އަލްޢައްލާމާ މުޙައްމަދުލް އަމީނުއް ޝަންޤީޠީ، އެކަލޭގެފާނުގެ މަޝްހޫރު ތަފްސީރު ފޮތް ”އަޟްވާއުލް ބަޔާން“ ގައި އައްރަޙްމާން ސޫރަތުގެ 39 ވަނަ އާޔަތުގެ ތަފްސީރުގައި ވިދާޅުވިއެވެ:
ﷲ ތަޢާލާ އައްރަޙްމާން ސޫރަތުގައި ވަޙީކުރައްވާފައިވެއެވެ:
﴿فَيَوۡمَئِذٖ لَّا يُسۡـَٔلُ عَن ذَنۢبِهِۦٓ إِنسٞ وَلَا جَآنّٞ﴾ [ރަޙްމާން 39]
މާނައީ: ”ފަހެ، އެދުވަހުން (އެބަހީ: ޤިޔާމަތް ދުވަހުން) އެމީހެއްގެ ފާފަޔާމެދު އިންސިއަކާ، އަދި ޖިންނިއަކާ ވެސް ސުވާލެއް ނުކުރައްވާނެތެވެ.“
މި އާޔަތުގައި ﷲ جَلَّ وعَلا ޛިކުރު ކުރައްވާފައި އެވަނީ، ޤިޔާމަތް ދުވަހުން އިންސިއަކަށް ވިޔަސް އަދި ޖިންނިއަކަށް ވިޔަސް، އޭނާގެ ފާފައާ ބެހޭ ގޮތުން ސުވާލެއް ނުކުރައްވާނެ ކަމަށެވެ. ހަމަ މި މާނައިގައި ޤަޞަޞް ސޫރަތުގައި ވެސް ﷲ ވަޙީ ކުރެއްވިއެވެ. ﴿وَلَا يُسۡـَٔلُ عَن ذُنُوبِهِمُ ٱلۡمُجۡرِمُونَ﴾ [ޤަޞަޞް 78] މާނައީ: ”އަދި ކުށްވެރިންނަކަށް، އެއުރެންގެ ފާފަތަކާ މެދު ސުއާލެއް ނުކުރައްވާނެތެވެ.“