީ ދާވޫދު
- ޝަރްޙުލް ވާސިޠިއްޔާ ލިއިބްނި ތައިމިއްޔާ (ޖާމިޢު މިސްކިތުގައި ދެއްވި ދަރުސްތައް)
މަޞްދަރުތައް:
- ޝައިޚްގެ ރަސްމީ ވެބްސައިޓް: al-badr.net
- އަލްއަކާދިމިއްޔަތުލް މަފްތޫޙާ: islamacademy.net