މުޙައްމަދުލް އަމީން ބިން މުޙައްމަދިލް މުޚްތާރު އަލްޖަކަނީ އައްޝަންޤީޠީއަކީ މޮރިޓޭނިޔާއަށް އުފަން ޢިލްމުވެރިއެކެވެ. އެބޭފުޅާ ނިސްބަތްބެވަޑައިގަންނަވާ ތަޖަކާންތް ޤަބީލާއަކީ ޙިމްޔަރުން އައިސްފައިވާ ޤަޙްޠާނީ ޢަރަބި ޤަބީލާއެކެވެ.
ޙަޔާތް
އުފަންވެވަޑައިގަތީ 1325ހ. ގައި މޮރިޓޭނިޔާގެ ތަންބަހ ކިޔާ ރަށެއްގައެވެ. ބޮޑުފުޅުވީ ޔަތީމު ޙާލުކޮޅުގައެވެ. އޭނާގެ މައިފުޅުގެ ބޮޑުބޭބެއިންނާއި ބޮޑުދައިތައިން އޭނާ ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް ރަނގަޅަށް މުޢާމަލާތު ކުރިއެވެ. ޤުރުއާނާ ބެހޭ ޢިލްމުތަކާއި ސީރަތާއި، އަދަބާއި، ތާރީޚު ޢިލްމާއި ފިޤުހުގެ އަސާސީ ބައިތައް ގޭގައި އުނގެނިވަޑައިގަތެވެ. އެގޮތުން އޭނާގެ ފުރަތަމަ މަދަރުސާއަކަށް ވީ ގެއެވެ.
އެއަށްފަހު އެ ގައުމުގައި ތިއްބެވި ބޮޑެތި ޢިލްމުވެރީންގެ އަރިހަށް ދަތުރު ކުރައްވައި އެ ބޭބޭފުޅުންގެ އަރިހުން ޢިލްމު ހޯއްދަވައި ގިނަ އިޖާޒާތައް ވެސް ނެންގެވިއެވެ. އޭރު އޭނާ ވެސް ފާހަގަކުރެވިފައި ވަނީ ތޫނިފިލި، ގަދައަޅައި މަސައްކަތް ކުރައްވާ، ހައިބަތު ހުރި ބޭފުޅެއްގެ ގޮތުގައެވެ.
އެ ޤައުމުގައި ޤާޟީކަން ވެސް ކުރައްވައި، ވެރީންނާއި ޢާންމުން ވެސް އިތުބާރުކުރާ ބޭފުޅެއްގެ ގޮތުގައި ހިމެނިވަޑައިގަތެވެ.
ސުއުދީ ޢަރަބިއްޔާއަށް ބަދަލުވެވަޑައިގަތުން
1367ހ. ގައި ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ޓަކައި ސުޢޫދީ ޢަރަބިއްޔާއަށް ވަޑަިގެންނެވިއެވެ. ސުޢޫދީ ރަސްގެފާނު އެ ގައުމުގެ ރައްވެހިކަން އެރުއްވުމުން އެތަނުގައި ހުންނަވަން ޤަޞްދު ކުރެއްވިއެވެ. އަދި މަސްޖިދުއްނަބަޥީގައި ކިޔަވައިދެއްވަން ފެއްޓެވިއެވެ. އެ ތާނގައި ޤުރްއާނުގެ ތަފްސީރު އެއްކޮޅުން އަނެއްކޮޅަށް ދެ ފަހަރަށް ކިޔަވައިދެއްވިއެވެ.
1371ހ. ގައި ރިޔާޟުގައި ޢިލްމީ މަޢުހަދުތަކާއި، ކުއްލިއްޔާތައް ހުޅުވިގެން ދިޔުމުން އެ ތަންތަނުގައި ވެސް ކިޔަވައިދެއްވިއެވެ. އަދި 1381ހ. ގައި މަދީނާގެ ޖާމިޢަތުލް އިސްލާމިއްޔާ ހުޅުވިގެން ދިޔުމުން އެތަނަށް ބަދަލުވެވަޑައިގެންނެވިއެވެ.
މި ދެންނެވި މުއައްސަސާތަކުގައި އެބޭފުޅާގެ އަރިހުން ޢިލްމު ޙާޞިލުކުރެއްވި ދަސްވެނީން ހާހުން ގުނައިލެވެއެވެ. ވަކިން ޚާއްޞަކޮށް ތަފްސީރާއި، ޢަޤީދާއާއި، އުޞޫލުގެ ދާއިރާއިންނެވެ.
ނިޔާވުން
ޝައިޚު ނިޔާވީ ހިޖުރައިން 1392 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު އެ މަހުގެ 17 ވަނަ ދުވަހުއެވެ. ކަށުނަމާދު ކުރެވުނީ މައްކާގެ މަސްޖިދުލް ޙަރާމުގައެވެ. މަދީނާގެ މަސްޖިދުއްނަބަވީގައި ވެސް ޣައިބަށް ކަށުނަމާދު ކުރެވުނެވެ.
ފާހަގަކޮށްލެވޭ ބައެއް އުސްތާޛުން
- މުޙައްމަދު ބިން ޞާލިޙް
- އަޙްމަދް އަލްއަފްރަމް ބިން މުޙައްމަދުލް މުޚްތާރް އަލްޖަކްނީ
- މުޙައްމަދު ބިން އައްނިޢުމަތު ބިން ޒައިދާން
- އަޙްމަދު ބިން ޢުމަރު
- އަޙްމަދު ފާލް ބިން އާދޫ އަލްޖަކްނީ
- އަޙްމަދު ބިން މޫދް އަލްޖަކްނީ
ފާހަގަކޮށްލެވޭ ބައެއް ދަރިވަރުން
އެބޭފުޅާގެ އަރިހުން މަސްޖިދުއްނަބަޥީގައްޔާއި، ރިޔާޟުގައި ޢިލްމު އުނގެނިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޢަބްދުލް ޢަޒީޒް އިބްނު ބާޒް، ޢަޠިއްޔާ މުޙައްމަދު ސާލިމް، ޙައްމާދު އަލްއަންޞާރީ ފަދަ ބޮޑެތި ޢިލްމުވެރީން ހިމެނިވަޑައިގަންނަވައެވެ. އަދި ރިޔާޟުގެ މައުޙަދުގައި ކިޔަވައިދެއްވި ދަރިވަރުންގެ ތެރޭގައި އައްޝައިޚް މުޙައްމަދު ބިން ޞާލިޙް އަލް ޢުޘައިމީންއާއި އައްޝައިޚް ޢަބްދުއްރަޙްމާން އަލްބައްރާކުއާއި، އައްޝައިޚް ބަކްރު އަބޫ ޒައިދް އަދި އެނޫން ވެސް ބޭބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އެ އެންމެހައި ބޭފުޅުންނަށް ﷲ ރަޙުމަތް ލައްވާށިއެވެ!
ފޮތްތައް
ޝޭޚުގެ ޢިލްމީ ތަރިކައިގެ ތެރޭގައި ޝޭޚު ތައުލީފު ކުރެއްވި އަގުހުރި އެތައް ފޮތްތަކެއް ހިމެނެއެވެ.
- أضواء البيان في إيضاح القرآن بالقرآن. މިއީ ޤުރުއާނުން ޤުރުއާން ތަފްސީރުކުރުމުގެ މައްޗައް ލިޔުއްވާފައިވާ އަގުހުރި ތަފްސީރެކެވެ. މިއީ ޝައިޚުގެ އެންމެ މަޝްހޫރު ފޮތެވެ.
- دفع إيهام الاضطراب عن آيات الكتاب
- منع جواز المجاز في المنزل للتعبد والإعجاز
- الأسماء والصفات نقلا وعقلا
- ألفية في المنطق
- آداب البحث والمناظرة
- خالص الجمان في أنساب العرب
- نظم في الفرائض
- مذكرة أصول الفقه على روضة الناظر
- رحلة خروجه إلى الحج
- المعلقات العشر وأخبار شعرائها
މި ނޫނަސް އެތައް ފޮތްތަކެއް ހިމެނެއެވެ. މީގެ އިތުރުން ޝޭޚުގެ ބައެއް މުޙާޟަރާތަކުގެ ރިކޯޑިންތައް ވެސް ލިޔެވި ޗާޕުކުރެވިފައި ވެއެވެ. އަދި ޝޭޚުގެ ޢިލްމީ ތަރިކަ ޖަމާކޮށް އެކި ފަރާތްކުން ޝާއިޢުކޮށްފައި ވެއެވެ.
ޢިލްމުވެރީންގެ ސަނާ
- އައްޝައިޚް މުޙައްމަދު ބިން އިބްރާހީމް ވިދާޅުވިއެވެ. ”އޭނާގެ ބޮލުން ފެށިގެން ފައިތިލަޔާ ހަމަޔަށް ފުރި ބަރާވެފައި ވަނީ ޢިލްމުންނެވެ.“ އަދިވެސް ވިދާޅުވެފައި ވެއެވެ. ”ޢިލްމާއި، ޤުރްއާނާއި، ބަހާއި، ޢަރަބީންގެ ޅެންތަކުގެ ދާއިރާގައި އެއީ އާޔަތެކެވެ.“
- އައްޝައިޚް އިބްނު ބާޒް ވިދާޅުވިއެވެ. ”އޭނާ ތަފްސީރު ޢިލްމާ ބެހޭގޮތުން ވާހަކަ ދައްކަވާއިރު އަޑުއަހައިފި މީހަކު، އޭނާގެ ޢިލްމުގެ ތަނަވަސްކަމާއި، ފަޞާޙަތްތެރިކަމާއި، ބަލާޣަތްތެރިކަމާ މެދު އަޖައިބުވާނެއެވެ. އަދި އެ ވާހަކަފުޅުތައް އަޑުއަހައި ފޫހި ނުވާނެއެވެ.“
- އަލްޢައްލާމާ އަލްއަލްބާނީ ވިދާޅުވިއެވެ. ”ގިނަގުނަ ޢިލްމުތައް ޖަމާކުރުމުގައި އޭނާފަދަ ބޭފުޅަކު އަހަރެން ނުދެކެމެވެ.“ އަދި ޝޭޚުލް އިސްލާމް އިބްނު ތައިމިއްޔާއާ ވައްތަރު ކުރެއްވިއެވެ.
- އައްޝައިޚް ބަކްރު އަބޫޒައިދު ވިދާޅުވިއެވެ. ”މި ޒަމާނުގައި ޝޭޚުލް އިސްލާމްގެ ލަޤަބު ޙައްޤުވާ މީހަކު ވާނަމަ އެމީހަކީ އެބޭފުޅާއެވެ.“ އަދިވެސް ވިދާޅުވިއެވެ. ”އޭނާއަކީ ދުނިޔޭގެ ކަންތައްތައް މަދުކުރާ (ޒުހުދުވެރި) ބޭފުޅަކު ކަމުގައި ވިއެވެ. ފައިސާގެ ނޫޓުތައް ބެހޭ ޢަދަދުތައް އެނގިވަޑައިނުގެން އުޅުއްވަނިކޮށް އަހަރެން ދެކުނީމެވެ.“
- އައްޝައިޚް ޙައްމާދް އަލްއަންޞާރީ ވިދާޅުވިއެވެ: ”އޭނާއަކީ އާދަޔާ ޚިލާފަށް ހިދުދަސްކުރުމުގެ ބާރުގަދަ ބޭފުޅެކެވެ. އެދުވަސްވަރުގައި ވެސް ބެލެވެނީ އެއީ ނާދިރު ބޭފުޅެއްގެ ގޮތުގައެވެ.“
ނޯޓު: މިއީ ޝައިޚުގެ ދަރިވަރު ޢަޠިއްޔާ ސާލިމް ލިޔުއްވި ކުރު ބަޔޮގްރަފީއަކާއި، އެހެނިހެން މަޞްދަރުތަކުގައި ހުރި ބައެއް މައުލޫމާތު އެއްކޮށްގެން އެކުލަވާލައިފައިވާ ލިޔުމެކެވެ.