الحمدُ لله العليم الحكيم، العليِّ العظيمِ، خلقَ كلَّ شَيْءٍ فقَدَّرَه تقديراً، وأحْكَمَ شرائعَه ببالغِ حكمتِهِ بياناً للْخَلق وتَبْصيرًا، أحمدُه على صفاتِه الكامِلة، وأشكرُه على آلائِه السابغة، وأشهدُ أنْ لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شَيْء قدير، وأشهدُ أنَّ محمدًا عبدُه ورسولُه البشيرُ النذير، صلَّى الله عليهِ وعلى آلِهِ وأصحابِه والتابعينَ لهم بإحسانٍ إلى يومِ المآبِ والمصِير، وسلَّم تسليمًا.

އަޚުންނޭވެ! ހަމަ­ކަށަވަރުން ތިޔަބައި­މީހުންގެ މި މައްސަރު ތިޔަބައި­މީހުން ދޫކޮށް ފުރާން ކައިރި ވެއްޖެއެވެ. މި މައްސަރުން މަދު ދުވަސްކޮޅެއް މެނުވީ ބާކީ ނެތެވެ. ފަހެ ތިޔަބައި­މީހުން ކުރެ ހެޔޮ ޢަމަލު ކޮށް އުޅުނު މީހެއް­ނަމަ ފަހެ އޭނާ އެކަމަށް­ޓަކައި ﷲ އަށް ޙަމްދު­ކޮށް، އެ ޢަމަލުތައް ޤަބޫލު ކުރައްވާތޯ އެކަލާނގެ ޙަޟްރަތުގައި ދެންނެ­ވުން­ހުއްޓެވެ. އަދި ތިޔަބައި­މީހުން ކުރެ އިހުމާލުވީ މީހެއް ނަމަ، އޭނާ ﷲ އަށް ތައުބާވެ، އޭނާ ފަރުވާ ކުޑަކުރި ކަންތަކާމެދު އެކަލާނގެ ޙަޟްރަތުގައި ޢުޛުރު­ވެރި­ވުން ހުއްޓެވެ. އެހެނީ ޢުޛުރަކީ، މަރު އައިސް ޖެހުމުގެ ކުރިން ނަމަ ޤަބޫލު ކުރެވިގެންވާ އެއްޗެކެވެ.

އަޚުންނޭވެ! ތިޔަބައި­މީހުންގެ މި މައްސަރު ނިންމުމުގެ ގޮތުން ޢީދު ނަމާދުގެ ކުރީގައި ފިޠުރު ޒަކާތް އަދާކުރުން ﷲ ވަނީ ތިޔަބައި­މީހުންނަށް ޝަރުޢު ކުރައްވާފައެވެ. މި މަޖިލީހުގައި އަހަރުމެން ވާހަކަ ދައްކާނީ އެ ޒަކާތުގެ ޙުކުމާއި، އޭގެ ޙިކްމަތާއި، އޭގެ ބާވަތާއި، އޭގެ މިންވަރާއި، އެ އަދާކުރުން ވާޖިބުވާ ވަގުތާއި، އެ ދޭ ދިނުމާއި، އޭގެ ވަޤުތާ މެދުގައެވެ.

[ފިޠުރު ޒަކާތުގެ ޙުކުމް]

ފިޠުރު ޒަކާތަކީ ރަސޫލު ﷲ މުސްލިމުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ފަރުޟެކެވެ. ރަސޫލު ﷲ ފަރުޟު ކުރައްވާ، ނުވަތަ އެ ކަމަކަށް އަމުރު ކުރައްވާ ކަމެއްގެ ޙުކުމަކީ ހަމަ الله تعالى އެ ކަމެއް ފަރުޟު ކުރެއްވުމުގެ، ނުވަތަ އެ ކަމަށް އަމުރު ކުރެއްވުމުގެ ޙުކުމެވެ. الله تعالى ވަޙީ ކުރެއްވިއެވެ. ﴿مَّن يُطِعِ ٱلرَّسُولَ فَقَدۡ أَطَاعَ ٱللَّهَۖ وَمَن تَوَلَّىٰ فَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ حَفِيظٗا މާނައީ: ”ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަ­ކަށަވަރުން ﷲ އަށް ކިޔަމަން ވެއްޖެއެވެ. އަދި، ފުރަގަސް ދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަން ﷲ ކަލޭގެފާނު ނުފޮނުއްވަމެވެ.“ އަދިވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ. ﴿وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعۡدِ مَا تَبَيَّنَ لَهُ ٱلۡهُدَىٰ وَيَتَّبِعۡ غَيۡرَ سَبِيلِ ٱلۡمُؤۡمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصۡلِهِۦ جَهَنَّمَۖ وَسَآءَتۡ مَصِيرًا މާނައީ: ”އަދި، އެމީހަކަށް ތެދުމަގު ބަޔާން­ވުމަށްފަހު، ރަސޫލާއާ ދެކޮޅު­ވެރިވެ، މުއުމިނުންގެ މަގު ނޫން މަގަކަށް ތަބާވާ މީހާ (ދަންނާށެވެ!) ފަހެ އެމީހާ ޚިޔާރު ކުރި މަގަކަށް ތިމަން ﷲ އެމީހާ ދޫކޮށް­ލައްވާ ހުށީމެވެ. އަދި، ތިމަން ﷲ އެމީހާ ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއީ، ނުބައި­ވެގެންވާ ނިމިދިޔުމެކެވެ.“ އަދިވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ. ﴿وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمۡ عَنۡهُ فَٱنتَهُواْ މާނައީ: ”އަދި ރަސޫލާ ތިޔަބައި­މީހުންނަށް ގެނެސް­ދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައި­މީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައި­މީހުންނަށް ނަހީ­ކުރެއްވި ކޮންމެ ކަމަކުން ތިޔަބައި­މީހުން ދުރު­ވެގަންނާށެވެ!“

އާދެ! ފިޠުރު ޒަކާތަކީ މުސްލިމުން ކުރެ ބޮޑެތި މީހުންނާއި، ކުޑަކުދީންނާއި، ފިރިހެނުންނާއި، އަންހެނުންނާއި، މިނިވަނުންނާއި، އަޅުންގެ މައްޗަށް ވެސް ފަރުޟު ވެގެންވާ ކަމެކެވެ. ޢަބްދު ﷲ ބިން ޢުމަރު ވިދާޅުވިއެވެ. «فَرَضَ رَسُولُ اللهِ زَكَاةَ الْفِطْرِ مِن رَمَضَانَ صَاعًا مِن تَمْرٍ أَو صَاعًا مِن شَعِيرٍ عَلَى الْعَبْدِ وَالْحُرِّ وَالذَّكَرِ وَالْأُنْثَى وَالصَّغِيرِ وَالْكَبِيرِ مِنَ الْمُسْلِمِينَ»1 މާނައީ: ”ރަސޫލު ﷲ ވަނީ މުސްލިމު ބޮޑެތި މީހުންނާއި، ކުޑަކުދީންނާއި، ފިރިހެނުންނާއި، އަންހެނުންނާއި، މިނިވަނުންނާއި، އަޅުންގެ މައްޗަށް ރޯދަމަހުގެ ފިޠުރު ޒަކާތުގެ ގޮތުގައި ކަދުރު ޞާޢެއް، ނުވަތަ ހިމަގޮދަން ޞާޢެއް ކަނޑައަޅުއްވައި ފަރުޟު ކުރައްވާފައެވެ.“

ބަނޑުގައިވާ ދަރީގެ މައްޗަކަށް ފިޠުރު ޒަކާތް ވާޖިބު­ވެގެން ނުވެއެވެ. ނަމަވެސް ތަޠައްވުޢުގެ ގޮތުން އެ ދަރީގެ ކިބައިން ޒަކާތް ދެއްކުމުގައި މައްސަލަ­އެއް ނެތެވެ. އަމީރުލް މުއުމިނީނަ ޢުޘްމާން ބަނޑުގައިވާ ދަރީގެ ކިބައިން ވެސް ޒަކާތް ނެރުއްވާ ކަމުގައި ވިއެވެ.

އަދި ތިމާގެ އަމިއްލަ ނަފްސުގެ ކިބައިން ޒަކާތް ނެރުން ވާޖިބު­ވެގެން ވެއެވެ. އަދި ހަމަ އެފަދައިން ތިމާގެ އަނބިދަރީންނާއި، ގާތްތިމާގެ މީހުންގެ ތެރެއިން ތިމާ ޚަރަދު ކުރަން ޖެހޭ މީހުންނަށް، އެމީހުންގެ އަމިއްލަ ނަފްސުތަކުގެ ކިބައިން ޒަކާތް އަދާ ނުކުރެވޭ ނަމަ، އެމީހުންގެ ކިބައިން ވެސް ޒަކާތް ނެރުން ވާޖިބު­ވެގެން ވެއެވެ. ނަމަވެސް އެމީހުންނަށް އަމިއްލައަށް އެ ޒަކާތް އަދާ­ކުރެވޭ ނަމަ އެގޮތް އައުލާ­ވެގެން ވެއެވެ. އެހެނީ ޝަރީޢަތުގައި އަޞްލު މުޚާޠަބު ކުރެވިގެންވަނީ ސީދާ އެމީހުންނާއެވެ.

އަދި ޢީދު ދުވަހާއި އެ ދުވަހުގެ ރޭ ކާނޭ އެއްޗެއް ހުރެފައި އޭގެ އިތުރަށް އޭނާގެ އަތުގައި ހުރި މީހެއްގެ މައްޗަކަށް މެނުވީ ޒަކާތް ވާޖިބެއް ނޫނެވެ. ނަމަވެސް އޭގެ އިތުރަށް ޞާޢަކަށްވުރެ މަދުން ހުރި ނަމަވެސް އެ ހުރި ވަރެއް ނެރެން ޖެހޭނެއެވެ. އެހެނީ މާތް ﷲ ވަޙީކުރައްވަނީ: ﴿فَٱتَّقُواْ ٱللَّهَ مَا ٱسۡتَطَعۡتُمۡ މި ފަދައިންނެވެ. މާނައީ: ”ފަހެ، ތިޔަބައި­މީހުންނަށް ކުޅަދާނަވީ ވަރަކުން، ތިޔަބައި­މީހުން ﷲ އަށް ތަޤުވާ­ވެރިވާށެވެ.“ އަދި ނަބިއްޔާ ޙަދީޘް ކުރައްވާފައި ވެއެވެ. «إِذَا أَمَرْتُكُم بِأَمْرٍ فَأْتُوا مِنهُ مَا اسْتَطَعْتُم»2 މާނައީ: ”ތިމަންކަލޭގެފާނު ތިޔަބައި­މީހުންނަށް ކަމަކަށް އަމުރު ކުރައްވައިފި ހިނދު، ތިޔަބައި­މީހުންނަށް ކުޅަދާނަވީ ވަރަކުން އެކަމެއް ކުރާށެވެ.“

[ފިޠުރު ޒަކާތުގެ ޙިކުމަތް]

ފިޠުރު ޒަކާތުގެ ޙިކުމަތް ނުލާހިކު ފާޅުކަން ބޮޑެވެ. އެކަމުގައި ފަޤީރުންނަށް އިޙްސާން­ތެރި­ވުމާއި، ޢީދުގެ ދުވަސް­ތަކުގައި އެމީހުން ސަލާން ޖަހަން ނުޖެހުމާއި، ތަނަވަސް މީހުންނެކޭ އެއްފަދައިން އެ މީހުން ވެސް މި އުފަލުގައި ބައި­ވެރިވެ މި ޢީދަކީ އެންމެނަށް އަންނަ ޢީދަކަށް ވެގެންދިޔުން ހިމެނެއެވެ. އަދި އެކަމުގެ ސަބަބުން ދީލަތި­ކަމުގެ ރިވެތި ޚުލުޤު ތިމާއަށް ލިބިގެން ދިޔުމާއި، މީހުނަށް އަޅާލައި ހަމްދަރުދީވެ އުޅުމުގެ ލޯބި ޖެހުން ހިމެނެއެވެ. އަދި ރޯދައަށް ހުންނަ އިރު ރޯދަ­ވެރިޔާގެ ކިބައިން ހިނގާ ބޭކާރު ވާހަކަ­ތަކާއި، ގޯސް ކަންތައް­ތަކާއި، ފާފަ­ތަކުން އޭނާ ޠާހިރު­ވެގެން ދިއުން އެ ކަމުގައި ވެއެވެ. އަދި ﷲ ދެއްވި ނިޢުމަތް­ތަކާއި، ރަމަޟާން މަހުގެ ރޯދަ ފުރިހަމަ ކުރެވުމާއި، އެ މަހުގެ ރޭއަޅު­ކަމާއި އެހެނިހެން ހެޔޮކަންތައްތަކަށް އެކަލާނގެއަށް ޝުކުރު­ވެރި­ކަން ފާޅުކުރުން އެ ކަމުގައި ހިމެނެއެވެ.

އިބްނު ޢައްބާސް ގެ އަރިހުން ރިވާ­ވެގެން ވެއެވެ: «فَرَضَ رَسُولُ اللهِ زَكَاةَ الفِطْرِ طُهْرةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ وَطُعْمَةً لِّلْمَسَاكِينِ، فَمَن أَدَّاهَا قَبْلَ الصَّلَاةِ فَهِي زَكَاةٌ مَقْبُولَة، وَمَن أَدَّاهَا بَعْدَ الصَّلَاةِ فَهِيَ صَدَقَةٌ مِنَ الصَّدَقَاتِ»3 މާނައީ: ”ﷲ ގެ ރަސޫލާ ފިޠުރު ޒަކާތް ފަރުޟު ކުރެއްވީ، ބޭކާރު ވާހަކަ­ތަކާއި އެފަދަ ކަންތައް­ތަކާއި ނުބައި ޢަމަލު­ތަކުން ރޯދަ­ވެރިއާއަށް ހުރި ޠާހިރު ކުރެއްވުމެއް ކަމުގައްޔާއި، މިސްކީނުންނަށް ކާންލިބޭނޭ ގޮތެއް ކަމުގައެވެ. ފަހެ ޢީދު ނަމާދުގެ ކުރިން އެ ޒަކާތް އަދާ­ކޮށްފި ނަމަ އެއީ މަޤްބޫލު ޒަކާތެކެވެ. އަދި ނަމާދުގެ ފަހުން އަދާ­ކޮށްފި­ނަމަ ވާނީ ޢާންމު ޞަދަޤާތް­ތަކުން ޞަދަޤާތަކަށެވެ.“

[ޒަކާތުގެ ބާވަތް]

ފިޠުރު ޒަކާތުގެ ބާވަތަކީ އާދަމުގެ ދަރީންގެ ކާތަކެތީގެ ބާވަތް­ތަކެވެ. އެއީ ހިކި ކަދުރާއި، ގޮދަނާއި، ހަނޑުލާއި، ހިކި މޭބިސްކަދުރާއި އަޤިޠު4 ނުވަތަ އާދަމުގެ ދަރީން ކާން ބޭނުންކުރާ އެނޫން ވެސް އެއްޗެއްސެވެ.

އިބްނު ޢުމަރު ގެ އަރިހުން ރިވާ­ވެގެން ވެއެވެ. «فرَضَ رَسُولُ اللهِ زَكَاةَ الْفِطْرِ مِن رَمَضَانَ صَاعًا مِن تَمْرٍ أَو صَاعًا مِن شَعِيرٍ»5 މާނައީ: ”ރަސޫލުﷲ ވަނީ ރޯދަމަހުގެ ފިޠުރު ޒަކާތް، ހިކިކަދުރުން ޞާޢެއް ނުވަތަ ހިމަގޮދަނުން ޞާޢެއް ކަމުގައި ފަރުޟު ކުރައްވާފައެވެ.“ ހިމަގޮދަނަކީ އެ ދުވަސްވަރު އެބޭ­ކަލުން ފަރިއްކުޅުއްވައި އުޅުއްވި ތަކެތީގެ ތެރޭ ހިމެނޭ އެއްޗެކެވެ.

އަބޫ ސަޢީދް އަލްޚުދްރީ ވިދާޅުވިއެވެ. «كُنَّا نُخْرِج يَومَ الْفِطْرِ فِي عَهْدِ النَّبِيِّ صَاعًا مِن طَعَامٍ وَكَانَ طَعَامُنَا الشَّعِيرُ وَالزَّبِيبُ وَالْأَقِطُ وَالتَّمْر».6 މާނައީ: ”ނަބިއްޔާ ގެ ޒަމާނުގައި އަހަރުމެން ފިޠްރުގެ ދުވަހު (ޒަކާތުގެ ގޮތުގައި) ނެރެ އުޅުނީ ކާތަކެތީގެ ޞާޢެކެވެ. އެ ދުވަސްވަރު އަހަރުމެން ކާނާއަކީ، ހިމަގޮދަނާއި، ހިކިމޭބިސްކަދުރާއި، އަޤިޠާއި، ކަދުރެވެ.“

ޖަނަވާރު ކައިއުޅޭ ކާނާއިން ޒަކާތް ނެރުމަކުން ޒަކާތަކަށް ނުވާނެއެވެ. އެހެނީ ރަސޫލާ ޒަކާތް ފަރުޟު ކުރައްވާފައި ވަނީ އެކަމުން މިސްކީނުންނަށް ކާންލިބުމަށެވެ. ޖަނަވާރުން­ނަކަށް ނޫނެވެ.

ފޭރާމާއި، އެނދުތަންމައްޗާއި، ތެލިތައްޓާއި، ހިފައިގެންގުޅޭ ސާމާނު ފަދަ، އާދަމުގެ ދަރީން ކާ ތަކެއްޗަށް ނުވާ ތަކެތިން ޒަކާތެއް ނުދެވޭނެ­އެވެ. އެހެނީ ނަބިއްޔާ ޒަކާތް ފަރުޟު ކުރައްވާފައި ވަނީ ކާބޯތަކެތިންނެވެ. އެހެން­ކަމުން ރަސޫލާ ޢައްޔަނުކުރައްވައި ކަނޑައަޅުއްވާފައިވާ ގޮތް ދޫކޮށް އެ ގޮތް ފަހަނަޅައި ނުދާށެވެ.

އަދި ހަމަ އެފަދައިން އެ ކާތަކެތީގެ އަގަށްވާ މިންވަރު ފައިސާއިން ނެރުމަކުން ވެސް ޒަކާތުގެ ގޮތުގައި ނުފުދޭނެއެވެ.

އެހެނީ އެއީ ﷲ ގެ ރަސޫލާ އަމުރު ކުރެއްވި ގޮތާ ޚިލާފު ގޮތަކަށް ވާތީއެވެ. އެކަލޭގެފާނުގެ އަރިހުން ޘާބިތު­ވެގެންވާ ޙަދީޘް­ފުޅެއްގައި ވެއެވެ. «مَنْ عَمِلَ عَمَلًا لَيسَ عَلَيهِ أَمْرُنا فَهُوَ رَدٌّ»7 މާނައީ: ”އަހަރެމެންގެ މި ދީނުގައި ނުވާ ގޮތަކަށް ޢަމަލެއް ކޮށްފި މީހާ، ދަންނާށެވެ، ފަހެ އެ ކަމެއް ވަނީ ރައްދު­ކުރެވިގެންނެވެ.“ އެހެން ރިވާޔަތެއްގައި ވެއެވެ. «مَن أحْدَثَ فِي أَمْرِنَا هَذَا مَا لَيسَ مِنْهُ فَهُوَ رَدٌّ»7 ”އަހަރެމެންގެ މި ދީނުގެ ތެރެއަށް އޭގެ ތެރެއިން ނުވާ ކަމެއް އަލަށް އުފައްދައިގެންފި މީހާ، (ދަންނާށެވެ،) ފަހެ އެކަމެއް ވަނީ ރައްދު ކުރެވިގެންނެވެ.“ މި ދެ ޙަދީޘުގައި (رَدّ) އޭ އޮތް ބަސް­ފުޅުގެ މާނައަކީ (مردودٌ) އެވެ. އެބަހީ ރައްދު ކުރެވިގެން ވުމެވެ.

ހަމަ އެހެންމެ ފައިސާއިން އޭގެ އަގު ނެރުމަކީ އިތުރު އެކަލޭގެފާނުގެ ޞަޙާބީން –– ގެ ޢަމަލު­ފުޅުތަކާ ވެސް ޚިލާފު ގޮތެކެވެ. އެހެނީ އެބޭ­ކަލުން ޒަކާތް ނެރުއްވައި އުޅުއްވީ ކާތަކެތީގެ ޞާޢަކުންނެވެ. ހަމަ­ކަށަވަރުން މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައި ވެއެވެ. «عَلَيْكُم بِسُنَّتي وسُنَّةِ الخُلُفُاءِ الرَّاشِدِينَ المَهْدِيِّينَ مِن بَعْدِي»8 ”ތިޔަބައި­މީހުން ތިމަންކަލޭގެފާނުގެ ސުންނަތުގައި ހިފައި އޭގެމަތީ ލާޒިމުވެ ތިބޭށެވެ. އަދި ތިމަންކަލޭގެފާނަށް ފަހުގައި ހިދާޔަތު ލިބިގެންވާ ޚުލަފާއުއްރާޝިދޫންގެ (ހަތަރު ޚަލީފާއިންގެ) ސުންނަތުގައި ވެސް ހިފައި އޭގެމަތީ ލާޒިމުވެ ތިބޭށެވެ.“

ހަމަ އެގޮތަށް ފިޠުރު ޒަކާތަކީ އެ ނެރުމުގައި ވަކި ބާވަތެއް ޢައްޔަނު ކުރެވިގެންވާ އަޅު­ކަމެކެވެ. އެކަމަށް ކަނޑައަޅުއްވާފައިވާ ވަގުތު ނޫން ވަގުތެއްގައި އެ ނެރުމުން އެ ޒަކާތް ޞައްޙަ ނުވާ ފަދައިން އެކަމަށް ކަނޑައެޅިފައިވާ ބާވަތް ނޫން ބާވަ­ތަކުން ނެރުމުން ވެސް ޒަކާތުގެ ގޮތުގައި ނުފުދޭނެއެވެ.

އަދި ހަމަ އެފަދައިން ޒަކާތް ނެރުމަށް ރަސޫލާ ކަނޑައަޅުއްވާފައި ވަނީ ތަފާތު ބާވަތް­ތަކަކުންނެވެ. އެ ބާވަތްތަކަކީ އާންމު ގޮތެއްގައި އަގު ތަފާތު ބާވަތް­ތަކެކެވެ. ޒަކާތް ނެރުމުގައި އޭގެ އަގަކީ މުޢުތަބަރު އެއްޗެއް ކަމުގައި ވީނަމަ ވާޖިބަކަށް ވީހީ ކޮންމެވެސް އެއް ވައްތަރަކުން ޞާޢެއްގެ މިންވަރެވެ. އަދި އެހެން ބާވަތް­ތަކުން އޭގެ އަގާއި އެއްވަރުވާ މިންވަރެވެ.

ޒަކާތަށް ވާ ފައިސާ ނެރުމުން އެކަމަކީ ފާޅުކަން ބޮޑު ޝިޢާރަކަށް ވުމުމުގެ ބަދަލުގައި ވެގެން އެދަނީ ވަންހަނާ­ވެގެންވާ ޞަދަޤާތަކަށެވެ. ކާތަކެތީގެ ޞާޢަކުން ޒަކާތް ނެރުމުން އެކަން ވެގެން ދާނީ މުސްލިމުންގެ ތެރޭގައި ކުޑަ ކުދިންނާއި ބޮޑެތި މީހުން ވެސް ދަންނަ ފާޅު­ވެގެން ވާ ޝިޢާރަކަށެވެ. އޭރުން އެ މިނެކިރާ ތަނާއި ބަހާ ތަން މީސް­ތަކުން­ނަން ފެނި، އެންމެން އެކަންތައް ދެނެ­ގަންނާނެ­އެވެ. ދޭ މީހާއާއި ހިފާ މީހާގެ ދެމެދު ވަންހަނާ ގޮތުގައި ދެވޭ ދިރުހަމުތައް މިއާ ތަފާތެވެ.

[ފިޠުރު ޒަކާތުގެ މިންވަރު]

ފިޠުރު ޒަކާތުގެ ގޮތުގައި ނެރެންޖެހޭ މިންވަރަކީ ނަބިއްޔާ ގެ ޞާޢާ އެއްވަރުގެ ޞާޢެއްގެ މިންވަރެވެ. އޭގެ ބަރުދަނަކީ މޮޅު ގޮދަނުން ނަމަ 480 މިޘްޤާލެވެ. އެއީ 2 ކިލޯއާއި ކިލޯ­އެއްގެ ފަންސަވީސް ބައިކުޅަ އެއްބައެވެ. އެހެނީ މިޘްޤާލެއްގެ ބަރުދަނަކީ ‎4¼‎ ގުރާމެވެ. ވީމާ 480 މިޘްޤާލަކީ 2040 ގުރާމެވެ. އެހެން­ކަމުން ނަބަވީ ޞާޢުގެ މިންވަރު ދެނެ­ގަންނަން ބޭނުން ނަމަ 2 ކިލޯ 40 ގްރާމުގެ މޮޅު ގޮދަން ކިރާފައި، އެވަރު އެޅީމައި ފުރޭ ވަރުގެ ތަށްޓެއް ހޯދާށެވެ. ދެން ޞާޢެއްގެ މިންވަރު މިނަން އެ ތަށި ބޭނުންކުރާށެވެ.

[ފިޠުރުޒަކާތް ނެރުން ވާޖިބުވާ ވަގުތު]

ފިޠުރު ޒަކާތް ނެރުން ވާޖިބުވާ ވަގުތަކީ ޢީދު ވިލޭރޭ އިރު އޮއްސުމެވެ. އެރޭ އިރު އޮއްސޭއިރު ޒަކާތް ވާޖިބުވާ މީހުންގެ ތެރޭ ހިމެނޭ އެންމެން ޒަކާތް ނެރުން ވާޖިބު ވާނެއެވެ. އެރޭ އިރުއޮއްސޭ އިރު ވާޖިބު ނުވި މީހަކަށް އެކަން ވާޖިބެއް ނުވާނެއެވެ. އެހެން­ކަމުން އެރޭ އިރުއޮއްސުމުގެ މިނިޓުކޮޅެއް ކުރިން މަރުވެއްޖެ މީހާގެ މައްޗަކަށް ފިޠުރު ޒަކާތް ވާޖިބެއް ނުވާނެއެވެ. ނަމަވެސް އިރުއޮއްސުމުގެ ކުޑަ ހިނދުކޮޅެއް ފަހުން މަރުވިޔަސް އޭނާގެ މަތިން ޒަކާތް ނެރުން ވާޖިބުވާނެއެވެ. ހަމަ އެހެންމެ އެރޭ އިރު އޮއްސުމުގެ ހިނދުކޮޅެއް ފަހުން އުފަންވާ ކުއްޖާގެ މަތިން ޒަކާތް ދޭކަށް ނުޖެހޭނެއެވެ. ނަމަވެސް ކުރިން ވެސް ބުނެވުނު ފަދައިން، އެކުއްޖާގެ މަތިން ވެސް ޒަކާތް ނެރުން ސުންނަތް ވެގެން ވެއެވެ. އަދި އެރޭ އިރު އޮއްސުމުގެ ކިތަންމެ ކުޑަ ވަގުތުކޮޅެއްގެ ކުރިން އުފަންވާ ކުއްޖާގެ މަތިން ވެސް ޒަކާތް ނެރުން ވާޖިބުވާނެއެވެ.

ޢީދުވިލޭރޭ އިރުއޮއްސުމުން ވާޖިބު ވަނީ އެ ވަގުތަކީ ރަމަޟާންމަހުގެ ރޯދައަށްފަހު ރޯދަ ދޫކޮށް­ލާ (ފިޠުރުގެ) ވަގުތު ކަމަށް ވާތީއެވެ. މި ޒަކާތް ގުޅިފައި ވަނީ މި ވަގުތާއެވެ. އެހެން­ކަމުން މި ޒަކާތަށް ”زكاةُ الفطرِ من رمضانَ“ (އެބަހީ: ރަމަޟާންމަހުގެ ފިޠުރުގެ ޒަކާތޭ) ވެސް ކިޔެއެވެ. ފަހެ މި ޒަކާތުގެ ޙުކުމް ގުޅިފައި ވަނީ މި ވަގުތާއެވެ.

[ފިޠުރު ނެރުމުގެ ވަގުތު]

ފިޠުރު ޒަކާތް ނެރުމުގެ ދެ ވަގުތެއް ވެއެވެ. އެއީ މޮޅުއިތުރު­ވެގެންވާ ވަޤުތާއި، ހުއްދަ­ވެގެންވާ ވަޤުތެވެ.

ޒަކާތް ނެރުން މޮޅުއިތުރު­ވެގެންވާ ވަޤުތަކީ: ޢީދު ދުވަހުގެ ހެނދުނު ޢީދުނަމާދު ކުރުމުގެ ކުރިންނެވެ. އެއީ އަބޫ ސަޢީދު ރިވާ­ކުރައްވާފައިވާ މި ޙަދީޘަށް­ޓަކައެވެ. «كُنَّا نُخْرِجُ فِي عَهْدِ النَّبِيِّ يَومَ الْفِطْرِ صَاعًا مِن طَعَامٍ»9 މާނައީ: ”ނަބިއްޔާ ގެ ޒަމާނުގައި ފިޠްރުގެ ދުވަހު (ޒަކާތުގެ ގޮތުގައި) އަހަރުމެން ނެރެ އުޅުނީ ކާތަކެތީގެ ޞާޢެކެވެ.“ އަދި އިބްނު ޢުމަރު ރިވާ­ކުރައްވާފައި ވެއެވެ. «أَنَّ النَّبِيَّ أَمَرَ بِزَكَاةِ الْفِطْرِ أَن تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلَاةِ»10 މާނައީ: ”މީސް­ތަކުން (ޢީދު) ނަމާދަށް ނުކުތުމުގެ ކުރިން ފިޠުރު ޒަކާތް އަދާ­ކުރުމަށް ނަބިއްޔާ އަމުރު­ކުރެއްވިއެވެ.“

އެހެން­ކަމުން އެދެވިގެން ވަނީ ޢީދު ދުވަހު ޒަކާތް ނެރެން ވަގުތު ދިނުމަށް­ޓަކައި ޢީދު ނަމާދު ލަސް­ކުރުމެވެ.

ޒަކާތް ނެރުން ޖާއިޒުވާ ވަޤުތަކީ ޢީދުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިއެވެ. ނާފިޢު ގެ އަރިހުން ރިވާ­ވެގެން ވެއެވެ. كانَ ابنُ عمرَ يعْطِي عن الصغير والكبير حتى إن كانَ يعطِي عن بنِيَّ، وكان يُعْطِيها الَّذِين يَقْبلونَها، وكانُوا يُعْطَوْن قبْلَ الفطرِ بيومٍ أو يومين.11 ”ކުޑަކުއްޖާއާއި ބޮޑުމީހާގެ ކިބައިން ވެސް އިބްނު ޢުމަރު ޒަކާތް ދެއްވާ­ކަމުގައި ވިއެވެ. އެގޮތިން ތިމަންކަލޭގެފާނުގެ ދަރީންގެ މަތިން ވެސް ދެއްވައެވެ. ދެއްވަނީ އެ ބަލައިގަންނަ މީހުންނަށެވެ. އެމީހުންނަށް އެ ދެއްވައި އުޅުއްވީ ޢީދުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިންނެވެ.“

އަދި ޒަކާތް ދިނުން ޢީދު ނަމާދަށްވުރެ ފަސްކުޅައުން ހުއްދަ­ވެގެން ނުވެއެވެ. ޢުޛުރަކާ ނުލައި ޢީދުނަމާދަށްވުރެ ފަސް­ކޮށްފި­ނަމަ މަޤްބޫލު ޒަކާތަކަށް ނުވާ­ހުއްޓެވެ. އެހެނީ އެއީ ރަސޫލު ﷲ އަމުރު ކުރެއްވި ގޮތާ ޚިލާފު ގޮތަކަށް ވާތީއެވެ. އިބްނު ޢައްބާސް ގެ ޙަދީޘް އިސްވެ ހިނގައްޖެއެވެ. އެއީ «فَرَضَ رَسُولُ اللهِ زَكَاةَ الفِطْرِ طُهْرةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ وَطُعْمَةً لِّلْمَسَاكِينِ، فَمَن أَدَّاهَا قَبْلَ الصَّلَاةِ فَهِي زَكَاةٌ مَقْبُولَة، وَمَن أَدَّاهَا بَعْدَ الصَّلَاةِ فَهِيَ صَدَقَةٌ مِنَ الصَّدَقَاتِ»3 މާނައީ: ”ބޭކާރު ވާހަކަ­ތަކާއި އެފަދަ ކަންތައް­ތަކާއި ނުބައި ޢަމަލު­ތަކުން ރޯދަ­ވެރިއާއަށް ހުރި ޠާހިރު ކުރެއްވުމެއް ކަމުގައްޔާއި، މިސްކީނުންނަށް ކާންލިބޭނޭ ގޮތެއް­ކަމުގައި ރަސޫލު ﷲ ފިޠުރު ޒަކާތް ފަރުޟު ކުރެއްވިއެވެ. ފަހެ ޢީދުނަމާދުގެ ކުރިން އެ ޒަކާތް އަދާ­ކޮށްފި ނަމަ އެއީ މަޤްބޫލު ޒަކާތެކެވެ. އަދި ނަމާދުގެ ފަހުން އަދާ­ކޮށްފި­ނަމަ ވާނީ ޢާންމު ޞަދަޤާތް­ތަކުން ޞަދަޤާތަކަށެވެ.“

ޢުޛުރަކާހެދި ޒަކާތް ނުދެވި ލަސްވިޔަސް މައްސަލަ­އެއް ނެތެވެ. އޭގެ އެއް މިސާލަކީ މީހަކު ރަށްބޭރުގައި އުޅެނި­ކޮށް ޢީދު ދުވަސް ލައި­ގަތުމެވެ. އޭރު އޭނާއާ އެކުގައި ޒަކާތުގެ ގޮތުގައި ދޭނޭ އެއްޗެއްވެސް އަދި ދޭނޭ މީހަކު ވެސް ނެތެވެ. ނުވަތަ ޢީދަށް ހަނދުފެނުނު ކަމުގެ ޚަބަރު މީހަކަށް ލިބުނީ ނަމާދުގެ ކުރިން ޒަކާތް ނުދެއްކޭހައި ވަގުތު ކުޑަތަން­ވެފައި ވަނި­ކޮށް ކުއްލިގޮތަކަށެވެ. ނުވަތަ މީހަކު އޭނާގެ މަތިން ޒަކާތް ދެއްކަން އެހެންމީހަކާ ހަވާލޮ­ކޮށްގޮން އުޅެނި­ކޮށް އެ މީހާ ހަނދާންނެތުމެވެ. މިފަދަ ޙާލަތް­ތަކުގައި ޢީދުގެ ފަހުން ޒަކާތް ނެރުނަސް މައްސަލަ­އެއް ނެތެވެ. އެއީ އޭނާއަކީ ޢުޛުރު­ވެރިއަކަށް ވީތީއެވެ.

ވާޖިބު ވެގެން ވަނީ ޒަކާތް އޭގެ ޙައްޤު­ވެރިޔާއަށް، ނުވަތަ ޙައްޤު­ވެރިޔާގެ ވަކީލަށް ޢީދުނަމާދުގެ ކުރީގައި، ޒަކާތުގެ ވަގުތުގައި ފޯރުމެވެ. ވަކި މީހަކަށް ދޭން ނިޔަތްގަނެގެން ހުއްޓައި ވަގުތު ޖެހުނުއިރު އޭނާއާ ނުވަތަ އޭނާގެ ވަކީލަކާ ވިޔަސް ދިމާ ނުވި­ނަމަ އެހެން ޙައްޤު­ވެރިއަކަށް ދޭނީއެވެ. ވަގުތު ފާއިތުވަންދެން ލަސް­ކުރުމެއް ނެތެވެ.

[ޒަކާތް ނެރެންޖެހޭ ތަން]

ޒަކާތް ނެރެވޭ ހުށީ އެ ވަގުތު އޭނާ ހުރި ރަށެއްގެ ފަޤީރުންނަށެވެ. އެއީ އޭނާ ދިރިއުޅޭ ރަށަށް ވިޔަސް އެހެން މުސްލިމް ޤައުމަކަށް ވިޔަސް މެއެވެ. އަދި ވަކިން ޚާއްޞަ­ކޮށް އެ ރަށަކީ މައްކާއާއި މަދީނާ ފަދަ މާތް ތަނަކަށް ވާނަމަ، ނުވަތަ އޭނާ ހުރި އެރަށުގެ ފަޤީރުން އެއަށް ބޮޑަށް ބޭނުންޖެހިފައި ވާނަމައެވެ. ފަހެ އޭނޭ ހުރި ރަށުން ޒަކާތް ދޭނޭ މީހަކު ނުވި­ނަމަ، ނުވަތަ އޭގެ ޙައްޤުވެރީން ނޭނގުނު­ނަމަ، އެހެން ތަނެއްގައި ހައްޤު­ވެރި ބަޔަކަށް އެ ޒަކާތް ދައްކަން ވަކީލަކު ހަމަޖައްސާނީއެވެ.

[ފިޠުރު ޒަކާތް ޙައްޤުވާ ފަރާތްތައް]

ފިޠުރު ޒަކާތުގެ ޙައްޤުވެރީންނަކީ ފަޤީރުންނާއި، ދަރަނި އަދާ­ކުރެވޭނެ ފަދަ­އެއް ނެތް ދަރަނިވެރީންނެވެ. އެމީހުންގެ ޙާޖަތަށް ފުދޭވަރަށް އެމީހުންނަށް ދޭނީއެވެ.

އެކަކު ޒަކާތުގެ ގޮތުގައި ދޭ ތަކެތި އެކަކަށްވުރެ ގިނަ ފަޤީރުންގެ މެދުގައި ބެހުން ހުއްދައެވެ. ނުވަތަ އެއް ބަޔަށްވުރެ ގިނަ ބައި އެއް މިސްކީނަކަށް ދިނުން ވެސް ހުއްދަ­ވެގެން ވެއެވެ. އެހެނީ ނަބިއްޔާ މިން­ކުރައްވާފައި ވަނީ ނެރެންވީ މިންވަރެވެ. ދޭންވީ ކާކަށްކަން (ވަކިވަކިން) މިން­ކުރައްވާފަ­އެއް ނުވެއެވެ. އެހެން­ކަމުން ބަޔަކު­މީހުން އެމީހުންގެ ޒަކާތުގެ ތަކެތި މިނާފައި އެކައްޗަކަށް އެޅުމަށްފަހު، ދެން އެއިން ނުމިނައި ބެހިޔަސް އެންމެ ރަނގަޅު ވާނެއެވެ. ނަމަވެސް އެގޮތަށް ދޭކަމުގައި ވާނަމަ އޭގެ މިންވަރު ނޭނގޭކަން ފަޤީރު މީހާއަށް ބުނެދޭން ވާނެއެވެ. އެހެންނޫނީ އޭނާއަށް ނޭނގި (ޞާޢެއް ހަމަވާ­ކަމަށް ހީކޮށް) އޭނާގެ އަމިއްލަ ނަފްސުގެ މަތިން ނުވަތަ ޢާއިލާ މީހެއްގެ މަތިން ޒަކާތުގެ ގޮތުގައި އެތަކެތި ދައްކަ­ފާނެއެވެ. އަދި ފަޤީރު މީހާއަށް އެހެން މީހެއްގެ ފަތާރުން ޒަކާތް ލިބުމަށްފަހު، އެތަކެތި މިނާފައި ނުވަތަ ދިންމީހާ ކިރާފައި ބުނި ބަހަށް އިތުބާރު ކުރެވޭ­ނަމަ އެބަހަށް ބަލާފައި، އޭނާގެ ނަފްސުގެ މަތިން ނުވަތަ ޢާއިލާ މީހެއްގެ މަތިން ޒަކާތުގެ ގޮތުގައި އެ ދެއްކުން ހުއްދަ­ވެގެން ވެއެވެ.

اللهُمَّ وفِّقْنا للقيام بطاعتِك على الوجهِ الَّذِي يرضيكَ عنَّا، وزَكِّ نفوسَنا وأقوالَنا وأفعالَنَا وطهِّرنا من سوءِ العقيدةِ والقولِ والعملِ، إنك جوادٌ كريمٌ، وصلَّى الله وسلَّم على نبينا محمد وعلى آله وصحبه أجمعين.

މަޞްދަރު: މަޖާލިސު ޝަހްރި ރަމަޟާން، އައްޝައިޚް މުޙައްމަދު ބިން ޞާލިޙް އަލްޢުޘައިމީން. ޞ 207–214.


  1. متفق عليه. ↩︎

  2. متفق عليه ↩︎

  3. ރިވާ­ކުރެއްވީ އަބޫދާވޫދާއި އިބްނު މާޖާ. އަދި އަލްޙާކިމް ވެސް މި ޙަދީޘް ނެރުއްވައި، ޞައްޙަ ކުރައްވާފައި ވެއެވެ. ↩︎

  4. އަޤިޠަކީ ގެރިބަކަރީގެ ކިރު ހިއްކައިގެން ގިނަދުވަހަށް ހުންނަ ގޮތަށް ހަދާ އެއްޗެކެވެ. ↩︎

  5. متفق عليه. ↩︎

  6. رواه البخاري. ↩︎

  7. ރިވާ­ކުރެއްވީ މުސްލިމް. ނަމަވެސް މި ޙަދީޘްގެ އަޞްލު ދެ ޞަޙީޙުގައި ވެސް ރިވާ­ވެގެން ވެއެވެ. ↩︎

  8. رواه أحمد وأبو داود وابن ماجه، والترمذي وقال: حسن صحيح، وقال أبو نعيم: حديث جيد من صحيح حديث الشاميين. ↩︎

  9. رواه البخاري ↩︎

  10. رواه البخاري ومسلم وغيرهما ↩︎

  11. رواه البخاري ↩︎