ނިޔަތަކީ ހިތުގައި އޮންނަ އެއްޗެކެވެ. އެ ދެނެ­ވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ. އަދި ނިޔަތް ދުލުން ކިޔުމަކީ ބިދުޢައެކެވެ. މިސާލަކަށް نَوَيْتُ أَن أُصَلِّي ނަމާދަށް ނިޔަތް­ގެންފީމޭ، نَوَيْتُ أَن أَحُجَّ ޙައްޖަށް ނިޔަތް­ގެންފީމޭ، ނޫނީ نَوَيْتُ أَن أَتَصَدَّقَّ ޞަދަޤާތްކުރަން ނިޔަތްގެންފީމޭ މި ފަދައިން މުސްލިމަކު ކިޔައިގެން ނުވާނެއެވެ. އެހެނީ މިއީ ބިދުޢައެކެވެ. ނިޔަތުގެ މަޙައްލަކީ ހިތެވެ. އެއީ ހިތުގެ ޢަމަލެކެވެ. ދުލުގެ ޢަމަލެއް ނޫނެވެ. އެ ބާރަށް ކިޔުމީ އޭގައި ދެއްކުން­ތެރިކަން އެކުލެވިގެން ވާ ކަމެކެވެ. ރަސޫލާ ނަމާދު­ ކުރައްވަން، ނޫނީ އެހެން ވެސް ހެޔޮ ޢަމަލެއް ކުރައްވަން އެދި­ވަޑައި­­ގެންފި ހިނދު ވެސް އެ ކަމުގެ ނިޔަތް ދުލުން ކިޔުއްވި ކަމަށް އެއްގޮތަކަށް ވެސް ސާބިތުވެގެނެއް ނުވެއެވެ.

އާއެކެވެ. ޙައްޖަތުލް ވަދާޢުގައި «لَبَّيْكَ عُمْرَةً وَحَجًّا»1 މިހެން ޙަދީޘް ކުރައްވައި ރަސޫލާ އިޙްރާމް­ ބެންނެވި ކަމަށް އައިސްފައި ވެއެވެ. މިއީ އެކަލޭގެފާނުގެ ދޫފުޅުން އެކަލޭގެފާނުގެ ނިޔަތް ވިދާޅުވުމެއް ނޫނެވެ. އެކަލޭގެފާނުގެ ދޫފުޅުން ޙަދީޘް­ކުރެއްވީ ނިޔަތްގަނެވުނު ކަން­ތަކެވެ. އެއީ ޙައްޖުގެ ނުސުކު­ތަކުން ކުރެ އެދި­ވަޑައިގަތް ގޮތެއް ކަނޑައެޅުއް­ވުމެވެ. އެދި­ވަޑައިގަތީ ޙައްޖެއްތޯ ނުވަތަ ޢުމްރާ­އެއްތޯއާއި، ޙައްޖު ކުރައްވާނީ ޢުމްރާއާ އެއް­ކޮށް ޤާރިން­ކޮށްތޯ، ޙައްޖު އެކަނިތޯ، ނޫނީ ތަމައްތުޢު­ކޮށްތޯ ކަނޑައެޅުއް­ވުމެވެ. އެ ބަސް­ފުޅު ޙަދީޘް­ކުރެއްވީ އެދި­ވަޑައިގަތް ނުސުކެއް ޢައްޔަނު­ކުރެއްވުމަށެވެ. މީގެ މުރާދަކީ ދުލުން ނިޔަތް ކިޔުއްވުމެއް ނޫނެވެ. نويت الحج ޙައްޖަށް ނިޔަތްގަންނަވައިފީމޭ، نويت العمرة ޢުމްރާއަށް ނިޔަތްގަންނަވައިފީމޭ، ނޫނީ نويت التمتع ތަމައްތުޢުގެ މަގުން ޙައްޖުކުރައްވަން ނިޔަތްގަންނަވައިފީމޭ، نويت القران ޤިރާން­ކޮށް ކުރަން ނިޔަތްގަންނަވައިފީމޭ، މިފަދައިން އެކަލޭގެފާނު ޙަދީޘެއްނުކުރައްވައެވެ. ހަމަ އެގޮތަށް أريد الحج ތިމަންކަލޭގެފާނު ބޭނުން­ފުޅުވަނީ ޙައްޖު­ކުރައްވާށޭ، أريد العمرة ނޫނީ ބޭނުންފުޅީ ޢުމްރާ­އެއް ކުރައްވާށޭ ވެސް ޙަދީޘެއްނުކުރައްވައެވެ. މި ބަސް، أريد މިތާނގައި ބޭނުންކުރުން ހުއްދަ­އެއް ނުވާނެއެވެ. ބައެއް ފިޤުހު ޢިލްމުވެރީން އެހެން ވިދާޅުވި ކަމުގައި ވިޔަސް އެއީ ގޯހެކެވެ. އެހެނީ ރަސޫލާ ގެ އަރިހުން ވާރިދު­ވެގެން ވަނީ ޙައްޖުގައި އެދި­ވަޑައިގަތް ނުސުކު ޢައްޔަނު­ކުރެއްވުމުގެ ގޮތުން އެކަން ދޫފުޅުން ވިދާޅު­ވުމެވެ. އެއީ ދޫފުޅުން ނިޔަތް ވިދާޅުވުމެއް ނޫނެވެ.2

އެހެން­ކަމުން ނަމާދުގައި ވިޔަސް، ޒަކާތުގައި ވިޔަސް ކުރާ އެހެން ޢަމަލެއްގައި ވިޔަސް، ދުލުން ނިޔަތް ކިޔުން ހުއްދަވެގެނެއް ނުވެއެވެ. ދުލުން އެއްވެސް ނިޔަތެއް ކިޔުމަކާ ނުލައި އޭނާ އެ ޢަމަލެއް އަދާކުރާނީއެވެ. އެހެނީ އޭނާގެ ހިތުގައި ވާ ކަންތައް ﷲ މޮޅަށް ދެނެ­ވޮޑިގެން­ވެއެވެ. މިސާލަކަށް އޭނާ ނުބައި ނިޔަތެއްގައި ޢަމަލު ކުރަމުން، ތިމަންނާގެ ނިޔަތަކީ ﷲގެ ވަޖުހުފުޅޭ ދުލުން ކިތަންމެ ވަރަކަށް ކީ ކަމުގައި ވިޔަސް އޭނާގެ ހިތުގައި ވާ އެއްޗެއް ﷲ ދެނެ­ވޮޑިގެން ވާނެއެވެ. އޭނާ ދުލުން ކީ ލަފްޒަކުން ކުރާނޭ ފައިދާ­އެއް ނޯންނާނެއެވެ. ފަހެ މިކަމަކީ ބިދުޢައެކެވެ. ނިޔަތުގެ މަޙައްލަކީ ހިތެވެ. އެ އަޑުހަރު­ކޮށް ކިޔުމީ ބިދުޢައެކެވެ. އަދި މީގެ އިތުރުން ދެއްކުން­ތެރި­ކަމުގެ، ރިޔާއުގެ، ޢަމަލެއް މެއެވެ. މިއީ ވަރަށް މުހިންމުކަން ބޮޑު މައްސަލައެކެވެ. މިހާރުވެސް ބައެއް މީހުން ޠަޥާފުކުރާ ހިނދުގައްޔާއި، ނަމާދުކުރާ ހިނދު، ނޫނީ އެހެންވެސް ޢަމަލެއް ކުރާހިނދު ދުލުން ބާރަށް ނިޔަތް ކިޔައެވެ. މި ކަމަކީ ﷲ އެއަށް އެއްވެސް ޙުއްޖަތެއް ބާވައިލައްވާފައި ނުވާ ބިދުޢައެކެވެ.

ދުލުން ނިޔަތް ކިޔަން ޖެހޭނެ ކަމަށް އަލްއިމާމު އައްޝާފިޢީ ވިދާޅުވާ ކަމަށް ބައެއް މީހުން ބުނެ އެކަލޭގެފާނަށް މި ޤައުލު ނިސްބަތް ކުރެއެވެ. ނަމަވެސް މި ކަމަށް ދެ[ތިން] ގޮތަކުން ރައްދު ދެވެއެވެ.

ފުރަތަމައީ: މި ޤައުލު އަލްއިމާމުއްޝާފިޢީ ގެ އަރިހުން ޞައްޙަ­ކޮށް ސާބިތުވެފަ­އެއް ނުވެއެވެ.

ދެވަނައީ: އެކަލޭގެފާނުގެ އަރިހުން މި ޤައުލު ސާބިތުވީ ކަމުގައި ވިޔަސް، އެކަލޭގެފާނުގެ ބަސްފުޅަކީ ޙުއްޖަތެއް ނޫނެވެ. އެކަލޭގެފާނަކީ ވެސް ބައެއް ފަހަރު ކުށް­ކުރެވޭ، އަނެއްބައި ފަހަރު ރަނގަޅަށް ކަންތައް ނިންމޭ، މުޖްތަހިދު ޢިލްމު­ވެރިއެކެވެ. ޙުއްޖަތް ވަނީ ރަސޫލާ ގެ ބަސް­ފުޅުގައެވެ. އިމާމް އައްޝާފިޢީގެ، ނޫނީ އިމާމް އަޙްމަދުގެ، ނޫނީ އިމާމް އަބޫ ޙަނީފާގެ، ނޫނީ އިމާމް މާލިކުގެ ބަސް­ފުޅުތަކުގަ­އެއް ނޫނެވެ. ޢިލްމު­ވެރިޔާގެ ބަސް ޙުއްޖަތަކަށް ވާނީ އެ ޤައުލާ ދަލީލާ ދިމާވުމުންނެވެ.

ތިންވަނައީ: އައްޝާފިޢީ ގެ އަރިހުން ރިވާ­ވެގެން ވަނީ: ”ނަމާދު އެހެން އަޅުކަންތައް ފަދަ­އެއް ނޫނެވެ. ﷲ ޛިކުރު­ކުރުމާއެކު މެނުވީ ނަމާދުގެ ތެރެއަށް ނުވަދެވޭ­ހުއްޓެވެ.“3 މި ފަދައިންނެވެ. ނަމަވެސް މިތާގައި ޛިކުރުގެ މުރާދަކީ ޙަރަމްބަން ތަކްބީރެވެ. (ނަމާދު ފަށާއިރު ކިޔާ الله أكبر މި ތަކްބީރެވެ.)

ކޮންމެއަކަސް، ނިޔަތަކީ ހިތުގެ ޢަމަލެކެވެ. އެ ދުލުން ކިޔުން ހުއްދަ­އެއް ނުވާނެއެވެ. ءَامَنَّا އޭ، ”ތިމަންމެން އީމާންވެއްޖައީމުއޭ“ ބުނި އަޢުރާބީންނަށް ﷲ ވަނީ އިންކާރު ކުރައްވާފައެވެ. ﷲ އެކަލާނގެ ރަސޫލާ އާ މުޚާޠަބު ކުރައްވައި ވަޙީ ކުރެއްވިއެވެ: قُل لَّمۡ تُؤۡمِنُواْ وَلَٰكِن قُولُوٓاْ أَسۡلَمۡنَا وَلَمَّا يَدۡخُلِ ٱلۡإِيمَٰنُ فِي قُلُوبِكُمۡۖ މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައި­މީހުން އަދި­އެއް އީމާނެއް ނުވަމުއެވެ. އެހެނެއް­ކަމަކު، ތިމަންމެން އިސްލާމް ވެއްޖައީމުއޭ (ކިޔަމަން ވެއްޖައީމުއޭ) ބުނާށެވެ! ތިޔަބައި­މީހުންގެ ހިތްތަކުގެ ތެރެޔަކަށް އީމާން­ކަމެއް އަދި ނުވަދެއެވެ.“

ފަހެ ތިމަން އެވެނި ކަމަކަށް ނިޔަތް ގެންފީމޭ މިވެނި ކަމެއް ކޮށްފީމޭ ބުނެ ﷲ އަށް އެކަން އަންގައިދޭކަށް ނުޖެހޭނެއެވެ. ތިބާ އެހެން ނުބުންޏަސް ﷲ އެ ކަންކަން މޮޅަށް ދެނެ­ވޮޑިގެން ވެއެވެ. ތިބާއަށް އޮތީ ތިބާގެ ހިތްނިޔަތް އިސްލާޙު­ކޮށް ދުލުން އެ ނުބުނެ އެ ނިޔަތް ސިއްރު­ކުރުމެވެ.

ހަމަ އެގޮތަށް އުޟުޙިޔާ ކަތިލާއިރު ކިޔާ ދުޢާއަކީ ވެސް ދުލުން ކިޔޭ ނިޔަތެއް ނޫނެވެ. «اللهم مِنكَ وَلَكَ، عَن مُّحَمَّدٍ وَأُمَّتِهِ، بِاسْمِ اللهِ وَاللهُ أَكْبَرُ، ثم ذبح»4 މާނައީ: ”މިއީ އިބަ ﷲ ދެއްވި އެއްޗެކެވެ. މި ވަނީ އިބަ ﷲ އަށެވެ. މުޙައްމަދުގެފާނާއި އެކަލޭގެފާނުގެ އުންމަތުގެ ކިބައިން މި ޛަބަޙަކުރައްވަމަވެ. بِاسْمِ اللهِ وَاللهُ أَكْبَرُ، މިހެން ވިދާޅުވެ ރަސޫލާ ޛަބަޙަކުރައްވައެވެ.“ މިއީ ނިޔަތް ވިދާޅުވުމެއް ނޫނެވެ. މިއީ ދުޢާއެކެވެ. އަދި ނިޔަތްގަނެވުނު ކަންތައް ބަޔާން­ކުރެއް­ވުމެވެ. ޙައްޖުގައި ނުސުކު ބަޔާން­ކުރެއްވި ފަދައިންނެވެ. ތިބާ އުޟުޙިޔާ ކަތިލާއިރު އެ ގަސްދުކުރި ކަންތައް ބަޔާންކުރަނީއެވެ. އެއީ ކަތިލަނީ ތިބާގެ އަމިއްލަ ނަފްސަށްތޯ ނޫނީ ތިބާގެ މައިންބަފައިންގެ ކިބައިން ތޯ އެހެން މީހެއްގެ ކިބައިންތޯ ވަކި­ކޮށް ބަޔާންވުމަށް­ޓަކައި ކިޔާ އެއްޗެކެވެ.

މަޞްދަރު: އަލްމިންޙަތުއްރައްބާނިއްޔާ ފީ ޝަރްޙިލް އަރްބަޢީނަ އައްނަޥަޥިއްޔާ. އައްޝައިޚް ޞާލިޙް އަލްފައުޒާން.


  1. ޞަޙީޙު މުސްލިމް (1251)، ރިވާ­ކުރެއްވީ އަނަސް  ↩︎

  2. އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. މީހަކު ޙައްޖު ވާން ޤަޞްދު­ކޮށް އޭނާގެ ހިތުގައިވާ ނިޔަތުން އެކަނި އޭނާ މުޙްރިމަކަށް ނުވާނެއެވެ. އެހެނީ އެ ނިޔަތަކީ އޭނާ ރަށުން ނުކުތީއްސުރެ ވެސް ހިތުގައި އޮތް އެއްޗެކެވެ. ނަމަވެސް އޭނާ މުޙްރިމަކު ކަމުގައި ވާހުށީ ބުނާ ބަހަކުން ނުވަތަ ކުރާ ޢަމަލަކުންނެވެ. ↩︎

  3. ބައްލަވާ ޒާދުލް މަޢާދު (1/‏201)، މިރްޤާތުލް މަފާތީޙް (1/‏96) ↩︎

  4. ޙަދީޘް ނެރުއްވީ އަބޫދާވޫދު (2795)؛ މިއީ އެކަލޭގެފާނު ރިވާ­ކުރެއްވި ޢިބާރާތެވެ. މީގެ އިތުރުން އިބްނު މާޖާ (3121)، ދާރިމީ ސުނަނުގައި (1946)، އިބްނު ޚުޒައިމާ ޞަޙީޙުގައި (4/‏287)، ޙާކިމް މުސްތަދްރަކުގައި (1/‏639)، ބައިހަޤީ ސުނަނުލް ކުބްރާއާއި (9/‏287) ޝުޢަބުލް އީމާނިގައި (5/‏475)، އަޙްމަދު މުސްނަދުގައި (3/‏375) ޖާބިރު ބިން ޢަބްދިﷲ ގެ އަރިހުން މި ޙަދީޘް ރިވާ­ކުރައްވާފައި ވެއެވެ. ↩︎