الحمدُ لله العليم الحكيم، العليِّ العظيمِ، خلقَ كلَّ شَيْءٍ فقَدَّرَه تقديراً، وأحْكَمَ شرائعَه ببالغِ حكمتِهِ بياناً للْخَلق وتَبْصيرًا، أحمدُه على صفاتِه الكامِلة، وأشكرُه على آلائِه السابغة، وأشهدُ أنْ لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شَيْء قدير، وأشهدُ أنَّ محمدًا عبدُه ورسولُه البشيرُ النذير، صلَّى الله عليهِ وعلى آلِهِ وأصحابِه والتابعينَ لهم بإحسانٍ إلى يومِ المآبِ والمصِير، وسلَّم تسليمًا.
އަޚުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ މި މައްސަރު ތިޔަބައިމީހުން ދޫކޮށް ފުރާން ކައިރި ވެއްޖެއެވެ. މި މައްސަރުން މަދު ދުވަސްކޮޅެއް މެނުވީ ބާކީ ނެތެވެ. ފަހެ ތިޔަބައިމީހުން ކުރެ ހެޔޮ ޢަމަލު ކޮށް އުޅުނު މީހެއްނަމަ ފަހެ އޭނާ އެކަމަށްޓަކައި ﷲއަށް ޙަމްދުކޮށް، އެ ޢަމަލުތައް ޤަބޫލު ކުރައްވާތޯ އެކަލާނގެ ޙަޟްރަތުގައި ދެންނެވުންހުއްޓެވެ. އަދި ތިޔަބައިމީހުން ކުރެ އިހުމާލުވީ މީހެއް ނަމަ، އޭނާ ﷲ އަށް ތައުބާވެ، އޭނާ ފަރުވާ ކުޑަކުރި ކަންތަކާމެދު އެކަލާނގެ ޙަޟްރަތުގައި ޢުޛުރުވެރިވުން ހުއްޓެވެ. އެހެނީ ޢުޛުރަކީ، މަރު އައިސް ޖެހުމުގެ ކުރިން ނަމަ ޤަބޫލު ކުރެވިގެންވާ އެއްޗެކެވެ.
އަޚުންނޭވެ! ތިޔަބައިމީހުންގެ މި މައްސަރު ނިންމުމުގެ ގޮތުން ޢީދު ނަމާދުގެ ކުރީގައި ފިޠުރު ޒަކާތް އަދާކުރުން ﷲ ވަނީ ތިޔަބައިމީހުންނަށް ޝަރުޢު ކުރައްވާފައެވެ. މި މަޖިލީހުގައި އަހަރެމެން ވާހަކަ ދައްކާނީ އެ ޒަކާތުގެ ޙުކުމާއި، އޭގެ ޙިކްމަތާއި، އޭގެ ބާވަތާއި، އޭގެ މިންވަރާއި، އެ އަދާކުރުން ވާޖިބުވާ ވަގުތާއި، އެ ދޭ ދިނުމާއި، އޭގެ ވަޤުތާ މެދުގައެވެ.
[ފިޠުރު ޒަކާތުގެ ޙުކުމް]
ފިޠުރު ޒަކާތަކީ ރަސޫލު ﷲ ﷺ މުސްލިމުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ފަރުޟެކެވެ. ރަސޫލު ﷲ ﷺ ފަރުޟު ކުރައްވާ، ނުވަތަ އެ ކަމަކަށް އަމުރު ކުރައްވާ ކަމެއްގެ ޙުކުމަކީ ހަމަ الله تعالى އެ ކަމެއް ފަރުޟު ކުރެއްވުމުގެ، ނުވަތަ އެ ކަމަށް އަމުރު ކުރެއްވުމުގެ ޙުކުމެވެ. الله تعالى ވަޙީ ކުރެއްވިއެވެ.
އާދެ! ފިޠުރު ޒަކާތަކީ މުސްލިމުން ކުރެ ބޮޑެތި މީހުންނާއި، ކުޑަކުދީންނާއި، ފިރިހެނުންނާއި، އަންހެނުންނާއި، މިނިވަނުންނާއި، އަޅުންގެ މައްޗަށް ވެސް ފަރުޟު ވެގެންވާ ކަމެކެވެ. ޢަބްދު ﷲ ބިން ޢުމަރު ވިދާޅުވިއެވެ. «فَرَضَ رَسُولُ اللهِ ﷺ زَكَاةَ الْفِطْرِ مِن رَمَضَانَ صَاعًا مِن تَمْرٍ أَو صَاعًا مِن شَعِيرٍ عَلَى الْعَبْدِ وَالْحُرِّ وَالذَّكَرِ وَالْأُنْثَى وَالصَّغِيرِ وَالْكَبِيرِ مِنَ الْمُسْلِمِينَ»1 މާނައީ: ”ރަސޫލު ﷲ ﷺ ވަނީ މުސްލިމު ބޮޑެތި މީހުންނާއި، ކުޑަކުދީންނާއި، ފިރިހެނުންނާއި، އަންހެނުންނާއި، މިނިވަނުންނާއި، އަޅުންގެ މައްޗަށް ރޯދަމަހުގެ ފިޠުރު ޒަކާތުގެ ގޮތުގައި ކަދުރު ޞާޢެއް، ނުވަތަ ހިމަގޮދަން ޞާޢެއް ކަނޑައަޅުއްވައި ފަރުޟު ކުރައްވާފައެވެ.“
ބަނޑުގައިވާ ދަރީގެ މައްޗަކަށް ފިޠުރު ޒަކާތް ވާޖިބުވެގެން ނުވެއެވެ. ނަމަވެސް ތަޠައްވުޢުގެ ގޮތުން އެ ދަރީގެ ކިބައިން ޒަކާތް ދެއްކުމުގައި މައްސަލައެއް ނެތެވެ. އަމީރުލް މުއުމިނީނަ ޢުޘްމާން ބަނޑުގައިވާ ދަރީގެ ކިބައިން ވެސް ޒަކާތް ނެރުއްވާ ކަމުގައި ވިއެވެ.
އަދި ތިމާގެ އަމިއްލަ ނަފްސުގެ ކިބައިން ޒަކާތް ނެރުން ވާޖިބުވެގެން ވެއެވެ. އަދި ހަމަ އެފަދައިން ތިމާގެ އަނބިދަރީންނާއި، ގާތްތިމާގެ މީހުންގެ ތެރެއިން ތިމާ ޚަރަދު ކުރަން ޖެހޭ މީހުންނަށް، އެމީހުންގެ އަމިއްލަ ނަފްސުތަކުގެ ކިބައިން ޒަކާތް އަދާ ނުކުރެވޭ ނަމަ، އެމީހުންގެ ކިބައިން ވެސް ޒަކާތް ނެރުން ވާޖިބުވެގެން ވެއެވެ. ނަމަވެސް އެމީހުންނަށް އަމިއްލައަށް އެ ޒަކާތް އަދާކުރެވޭ ނަމަ އެގޮތް އައުލާވެގެން ވެއެވެ. އެހެނީ ޝަރީޢަތުގައި އަޞްލު މުޚާޠަބު ކުރެވިގެންވަނީ ސީދާ އެމީހުންނާއެވެ.
އަދި ޢީދު ދުވަހާއި އެ ދުވަހުގެ ރޭ ކާނޭ އެއްޗެއް ހުރެފައި އޭގެ އިތުރަށް އޭނާގެ އަތުގައި ހުރި މީހެއްގެ މައްޗަކަށް މެނުވީ ޒަކާތް ވާޖިބެއް ނޫނެވެ. ނަމަވެސް އޭގެ އިތުރަށް ޞާޢަކަށްވުރެ މަދުން ހުރި ނަމަވެސް އެ ހުރި ވަރެއް ނެރެން ޖެހޭނެއެވެ. އެހެނީ މާތް ﷲ ވަޙީކުރައްވަނީ:
[ފިޠުރު ޒަކާތުގެ ޙިކުމަތް]
ފިޠުރު ޒަކާތުގެ ޙިކުމަތް ނުލާހިކު ފާޅުކަން ބޮޑެވެ. އެކަމުގައި ފަޤީރުންނަށް އިޙްސާންތެރިވުމާއި، ޢީދުގެ ދުވަސްތަކުގައި އެމީހުން ސަލާން ޖަހަން ނުޖެހުމާއި، ތަނަވަސް މީހުންނެކޭ އެއްފަދައިން އެ މީހުން ވެސް މި އުފަލުގައި ބައިވެރިވެ މި ޢީދަކީ އެންމެނަށް އަންނަ ޢީދަކަށް ވެގެންދިޔުން ހިމެނެއެވެ. އަދި އެކަމުގެ ސަބަބުން ދީލަތިކަމުގެ ރިވެތި ޚުލުޤު ތިމާއަށް ލިބިގެން ދިޔުމާއި، މީހުނަށް އަޅާލައި ހަމްދަރުދީވެ އުޅުމުގެ ލޯބި ޖެހުން ހިމެނެއެވެ. އަދި ރޯދައަށް ހުންނަ އިރު ރޯދަވެރިޔާގެ ކިބައިން ހިނގާ ބޭކާރު ވާހަކަތަކާއި، ގޯސް ކަންތައްތަކާއި، ފާފަތަކުން އޭނާ ޠާހިރުވެގެން ދިއުން އެ ކަމުގައި ވެއެވެ. އަދި ﷲ ދެއްވި ނިޢުމަތްތަކާއި، ރަމަޟާން މަހުގެ ރޯދަ ފުރިހަމަ ކުރެވުމާއި، އެ މަހުގެ ރޭއަޅުކަމާއި އެހެނިހެން ހެޔޮކަންތައްތަކަށް އެކަލާނގެއަށް ޝުކުރުވެރިކަން ފާޅުކުރުން އެ ކަމުގައި ހިމެނެއެވެ.
އިބްނު ޢައްބާސް ގެ އަރިހުން ރިވާވެގެން ވެއެވެ: «فَرَضَ رَسُولُ اللهِ ﷺ زَكَاةَ الفِطْرِ طُهْرةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ وَطُعْمَةً لِّلْمَسَاكِينِ، فَمَن أَدَّاهَا قَبْلَ الصَّلَاةِ فَهِي زَكَاةٌ مَقْبُولَة، وَمَن أَدَّاهَا بَعْدَ الصَّلَاةِ فَهِيَ صَدَقَةٌ مِنَ الصَّدَقَاتِ»3 މާނައީ: ”ﷲ ގެ ރަސޫލާ ﷺ ފިޠުރު ޒަކާތް ފަރުޟު ކުރެއްވީ، ބޭކާރު ވާހަކަތަކާއި އެފަދަ ކަންތައްތަކާއި ނުބައި ޢަމަލުތަކުން ރޯދަވެރިއާއަށް ހުރި ޠާހިރު ކުރެއްވުމެއް ކަމުގައްޔާއި، މިސްކީނުންނަށް ކާންލިބޭނޭ ގޮތެއް ކަމުގައެވެ. ފަހެ ޢީދު ނަމާދުގެ ކުރިން އެ ޒަކާތް އަދާކޮށްފި ނަމަ އެއީ މަޤްބޫލު ޒަކާތެކެވެ. އަދި ނަމާދުގެ ފަހުން އަދާކޮށްފިނަމަ ވާނީ ޢާންމު ޞަދަޤާތްތަކުން ޞަދަޤާތަކަށެވެ.“
[ޒަކާތުގެ ބާވަތް]
ފިޠުރު ޒަކާތުގެ ބާވަތަކީ އާދަމުގެ ދަރީންގެ ކާތަކެތީގެ ބާވަތްތަކެވެ. އެއީ ހިކި ކަދުރާއި، ގޮދަނާއި، ހަނޑުލާއި، ހިކި މޭބިސްކަދުރާއި އަޤިޠު4 ނުވަތަ އާދަމުގެ ދަރީން ކާން ބޭނުންކުރާ އެނޫން ވެސް އެއްޗެއްސެވެ.
އިބްނު ޢުމަރު ގެ އަރިހުން ރިވާވެގެން ވެއެވެ. «فرَضَ رَسُولُ اللهِ ﷺ زَكَاةَ الْفِطْرِ مِن رَمَضَانَ صَاعًا مِن تَمْرٍ أَو صَاعًا مِن شَعِيرٍ»5 މާނައީ: ”ރަސޫލުﷲ ﷺ ވަނީ ރޯދަމަހުގެ ފިޠުރު ޒަކާތް، ހިކިކަދުރުން ޞާޢެއް ނުވަތަ ހިމަގޮދަނުން ޞާޢެއް ކަމުގައި ފަރުޟު ކުރައްވާފައެވެ.“ ހިމަގޮދަނަކީ އެ ދުވަސްވަރު އެބޭކަލުން ފަރިއްކުޅުއްވައި އުޅުއްވި ތަކެތީގެ ތެރޭ ހިމެނޭ އެއްޗެކެވެ.
އަބޫ ސަޢީދް އަލްޚުދްރީ ވިދާޅުވިއެވެ. «كُنَّا نُخْرِج يَومَ الْفِطْرِ فِي عَهْدِ النَّبِيِّ ﷺ صَاعًا مِن طَعَامٍ وَكَانَ طَعَامُنَا الشَّعِيرُ وَالزَّبِيبُ وَالْأَقِطُ وَالتَّمْر».6 މާނައީ: ”ނަބިއްޔާ ﷺ ގެ ޒަމާނުގައި އަހަރުމެން ފިޠްރުގެ ދުވަހު (ޒަކާތުގެ ގޮތުގައި) ނެރެ އުޅުނީ ކާތަކެތީގެ ޞާޢެކެވެ. އެ ދުވަސްވަރު އަހަރުމެން ކާނާއަކީ، ހިމަގޮދަނާއި، ހިކިމޭބިސްކަދުރާއި، އަޤިޠާއި، ކަދުރެވެ.“
ޖަނަވާރު ކައިއުޅޭ ކާނާއިން ޒަކާތް ނެރުމަކުން ޒަކާތަކަށް ނުވާނެއެވެ. އެހެނީ ރަސޫލާ ﷺ ޒަކާތް ފަރުޟު ކުރައްވާފައި ވަނީ އެކަމުން މިސްކީނުންނަށް ކާންލިބުމަށެވެ. ޖަނަވާރުންނަކަށް ނޫނެވެ.
ފޭރާމާއި، އެނދުތަންމައްޗާއި، ތެލިތައްޓާއި، ހިފައިގެންގުޅޭ ސާމާނު ފަދަ، އާދަމުގެ ދަރީން ކާ ތަކެއްޗަށް ނުވާ ތަކެތިން ޒަކާތެއް ނުދެވޭނެއެވެ. އެހެނީ ނަބިއްޔާ ﷺ ޒަކާތް ފަރުޟު ކުރައްވާފައި ވަނީ ކާބޯތަކެތިންނެވެ. އެހެންކަމުން ރަސޫލާ ﷺ ޢައްޔަނުކުރައްވައި ކަނޑައަޅުއްވާފައިވާ ގޮތް ދޫކޮށް އެ ގޮތް ފަހަނަޅައި ނުދާށެވެ.
އަދި ހަމަ އެފަދައިން އެ ކާތަކެތީގެ އަގަށްވާ މިންވަރު ފައިސާއިން ނެރުމަކުން ވެސް ޒަކާތުގެ ގޮތުގައި ނުފުދޭނެއެވެ.
އެހެނީ އެއީ ﷲ ގެ ރަސޫލާ ﷺ އަމުރު ކުރެއްވި ގޮތާ ޚިލާފު ގޮތަކަށް ވާތީއެވެ. އެކަލޭގެފާނުގެ އަރިހުން ޘާބިތުވެގެންވާ ޙަދީޘްފުޅެއްގައި ވެއެވެ. «مَنْ عَمِلَ عَمَلًا لَيسَ عَلَيهِ أَمْرُنا فَهُوَ رَدٌّ»7 މާނައީ: ”އަހަރެމެންގެ މި ދީނުގައި ނުވާ ގޮތަކަށް ޢަމަލެއް ކޮށްފި މީހާ، ދަންނާށެވެ، ފަހެ އެ ކަމެއް ވަނީ ރައްދުކުރެވިގެންނެވެ.“ އެހެން ރިވާޔަތެއްގައި ވެއެވެ. «مَن أحْدَثَ فِي أَمْرِنَا هَذَا مَا لَيسَ مِنْهُ فَهُوَ رَدٌّ»7 ”އަހަރެމެންގެ މި ދީނުގެ ތެރެއަށް އޭގެ ތެރެއިން ނުވާ ކަމެއް އަލަށް އުފައްދައިގެންފި މީހާ، (ދަންނާށެވެ،) ފަހެ އެކަމެއް ވަނީ ރައްދު ކުރެވިގެންނެވެ.“ މި ދެ ޙަދީޘުގައި (رَدّ) އޭ އޮތް ބަސްފުޅުގެ މާނައަކީ (مردودٌ) އެވެ. އެބަހީ ރައްދު ކުރެވިގެން ވުމެވެ.
ހަމަ އެހެންމެ ފައިސާއިން އޭގެ އަގު ނެރުމަކީ އިތުރު އެކަލޭގެފާނުގެ ޞަޙާބީން –– ގެ ޢަމަލުފުޅުތަކާ ވެސް ޚިލާފު ގޮތެކެވެ. އެހެނީ އެބޭކަލުން ޒަކާތް ނެރުއްވައި އުޅުއްވީ ކާތަކެތީގެ ޞާޢަކުންނެވެ. ހަމަކަށަވަރުން މާތް ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ. «عَلَيْكُم بِسُنَّتي وسُنَّةِ الخُلُفُاءِ الرَّاشِدِينَ المَهْدِيِّينَ مِن بَعْدِي»8 ”ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ސުންނަތުގައި ހިފައި އޭގެމަތީ ލާޒިމުވެ ތިބޭށެވެ. އަދި ތިމަންކަލޭގެފާނަށް ފަހުގައި ހިދާޔަތު ލިބިގެންވާ ޚުލަފާއުއްރާޝިދޫންގެ (ހަތަރު ޚަލީފާއިންގެ) ސުންނަތުގައި ވެސް ހިފައި އޭގެމަތީ ލާޒިމުވެ ތިބޭށެވެ.“
ހަމަ އެގޮތަށް ފިޠުރު ޒަކާތަކީ އެ ނެރުމުގައި ވަކި ބާވަތެއް ޢައްޔަނު ކުރެވިގެންވާ އަޅުކަމެކެވެ. އެކަމަށް ކަނޑައަޅުއްވާފައިވާ ވަގުތު ނޫން ވަގުތެއްގައި އެ ނެރުމުން އެ ޒަކާތް ޞައްޙަ ނުވާ ފަދައިން އެކަމަށް ކަނޑައެޅިފައިވާ ބާވަތް ނޫން ބާވަތަކުން ނެރުމުން ވެސް ޒަކާތުގެ ގޮތުގައި ނުފުދޭނެއެވެ.
އަދި ހަމަ އެފަދައިން ޒަކާތް ނެރުމަށް ރަސޫލާ ﷺ ކަނޑައަޅުއްވާފައި ވަނީ ތަފާތު ބާވަތްތަކަކުންނެވެ. އެ ބާވަތްތަކަކީ އާންމު ގޮތެއްގައި އަގު ތަފާތު ބާވަތްތަކެކެވެ. ޒަކާތް ނެރުމުގައި އޭގެ އަގަކީ މުޢުތަބަރު އެއްޗެއް ކަމުގައި ވީނަމަ ވާޖިބަކަށް ވީހީ ކޮންމެވެސް އެއް ވައްތަރަކުން ޞާޢެއްގެ މިންވަރެވެ. އަދި އެހެން ބާވަތްތަކުން އޭގެ އަގާއި އެއްވަރުވާ މިންވަރެވެ.
ޒަކާތަށް ވާ ފައިސާ ނެރުމުން އެކަމަކީ ފާޅުކަން ބޮޑު ޝިޢާރަކަށް ވުމުމުގެ ބަދަލުގައި ވެގެން އެދަނީ ވަންހަނާވެގެންވާ ޞަދަޤާތަކަށެވެ. ކާތަކެތީގެ ޞާޢަކުން ޒަކާތް ނެރުމުން އެކަން ވެގެން ދާނީ މުސްލިމުންގެ ތެރޭގައި ކުޑަ ކުދިންނާއި ބޮޑެތި މީހުން ވެސް ދަންނަ ފާޅުވެގެން ވާ ޝިޢާރަކަށެވެ. އޭރުން އެ މިނެކިރާ ތަނާއި ބަހާ ތަން މީސްތަކުންނަން ފެނި، އެންމެން އެކަންތައް ދެނެގަންނާނެއެވެ. ދޭ މީހާއާއި ހިފާ މީހާގެ ދެމެދު ވަންހަނާ ގޮތުގައި ދެވޭ ދިރުހަމުތައް މިއާ ތަފާތެވެ.
[ފިޠުރު ޒަކާތުގެ މިންވަރު]
ފިޠުރު ޒަކާތުގެ ގޮތުގައި ނެރެންޖެހޭ މިންވަރަކީ ނަބިއްޔާ ﷺ ގެ ޞާޢާ އެއްވަރުގެ ޞާޢެއްގެ މިންވަރެވެ. އޭގެ ބަރުދަނަކީ މޮޅު ގޮދަނުން ނަމަ 480 މިޘްޤާލެވެ. އެއީ 2 ކިލޯއާއި ކިލޯއެއްގެ ފަންސަވީސް ބައިކުޅަ އެއްބައެވެ. އެހެނީ މިޘްޤާލެއްގެ ބަރުދަނަކީ 4¼ ގުރާމެވެ. ވީމާ 480 މިޘްޤާލަކީ 2040 ގުރާމެވެ. އެހެންކަމުން ނަބަވީ ޞާޢުގެ މިންވަރު ދެނެގަންނަން ބޭނުން ނަމަ 2 ކިލޯ 40 ގްރާމުގެ މޮޅު ގޮދަން ކިރާފައި، އެވަރު އެޅީމައި ފުރޭ ވަރުގެ ތަށްޓެއް ހޯދާށެވެ. ދެން ޞާޢެއްގެ މިންވަރު މިނަން އެ ތަށި ބޭނުންކުރާށެވެ.
[ފިޠުރުޒަކާތް ނެރުން ވާޖިބުވާ ވަގުތު]
ފިޠުރު ޒަކާތް ނެރުން ވާޖިބުވާ ވަގުތަކީ ޢީދު ވިލޭރޭ އިރު އޮއްސުމެވެ. އެރޭ އިރު އޮއްސޭއިރު ޒަކާތް ވާޖިބުވާ މީހުންގެ ތެރޭ ހިމެނޭ އެންމެން ޒަކާތް ނެރުން ވާޖިބު ވާނެއެވެ. އެރޭ އިރުއޮއްސޭ އިރު ވާޖިބު ނުވި މީހަކަށް އެކަން ވާޖިބެއް ނުވާނެއެވެ. އެހެންކަމުން އެރޭ އިރުއޮއްސުމުގެ މިނިޓުކޮޅެއް ކުރިން މަރުވެއްޖެ މީހާގެ މައްޗަކަށް ފިޠުރު ޒަކާތް ވާޖިބެއް ނުވާނެއެވެ. ނަމަވެސް އިރުއޮއްސުމުގެ ކުޑަ ހިނދުކޮޅެއް ފަހުން މަރުވިޔަސް އޭނާގެ މަތިން ޒަކާތް ނެރުން ވާޖިބުވާނެއެވެ. ހަމަ އެހެންމެ އެރޭ އިރު އޮއްސުމުގެ ހިނދުކޮޅެއް ފަހުން އުފަންވާ ކުއްޖާގެ މަތިން ޒަކާތް ދޭކަށް ނުޖެހޭނެއެވެ. ނަމަވެސް ކުރިން ވެސް ބުނެވުނު ފަދައިން، އެކުއްޖާގެ މަތިން ވެސް ޒަކާތް ނެރުން ސުންނަތް ވެގެން ވެއެވެ. އަދި އެރޭ އިރު އޮއްސުމުގެ ކިތަންމެ ކުޑަ ވަގުތުކޮޅެއްގެ ކުރިން އުފަންވާ ކުއްޖާގެ މަތިން ވެސް ޒަކާތް ނެރުން ވާޖިބުވާނެއެވެ.
ޢީދުވިލޭރޭ އިރުއޮއްސުމުން ވާޖިބު ވަނީ އެ ވަގުތަކީ ރަމަޟާންމަހުގެ ރޯދައަށްފަހު ރޯދަ ދޫކޮށްލާ (ފިޠުރުގެ) ވަގުތު ކަމަށް ވާތީއެވެ. މި ޒަކާތް ގުޅިފައި ވަނީ މި ވަގުތާއެވެ. އެހެންކަމުން މި ޒަކާތަށް ”زكاةُ الفطرِ من رمضانَ“ (އެބަހީ: ރަމަޟާންމަހުގެ ފިޠުރުގެ ޒަކާތޭ) ވެސް ކިޔެއެވެ. ފަހެ މި ޒަކާތުގެ ޙުކުމް ގުޅިފައި ވަނީ މި ވަގުތާއެވެ.
[ފިޠުރު ނެރުމުގެ ވަގުތު]
ފިޠުރު ޒަކާތް ނެރުމުގެ ދެ ވަގުތެއް ވެއެވެ. އެއީ މޮޅުއިތުރުވެގެންވާ ވަޤުތާއި، ހުއްދަވެގެންވާ ވަޤުތެވެ.
ޒަކާތް ނެރުން މޮޅުއިތުރުވެގެންވާ ވަޤުތަކީ: ޢީދު ދުވަހުގެ ހެނދުނު ޢީދުނަމާދު ކުރުމުގެ ކުރިންނެވެ. އެއީ އަބޫ ސަޢީދު ރިވާކުރައްވާފައިވާ މި ޙަދީޘަށްޓަކައެވެ. «كُنَّا نُخْرِجُ فِي عَهْدِ النَّبِيِّ ﷺ يَومَ الْفِطْرِ صَاعًا مِن طَعَامٍ»9 މާނައީ: ”ނަބިއްޔާ ﷺ ގެ ޒަމާނުގައި ފިޠްރުގެ ދުވަހު (ޒަކާތުގެ ގޮތުގައި) އަހަރުމެން ނެރެ އުޅުނީ ކާތަކެތީގެ ޞާޢެކެވެ.“ އަދި އިބްނު ޢުމަރު ރިވާކުރައްވާފައި ވެއެވެ. «أَنَّ النَّبِيَّ ﷺ أَمَرَ بِزَكَاةِ الْفِطْرِ أَن تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلَاةِ»10 މާނައީ: ”މީސްތަކުން (ޢީދު) ނަމާދަށް ނުކުތުމުގެ ކުރިން ފިޠުރު ޒަކާތް އަދާކުރުމަށް ނަބިއްޔާ ﷺ އަމުރުކުރެއްވިއެވެ.“
އެހެންކަމުން އެދެވިގެން ވަނީ ޢީދު ދުވަހު ޒަކާތް ނެރެން ވަގުތު ދިނުމަށްޓަކައި ޢީދު ނަމާދު ލަސްކުރުމެވެ.
ޒަކާތް ނެރުން ޖާއިޒުވާ ވަޤުތަކީ ޢީދުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިއެވެ. ނާފިޢު ގެ އަރިހުން ރިވާވެގެން ވެއެވެ. كانَ ابنُ عمرَ يعْطِي عن الصغير والكبير حتى إن كانَ يعطِي عن بنِيَّ، وكان يُعْطِيها الَّذِين يَقْبلونَها، وكانُوا يُعْطَوْن قبْلَ الفطرِ بيومٍ أو يومين.11 ”ކުޑަކުއްޖާއާއި ބޮޑުމީހާގެ ކިބައިން ވެސް އިބްނު ޢުމަރު ޒަކާތް ދެއްވާކަމުގައި ވިއެވެ. އެގޮތިން ތިމަންކަލޭގެފާނުގެ ދަރީންގެ މަތިން ވެސް ދެއްވައެވެ. ދެއްވަނީ އެ ބަލައިގަންނަ މީހުންނަށެވެ. އެމީހުންނަށް އެ ދެއްވައި އުޅުއްވީ ޢީދުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިންނެވެ.“
އަދި ޒަކާތް ދިނުން ޢީދު ނަމާދަށްވުރެ ފަސްކުޅައުން ހުއްދަވެގެން ނުވެއެވެ. ޢުޛުރަކާ ނުލައި ޢީދުނަމާދަށްވުރެ ފަސްކޮށްފިނަމަ މަޤްބޫލު ޒަކާތަކަށް ނުވާހުއްޓެވެ. އެހެނީ އެއީ ރަސޫލު ﷲ ﷺ އަމުރު ކުރެއްވި ގޮތާ ޚިލާފު ގޮތަކަށް ވާތީއެވެ. އިބްނު ޢައްބާސް ގެ ޙަދީޘް އިސްވެ ހިނގައްޖެއެވެ. އެއީ «فَرَضَ رَسُولُ اللهِ ﷺ زَكَاةَ الفِطْرِ طُهْرةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ وَطُعْمَةً لِّلْمَسَاكِينِ، فَمَن أَدَّاهَا قَبْلَ الصَّلَاةِ فَهِي زَكَاةٌ مَقْبُولَة، وَمَن أَدَّاهَا بَعْدَ الصَّلَاةِ فَهِيَ صَدَقَةٌ مِنَ الصَّدَقَاتِ»3 މާނައީ: ”ބޭކާރު ވާހަކަތަކާއި އެފަދަ ކަންތައްތަކާއި ނުބައި ޢަމަލުތަކުން ރޯދަވެރިއާއަށް ހުރި ޠާހިރު ކުރެއްވުމެއް ކަމުގައްޔާއި، މިސްކީނުންނަށް ކާންލިބޭނޭ ގޮތެއްކަމުގައި ރަސޫލު ﷲ ﷺ ފިޠުރު ޒަކާތް ފަރުޟު ކުރެއްވިއެވެ. ފަހެ ޢީދުނަމާދުގެ ކުރިން އެ ޒަކާތް އަދާކޮށްފި ނަމަ އެއީ މަޤްބޫލު ޒަކާތެކެވެ. އަދި ނަމާދުގެ ފަހުން އަދާކޮށްފިނަމަ ވާނީ ޢާންމު ޞަދަޤާތްތަކުން ޞަދަޤާތަކަށެވެ.“
ޢުޛުރަކާހެދި ޒަކާތް ނުދެވި ލަސްވިޔަސް މައްސަލައެއް ނެތެވެ. އޭގެ އެއް މިސާލަކީ މީހަކު ރަށްބޭރުގައި އުޅެނިކޮށް ޢީދު ދުވަސް ލައިގަތުމެވެ. އޭރު އޭނާއާ އެކުގައި ޒަކާތުގެ ގޮތުގައި ދޭނޭ އެއްޗެއްވެސް އަދި ދޭނޭ މީހަކު ވެސް ނެތެވެ. ނުވަތަ ޢީދަށް ހަނދުފެނުނު ކަމުގެ ޚަބަރު މީހަކަށް ލިބުނީ ނަމާދުގެ ކުރިން ޒަކާތް ނުދެއްކޭހައި ވަގުތު ކުޑަތަންވެފައި ވަނިކޮށް ކުއްލިގޮތަކަށެވެ. ނުވަތަ މީހަކު އޭނާގެ މަތިން ޒަކާތް ދެއްކަން އެހެންމީހަކާ ހަވާލޮކޮށްގޮން އުޅެނިކޮށް އެ މީހާ ހަނދާންނެތުމެވެ. މިފަދަ ޙާލަތްތަކުގައި ޢީދުގެ ފަހުން ޒަކާތް ނެރުނަސް މައްސަލައެއް ނެތެވެ. އެއީ އޭނާއަކީ ޢުޛުރުވެރިއަކަށް ވީތީއެވެ.
ވާޖިބު ވެގެން ވަނީ ޒަކާތް އޭގެ ޙައްޤުވެރިޔާއަށް، ނުވަތަ ޙައްޤުވެރިޔާގެ ވަކީލަށް ޢީދުނަމާދުގެ ކުރީގައި، ޒަކާތުގެ ވަގުތުގައި ފޯރުމެވެ. ވަކި މީހަކަށް ދޭން ނިޔަތްގަނެގެން ހުއްޓައި ވަގުތު ޖެހުނުއިރު އޭނާއާ ނުވަތަ އޭނާގެ ވަކީލަކާ ވިޔަސް ދިމާ ނުވިނަމަ އެހެން ޙައްޤުވެރިއަކަށް ދޭނީއެވެ. ވަގުތު ފާއިތުވަންދެން ލަސްކުރުމެއް ނެތެވެ.
[ޒަކާތް ނެރެންޖެހޭ ތަން]
ޒަކާތް ނެރެވޭ ހުށީ އެ ވަގުތު އޭނާ ހުރި ރަށެއްގެ ފަޤީރުންނަށެވެ. އެއީ އޭނާ ދިރިއުޅޭ ރަށަށް ވިޔަސް އެހެން މުސްލިމް ޤައުމަކަށް ވިޔަސް މެއެވެ. އަދި ވަކިން ޚާއްޞަކޮށް އެ ރަށަކީ މައްކާއާއި މަދީނާ ފަދަ މާތް ތަނަކަށް ވާނަމަ، ނުވަތަ އޭނާ ހުރި އެރަށުގެ ފަޤީރުން އެއަށް ބޮޑަށް ބޭނުންޖެހިފައި ވާނަމައެވެ. ފަހެ އޭނޭ ހުރި ރަށުން ޒަކާތް ދޭނޭ މީހަކު ނުވިނަމަ، ނުވަތަ އޭގެ ޙައްޤުވެރީން ނޭނގުނުނަމަ، އެހެން ތަނެއްގައި ހައްޤުވެރި ބަޔަކަށް އެ ޒަކާތް ދައްކަން ވަކީލަކު ހަމަޖައްސާނީއެވެ.
[ފިޠުރު ޒަކާތް ޙައްޤުވާ ފަރާތްތައް]
ފިޠުރު ޒަކާތުގެ ޙައްޤުވެރީންނަކީ ފަޤީރުންނާއި، ދަރަނި އަދާކުރެވޭނެ ފަދައެއް ނެތް ދަރަނިވެރީންނެވެ. އެމީހުންގެ ޙާޖަތަށް ފުދޭވަރަށް އެމީހުންނަށް ދޭނީއެވެ.
އެކަކު ޒަކާތުގެ ގޮތުގައި ދޭ ތަކެތި އެކަކަށްވުރެ ގިނަ ފަޤީރުންގެ މެދުގައި ބެހުން ހުއްދައެވެ. ނުވަތަ އެއް ބަޔަށްވުރެ ގިނަ ބައި އެއް މިސްކީނަކަށް ދިނުން ވެސް ހުއްދަވެގެން ވެއެވެ. އެހެނީ ނަބިއްޔާ ﷺ މިންކުރައްވާފައި ވަނީ ނެރެންވީ މިންވަރެވެ. ދޭންވީ ކާކަށްކަން (ވަކިވަކިން) މިންކުރައްވާފައެއް ނުވެއެވެ. އެހެންކަމުން ބަޔަކުމީހުން އެމީހުންގެ ޒަކާތުގެ ތަކެތި މިނާފައި އެކައްޗަކަށް އެޅުމަށްފަހު، ދެން އެއިން ނުމިނައި ބެހިޔަސް އެންމެ ރަނގަޅު ވާނެއެވެ. ނަމަވެސް އެގޮތަށް ދޭކަމުގައި ވާނަމަ އޭގެ މިންވަރު ނޭނގޭކަން ފަޤީރު މީހާއަށް ބުނެދޭން ވާނެއެވެ. އެހެންނޫނީ އޭނާއަށް ނޭނގި (ޞާޢެއް ހަމަވާކަމަށް ހީކޮށް) އޭނާގެ އަމިއްލަ ނަފްސުގެ މަތިން ނުވަތަ ޢާއިލާ މީހެއްގެ މަތިން ޒަކާތުގެ ގޮތުގައި އެތަކެތި ދައްކަފާނެއެވެ. އަދި ފަޤީރު މީހާއަށް އެހެން މީހެއްގެ ފަތާރުން ޒަކާތް ލިބުމަށްފަހު، އެތަކެތި މިނާފައި ނުވަތަ ދިންމީހާ ކިރާފައި ބުނި ބަހަށް އިތުބާރު ކުރެވޭނަމަ އެބަހަށް ބަލާފައި، އޭނާގެ ނަފްސުގެ މަތިން ނުވަތަ ޢާއިލާ މީހެއްގެ މަތިން ޒަކާތުގެ ގޮތުގައި އެ ދެއްކުން ހުއްދަވެގެން ވެއެވެ.
اللهُمَّ وفِّقْنا للقيام بطاعتِك على الوجهِ الَّذِي يرضيكَ عنَّا، وزَكِّ نفوسَنا وأقوالَنا وأفعالَنَا وطهِّرنا من سوءِ العقيدةِ والقولِ والعملِ، إنك جوادٌ كريمٌ، وصلَّى الله وسلَّم على نبينا محمد وعلى آله وصحبه أجمعين.
މަޞްދަރު: މަޖާލިސު ޝަހްރި ރަމަޟާން، އައްޝައިޚް މުޙައްމަދު ބިން ޞާލިޙް އަލްޢުޘައިމީން. ޞ 207–214.
-
متفق عليه. ↩︎
-
متفق عليه ↩︎
-
ރިވާކުރެއްވީ އަބޫދާވޫދާއި އިބްނު މާޖާ. އަދި އަލްޙާކިމް ވެސް މި ޙަދީޘް ނެރުއްވައި، ޞައްޙަ ކުރައްވާފައި ވެއެވެ. ↩︎ ↩︎
-
އަޤިޠަކީ ގެރިބަކަރީގެ ކިރު ހިއްކައިގެން ގިނަދުވަހަށް ހުންނަ ގޮތަށް ހަދާ އެއްޗެކެވެ. ↩︎
-
متفق عليه. ↩︎
-
رواه البخاري. ↩︎
-
ރިވާކުރެއްވީ މުސްލިމް. ނަމަވެސް މި ޙަދީޘްގެ އަޞްލު ދެ ޞަޙީޙުގައި ވެސް ރިވާވެގެން ވެއެވެ. ↩︎ ↩︎
-
رواه أحمد وأبو داود وابن ماجه، والترمذي وقال: حسن صحيح، وقال أبو نعيم: حديث جيد من صحيح حديث الشاميين. ↩︎
-
رواه البخاري ↩︎
-
رواه البخاري ومسلم وغيرهما ↩︎
-
رواه البخاري ↩︎