ޝަޤީޤް އަލްބަލްޚީ އަރިހުން ރިވާ­ވެގެން ވެއެވެ. (އެކަލޭގެފާނުގެ ދަރިވަރު) ޙާތިމް (އަލްއަޞައްމު) އަށް ވިދާޅުވިއެވެ. އަހަންނާ އެކުގައި ވަރަށް ގިނަ ދުވަހު ތިބާ އުޅެފީމުއެވެ. ތިބާއަށް ދަސްވީ ކޮން އެއްޗެއް ހެއްޔެވެ؟

ވިދާޅުވިއެވެ. 8 ކަމެކެވެ.

ފުރަތަމަ: الله ގެ ޚަލްޤު­ތަކުންނަށް ބަލާލުމުން އަހަންނަށް ފެނުނީ ކޮންމެ މީހެއްގެ ވެސް މަޙްބޫބަކު (ލޯބިވާ ފަރާތެއް) ވާތަނެވެ. އެކަމަކު އޭނާ ކަށްވަޅަށް ފޯރާ ހިނދު އެ ލޯބި­ވެރިޔާ އޭނާއާ ވަކިވެދެއެވެ. އެހެން­ކަމުން އަހަރެންގެ މަޙްބޫބަކީ ހެޔޮ ޢަމަލުތައް ކަމުގައި ހެދީމެވެ. އެ މަޙްބޫބު އަހަންނާ އެކުގައި މަރުވުމަށްފަހުގައި ވެސް ވުމަށް­ޓަކައެވެ.

ދެވަނައަށް: އަހަރެން ﷲ ތަޢާލާގެ މި ބަސްފުޅަށް ބެލީމެވެ. ﴿وَنَهَى ٱلنَّفۡسَ عَنِ ٱلۡهَوَىٰ [އައްނާޒިޢާތު 40] ”އަދި އޭނާގެ ނަފްސު ނުބައި އެދުން­ތަކުން ދުރު­ކޮށްފި މީހާ…“. ދެން އަހަރެންގެ އަމިއްލަ ނަފްސާ ޖިހާދު­ކުރީމެވެ. އެންމެ ފަހުން އެ ނަފްސު ﷲއަށް ކިޔަމަން­ގަތުމުގެ މައްޗަށް ހަމަޖެހިއްޖައުމަށް ދާންދެނެވެ.

ތިންވަނަ ކަމަކީ: މީހެއްގެ އަތުގައި އަގުހުރި އެއްޗެއް ވާނަމަ އޭނާ އެ އެއްޗެއް ރައްކާކުރާތީ އަހަރެން ދުށީމެވެ. ދެން އަހަރެން ބެލީ ﷲގެ މި ބަސްފުޅަށެވެ. ﴿مَا عِندَكُمۡ يَنفَدُ وَمَا عِندَ ٱللَّهِ بَاقٖ [އައްނަޙްލު 96] ”ތިޔަބައި­މީހުންގެ އަތުގައި ވާހައި އެއްޗެއް ހުސް­ވެގެން ހިނގައިދާނެއެވެ. އަދި ﷲގެ ޙަޟްރަތުގައިވާ އެއްޗެއް ދެމި­ހުންނާނެ­އެވެ.“ އެހެންވެ އަގެއްހުރި އެއްޗެއް އަހަންނަށް ލިބިއްޖެ­ނަމަ އެއެއްޗެއް ބަހައްޓަނީ ﷲގެ ޙަޟުރަތުގައެވެ. (އެބަހީ ﷲގެ މަގުގައި ހޭދަކުރަމެވެ.) އެއީ އަހަނަށް­ޓަކައި އެއިލާހުގެ ޙަޟުރަތުގައި އެ އެއްޗެއް ދެމިހުރުމަށެވެ.

ހަތަރުވަނައަށް: އަހަންނަށް ފެނުނީ މީސް­ތަކުން މުދަލާއި ޙަސަބާއި ޝަރަފު­ވެރި­ކަމަށް ރުޖޫޢަވާތަނެވެ. އެކަމަކު އެއީ އެއްވެސް އެއްޗެއް ނޫނެވެ. އަހަންނަށް ފެނުނީ ﷲ ގެ މި ބަސް­ފުޅެވެ. ﴿إِنَّ أَكۡرَمَكُمۡ عِندَ ٱللَّهِ أَتۡقَىٰكُمۡ (މާނައީ: ހަމަކަށްވަރުން ﷲ ގެ ހަޟުރަތުގައި އެންމެ މާތްކަން ބޮޑީ ތިޔަބައި­މީހުން­ކުރެ އެންމެ ތަޤްވާ­ވެރި މީހާއެވެ.) ދެން އެއިލާހުގެ ޙަޟުރަތުގައި މާތްކަން ބޮޑު­ވެގެންވާ މީހަކަށް ވުމަށް­ޓަކައި، އަހަރެން ތަޤުވާ­ވެރިވީމެވެ.

ފަސްވަނައަށް: އަހަންނަށް ފެނުނީ މީސް­ތަކުން އެކަކު އަނެކަކަށް ޙަސަދަ­ވެރިވެ އުޅޭތަނެވެ. ދެން އަހަންނަށް ފެނުނީ ﷲ ގެ މި ބަސް­ފުޅެވެ. ﴿نَحۡنُ قَسَمۡنَا بَيۡنَهُم مَّعِيشَتَهُمۡ (…އެއުރެންގެ މެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަން­ރަސް­ކަލާނގެއެވެ.) ދެން އަހަރެން ޙަސަދަ­ވެރިކަން ދޫކޮށް­ލީމެވެ.

ހަވަނައަށް: އަހަންނަށް ފެނުނީ މީސް­ތަކުން އެކަކު އަނެކަކަށް ޢަދާވާތް­ތެރިވެ އުޅޭތަނެވެ. ދެން އަހަންނަށް ފެނުނީ ﷲ ގެ މި ބަސް­ފުޅެވެ. ﴿إِنَّ ٱلشَّيۡطَٰنَ لَكُمۡ عَدُوّٞ فَٱتَّخِذُوهُ عَدُوًّا ”ހަމަ­ކަށަވަރުން، ޝައިޠާނާއަކީ، ތިޔަބައި­މީހުންނަށްވާ ޢަދާވާތް­ތެރިޔެކެވެ. ފަހެ، އެ ޝައިޠާނާއީ، ޢަދާވާތް­ތެރިޔަކު ކަމުގައި ތިޔަބައި­މީހުން ދެކޭށެވެ!“ ދެން އަހަރެން މީސް­ތަކުންނަށް ޢަދާވާތް­ތެރި­ވުން ދޫކޮށް އަހަރެންގެ ހަމައެކަނި ޢަދުއްވަކީ ޝައިޠާނާ ކަމުގައި ހެދީމެވެ.

ހަތްވަނައަށް: އަހަންނަށް ފެނުނީ މީސް­ތަކުން ރިޒްޤު ހޯދުމުގައި އެއުރެންގެ ނަފްސުތައް ވަރުބަލިކުރުވާ ތަނެވެ. ދެން އަހަރެން ބެލީ ﷲ ގެ މި ބަސްފުޅަށެވެ. ﴿وَمَا مِن دَآبَّةٖ فِي ٱلۡأَرۡضِ إِلَّا عَلَى ٱللَّهِ رِزۡقُهَا ”ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް ﷲ ރިޒްޤު ނުދެއްވާ އެއްވެސް އެއްޗެއް ނުވެތެވެ.“ އެހެން­ކަމުން އަހަރެން އެކަލާނގެއަށް އަދާކުރަންޖެހޭ ކަންތައް­ތަކާއިގެން މަޝްޣޫލުވީމެވެ. އަދި އެކަލާނގެ ޙަޟްރަތުން އަހަންނަށް ލިބެން އޮތް އެއްޗެއް އެކަލާނގެއަށް ދޫކޮށް­ލީމެއެވެ.

އަށްވަނައީ: އަހަންނަށް ފެނުނީ މީސް­ތަކުން އެއުރެންގެ ވިޔަފާރިއާއި، މަސައްކަތާއި، ހަށިގަނޑުގެ ދުޅަހެޔޮ­ކަމަށް ބަރޯސާވެ ވަކީލުކުރާ ތަނެވެ. އެހެން­ކަމުން އަހަރެން ﷲ އާ ވަކީލު­ކުރީމެވެ. އެކަލާނގެ މިފަދައިން ވަޙީ ނުކުރައްވާ­ތޯއެވެ؟ ﴿وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَهُوَ حَسۡبُهُۥٓ ”އަދި ﷲ އަށް ވަކީލުކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ.“

މަޞްދަރު: މުޚްތަޞަރު މިންހާޖިލް ޤާޞިދީން. ނަޖްމުއްދީން އިބްނު ޤުދާމާ އަލްމަޤްދިސީ (އަވަހާރަވީ 689ހ.). ޞ 24