އިބްނުލް ޤައްޔިމް ވިދާޅުވިއެވެ.

ނަޞޭޙަތް ދިނުމާއި އެއްޗެހި ކިޔުމުގެ ފަރަޤު ދަންނައެ، ފަހެ ނަޞޭޙަތަކީ ތިބާ ނަޞޭޙަތް ދޭ ފަރާތަށް އޯގާ­ތެރިވުމާއި، ހެޔޮއެދުމާއި، ޣީރަތް­ތެރިވުމުގެ ސޫރައިގައި ވެވޭ އިޙްސާން­ތެރި­ކަމެކެވެ. އެއީ ރަޙްމަތާއި، އޯގާ­ތެރި­ކަމުގެ ސަބަބުން އުފެދިގެން އަންނަ ސާފުސީދާ އިޙްސާން­ތެރި­ކަމެކެވެ. އެކަމުގައި ނަޞޭޙަތް­ތެރިޔާގެ އެދުމަކީ ﷲގެ ވަޖުހު­ފުޅެވެ. އެކަލާނގެ ރުއްސެ­ވުމެވެ. އަދި އެކަލާނގެ ޚަލްޤު­ތަކުންނަށް އިޙްސާން­ތެރި­ވުމެވެ. އެހެން­ކަމުން އެކަމުގައި އޭނާ ވީހައި ވެސް ބޮޑަށް އޯގާ­ތެރި ވެއެވެ. އަދި ނަޞޭޙަތް ދެވޭ ފަރާތުގެ ދުއްތުރާލާއި އޭނާގެ މަލާމާތް ތަޙައްމަލު­ކުރެއެވެ. އޭނާއާ މެދު މުޢާމަލާތު ކުރަނީ ބަލިބޮޑު­ވެފައިވާ ބަލިމީހަކާ މެދު އޭނާއަށް އޯގާ­ތެރިވާ މޮޅު ޑޮކްޓަރަކު ޢަމަލުކުރާ ފަދައިންނެވެ. އޭނާއަށް ބޭސް ފޯރު­ކޮށް­ދިނުމުގައި، އޭނާގެ ޚުލުޤު ނުބައި­ކަމާއި، ގަދަދެއްކުމާއި، ނަފްތަރު ތަޙައްމަލު ކޮށް، އޯގާ­ތެރި­ކަމާއެކު އެ ބޭސް އޭނާއަށް ފޯރު­ކޮށްދެވޭތޯ ބަލައެވެ. މިއީ ނަޞޭޙަތް­ތެރިޔާގެ ކަންތައް ހުރި ގޮތެވެ.

އެއްޗެހިކިޔާ ދަންނައެ، ފަހެ، އޭނާގެ ޤަޞްދަކީ ނަޞޭޙަތް ދިނުމުގެ ސޫރައިގައި އަނެކާ ބޭޒާރު­ކޮށްލައި، އިހާނެތި­ކޮށް ދެރަ­ކޮށްލުމެވެ. އޭނާއަށް އެއްޗެހި ކިޔައި އަގުވައްޓާލުމެވެ. ހެޔޮއެދޭ ނަޞޭޙަތް­ތެރި­އެއްގެ ސޫރައިގައި ބުނާނީ: އޭ މިވެނި ކަމެއް ކުރާ މީހާއެވެ! އޭ އިހާނެތި­ކަމާއި ދެރަކަން ޙައްޤުވާ މީހާއެވެ! މިފަދައިންނެވެ.

މިފަދަ މީހެއްގެ ޢަލާމަތަކީ: އޭނާ ލޯބިވާ، އޭނާ ހެޔޮއެދޭ މީހަކު، ހަމަ އެފަދަ ޢަމަލެއް ނުވަތަ އެއަށްވުރެ ވެސް ނުބައި ޢަމަލެއް ކުރަނި­ކޮށް ފެނުނު­ކަމުގައި ވިޔަސް އޭނާއަށް ހުރަހެއް ނާޅާނެއެވެ. އަދި އެއްޗެކޭ ވެސް ނުކިޔާނެއެވެ. ބަލާނީ އޭނާއަށް ކޮންމެވެސް ބަހަނާ­އެއް ހޯދޭ­ތޯއެވެ. ބުނާނެއެވެ: މަޢުޞޫމުކަން ޖާމިނު­ވެގެން ވަނީ އަހަރެމެންގެ ތެރެއިން ވަކި ކާކަށް ހެއްޔެވެ؟ އިންސާ­ނުންނަކީ ކުށް­ކުރެވޭ ބައެކެވެ. އޭނާގެ ނުބައި ކަންތަކަށް ވުރެ ހެޔޮގަންތައް ގިނަ­ވެގެން ވެއެވެ. އަދި ﷲ އަކީ ފާފަ ފުއްސަވާ ރަޙީމް­ވަންތަ އިލާހެވެ. މިފަދަ ބަސް­ތަކެވެ.

ކޮންފަދަ އަޖައިބެއް ތޯއެވެ! އޭނާ ރުޅިއަރާ މީހާއާ މެދު އެހެން ކަންތައް ކޮށްފައި، ލޯބިވާ މީހާއާ މެދު މިހެން ކަންތައް މިކުރީ ކިހިނަކުން ހެއްޔެވެ! ނަސޭޙަތުގެ ސިފައިގައި ތިބާގެ ފަރާތުން އޭނާއަށް ލިބުނު އެއްޗަކަށްވީ އެއްޗެހިކިޔުން ކަމަށް ވެފައި މީނާއަށް ލިބުނު އެއްޗަކީ، ފުއްސެވުމާއި މަޣުފިރަތަށް އުންމީދު­ކޮށް، އެކިއެކި ބަހަނާތައް ހޯދުން ކަމުގައި ވީ ކިހިނަކުން ހެއްޔެވެ!

ނަޞޭޙަތް­ތެރިޔާއާއި އެއްޗެހިކިޔާ މީހާގެ މެދުގައިވާ ފަރަޤުތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ: ނަޞޭޙަތް­ތެރިޔާގެ ނަޞޭޙަތް ތިބާ ޤަބޫލު ނުކުރިޔަސް އޭނާ ތިބާއާ ޢަދާވާތް­ތެރި­އެއް ނުވާނެއެވެ. އޭނާ ބުނާނީ: ތިބާ ޤަބޫލު ކުރިޔަސް ނުކުރިޔަސް އަހަރެންގެ އަޖުރު ﷲގެ ޙަޟްރަތުގައި ސާބިތު­ވެގެން ވާނެއެވެ. އަދި އޭނާ ތިބާ ނެތް ތަނުގައި ވެސް ތިބާއަށް ހެޔޮދުޢާ ކުރާނެއެވެ. އަދި ތިބާގެ ޢައިބުތަކުގެ ވާހަކަ ދައްކައި މީސް­ތަކުންގެ ތެރޭގައި ނުފަތުރާނެއެވެ. އެއްޗެހިކިޔާ މިހާގެ ކަންތައް ހުންނާނީ މީގެ އިދިކޮޅަށެވެ.

މަޞްދަރު: އައްރޫޙު، ޞ: 716–717