އަލްވަލީދު ބުނުލް މުޣީރާ އަކީ ޤުރައިޝުންގެ ބޮޑުންގެ ތެރޭ ކަމުވޮށި­ވެގެންވާ ހަރު މީހެކެވެ. އޭނާގެ ވިސްނުން­ތެރި­­ކަމަށް­ޓަކައި ރައިޙާނަތު ޤުރައިޝްގެ ލަޤަބު އޭނާއަށް ދެވިފައި ވެއެވެ.

އޭނާ ޤުރުއާނުގެ ވާހަކަ އޮޅުން ­ފިލުވުމަށް­ޓަކައި އަބޫ­ބަކުރުގެފާނުގެ އަރިހަށް އެއްދުވަހަކު ޒިޔާރަތް ކުރިއެވެ. ދެން ޤުރުއާން އަޑުއަހާފައި އެއާމެދު އަޖާއިބު ވެގެން ބުންޏެވެ. ”އިބްނު އަބީ ކަބްޝާ (އެބަހީ: ކީރިތި ރަސޫލާ ) މި ކިޔާ ބަސްތަކަކީ ކޮންފަދަ އަޖައިބު ބަސް­ތަކެއް ހެއްޔެވެ! ﷲ ގަންދީ ބުނަމެވެ. އެއީކީ ޅެމެއް ނޫނެވެ. ސިޙުރެއް ވެސް ނޫނެވެ. އަދިކިޔެއް، އެއީ މޮޔަގޮވުމެއް ވެސް ނޫނެވެ. ހަމަ­ކަށަވަރުން ވެސް މިއީ މާތްރަސް­ކަލާނގެ ބަސް­ފުޅު­ތަކެކެވެ.“

ދެން އޭނާ މާތް ނަބިއްޔާ ގެ އަރިހަށް ޒިޔާރަތް ކުރިއެވެ. ދެން އެކަލޭގެފާނު އޭނާއަށް ޤުރުއާން ކިޔައި­ދެއްވިއެވެ. ރަސޫލު ﷲ ކީރިތި ޤުރްއާނުގެ އާޔަތްތައް ކިޔަވާވިދާޅުވާ އަޑު­ފުޅު އިވިފައި އޭނާގެ ހިތް އެޔަށް ލެނބުނު ފަދައެވެ.

އެއަށްފަހު އޭނާ ބުންޏެވެ: ”ﷲ ގަންދީ ބުނަމެވެ. ހަމަ­ކަށަވަރުން ވެސް އެކަލޭގެފާނުގެ އަރިހުން ބަސް­ފުޅު­ތަކެއް އަހައިފީމެވެ. މި އިވުނު ބަސް­ފުޅުތަކަކީ އިންސި­އެއްގެ ބަސް­ތަކެއް ނޫނެވެ. ޖިންނި­އެއްގެ ބަސް­ތަކެއް ވެސް ނޫނެވެ. އަދި ހަމަ­ކަށަވަރުން އެއަށް ފޮނިމީރު­ކަމެއް ލިބިގެން ވެއެވެ. އޭގައި ފަޞާޙަތް­ތެރި­ކަމާއި ރިވެތިކަން ވެއެވެ. އެއީ މަތި­ވެރި­ވެގެންދާ ބަސް­ފުޅު­ތަކެކެވެ. އޭގެ މައްޗަކަށް އެހެން­އެއްޗަކަށް ކުރި­އެއް ނުހޯދޭނެއެވެ. މިއީކީ އިންސާނަކަށް ބުނެވޭނޭ ބަސް­ތަކެއް ނޫނެވެ.“

ދެން މި ވާހަކަތައް ޤުރައިޝުން އަހައިގެން ބުނެފިއެވެ. ވަލީދު އަހަރެމެންގެ ދީން ދޫކޮށް­ލައިފިއެވެ. ޤުރައިޝުންގެ އެންމެން ވެސް ދީން ދޫކޮށް­ލާނެއެވެ.

އަބޫ ޖަހުލު ބުންޏެވެ. ”އޭނާގެ ކަންތައް އަހަންނަށް ދޫކޮށް­ލާށެވެ. އަހުރެން އެ ކަންތައް ހަމަޖައްސަފާނަމެވެ.“

ދެން އަބޫޖަހުލު ވަރަށް ހިތާމަ­ވެރި މޫނަކާއިގެން ވަލީދުގެ ގެއަށް ހިނގައްޖެއެވެ. ދެން ވަލީދު އެހިއެވެ. ”ކަލޭ މާ ދެރަ­ވެފައި ތިޔަހުރީ ކިއް­ވެފައި ހެއްޔެވެ؟“

އަބޫ ޖަހުލު ބުންޏެވެ. ”ދެރަނު­ވާންވީ ކީއްވެ ހެއްޔެވެ؟ އޭ ބޮޑުބޭބޭއެވެ! ތިބާގެ ޤައުމުގެ މީހުން އެއުޅެނީ ތިބާއަށް މުދާ­ތަކެއް އެއްކުރަން ވެގެންނެވެ.“

ބުންޏެވެ: ”އެއީ ކީއް­ވެގެން ހެއްޔެވެ؟“

”ތިބާއަށް ދޭން ވެގެންނެވެ. ޤުރައިޝުން މުދާ އެ އެއްކުރަނީ ތިބާގެ މުސްކުޅި ޢުމުރުގައި އެހީ­ތެރި ވުމުގެ ގޮތުންނެވެ. އެމީހުން ބުނާ ގޮތުގައި މުޙައްމަދުގެ ވާހަކަ ތިބާ ޒީނަތް­ތެރި ކޮށްފީމުއެވެ. އަދި އިބްނު އަބީ ކަބްޝާއާއި އިބްނު އަބީ ޤުޙާފާގެ ގެއަށް ތިޔަ ދަނީ އެދެ­މީހުން ކައިފައި ބާކީ ހުންނަ އެތިކޮޅު ހޯދާށެވެ.“

ދެން މި ވާހަކަ އަހައިފައި ވަލީދު ވަލީދު ވަރަށް ރުޅިގަދަ ވެއްޖެއެވެ. އަދި ބުންޏެވެ. ”އަހަރެންގެ ތިމާގެ މީހުން ތިފަދައިން ވާހަކަ ދެއްކީ ހެއްޔެވެ! ޤުރައިޝުން ކުރެ އެންމެ މުއްސަނދި މީހަކީ އަހަރެން ކަން ޤުރައިޝުން ދަންނާނެއެވެ. އަދި އަހަރެންގެ މުދަލުގެ ގިނަކަން ކަލޭމެންނަށް ރަނގަޅަށް އެނގޭނެއެވެ.“

ދެން އަބޫޖަހުލު ބުންޏެވެ. ”އެ ޤުރްއާނަށް ތިބާ އިންކާރު ކުރާ­ކަމާއި، މުޙައްމަދު އެ ދައްކާ ވާހަކަތަކާމެދު ކަލޭ ނުރެހޭކަން ޤައުމުގެ މީހުންނަށް އެނގޭ ފަދަ ބަހެއް ތިބާ ވާނީ ބުނާށެވެ!“

ބުންޏެވެ: ”އަހުރެން ބުނާނީ ފަހެ ކީކޭ ހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ. ކަލޭމެންގެ ތެރޭގައި ޅެން­ވެރި­ކަމަށް އަހަންނަށްވުރެ މޮޅު މީހަކު ނުވެއެވެ. އޭގެ ވަޒަން­ތަކާއި ޅެން ކިޔާގޮތާއި އެކި ޅެންބައި­ތަކާއި ޖިންނީންގެ ޅެމަށް ދާންދެން ވެސް އަހަންނަށް ވުރެ މޮޅަށް އެނގޭ މީހަކު ނުވެއެވެ. ﷲ ގަންދީ ބުނަމެވެ. މުޙައްމަދު އެ ކިޔާ ތަކެއްޗަކީ މިޒާތުގެ އެއްޗެއް ނޫނެވެ. އޭނާ އެކިޔާ ތަކެތީގައި ފޮނިމީރު­ކަމެއް ވެއެވެ. އޭއިން އޭގެ ދަށުގައި ވާތަކެތި ބަލި­ކޮށްލައެވެ. އެއީ އެހެން ތަކެތީގެ މައްޗަށް މަތި­ވެރި ވެގެންވާ އެއްވެސް އެއްޗަކަށް އޭގެ މައްޗަށް ގަދަވެނުގަނެވޭ އެއްޗެކެވެ.“

އަބޫޖަހުލު ބުންޏެވެ. ”ﷲ ގަންދީ ބުނަމެވެ. ކަލޭ މުޙައްމަދާ ބެހޭ ގޮތުން އެއްޗެއް ނުބުނަނީސް ކަލޭގެ ޤައުމުގެ މީހުން ކަލެޔާމެދު ނުރުހޭނެއެވެ.“

ބުންޏެވެ. ”އެހެން ވެއްޖެއްޔާ އަހަރެން ވިސްނާ ފިކުރު­ކޮށްލަން ވަގުތުކޮޅެއް ދޭށެވެ.“

ދެން އޭނާ ވިސްނުމަށްފަހު ޤުރައިޝުން ސައްލާކުރާ ދާރުއްނަދުވާއަށް ހިނގައްޖެއެވެ. އޭރު ޤުރައިޝުން ތިބީ ޙައްޖު މޫސުމުގައި ޢަރަބީންގެ އެކި ހިސާބުތަކުގެ މީހުން މައްކާއަށް އައިސް މުޙައްމަދުގެފާނާ ތަބާ ވެދާނެތީ އެކަލޭގެފާނާ ބެހޭ ގޮތުން އެންމެން އެއްބަހެއް ކިޔުމަށް­ޓަކައި އެންމެންގެ ރައުޔުތައް ހޯދަން­ވެގެންނެވެ.

އެއްބަޔަކު ބުންޏެވެ. އެއީ ދޮގު­ވެރިއެކެވެ. އަނެއް ބަޔަކު ބުންޏެވެ. އެކީ ޝާޢިރެކެވެ. އަނެއް ބަޔަކު ބުންޏެވެ. އެކީ ކާހިނެކެވެ. އަނެއް ބަޔަކު ބުންޏެވެ. އެއީ މޮޔައެކެވެ.

ވަލީދު އިނީ މި ވާހަކަތަކަށް ވިސްނައި ފިކުރު­ކުރުމަށެވެ.

ދެން ބޮޑާ­ވެގެންފައި އޭނާ ބުންޏެވެ. ”ކަލޭމެން ތިކިޔަނީ އޭނާއަކީ މޮޔަ­އެއް ކަމުކައެވެ. އޭނާ ދުވަހަކު ވެސް މޮޔައިން ކުރާ ކަހަލަ ކަމެއް ކުރަނި­ކޮށް ދެކުނިން ހެއްޔެވެ؟“ އެމީހުން ބުންޏެވެ. ”ﷲ ގަންދީ ބުނަމެވެ. ނުދެކެމެވެ.“

އޭނާ ބުންޏެވެ. ”ކަލޭމެން ތިޔަ ދަޢުވާކުރަނީ އޭނާއަކީ ޅެން­ވެރި­އެއް ކަމުގައެވެ. އޭނާ ދުވަހަކު ވެސް ޅެމެއް ކީއަޑު ކަލެމެން އެހިން­ހެއްޔެވެ؟“ އެމީހުން ބުންޏެވެ. ”ﷲ ގަންދީ ބުނަމެވެ. ނާހަމެވެ.“

އޭނާ ބުންޏެވެ. ”ކަލޭމެން ތިޔަ ބުނާ ގޮތުގައި އޭނާއަކީ ދޮގު­ވެރިއެކެވެ. އޭނާގެ ކިބައިން ދުވަހަކު ވެސް ދޮގެއް ކަލޭމެންނަށް ތަޖުރިބާ ކުރެވުނު ހެއްޔެވެ؟“ އެމީހުން ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. ”ނޫނެކެވެ.“

އޭނާ ބުންޏެވެ. ”ކަލޭމެން ތިކިޔަނީ އޭނާއަކީ ކާހިނެއް ކަމުގައެވެ. އޭނާ ދުވަހަކުވެސް ކާހިނުކަން ކުރިތަން ކަލޭމެން ދެކުނިން ހެއްޔެވެ؟ އަހަރެމެންނަން ފެންނަނީ ކާހިނުން ޒާތްޒާތުގެ ބަނދިވަރު­ތަކާއި ހާސަރުތައް ކިޔާ ތަނެވެ. ތިޔައިން­ކުރެ އެކަކު ވެސް އޭނާގެ ކިބައިން އެފަދަ ކަމެއް ދުށިން ހެއްޔެވެ؟“ އެމީހުން ބުންޏެވެ. ”ﷲ ގަންދީ ބުނަމެވެ. ނުދެކެމެވެ.“

ދެން ޤުރައިޝުން ވަލީދަށް ބުންޏެވެ. ”އެހެން­ވެއްޖެއްޔާ ދެން އަހަރެމެން ކިޔަންވީ ކީކޭ­ހެއްޔެވެ؟“

ދެން އޭނާ ދޭނޭ ޖަވާބަކާމެދު ބަލައި ވިސްނިއެވެ. ދެން އޭނާ މޫނު ކުނި­ކޮށްލުމަށްފަހު ބުންޏެވެ. އެއި ސިހުރު­ވެރިއެކެވެ. މީހާއާއި އޭނާގެ އަނބިދަރިންނާއި އަޅުންނާ ދެމެދު އޭނާ ބައިބައިކުރާތީ ކަލޭމެންނަށް ފެންނާނެއެވެ.

މިކަމާ ގުޅިގެން އަންނަނިވި އާޔަތްތައް ﷲ ބާވައި­ލެއްވިއެވެ.

﴿ذَرۡنِي وَمَنۡ خَلَقۡتُ وَحِيدٗا ‮١١ وَجَعَلۡتُ لَهُۥ مَالٗا مَّمۡدُودٗا ‮١٢ وَبَنِينَ شُهُودٗا ‮١٣ وَمَهَّدتُّ لَهُۥ تَمۡهِيدٗا ‮١٤ ثُمَّ يَطۡمَعُ أَنۡ أَزِيدَ ‮١٥ كَلَّآۖ إِنَّهُۥ كَانَ لِأٓيَٰتِنَا عَنِيدٗا ‮١٦ سَأُرۡهِقُهُۥ صَعُودًا ‮١٧ إِنَّهُۥ فَكَّرَ وَقَدَّرَ ‮١٨ فَقُتِلَ كَيۡفَ قَدَّرَ ‮١٩ ثُمَّ قُتِلَ كَيۡفَ قَدَّرَ ‮٢٠ ثُمَّ نَظَرَ ‮٢١ ثُمَّ عَبَسَ وَبَسَرَ ‮٢٢ ثُمَّ أَدۡبَرَ وَٱسۡتَكۡبَرَ ‮٢٣ فَقَالَ إِنۡ هَٰذَآ إِلَّا سِحۡرٞ يُؤۡثَرُ ‮٢٤ إِنۡ هَٰذَآ إِلَّا قَوۡلُ ٱلۡبَشَرِ ‮٢٥ سَأُصۡلِيهِ سَقَرَ ‮٢٦

މާނަ: ”ހަމައެކަނި ތިމަން­ރަސް­ކަލާނގެ ހެއްދެވި މީހާ، ކަލޭގެފާނު ތިމަން­ރަސް­ކަލާނގެއަށް ދޫކޮށް­ލައްވާށެވެ! އަދި ގިނަ­ވެގެންވާ މުދަލާއި ކައިރީގައި ތިބޭނެ ފިރިހެން ދަރިން، ތިމަން­ރަސް­ކަލާނގެ އޭނާޔަށް ދެއްވީމެވެ. އަދި (ދުނިޔޭގެ ހުރިހާ ކަމެއް) ތަނަވަސް ކޮށް­ދެއްވައި، އޭނާޔަށް ފަސޭހަ ކޮށް­ދެއްވީމެވެ. ދެންވެސް އޭނާ އެދެނީ، ތިމަން­ރަސް­ކަލާނގެ އިތުރު ކޮށް­ދެއްވުމަށެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަ­ކަށަވަރުން، އޭނާވީ، ތިމަން­ރަސް­ކަލާނގެ އާޔަތްތަކަށް ދެކޮޅުހަދާ މީހެއް ކަމުގައެވެ. ނިކަންހުރެ ތިމަން­ރަސް­ކަލާނގެ، ގަދަފަދަ­ވެގެންވާ ޢަޛާބަކަށް ކުރިމަތިލުމަށް އޭނާއަށް ޖައްސަވާ­ހުށީމެވެ. ހަމަ­ކަށަވަރުން، އޭނާ ވިސްނައި ފިކުރު­ކޮށް ރޭވިއެވެ. ފަހެ، އޭނާޔަށް ލަޢުނަތް ލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟ ދެން އޭނާޔަށް ލަޢުނަތް ލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟ ދެން އޭނާ ބަލައި ވިސްނިއެވެ. ދެން އޭނާ މޫނު ކުނި­ކޮށްލިއެވެ. އަދި މޫނު ހެދިއެވެ. ދެން އޭނާ ފުރަގަސްދިނެވެ. އަދި ބޮޑާވެގަތެވެ ފަހެ، އޭނާ ބުންޏެވެ. ސިޙުރުވެރީންގެ ކިބައިން އައިސްފައިވާ ސިޙުރެއް ކަމުގައި މެނުވީ މި ޤުރްއާން ނުވެއެވެ. އާދަމުގެ ދަރިންގެ ބަސް­ކަމުގައި މެނުވީ މި ޤުރްއާން ނުވެއެވެ. ނިކަންހުރެ ތިމަން­ރަސް­ކަލާނގެ އޭނާ ނަރަކަޔަށް ވައްދަވާ­ހުށީމެވެ.“

المدثر 11–26

ނޯޓު: އިބްނު ކަޘީރާއި، އަލްޤުރްޠުބީއާއި، އެނޫން ވެސް ތަފްސީރު ޢިލްމުވެރީން އިސްވެދިޔަ އާޔަތްތަކުގެ ތަފްސީރުގައި މިވާހަކަ ގެންނަވާފައި ވެއެވެ. މިތަނުގައި މިވަނީ އެ ރިވާޔަތް­ތަކުގައިވާ ވާހަކަ އެއް­ކޮށްލައި އެއް ސިޔާޤަކަށް ބަދަލު­ކޮށްގެންނެވެ.

ސުވާލު:

  1. އޭނާއަށް ޙައްޤު އެނގުމަށްފަހު އެއަށް އިންކާރު­ކުރީ ކީއްވެ؟
  2. ވަލީދު ކާފަރުކަންމަތީ މަރުވެ ނަރަކައިގައި ތާއަބަދަށް އޮންނަން ޖެހުނީ ކާކާ ކެދި؟
  3. އަބޫޖަހުލު އޭނާ ހައްލާލުމަށް ޓަކައި ބޭނުންކުރި އުކުޅަކީކޮބާ؟