ޝައިޚް ޞާލިޙް ބިން ފައުޒާން އަލްފައުޒާން (އުފަން: 1354ހ./1935މ) އަކީ ސަޢޫދީ ޢަރަބިއްޔާގެ ފާހަގަ­ކޮށްލެވޭ ދީނީ ޢިލްމު­ވެރިންގެ ތެރެއިން ބޭފުޅެކެވެ. އަދި ސައުދީ ޢަރަބިއްޔާގެ ބޮޑެތި ޢިލްމުވެރީންގެ ކައުންސިލް، ހައިއަތު ކިބާރިލް ޢުލަމާގެ މެންބަރެކެވެ. އަދި އެ ޤައުމުގެ ފަތުވާ ކޮމިޓީ، ލަޖްނަތުއްދާއިމާ ލިލް ބުޙޫޘިލް ޢިލްމިއްޔާ ވަލްއިފްތާގެ ދާއިމީ މެންބަރެކެވެ. އަދި މައްކާގައި ހުންނަ، މުސްލިމް ވޯލްޑް ލީގުގެ ދަށުން ހިންގާ އިސްލާމިކް ފިޤްހު ކައުންސިލް، އަލްމަޖްމަޢުލް ފިޤްހީ އަލްއިސްލާމީގެ މެންބަރެކެވެ.

ޙަޔާތް

ޞާލިޙް އަލްފައުޒާން ބޮޑު­ފުޅުވީ ޔަތީމެއްގެ ގޮތުގައެވެ. އޭނާއަކީ ސަޢޫދީ ޢަރަބިއްޔާގެ ޤަޞީމް ސަރަޙައްދުގެ ޝަމާސިއްޔާގެ ބޭފުޅެކެވެ. އޭނާގެ އާއިލާގެ ތެރޭގައި ބޮޑު­ފުޅުވަމުން ދިޔަ އިރު ކީރިތި ޤުރުއާން ދަސް­ކުރެއްވިއެވެ.

ލިޔެކިޔަން ދަސްކުރައްވަން ފެއްޓެވީ ރަށު މިސްކިތުގެ އިމާމު، ޝައިޚް ޙަމޫދު ބިން ސުލައިމާން އައްތިލާލްގެ އަރިހުންނެވެ. މި ޝައިޚަކީ ޤަޞީމް ސަރަޙައްދުގެ ޟަރިއްޔާ އަވަށުގެ ޤާޟީ­އެއްގެ ގޮތުގައި ހުންނެވި، ޤުރުއާން ކިޔެވުމުގައި ވަރަށް މޮޅު ޤާރީ­ވެރި ބޭކަލެކެވެ.

ތަޢުލީމު

1369ހ./1950މ. ގައި ޝަމާސިއްޔާ އަވަށުގައި ސަރުކާރު ސްކޫލެއް ހުޅުވުމުން، ޞާލިޙް އެ ސްކޫލަށް ގުޅި­ވަޑައިގަތެވެ. ނަމަވެސް އިބްތިދާއީ ތަޢުލީމު ފުރިހަމަ ކުރެއްވީ 1371ހ./1952މ. ގައި ބުރައިދާގެ އަލްމަދްރަސަތުލް ފައިޞަލިއްޔާއިންނެވެ.

1373ހ./1954މ. ގައި ބުރައިދާގައި މަޢުހަދުލް ޢިލްމީ ހުޅުވެންދެން، އަލްމަދްރަސަތުލް ފައިޞަލިއްޔާގައި، އިބްތިދާއީ މަރުޙަލާގައި މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. މަޢުހަދު ހުޅުވުމުން އެ މަޢުހަދާ އެންމެ ފުރަތަމަ ގުޅި­ވަޑައިގެންނެވި ދަރިވަރުންގެ ތެރޭ ހިމެނި­ވަޑައިގަތެވެ. އަދި އޭގެ ހަތަރު އަހަރު ފަހުން އެތަނުން ދަސްވެނިވެ­ވަޑައިގަތެވެ.

އޭގެ ފަހުން ރިޔާޟުގެ ކުއްލިއްޔަތުއް ޝަރީޢާއާ ގުޅި­ވަޑައިގަތެވެ. އަދި 1381ހ./1961މ. ގައި އެތަނުން ދަސްވެނިވެ­ވަޑައިގަތެވެ.

ޝައިޚް ޞާލިޙް ފިޤުހުގެ ދާއިރާއިން މާސްޓަރސް އަދި ޑޮކްޓަރޭޓް ޑިގްރީ ޙާޞިލު­ކުރެއްވިއެވެ. މާސްޓަރސް ތީސިސްގެ ސުރުޚީ އަކީ: ”އަތްތަޙްޤީޤާތުލް މަރުޟިއްޔާ ފިލް މަބާޙިޘިލް ފަރުޟިއްޔާ“ އެވެ. މިއީ ތަރިކައިގެ މައްސަލަތަކާ ބެހޭ ތީސިސްއެކެވެ. ޑޮކްޓަރޭޓް ތީސިސްގެ ސުރުޚީއަކީ: ”އަޙްކާމުލް އަޠުޢިމަތި ފިއްޝަރީޢަތިލް އިސްލާމިއްޔާ“ އެއީ އިސްލާމީ ޝަރީޢަތުގައި ކާބޯތަކެތީގެ ޙުކުމްތަކާ ބެހޭ ގޮތުންނެވެ.

އަދާ­ކުރެއްވި ވަޒީފާތައް

ކުއްލިއްޔަތުއްޝަރީޢާއިން ދަސްވެނިވުމަށް ފަހު ޝައިޚް ޞާލިޙް އަލްފައުޒާން އަދާ­ކުރެއްވި ފުރަތަމަ ވަޒީފާއަކީ ރިޔާޟުގެ މަޢުހަދުލް ޢިލްމީގައި ކިޔަވައިދެއް­ވުމެވެ. އޭގެ ފަހުން ކުއްލިއްޔަތުއްޝަރީޢާއަށް މުދައްރިސެއްގެ ގޮތުގައި ބަދަލުވެ­ވަޑައިގަތެވެ. ދެން ކުއްލިޔަތު އުޞޫލިއްދީންގެ ދިރާސާތުލް ޢުލްޔާގެ ބައިގައި ކިޔަވައި­ދެއްވުމަށް ބަދަލުވެ­ވަޑައިގަތެވެ. އޭގެފަހުން އަލްމަޢުހަދުލް ޢާލީ ލިލްޤަޟާ (ޤާޟީ­ކަމުގެ ހައި އިންސްޓިޓިއުޓް)ގައި މުދައްރިސެއްގެ ގޮތުގައި މަސައްކަތް­ކުރެއްވިއެވެ. ފަހުން އެ އިންސްޓިޓިއުޓްގެ މުދީރުގެ މަޤާމަށް ޢައްޔަން­ކުރެވުނެވެ. އިދާރީ މަގާމުގެ މުއްދަތަށް ފަހު ވެސް، އެ އިންސްޓިޓިއުޓްގައި ކިޔަވައި­ދެއްވުމުގައި އުޅުއްވިއެވެ.

އޭގެފަހުން ލަޖްނަތުއްދާއިމާ ލިލް ބުޙޫޘިލް ޢިލްމިއްޔާ ވަލްއިފްތާ (ފަތުވާ ކޮމިޓީ) އަށް ބަދަލުވެ­ވަޑައިގަތެވެ. މިހާރުވެސް ޝައިޚަކީ އެ ކޮމިޓީގެ މެންބަރެކެވެ. މީގެ އިތުރުން، ޝައިޚް ޞާލިޙަކީ ހައިއަތު ކިބާރިލް ޢުލަމާ (ބޮޑެތި ޢިލްމު­ވެރިންގެ ކައުންސިލް)ގެ މެންބަރެކެވެ. އޭގެ އިތުރުން ރިޔާޟުގެ އަމީރު މުތުޢިބު ބިން ޢަބްދުލްޢަޒީޒު އާލު ސަޢޫދު މިސްކިތުގެ އިމާމު­ކަމާއި ޚަޠީބުކަން އަދި މުދައްރިސްކަން ކުރައްވައެވެ. އޭނާއަކީ ޙައްޖު މޫސުމުގައި ދަޢުވަތު ދޭ ފަރާތްތަކުގެ ކަންކަން ބަލަހައްޓާ ކޮމިޓީގެ މެންބަރެކެވެ. އަދި ރާބިޠަތުލް ޢާލަމިލް އިސްލާމީއަށް ނިސްބަތްވާ މައްކާގެ ފިޤްހު ކައުންސިލްގެ މެންބަރެކެވެ.

މީގެ އިތުރުން ވެސް ”ނޫރުން ޢަލައްދަރުބި“ ރޭޑިއޯ ޕްރޮގްރާމުގައި ލައިވް­ކޮށް ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ބައި­ވެރިވެ­ވަޑައިގަނެއެވެ.

ޢިލްމީ މަސައްކަތް­ފުޅު­ތަކާއި ފޮތް އުފެއްދުމުގައި ޝައިޚް ޞާލިޙްގެ ބައިބެރި­ވުން ބޮޑެވެ. އެއީ ދިރާސާ­ތަކާއި ފަތުވާ­ތަކާއި ބަޙުޘް­ތަކާއި ރިސާލާތަކުގެ ސިފައިގައެވެ. އޭގެ ބައެއް އެއް­ކުރެވި ޗާޕު­ކުރެވިފައިވެއެވެ. އަދި އަނެއްބައި ޗާޕު­ކުރުމުގެ މަރުޙަލާގައިވެއެވެ. އަދި ސަޢޫދީ ޔުނިވަރސިޓީތަކުގެ މަތީ ތަޢުލީމުގެ މަރުޙަލާ­ތަކުގައި އެތައް ޢިލްމީ ރިސާލާ­އެއް ބެއްލެވުމުގައި އިސް­ކޮށް އުޅުއްވިއެވެ. ޝައިޚުގެ ދަރުސް­ތަކާއި މަޖިލިސްތަކަށް ޙާޟިރުވެ އެތައް ޠާލިބުން­ތަކެއް ޢިލްމު ޙާޞިލު­ކުރިއެވެ.

އުސްތާޛުން

ޝައިޚް ޞާލިޙް އަލްފައުޒާން، އެތައް ޢިލްމު­ވެރިންނާއި ފަޤީހުންގެ އަރިހުން ޝަރުޢީ ޢިލްމު އުނގެނި­ވަޑައިގަތެވެ. އޭގެ ތެރޭގައި އެންމެ ފާހަގަ­ކޮށްލެވެނީ:

  1. ސަޢޫދީ އަރަބިއްޔާގެ ކުރީގެ މުފްތީ، ޝައިޚް ޢަބްދުލްޢަޒީޒު ބިން ޢަބްދުﷲ ބިން ބާޒް
  2. ޝައިޚް މުޙައްމަދު އަލްއަމީން އައްޝަންޤީޠީ
  3. ޝައިޚް ޢަބްދުއްރައްޒާޤު ޢަފީފީ
  4. ޝައިޚް ޢަބްދުﷲ ބިން ޙުމައިދު
  5. ޝައިޚް ޞާލިޙް އަލްޢަލީ އައްނާޞިރު
  6. ޝައިޚް މުޙައްމަދު ބިން ސުބައިލް
  7. ޝައިޚް ޞާލިޙް ބިން އިބްރާހީމް އަލްބުލައިހީ
  8. ޝައިޚް އިބްރާހީމް ބިން ޢުބައިދު އަލްޢަބްދުލްމުޙްސިން
  9. ޝައިޚް ޙަމޫދު ބިން ޢުޤްލާ
  10. ޝައިޚް ޢަބްދުﷲ ބިން ޞާލިޙް އަލްޚުލައިފީ
  11. ޝައިޚް ޞާލިޙް ބިން ޢަބްދުއްރަޙްމާން އައްސުކައިތީ

މީގެ އިތުރުން އަލްއަޒްހަރު ޔުނިވަރސިޓީގެ އެތައް އުސްތާޛުންނެއްގެ އަރިހުން އުނގެނި­ވަޑައިގަތެވެ. އެބޭ­ފުޅުންނަކީ ޢަރަބި ބަހާއި ތަފްސީރާއި ޙަދީޘް ކިޔަވައި­ދެއްވުމަށް ފޮނުއްވާފައި ތިއްބެވި ބޭފުޅުންނެވެ.

ޝައިޚް ޞާލިޙް އަލްފައުޒާންގެ މުއައްލަފާތްތައް

ޝައިޚް އަލްފައުޒާންގެ ޝަރުޢީ ޢިލްމު­ތަކުގައި އެތައް ފަތްފުށް­ތަކެއް ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. التحقيقات المرضية في المباحث الفرضية - މިއީ ފަރާއިޟުގެ ޢިލްމާ ބެހޭ ގޮތުން ލިޔުއްވި މާސްޓަރސް ތީސިސްއެވެ. މި ފޮތް ޝާއިޢު­ކުރެވިފައިވެއެވެ.
  2. أحكام الأطعمة في الشريعة الإسلامية - މިއީ ޝައިޚުގެ ޑޮކްޓަރޭޓް ތީސިސްއެވެ.
  3. الإرشاد إلى صحيح الاعتقاد
  4. شرح العقيدة الواسطية
  5. البيان فيما أخطأ فيه بعض الكتاب
  6. مجموع محاضرات في العقيدة والدعوة
  7. الخطب المنبرية في المناسبات العصرية
  8. من أعلام المجددين في الإسلام
  9. رسائل في مواضيع مختلفة
  10. مجموع فتاوى في العقيدة والفقه - މިއީ ”ނޫރުން ޢަލައްދަރުބި“ ޕްރޮގްރާމުން ނަގައިގެން އެކުލަވާލެވުނު މުޖައްލަދު­ތަކެކެވެ.
  11. نقد كتاب الحلال والحرام في الإسلام
  12. شرح كتاب التوحيد، شرح مدرسي
  13. التعقيب على ما ذكره الخطيب في حق الشيخ محمد بن عبد الوهاب
  14. الملخص الفقهي - 2 މުޖައްލަދު
  15. إتحاف أهل الإيمان بدروس شهر رمضان
  16. الضياء اللامع من الأحاديث القدسية الجوامع
  17. بيان ما يفعله الحاج والمعتمر
  18. كتاب التوحيد - މިއީ ވުޒާރަތުލް މަޢާރިފުން ޘާނަވީ މަރުޙަލާގެ މުޤައްރަރުގެ ގޮތުގައި ކަނޑައަޅައިފައިވާ 2 ބައެވެ.
  19. މީގެ އިތުރުން، مجلة الدعوة ގައި ޝާއިޢު­ކުރެވުނު ފަތުވާ­ތަކާއި މަޒުމޫނުތައް ވެއެވެ. އަދި ޢިލްމީ ރިސާލާ­ތަކާއި ބަޙުޘުތައް ވެއެވެ. އޭގެ ތެރެއިން ބައެއް ޝާއިޢު­ކުރެވި، އަނެއްބައި ޝާއިޢު­ކުރުމުގެ މަރުޙަލާގައިވެއެވެ.

މަރުޖިޢުތައް

  • ފަތުވާ ކޮމިޓީގެ ކުރީގެ ވެބްސައިޓްގައި ޢަބްދުލް ޢަޒީޒް ބިން ޢަބްދުލް ކަރީމް އަލްޢީސީ ލިޔުއްވާފައިވާ ވަނަވަރު
  • dralfawzann.com (ޝައިޚްގެ ދަރުސްތައް ގެނެސްދޭ ވެބްދައިޓެއް)
  • saudipedia.com