ކީރިތި ޤުރްއާނަކީ ﷲގެ ކަލާމް­ފުޅެވެ. އެ ފޮތް ރައްކާ­ތެރި ކުރެއްވުމަށް އެކަލާނގެ ވަނީ ޖާމިނުވެ­ވޮޑިގެންފައެވެ. އެގޮތުން އެކަލާނގެ ވަނީ އެކަމުގެ ސަބަބެއްގެ ގޮތުގެ އެ ފޮތް ރައްކާ­ތެރި­ކޮށް އެ ފޮތަށް ޚިދުމަތްކުރާނޭ ބަޔަކު މި އުންމަތުގައި ލައްވާފައެވެ.

މި މަޒުމޫނުގައި ބަލާލާނީ ކީރިތި ރަސޫލާ ގެ ޒަމާނުގައްޔާއި، އެކަލޭގެފާނުގެ ޚަލީފާ އަބޫ ބަކްރު އައްޞިއްދީޤް ގެ ޚިލާފަތުގައްޔާއި، އަމީރުލްމުއުމިނީނަ ޢުޘްމާން ގެ ޚިލާފަތުގައި ޤުރްއާން ޖަމްޢު­ކުރެވިގެން ދިޔަ ގޮތް­ތަކާއި އެ ގޮތްތަކުގެ ތަފާތުތަކުގެ މައްޗަށެވެ.

އެކުލެވިގެންވާ ބައިތައް

ކީރިތި ރަސޫލާގެ ޒަމާނުގައި ޤުރްއާން ޖަމްޢު­ކުރެއް­ވުން

އެހެން ބައެއް ނަބީބޭ­ކަލުންނަށް ފިލާ­ތަކެއްގެ ގޮތުގައި ލިޔުއްވައި ﷲ ފޮތްތައް ބާވައި­ލެއްވިއެވެ. އަދި އެ ފޮތްތައް ރައްކާ­ތެރި ކުރުމުގެ ޒިންމާ އެ ފޮތެއްގެ އަހުލުވެރީންނާ ޙަވާލު ކުރެއްވިއެވެ. ނަމަވެސް އެއާ ޚިލާފަށް މުޙައްމަދު ގެ މައްޗަށް ބާވައި­ލެއްވި ވަޙީ ރައްކާ ކުރެވުނީ ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ މާތް ޞަޙާބީންގެ ހިތްޕުޅުތަކުގައެވެ. އެއަށްފަހު އޭރު ލިބެންހުރި ވަސީލަތްތައް ބޭނުން ކުރައްވައިގެން އެ ޤުރްއާން ލިޔެވިގެން ދިޔައެވެ.

ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި ޤުރްއާން ޖަމްޢު ކުރެއް­ވުން ދެގޮތަށް ކުރިއަށް ދިޔައެވެ. އެއީ ޞަޙާބީން ޤުރްއާން ހިތުދަސް­ކުރެއްވުމާއި ވަޙީ ލިޔުއް­ވުމެވެ.

ހިތުދަސް­ކުރެއް­ވުން

ﷲ ވަޙީ­ކުރެއްވިއެވެ. ﴿إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ. فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ1 މާނައީ: ”ހަމަ­ކަށަވަރުން، އެ ޤުރުއާން (ކަލޭގެފާނުގެ ހިތްޕުޅަށް) ޖަމަޢަ­ކުރެއްވުމާއި، އަދި އެ ޤުރުއާން ކިޔަވައިވިދާޅުވުމުގެ ކުޅަދާނަކަން ދެއްވުމަކީ، ތިމަން­ރަސް­ކަލާނގެއަށް އޮތް­ކަމެކެވެ. ފަހެ، ތިމަން­ރަސް­ކަލާނގެ (ޖިބްރީލުގެފާނު މެދު­ވެރިކުރައްވައި) އެ ޤުރުއާން ކިޔަވައި­ދެއްވާހިނދު، ފަހެ، ކަލޭގެފާނު އެ ކިޔަވައި­ދެއްވުމާ ތަބަޢަވެ­ވަޑައިގަންނަވާށެވެ!“

ޞަޙާބީންގެ ތެރެއިން އެތައްއެތައް ބޭކަލުންނެއް މުޅި ޤުރްއާން އެކީ ހިތްޕުޅުން ދަސް­ކުރެއްވިއެވެ. އެންމެ މަޝްހޫރު ޙާފިޡުންގެ ތެރޭގައި އުބައްޔު ބިން ކަޢުބާއި ޢަބްދުﷲ ބިން މަސްޢޫދާއި، މުޢާޛު ބިން ޖަބަލާއި، ޒައިދު ބިން ޘާބިތާއި ޢަލީ ބިން އަބީ ޠާލިބު ހިމެނި­ވަޑައިގަންނަވައެވެ. رضي الله عنهم أجمعين.

ވަޙީ ލިޔުއް­ވުން

ލިޔަންކިޔަން ދެނެ­ވަޑައިގަންނަވާ ބޭފުޅުން މަދު އަދި ލިޔުމުގެ ވަސީލަތްތައް ވެސް ތަދު ދުވަސްވަރެއްގައި ކީރިތި ޤުރްއާން ރައްކާ­ތެރި ކުރެއްވުމަށް ރަސޫލާ އެޅުއްވި އެއް ފިޔަވަޅަކީ ވަޙީ ލިޔުއްވާނޭ ކާތިބުން­ތަކެއް ކަނޑައެޅުއް­ވުމެވެ. އަދި ޙަދީޘާއި، ޤުރްއާން ނޫން އެހެން ތަކެއްޗަށް ވުރެ ބޮޑަށް ޤުރްއާން ލިޔުއްވުމަށް އިސްކަން ދެއްވިއެވެ. އެގޮތުން އެ ދުވަސްވަރު ލިބެންހުރި ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ގެރިބަކަރީގެ ހިއްކާފައިވާ ހަމާއި ހިލަޔާއި ކަދުރުރުކުގެ އޮއްޓާއި އެފަދަ ތަކެތީގައި ޤުރްއާނުގެ ސޫރަތް­ތަކާއި އާޔަތްތައް ލިޔުއްވިއެވެ.

ނަމަވެސް ޤުރްއާން ބާވައި­ލެއްވިފައި ވަނީ އެކި ފަހަރު މަތިންނެވެ. އެއް ސޫރަތް އެކީގައި ނުވަތަ އާޔަތް­ތަކެއް ނުވަތަ ވަކިވަކި އާޔަތްތައް ވެސް ބާވައިލައްވާފައި ވެއެވެ. މީގެ އިތުރުން ޤުރްއާނުގެ ބައެއް އާޔަތްތަކުގެ ރަސްމާއި ތިލާވަތު މަންސޫޚު ވެސް ކުރެވިފައި ވެއެވެ. އެހެން­ކަމުން ކީރިތި ރަސޫލާ ގެ ޙަޔާތްޕުޅުގައި، ވަޙީ ބާވައި­ލެއްވެމުން ދަނި­ކޮށް އެއްފޮތެއްގައި ތަރުތީބުން ޖަމްޢު­ކުރެވިފަ­އެއް ނުވެއެވެ.

އަބޫބަކްރުގެފާނުގެ ޚިލާފަތުގައި

ކީރިތި ރަސޫލާ އަވަހާރަވުމުން އެކަލޭގެފާނުގެ ޚަލީފާއަކަށް ވެވަޑައިގަތީ އަބޫ­ބަކުރުގެފާނެވެ. ކީރިތި ޤުރްއާން އެންމެ ފުރަތަމަ އެއްފޮތެއްގައި ޖަމާ­ކުރެވުނީ އެކަލޭގެފާނުގެ ޚިލާފަތުގައެވެ. އޭރު ޤުރްއާން ޖަމާ­ވެފައި އޮތީ ޞަޙާބީންގެ ހިތް­ފުޅުތަކުގައްޔާއި ގެރިބަކަރީގެ ހަމާއި ހިލަޔާއި ކަދުރުރުކުގެ އޮއްޓާއި އެފަދަ ތަކެތީގައެވެ.

އަބޫ­ބަކުރުގެފާނުގެ ޚިލާފަތުގެ ކުރީކޮޅު މުރުތައްދުވީ މީހުންނާ ހަނގުރާމަ ކުރެއްވިއެވެ. އެ ހަނގުރާމަ­ތަކުގައި ގިނަ ޢަދަދެއްގެ ޙާފިޡުން ޝަހީދުވިއެވެ. އެހެން­ކަމުން ޤުރްއާނުން ބައެއް ގެއްލި ހިނގައިދާނެ­ކަމުގެ ބިރަށް އެއް ފޮތަކަށް ޖަމާ­ކުރެއްވުމުގެ ޚިޔާލު ޢުމަރުގެފާނު އެރުއްވިއެވެ. ދެން އެކަމާ މެދު ޞަޙާބީންގެ ތެރެއިން ފުންނާބުއުސް އިސް ބޭބޭ­ކަލުންނާ އަބޫ­ބަކުރުގެފާނު މަޝްވަރާ ކުރެއްވިއެވެ. އެއަށްފަހު ވަޙީ ލިޔުއްވުމުގައި އުޅުއްވި އިތުބާރުހުރި ޒުވާން ބޭފުޅެއް ކަމުގައިވާ ޒައިދު ބިން ޘާބިތު އާ އެ މަސްއޫލިއްޔަތު ޙަވާލު ކުރެއްވިއެވެ.

އެގޮތުން ޞަޙާބީންގެ ހިތް­ތަކުންނާއި، ގެރިބަކަރީގެ ހަމާއި ހިލަޔާއި އޮއްޓާއި މިފަދަ ތަކެތީގައި ހުރި އާޔަތްތައް އެއްކުރައްވައި ޖަމާ­ކުރެއްވިއެވެ. އެކަމުގައި ގެންގުޅުއްވީ ހަމައެކަނި އެކެއްގެ ބަހަށް ބެލުމުގެ ބަދަލުގައި ހެކިބަސް ހޯއްދަވައި ކޮންމެ ލިޔުމެއްގެ ވެސް ޞައްޙަކަން ސާބިތު ކުރެއްވުމުގެ އުޞޫލެވެ.

މި ބޮޑު މަޝްރޫޢަށް ފަހުގައި، މުޞްޙަފު އޮތީ އަބޫ­ބަކުރުގެފާނުގެ އަތް­ފުޅުގައެވެ. އެކަލޭގެފާނު އަވަހާރަވުމަށްފަހު ޢުމަރުގެފާނު އަތްޕުޅުގައެވެ. ޢުމަރުގެފާނު އަވަހާރަވީއިރު ވަކި ޚަލީފާއަކު ކަނޑައަޅަޅުއްވާފައި ނުވާތީ އެކަލޭގެފާނުގެ ދަރިކަނބަލުން ޙަފްޞާގެ އަތްޕުޅުގައި އެ މުޞްޙަފު ބޭއްވުމަށް ވަޞިއްޔަތް ކުރެއްވިއެވެ.

ޢުޘްމާނުގެފާނުގެ ޚިލާފަތުގައި

އޭރު ގިނަ ރަށް­ތަކެއް ފަތަޙަވެ ޞަޙާބީން ވަނީ އެކި ރަށް­ތަކުގައި ވަޒަން­ވެރި ވެވަޑައިގެންފައެވެ. އެ ރަށްތަކުގެ އަހުލު­ވެރިން ދަސް­ކުރަމުން ދިޔައީ އެ ބަޔަކުގެ ގާތުގައިވާ ޞަޙާބީން ކިޔަވައިވިދާޅުވާ ޤިރާއަތްތަކަށެވެ. މި ގޮތަށް ތަފާތު ޤިރާއަތްތަކަށް ކިޔެވެން ފެށުމުން އެކަކު އަނެކަކުގެ ކިޔެ­ވުން ނުބައި­ކޮށް، އެއް ގޮތަށް ވުރެ އަނެއް ގޮތް މޮޅު ކަމަށް ބައެއް މީހުން ދަޢުވާ ކުރަން ފެށިއެވެ.

އެހެން­ކަމުން ބައެއް ޞަޙާބީންގެ ލަފާފުޅަށް، ޤުރްއާން އެއް ޙަރްފަކަށް އެއްކުރައްވަން ނިންމެވިއެވެ. އެގޮތުން ޙަފްޞާގެފާނުގެ އަތްޕުޅުގައި އޮތް މުޞްޙަފު ގެންނަވައި އޭގެ ކޮޕީ­ތަކެއް ހެއްދެވުމަށް އަންޞާރުންގެ ތެރެއިން ޒައިދު ބިން ޘާބިތުއާއި ޤުރައިޝުންގެ ތެރެއިން ޢަބްދުﷲ ބިން އައްޒުބައިރުއާއި ސަޢީދު ބިން އަލްޢާޞްއާއި ޢަބްދުއްރަޙްމާން ބިން އަލްޙާރިޘްއާ ޙަވާލު ކުރެއްވިއެވެ. އަދި އެ ބޭކަލުންގެ މެދުގައި ޚިލާފު އުފެދިއްޖެ ނަމަ އޭގެ ތެރެއިން ޤުރައިޝުންގެ ލަހުޖާއާ އެއްގޮތްވާ ގޮތަށް ލިޔުމަށް އަމުރު­ކުރެއްވިއެވެ. އެއަށްފަހު އެ ކޮޕީތައް އެކި ޝަހަރުތަކަށް ފޮނުއްވިއެވެ. އަދި އެއާ ޚިލާފަށް ހުރި މުޞްޙަފުތައް އެއްކުރައްވައި އަންދަވައިލެއްވިއެވެ.

ތިން ދައުރުގެ ޖަމްޢު­ކުރެއްވުމުގައި ހުރި ތަފާތުތައް

ސަބަބުގެ ގޮތުން

ނަބިއްޔާގެ ޒަމާނުގައި: އެ ޒަމާނުގައި މައިގަނޑު ގޮތެއްގައި އިޢުތިމާދުވީ ހިތުދަސް­ކުރުމަށެވެ. ޤުރްއާން ލިޔެ ޖަމްޢު­ކުރެވުނީ އެޔަށް ބާރުދޭ އެއްޗެއްގެ ގޮތުގައި، އަދި ބޮޑަށް ރައްކާ­ތެރިވުމުގެ ގޮތުންނެވެ.

އަބޫބަކްރުގެފާނުގެ ޒަމާނުގައި: އެކަލޭގެފާނުގެ ޚިލާފަތުގައި ޤުރްއާން ޖަމްޢު­ކުރެއްވީ ހަނގުރާމަ­ތަކުގައި ޤުރުއާން ހިތުދަސް އެތައް ޙާފިޡުންނެއް ޝަހީދު­ވެގެން ދިޔުމާ ގުޅިގެންނެވެ. އޭގެ ސަބަބުން ޤުރްއާނުން ބަޔެއް ގެއްލިދާނެ­ކަމުގެ ބިރަށް­ޓަކައެވެ.

ޢުޘްމާނުގެފާނުގެ ޒަމާނުގައި: ޢުޘްމާނުގެފާނުގެ ޚިލާފަތުގައި މުސްލިމުންގެ މެދުގައި އުފެދިދާނެ ފިތުނަޔަކުން ރައްކާ­ތެރިވުމަށް­ޓަކައެވެ. އެކި ޝަހަރު­ތަކުގައި އެކި ޤިރާއަތްތަކަށް ކިޔަވާތީ މީހުންގެ މެދުގައި އަރައިރުން އުފެދިދާނެ ކަމުގެ ބިރަށް­ޓަކައެވެ. އަދި އެ ފޮތަށް ބަޔަކު ބަދަލު ގެނެސްފާނެތީ އެންމެން އެއްބަސްވާ މަރްޖިޢެއްގެ ގޮތުގައި އެ މުޞްޙަފު ހެދުމެވެ.

ލިޔެވުނު ގޮތުގެ ތަފާތު

ނަބިއްޔާގެ ޒަމާނުގައި: އޭރު ލިޔެވުނީ ލިބެންހުރި މަދު ވަސީލަތްތައް ބޭނުން­ކޮށްގެން ބާވައި­ލެއްވޭ ތަރުތީބުން ވަކިވަކިންނެވެ.

އަބޫ­ބަކުރުގެފާނުގެ ޒަމާނުގައި: އޭރު އެއް­ކުރެވުނީ މުޅި ޤުރްއާން އެއް ފޮތެއްގެ ސިފައިގައި ކިޔަވަން ޖެހޭ ތަރުތީބުންނެވެ.

ޢުޘްމާނުގެފާނުގެ ޒަމާނުގައި: އަބޫ­ބަކުރުގެފާނުގެ ފަތްފުށް­ތަކުގައި އަލްމުޞްޙަފުލް އިމާމްގައި އެއްކުރައްވައި އެއިން ނުސްޚާ­ތަކެއް ހައްދަވައި އެކި ކަންކޮޅުތަކަށް ފޮނުއްވިއެވެ. އެއީ މީސް­ތަކުން ޚިލާފުވެއްޖެ­ނަމަ މަރްޖިޢަކަށް ވުމަށް­ޓަކައެވެ.2

އަލްޤާޟީ އަލްބާޤިއްލާނީ ވިދާޅުވިއެވެ.

ޢުޘްމާނުގެފާނުގެ ޤަޞްދުފުޅަކަށްވީ އަބޫ­ބަކުރުގެފާނު އެއް­ކުރެއްވި ފަދައިން ދެބަނޑޭރިގަނޑު މެދުގައި އެއް ފޮތެއްގެ ގޮތުގައި ޤުރްއާން ޖަމްޢު ކުރެއްވުމެއް ނޫނެވެ. އެކަލޭގެފާނުގެ ޤަޞްދުފުޅަކަށްވީ ރަސޫލާ ގެ އަރިހުން ސާބިތުވާ މަޢުރޫފު ޤިރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ޖަމްޢުކުރައްވައި އެ ނޫން ގޮތްތައް ނައްތައިލެއް­ވުމެވެ. އަދި އިސްފަސްވުމާއި، ތަންޒީލާއެކު ލިޔެވިފައިވާ ތައުވީލު­ތަކާއި، ރަސްމުގައި ސާބިތު­ވެގެންވާ އަދި ތިލާވަތު ކުރުމާއި ޙިފްޡު ކުރުން ފަރުޟު­ވެގެންވާ އާޔަތްތަކާއެކުގައި ލިޔެވިފައިވާ ތިލާވުތުކުރުން މަންސޫޚު­ކުރެވިފައިވާ އާޔަތްތައް ލިޔެވިފައި­ވުން ފަދަ ކަންތައްތައް ހިމެނިފައި ނުވާ މުޞްޙަފަކަށް ހެއްދެ­ވުމެވެ. އެއީ ފަހުން އަންނަން ތިބި ބައެއްގެ މެދުގައި ފަސާދައާއި ޝުބުހަތައް އުފެދިދާނެ ކަމުގެ ބިރަށް­ޓަކައެވެ.3

އިބްނު ޙަޒްމު ވިދާޅުވިއެވެ.

ދީނާ ދެކޮޅަށް މަކަރު­ވެރި ރޭވުންތައް ރާވާ ފާސިޤަކު ވިޔަސް ނުވަތަ ހެޔޮލަފާ މީހުންގެ ތެރެއިން މީހަކު ކުށްހީއަކުން ވިޔަސް މުޞްޙަފަށް ބަދަލެއް ގެނެސްގެން އޭގެ ސަބަބުން އަރައިރުމާއި މަގުފުރެދުމަށް މަގުފަހިވެދާނެތީ ޢުޘްމާނުގެފާނު ބިރު­ފުޅުގެން­ވަޑައިގަތެވެ. އެހެން­ކަމުން އެއްމެން އިޖްމާޢުވާ މުޞްޙަފެއް ލިޔުއްވައި އުދަރެސްތަކަށް އޭގެ ކޮޕީތައް ފޮނުއްވިއެވެ. އެގޮތުން، ކުށްހީ ކުރެވޭ މީހަކަށް އޮޅުނަސް ބަދަލުކުރާ މީހަކު ބަދަލުކުރަން އުޅުނަސް އިޖްމާޢު­ވެފައިވާ މުޞްޙަފަށް ރުޖޫޢަ ވެވޭނެއެވެ. އޭރުން ޙައްޤު ކަޝްފުވެ، މަކަރު­ވެރި­ކަމާއި ކުށްހީތައް ބާޠިލުވެދާ­ހުއްޓެވެ.4


  1. ސޫރަތުލް ޤިޔާމާ: 17 ↩︎

  2. (انظر: الإتقان في علوم القرآن (1‏/171–172)، ومناهل العرفان في علوم القرآن (1‏/262-263)، والكواكب الدرية ص (26-27.) ↩︎

  3. البرهان في علوم القرآن (1‏/235-236)، والإتقان في علوم القرآن (1‏/171). ↩︎

  4. الفصل في الملل والأهواء والنحل (2‏/212-213) ↩︎