މުޙައްމަދު ބިން ޢަބްދިލް ވައްހާބް ބިން ސުލައިމާން އައްތަމީމީ އައްނަޖްދީ: މިއީ ޢަރަބި ޖަޒީރާގައި އުފެދުނު މިޒަމާނުގެ ދީނީ އިޞްލާޙީ ޙަރަކާތުގެ ޒަޢީމެވެ.

ޝައިޚް އުފަންވެ­ވަޑައިގެން ބޮޑު­ފުޅުވީ ނަޖްދުކަރައިގެ ”ޢުޔައިނާ“ ގައެވެ. ޢިލްމު ހޯއްދެވުމަށް­ޓަކައި ޙިޖާޒަށް ދެފަހަރު ދަތުރު­ކުރެއްވިއެވެ. އަދި މަދީނާގައި ދުވަސްކޮޅަކު މަޑުކުރައްވައި، އެރަށުގެ ބައެއް ބޮޑެތި ޢިލްމު­ވެރިންގެ އަރިހުން ކިޔަވައިވިދާޅުވިއެވެ. މީގެއިތުރުން ޝާމަށް ޒިޔާރަތް­ކުރެއްވިއެވެ. އަދި ބަޞްރާއަށް ވަޑައި­ގަތުމުން އެރަށުގެ އަހުލު­ވެރިންގެ ފަރާތުން އެކަލޭގެފާނަށް އުނދަގޫތަކާ ކުރިމަތިވެ­ވަޑައިގަތެވެ.

އެއަށްފަހު އެނބުރި ނަޖްދަށް ވަޑައިގެން ”ޙުރައިމިލާ“ ގައި ވަޒަން­ވެރިވެ­ވަޑައިގެންނެވިއެވެ. އެއީ ޝައިޚްގެ ބައްޕަ، ޢުޔައިނާ ދޫކުރައްވައި ޙުރައިމިލާގެ ޤާޟީ­ކަމާ ޙަވާލުވެ­ވަޑައި­ގަތުމުންނެވެ.

ދެން ސަލަފުއްޞާލިޙުންގެ މަންހަޖު ހިއްޕަވައިގެން ޢުޔައިނާއަށް ބަދަލުވެ­ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ގޮވާލެއްވީ ޚާލިޞް ތައުޙީދަށާއި، ބިދުޢަތައް ދޫކޮށް­ލުމަށާއި، އިސްލާމްދީނާ ގުޅުވައިގެން އުފައްދާފައިވާ ވަހުމް­ތަކާއި ޚުރާފާތްތައް މުލުން ލުއްސަވާލެއްވުމަށެވެ.

ޢުޔައިނާގެ އަމީރު ޢުޘްމާން ބިން ޙަމަދު ބިން މުޢައްމަރު، ޝައިޚުގެ ދަޢުވަތަށް ރުހި­ވަޑައިގެން ފުރަތަމަ ނަޞްރު­ދެއްވިއެވެ. ނަމަވެސް ފަހުން އެކަން ދޫކޮށް­ލެއްވުމުން، ޝައިޚް ހިޖުރައިން 1157 ގައި (ނަޖްދުގެ) ”އައްދިރްޢިއްޔާ“ އަށް ވަޑައިގެންނެވިއެވެ. އެރަށުގެ އަމީރު މުޙައްމަދު ބިން ސުޢޫދު ޝައިޚަށް ކަމޭހިއްތަވައި މަރުޙަބާ ވިދާޅުވެ، ޝައިޚުގެ ދަޢުވަތު ޤަބޫލުކުރައްވައި ޙިމާޔަތް ދެއްވިއެވެ. އަދި އޭގެ ފަހުން އަމީރުގެ ދަރި­ކަލުން ޢަބްދުލްޢަޒީޒް އަދި ސުޢޫދު ބިން ޢަބްދުލްޢަޒީޒް ވެސް އެކަލޭގެފާނަށް ވާގި­ވެރިވެ­ވަޑައިގެންނެވިއެވެ. އަދި އެބޭ­ފުޅުން ޝައިޚުގެ ފަހަތްޕުޅުގައި ތިއްބަވައިގެން ހަނގުރާމަ­ކުރެއްވިއެވެ. މިކަމުގެ ސަބަބުން އެބޭ­ފުޅުންގެ ވެރި­ކަމުގެ ދާއިރާ ފުޅާވެ، މުޅި އިރުމަތީ ޖަޒީރާގެ މައްޗަށް ވެރިވެ­ވަޑައިގެންނެވިއެވެ. އަދި ޔަމަނުގެ ބޮޑު ބައެއްވެސް އެބޭ­ފުޅުންގެ ދަށަށް ދިޔައެވެ.

އަދި މައްކާއާއި މަދީނާއާއި ޙިޖާޒުގެ ޤަބީލާތަކުގެ މައްޗަށް ވެރިވެ­ވަޑައިގެންނެވިއެވެ.

އަދި އަލްމުޒައިރީބާ ހަމައަށް ފޯރައި، ޝާމުގެ ސަރަޙައްދާ ގާތް­ކުރެއްވިއެވެ.

ހިޖުރައިން 1143 (މީލާދީން 1730) ގައި ޝައިޚް ފާޅު­ކުރެއްވި ދަޢުވަތަކީ، މުޅި އިސްލާމީ ދުނިޔޭގެ ޒަމާނީ ހޭލުން­ތެރި­ކަމުގެ ފުރަތަމަ ހުޅުކޮޅު ކަމުގައި ވެގެންދިޔައެވެ. އިންޑިއާއާއި މިޞްރާއި ޢިރާޤާއި ޝާމް ފަދަ ޤައުމު­ތަކުގައި އިޞްލާޙަށް މަސައްކަތް ކުރެއްވި ބޭފުޅުންނަށް މި ދަޢުވަތުގެ އަސަރު­ކުރިއެވެ. އޭގެ ތެރޭގައި ބަޣްދާދުގެ އަލްއާލޫސީ އަލްކަބީރު، އަފްޣާނިސްތާނުގެ ޖަމާލުއްދީން އަލްއަފްޣާނީ، މިޞްރުގެ މުޙައްމަދު ޢަބްދޫ، ޝާމުގެ ޖަމާލުއްދީން އަލްޤާސިމީ، ޓިއުނީޝިއާގެ ޚައިރުއްދީން އައްތޫނިސީ، ބޯޕާލްގެ ޞިއްދީޤް ޙަސަން ޚާން، ކަލްކަތާގެ އަމީރު ޢަލީ ފަދަ ބޭފުޅުން ހިމެނެއެވެ. އަދި އެނޫން އެތައް ބަޔަކު މަޝްހޫރު­ވެގެން ދިޔައެވެ.

ޖަޒީރާގެ މެދުތެރޭގައި، ޝައިޚަށް ތަބާވެ ވާގި­ވެރިވި މީހުންނަށް ކިޔައިއުޅުނީ ”އަހުލުއްތައުޙީދު“ މިފަދައިންނެވެ. ނަމަވެސް އެބައި­މީހުންގެ ޚަޞްމުން (ދެކޮޅު މީހުން) އެމީހުންނަށް ނަންދިނީ ”ވައްހާބީން“ ގެ ނަމުންނެވެ. މި ނަން ޔޫރަޕު މީހުންގެ މެދުގައި ފެތުރި އެމީހުންގެ ޒަމާނީ ރަދީފުތަކަށް ވަދެގެންދިޔައެވެ. އަދި ޝައިޚާ ދެކޮޅު ފަރާތް­ތަކުން، ޚާއްޞަ­ކޮށް ޚިލާފަތުގެ ނަމުގައި ތިބި ތުރުކީން (ޢުޘްމާނީން) ހެދި ދޮގުތަކުގެ ސަބަބުން، މިއީ އިސްލާމްދީނުގައި އުފެދުނު އައު ”މަޒުހަބެއް“ ކަމުގައި ބައެއް މީހުންނަށް ކުށްހީ­ކުރެވުނެވެ.

އަދި ޝައިޚުގެ ދަޢުވަތު ފެށުމަށްފަހު ޖަޒީރަތުލް ޢަރަބާ ބެހޭގޮތުން ލިޔެވުނު ލިޔުންތަކަކީ އެންމެ ދުވަސްވީ ލިޔުންތަކުގެ ތެރޭގައި ހިމެނޭ އެއްޗިއްސެވެ.

އެކަލޭގެފާނު އަވަހާރަވީ ”އައްދިރްޢިއްޔާ“ ގައެވެ. މިއަދު އެކަލޭގެފާނުގެ ދަރިފަސްކޮޅަށް ކިޔަނީ ”އާލުއްޝައިޚް“ އެވެ. އަދި އާލު ސުޢޫދުގެ ގާތުގައި އެބޭ­ފުޅުންނަށް މަތި­ވެރި މަޤާމެއް ލިބިގެންވެއެވެ.

އެކަލޭގެފާނު ލިޔުއްވި ފޮތްތަކުގެ ތެރެއިން ގިނަ ފޮތްތަކަކީ ޗާޕު­ކުރެވިފައިވާ ރިސާލާ­ތަކެކެވެ. އޭގެ ތެރޭގައި:

  • ކިތާބުއްތައުޙީދު
  • ކަޝްފުއްޝުބުހާތު
  • ތަފްސީރުލް ފާތިޙާ
  • އުޞޫލުލް އީމާން
  • ތަފްސީރު ޝަހާދަތި އަން ލާ އިލާހަ އިއްލަﷲ
  • މަޢުރިފަތުލް ޢަބްދި ރައްބަހު ވަދީނަހު ވަނަބިއްޔަހު
  • އަލްމަސާއިލް އައްލަތީ ޚާލަފަ ފީހާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަހުލަލް ޖާހިލިއްޔާ - މިއީ ސަތޭކައަށްވުރެ ގިނަ މައްސަލައެވެ
  • ފަޟްލުލް އިސްލާމް
  • ނަޞީޙަތުލް މުސްލިމީން
  • މަޢުނަލް ކަލިމަތިއް ޠައްޔިބާ
  • އަލްއަމްރު ބިލްމަޢުރޫފި ވައްނަހްޔު ޢަނިލް މުންކަރި
  • މަޖްމޫޢަތު ޚުޠަބު
  • މުފީދުލް މުސްތަފީދު
  • ރިސާލަތުން ފީ އަންނައް ތަޤްލީދަ ޖާއިޒުލް ލާ ވާޖިބު
  • ކިތާބުލް ކަބާއިރު

މިފޮތްތަކުގެ ތެރެއިން ގިނަ ފޮތްތަކަކީ ޗާޕު­ކޮށްގެން ގެންގުޅޭ ފޮތް­ތަކެވެ.

އަދި ”އިބްނު ޣައްނާމް“ ގެ ތާރީޚު ފޮތުގައި، ޝައިޚް ނަޖްދުގެ ރަށްތަކަށާއި އިސްލާމީ ޤައުމުތަކަށް ފޮނުއްވި ސިޓީތައް (ރިސާލާތައް) ހިމެނިފައިވެއެވެ.

ނަގާފައިވަނީ: އައްޒިރިކްލީގެ އަލްއަޢުލާމް އިން.