ނިޔަތަކީ ހިތުގައި އޮންނަ އެއްޗެކެވެ. އެ ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ. އަދި ނިޔަތް ދުލުން ކިޔުމަކީ ބިދުޢައެކެވެ. މިސާލަކަށް نَوَيْتُ أَن أُصَلِّي ނަމާދަށް ނިޔަތްގެންފީމޭ، نَوَيْتُ أَن أَحُجَّ ޙައްޖަށް ނިޔަތްގެންފީމޭ، ނޫނީ نَوَيْتُ أَن أَتَصَدَّقَّ ޞަދަޤާތްކުރަން ނިޔަތްގެންފީމޭ މި ފަދައިން މުސްލިމަކު ކިޔައިގެން ނުވާނެއެވެ. އެހެނީ މިއީ ބިދުޢައެކެވެ. ނިޔަތުގެ މަޙައްލަކީ ހިތެވެ. އެއީ ހިތުގެ ޢަމަލެކެވެ. ދުލުގެ ޢަމަލެއް ނޫނެވެ. އެ ބާރަށް ކިޔުމީ އޭގައި ދެއްކުންތެރިކަން އެކުލެވިގެން ވާ ކަމެކެވެ. ރަސޫލާ ﷺ ނަމާދު ކުރައްވަން، ނޫނީ އެހެން ވެސް ހެޔޮ ޢަމަލެއް ކުރައްވަން އެދިވަޑައިގެންފި ހިނދު ވެސް އެ ކަމުގެ ނިޔަތް ދުލުން ކިޔުއްވި ކަމަށް އެއްގޮތަކަށް ވެސް ސާބިތުވެގެނެއް ނުވެއެވެ.
އާއެކެވެ. ޙައްޖަތުލް ވަދާޢުގައި «لَبَّيْكَ عُمْرَةً وَحَجًّا»1 މިހެން ޙަދީޘް ކުރައްވައި ރަސޫލާ ﷺ އިޙްރާމް ބެންނެވި ކަމަށް އައިސްފައި ވެއެވެ. މިއީ އެކަލޭގެފާނުގެ ދޫފުޅުން އެކަލޭގެފާނުގެ ނިޔަތް ވިދާޅުވުމެއް ނޫނެވެ. އެކަލޭގެފާނުގެ ދޫފުޅުން ޙަދީޘްކުރެއްވީ ނިޔަތްގަނެވުނު ކަންތަކެވެ. އެއީ ޙައްޖުގެ ނުސުކުތަކުން ކުރެ އެދިވަޑައިގަތް ގޮތެއް ކަނޑައެޅުއްވުމެވެ. އެދިވަޑައިގަތީ ޙައްޖެއްތޯ ނުވަތަ ޢުމްރާއެއްތޯއާއި، ޙައްޖު ކުރައްވާނީ ޢުމްރާއާ އެއްކޮށް ޤާރިންކޮށްތޯ، ޙައްޖު އެކަނިތޯ، ނޫނީ ތަމައްތުޢުކޮށްތޯ ކަނޑައެޅުއްވުމެވެ. އެ ބަސްފުޅު ޙަދީޘްކުރެއްވީ އެދިވަޑައިގަތް ނުސުކެއް ޢައްޔަނުކުރެއްވުމަށެވެ. މީގެ މުރާދަކީ ދުލުން ނިޔަތް ކިޔުއްވުމެއް ނޫނެވެ. نويت الحج ޙައްޖަށް ނިޔަތްގަންނަވައިފީމޭ، نويت العمرة ޢުމްރާއަށް ނިޔަތްގަންނަވައިފީމޭ، ނޫނީ نويت التمتع ތަމައްތުޢުގެ މަގުން ޙައްޖުކުރައްވަން ނިޔަތްގަންނަވައިފީމޭ، نويت القران ޤިރާންކޮށް ކުރަން ނިޔަތްގަންނަވައިފީމޭ، މިފަދައިން އެކަލޭގެފާނު ޙަދީޘެއްނުކުރައްވައެވެ. ހަމަ އެގޮތަށް أريد الحج ތިމަންކަލޭގެފާނު ބޭނުންފުޅުވަނީ ޙައްޖުކުރައްވާށޭ، أريد العمرة ނޫނީ ބޭނުންފުޅީ ޢުމްރާއެއް ކުރައްވާށޭ ވެސް ޙަދީޘެއްނުކުރައްވައެވެ. މި ބަސް، أريد މިތާނގައި ބޭނުންކުރުން ހުއްދައެއް ނުވާނެއެވެ. ބައެއް ފިޤުހު ޢިލްމުވެރީން އެހެން ވިދާޅުވި ކަމުގައި ވިޔަސް އެއީ ގޯހެކެވެ. އެހެނީ ރަސޫލާ ﷺ ގެ އަރިހުން ވާރިދުވެގެން ވަނީ ޙައްޖުގައި އެދިވަޑައިގަތް ނުސުކު ޢައްޔަނުކުރެއްވުމުގެ ގޮތުން އެކަން ދޫފުޅުން ވިދާޅުވުމެވެ. އެއީ ދޫފުޅުން ނިޔަތް ވިދާޅުވުމެއް ނޫނެވެ.2
އެހެންކަމުން ނަމާދުގައި ވިޔަސް، ޒަކާތުގައި ވިޔަސް ކުރާ އެހެން ޢަމަލެއްގައި ވިޔަސް، ދުލުން ނިޔަތް ކިޔުން ހުއްދަވެގެނެއް ނުވެއެވެ. ދުލުން އެއްވެސް ނިޔަތެއް ކިޔުމަކާ ނުލައި އޭނާ އެ ޢަމަލެއް އަދާކުރާނީއެވެ. އެހެނީ އޭނާގެ ހިތުގައި ވާ ކަންތައް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. މިސާލަކަށް އޭނާ ނުބައި ނިޔަތެއްގައި ޢަމަލު ކުރަމުން، ތިމަންނާގެ ނިޔަތަކީ ﷲގެ ވަޖުހުފުޅޭ ދުލުން ކިތަންމެ ވަރަކަށް ކީ ކަމުގައި ވިޔަސް އޭނާގެ ހިތުގައި ވާ އެއްޗެއް ﷲ ދެނެވޮޑިގެން ވާނެއެވެ. އޭނާ ދުލުން ކީ ލަފްޒަކުން ކުރާނޭ ފައިދާއެއް ނޯންނާނެއެވެ. ފަހެ މިކަމަކީ ބިދުޢައެކެވެ. ނިޔަތުގެ މަޙައްލަކީ ހިތެވެ. އެ އަޑުހަރުކޮށް ކިޔުމީ ބިދުޢައެކެވެ. އަދި މީގެ އިތުރުން ދެއްކުންތެރިކަމުގެ، ރިޔާއުގެ، ޢަމަލެއް މެއެވެ. މިއީ ވަރަށް މުހިންމުކަން ބޮޑު މައްސަލައެކެވެ. މިހާރުވެސް ބައެއް މީހުން ޠަޥާފުކުރާ ހިނދުގައްޔާއި، ނަމާދުކުރާ ހިނދު، ނޫނީ އެހެންވެސް ޢަމަލެއް ކުރާހިނދު ދުލުން ބާރަށް ނިޔަތް ކިޔައެވެ. މި ކަމަކީ ﷲ އެއަށް އެއްވެސް ޙުއްޖަތެއް ބާވައިލައްވާފައި ނުވާ ބިދުޢައެކެވެ.
ދުލުން ނިޔަތް ކިޔަން ޖެހޭނެ ކަމަށް އަލްއިމާމު އައްޝާފިޢީ ވިދާޅުވާ ކަމަށް ބައެއް މީހުން ބުނެ އެކަލޭގެފާނަށް މި ޤައުލު ނިސްބަތް ކުރެއެވެ. ނަމަވެސް މި ކަމަށް ދެ[ތިން] ގޮތަކުން ރައްދު ދެވެއެވެ.
ފުރަތަމައީ: މި ޤައުލު އަލްއިމާމުއްޝާފިޢީ ގެ އަރިހުން ޞައްޙަކޮށް ސާބިތުވެފައެއް ނުވެއެވެ.
ދެވަނައީ: އެކަލޭގެފާނުގެ އަރިހުން މި ޤައުލު ސާބިތުވީ ކަމުގައި ވިޔަސް، އެކަލޭގެފާނުގެ ބަސްފުޅަކީ ޙުއްޖަތެއް ނޫނެވެ. އެކަލޭގެފާނަކީ ވެސް ބައެއް ފަހަރު ކުށްކުރެވޭ، އަނެއްބައި ފަހަރު ރަނގަޅަށް ކަންތައް ނިންމޭ، މުޖްތަހިދު ޢިލްމުވެރިއެކެވެ. ޙުއްޖަތް ވަނީ ރަސޫލާ ﷺ ގެ ބަސްފުޅުގައެވެ. އިމާމް އައްޝާފިޢީގެ، ނޫނީ އިމާމް އަޙްމަދުގެ، ނޫނީ އިމާމް އަބޫ ޙަނީފާގެ، ނޫނީ އިމާމް މާލިކުގެ ބަސްފުޅުތަކުގައެއް ނޫނެވެ. ޢިލްމުވެރިޔާގެ ބަސް ޙުއްޖަތަކަށް ވާނީ އެ ޤައުލާ ދަލީލާ ދިމާވުމުންނެވެ.
ތިންވަނައީ: އައްޝާފިޢީ ގެ އަރިހުން ރިވާވެގެން ވަނީ: ”ނަމާދު އެހެން އަޅުކަންތައް ފަދައެއް ނޫނެވެ. ﷲ ޛިކުރުކުރުމާއެކު މެނުވީ ނަމާދުގެ ތެރެއަށް ނުވަދެވޭހުއްޓެވެ.“3 މި ފަދައިންނެވެ. ނަމަވެސް މިތާގައި ޛިކުރުގެ މުރާދަކީ ޙަރަމްބަން ތަކްބީރެވެ. (ނަމާދު ފަށާއިރު ކިޔާ الله أكبر މި ތަކްބީރެވެ.)
ކޮންމެއަކަސް، ނިޔަތަކީ ހިތުގެ ޢަމަލެކެވެ. އެ ދުލުން ކިޔުން ހުއްދައެއް ނުވާނެއެވެ.
ފަހެ ތިމަން އެވެނި ކަމަކަށް ނިޔަތް ގެންފީމޭ މިވެނި ކަމެއް ކޮށްފީމޭ ބުނެ ﷲ އަށް އެކަން އަންގައިދޭކަށް ނުޖެހޭނެއެވެ. ތިބާ އެހެން ނުބުންޏަސް ﷲ އެ ކަންކަން މޮޅަށް ދެނެވޮޑިގެން ވެއެވެ. ތިބާއަށް އޮތީ ތިބާގެ ހިތްނިޔަތް އިސްލާޙުކޮށް ދުލުން އެ ނުބުނެ އެ ނިޔަތް ސިއްރުކުރުމެވެ.
ހަމަ އެގޮތަށް އުޟުޙިޔާ ކަތިލާއިރު ކިޔާ ދުޢާއަކީ ވެސް ދުލުން ކިޔޭ ނިޔަތެއް ނޫނެވެ. «اللهم مِنكَ وَلَكَ، عَن مُّحَمَّدٍ وَأُمَّتِهِ، بِاسْمِ اللهِ وَاللهُ أَكْبَرُ، ثم ذبح»4 މާނައީ: ”މިއީ އިބަ ﷲ ދެއްވި އެއްޗެކެވެ. މި ވަނީ އިބަ ﷲ އަށެވެ. މުޙައްމަދުގެފާނާއި އެކަލޭގެފާނުގެ އުންމަތުގެ ކިބައިން މި ޛަބަޙަކުރައްވަމަވެ. بِاسْمِ اللهِ وَاللهُ أَكْبَرُ، މިހެން ވިދާޅުވެ ރަސޫލާ ﷺ ޛަބަޙަކުރައްވައެވެ.“ މިއީ ނިޔަތް ވިދާޅުވުމެއް ނޫނެވެ. މިއީ ދުޢާއެކެވެ. އަދި ނިޔަތްގަނެވުނު ކަންތައް ބަޔާންކުރެއްވުމެވެ. ޙައްޖުގައި ނުސުކު ބަޔާންކުރެއްވި ފަދައިންނެވެ. ތިބާ އުޟުޙިޔާ ކަތިލާއިރު އެ ގަސްދުކުރި ކަންތައް ބަޔާންކުރަނީއެވެ. އެއީ ކަތިލަނީ ތިބާގެ އަމިއްލަ ނަފްސަށްތޯ ނޫނީ ތިބާގެ މައިންބަފައިންގެ ކިބައިން ތޯ އެހެން މީހެއްގެ ކިބައިންތޯ ވަކިކޮށް ބަޔާންވުމަށްޓަކައި ކިޔާ އެއްޗެކެވެ.
މަޞްދަރު: އަލްމިންޙަތުއްރައްބާނިއްޔާ ފީ ޝަރްޙިލް އަރްބަޢީނަ އައްނަޥަޥިއްޔާ. އައްޝައިޚް ޞާލިޙް އަލްފައުޒާން.
-
ޞަޙީޙު މުސްލިމް (1251)، ރިވާކުރެއްވީ އަނަސް ↩︎
-
އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. މީހަކު ޙައްޖު ވާން ޤަޞްދުކޮށް އޭނާގެ ހިތުގައިވާ ނިޔަތުން އެކަނި އޭނާ މުޙްރިމަކަށް ނުވާނެއެވެ. އެހެނީ އެ ނިޔަތަކީ އޭނާ ރަށުން ނުކުތީއްސުރެ ވެސް ހިތުގައި އޮތް އެއްޗެކެވެ. ނަމަވެސް އޭނާ މުޙްރިމަކު ކަމުގައި ވާހުށީ ބުނާ ބަހަކުން ނުވަތަ ކުރާ ޢަމަލަކުންނެވެ. ↩︎
-
ބައްލަވާ ޒާދުލް މަޢާދު (1/201)، މިރްޤާތުލް މަފާތީޙް (1/96) ↩︎
-
ޙަދީޘް ނެރުއްވީ އަބޫދާވޫދު (2795)؛ މިއީ އެކަލޭގެފާނު ރިވާކުރެއްވި ޢިބާރާތެވެ. މީގެ އިތުރުން އިބްނު މާޖާ (3121)، ދާރިމީ ސުނަނުގައި (1946)، އިބްނު ޚުޒައިމާ ޞަޙީޙުގައި (4/287)، ޙާކިމް މުސްތަދްރަކުގައި (1/639)، ބައިހަޤީ ސުނަނުލް ކުބްރާއާއި (9/287) ޝުޢަބުލް އީމާނިގައި (5/475)، އަޙްމަދު މުސްނަދުގައި (3/375) ޖާބިރު ބިން ޢަބްދިﷲ ގެ އަރިހުން މި ޙަދީޘް ރިވާކުރައްވާފައި ވެއެވެ. ↩︎