އިބްނު ތައިމިއްޔާ ވިދާޅުވިއެވެ:
ނަމާދުގެ ސިފަތަކާއި އޭގެ ޝިޢާރުތަކުގެ ތެރެއިން ބިސްމި ކިޔުމުގެ މައްސަލައާމެދު ދަންނާށެވެ! ފަހެ ބިސްމިއަކީ ޤުރްއާނުގެ (އެބަހީ އަލްޙަމްދުގެ) އާޔަތެއްކަން ސާބިތު ކުރުމާއި ނަފީ ކުރުމުގައްޔާއި، (ނަމާދުގައި) ބިސްމި ކިޔުމާ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ. އަދި މައްސަލައިގެ ދެ ފަރާތުން ވެސް ފޮތްތައް ލިޔެވިފައިވާއިރު، އޭގެ ތެރެއިން ބައެއް ވާހަކަތަކުން ޖަހާލަތާއި އަނިޔާވެރިކަމުގެ ބާވަތެއް ފާޅުވެއެވެ. ކަމަކީ ކިތަންމެހައި ވެސް އާދައިގެ ލުއި ކަމަކަށް ވާ ހިނދުގައެވެ.
ފަހެ މި މައްސަލަތަކާއި މިފަދަ މައްސަލަތަކުގައި ތަޢައްޞުބުވުން ދަންނާށެވެ! ފަހެ އެއީ އަހަރެމެންނަށް ނަހީ ކުރައްވާފައިވާ ބައިބައިވުމާއި އިޚްތިލާފުގެ ޝިޢާރުތަކުގެ ތެރެއިންވާ ކަމެކެވެ. އެހެނީ މިކަމަށް ގޮވާލާ ސަބަބަކީ އުއްމަތް ބައިބައިކުރަނިވި ޝިޢާރުތައް ނެރެ ފާޅުކުރުމެވެ. އެހެންޏާ މި މައްސަލަތަކަކީ ޚިލާފީ މައްސަލަތަކުގެ ތެރެއިން މުހިންމުކަމުގެ ގޮތުން އެންމެ ލުއި މައްސަލަތަކުގެ ތެރޭ ހިމެނޭ ކަންކަމެވެ. ބައިބައިވުމުގެ ޝިޢާރުތައް ފައުޅު ކުރުމަށް ޝައިޠާނާ ގޮވާ ގޮވެލި ނުވާނަމައެވެ.
[ މަޖްމޫޢުލް ފަތާވާ 22/405]
އެއަށްފަހު ބިސްމީގެ މައްސަލައިގެ ޤައުލުތައް ގެންނެވުމަށްފަހު ވިދާޅުވިއެވެ.
މިފަދަ މުސްތަޙައްބު ކަންކަން ދޫކޮށްލައިގެން ވިޔަސް މީސްތަކުންގެ ހިތްތައް އެއްބައިކުރަން ޤަޞްދުކުރުން އެދެވިގެން ވެއެވެ. އެހެނީ މިކަންކަން ކުރުމުގެ މަޞްލަޙަތަށްވުރެ މީސްތަކުންގެ ހިތްތައް އެކުވެރިކުރުމުގެ މަޞްލަޙަތަކީ ދީނުގައި މާ އިސްކަންދެވޭ މަޞްލަޙަތެކެވެ. ގެފުޅުގެ ބިނާކުރެވިފައިވާ ގޮތް ބަދަލު ނުކުރައްވައި ނަބިއްޔާ ﷺ ދޫކޮށްލެއްވި ފަދައިންނެވެ. އެއީ އެ ގެފުޅު ހުރި ގޮތަށް ބެހެއްޓުމުގައި ހިތްތައް އެއްބައިކުރުން އެކުލެވިގެން ވާތީއެވެ. އަދި ޢުޘްމާނުގެފާނު ދަތުރުމަތީގައި ނަމާދު (ޤަޞްރު ނުކުރައްވައި) ފުރިހަމައަށް ކުރެއްވުމުން އިބްނު މަސްޢޫދު އެކަލޭގެފާނަށް އިންކާރު ކުރެއްވުމަށްފަހުގައި ވެސް އެކަލޭގެފާނުގެ ފަހަތްޕުޅުގައި ފުރިހަމައަށް ކުރެއްވި ފަދައިންނެވެ. އަދި ވިދާޅުވިއެވެ. ”ޚިލާފުވުމަކީ ނުބައިކަމެކެވެ.“
[ 22/407]