އެންމެ ބޮޑެތި ޢަޖާއިބުތަކުގެ ތެރޭގައި، އަދި المَلِكُ الغَلَّابُ ގެ ކުޅަދުން­ވަންތަ­ކަމަށް ދަލީލު ކޮށްދޭ އެންމެ ބޮޑެތި އާޔަތްތަކުގެ ތެރޭގައި ހަ އުޞޫލެއް ވެއެވެ. ހީކުރާ މިހުންގެ ހީތަކުގެ މައްޗަށް، ޢާންމު މީސް­ތަކުންނަށް ސާފު­ކޮށް ބަޔާން ވާނޭހޭން الله تعالى ވަނީ މި އުޞޫލުތައް ބަޔާން ކޮށް­ދެއްވާފައެވެ. ދެން މީގެ ފަހުގައި ދުނިޔޭގެ ވިސް­ނުން­ތޫނު މީހުންނާއި، އާދަމުގެ ދަރީންގެ ތެރޭވީ ބުއްދިވެރީންގެ ތެރެއިން ގިނަ ބަޔަކަށް މި އުޞޫލުތައް އޮޅި، އޭގައި ކުށްހެދިއެވެ. މަދު ބައެއްގެ ތެރެއިން ވެސް މަދު ބަޔަކު މެނުވީއެވެ.

ފުރަތަމަ އަޞްލަކީ:

އެއީ ﷲ އަށް އެއްވެސް ބައި­ވެރިއަކު ލުމެއްނެތި ހަމައެކަނި ﷲ އަށް ދީން ޚާލިޞް ކުރުމެވެ. އަދި މިކަމުގެ އިދިކޮޅު ކަމުގައިވާ ﷲއަށް ޝިރުކު ކުރުން ބަޔާން ކުރުމެވެ. އަދި ޤުރުއާނުގެ ބޮޑު ބައެއް، އެންމެ ހިތްގައު މީހާއަށް ދާންދެން އެންމެހައި މީސް­ތަކުންނަށް ވެސް ދޭހަވާނޭހެން، އެކިއެކި ގޮތްގޮތުން، މި އަޞްލު ބަޔާން ކޮށްދިނުމަށް އައިސްފައި ވުމެވެ. ދެން މިއަށްފަހުގައި އުންމަތުގެ ގިނަ ބައަކަށް ވެދިޔަ ކަމެއްވެ ދިޔުމަށްފަހުގައި، (އަޅު­ކަމުގައި اﷲ تعالى އަށް) އިޚްލާޞް­ތެރިވުމަކީ، ހެޔޮލަފާ ޞާލިޙުންނަށް ކުޑައިމީސް­ކޮށް އެބައި­މީހުންގެ ޙައްޤުތައް ދިނުމުގައި އުނިކުރުން ކަމުގައި ޝައިޠާނާ މީސް­ތަކުންނަށް ދައްކައިދީފިއެވެ. އަދި ﷲއަށް ޝަރީކު ކުރުމަކީ ޞާލިޙުންނަށް ލޯބި­ކޮށް އެބޭ­ކަލުންނަށް ތަބާ­ވުން ކަމުގައި ދައްކައިދީފިއެވެ.

ދެވަނަ އަޞްލު:

اﷲ تعالى ވަނީ ދީނުގައި އެއްބައިވެ­ގަތުމަށް އަމުރު­ކުރައްވާފައެވެ. އަދި ދީނުގައި ބައިބައިވެދިޔުން ނަހީ­ކުރައްވާފައެވެ. ފަހެ اﷲ تعالى ވަނީ، ޢާންމުންގެ މީހުންނަށް ދޭހަވާ ފަދަ، އަދި ސާފު­ކޮށް އެނގި ފުދޭނޭ ފަދަ ބާޔާނަކުން، މި ކަން ބަޔާން ކޮށް­ދެއްވާފައެވެ. އަދި އަހަރެމެންގެ ކުރީގައި ޚިލާފުވެ ބައިބައިވެ އެ ކަމުގައި ހަލާކުވެދިޔަ މީހުން ފަދައިން ވުން އަހަރެމެންގެ މައްޗަށް ނަހީ­ކުރެއްވިއެވެ. އަދި އެކަލާނގެ މުސްލިމުންނަށް އެއްބައިވެ­ގަތުމަށް އަމުރު­ކުރައްވާ­ކަމާއި ބައިބައިވެގަތުން ނަހީ­ކުރައްވާކަން ޛިކުރު­ކުރެއްވިއެވެ. އަދި މިކަން އިތުރަށް ފާޅުވެ ސާފު­ވެގެންދަނީ ސުންނަތުގައި މިކަމާމެދު އައިސްފައިވާ ޢަޖާއިބުވާހައި ގިނަ ދަލީލު­ތަކުންނެވެ.

ދެން މީގެ ފަހުގައި ކަންތައް ވީގޮތަކީ: ދީނުގައި ޢިލްމާއި ފިޤުހު­ވެރި­ކަމަކީ އެއީ ދީނުގެ އަޞްލު­ތަކާއި ފަރުޢު­ތަކުގައި ބައިބައިވެގަތުން­ކަމުގައި ވެއްޖެއެވެ. އަދި ދީނުގައި އެއްބައިވެ­ގަތުމަކީ މޮޔައަކު ނޫނީ މަގުފުރެދި ދީންގެއްލިފައިހުރި ޒިންދީޤަކު ނޫނީ ނުބުނާ ބަހަކަށް ވެއްޖެއެވެ.

ތިންވަނަ އަޞްލު:

އަހަރެމެންގެ މައްޗަށް އިސް­ވެފައިވާ ވެރީންގެ ބަސްއަހައި ކިޔަމަންވުމަކީ މި އެއްބައި­ވަންތަކަން ފުރިހަމަވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ ވެރިޔާއަކީ ޙަބަޝީ އަޅަކު­ކަމުގައި ވިޔަސް މެއެވެ. اﷲ تعالى ވަނީ ބަޔާނުގެ އެކިއެކި ވައްތަރު­ތަކުން، ސާފުވެ އެނގި ފުދޭހައި ވަރަށް، ޝަރުޢީ ގޮތުންނާއި (ކައުނުގައި ލައްވައި މިންވަރު­ކުރައްވާފައިވާ) ޤަދަރުގައި މިކަން ބަޔާން­ކޮށް­ދެއްވާފައެވެ. ދެން ވެގެން ދިޔަގޮތަކީ، ދަންނަ­ކަމަށް ދަޢުވާކުރާ ގިނަބަޔަކު ނުދަންނަ ކަމަކަށް މި އަޞްލު ވެގެން ދިޔުމެވެ. މިހެން މިކަން އޮއްވައި މިއަށް އަދި ޢަމަލު­ކުރެވޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟

ހަތަރުވަނަ އަޞްލު:

ޢިލްމާއި ޢިލްމުވެރީން ބަޔާން ކޮށްދިނުމެވެ. އަދި ފިޤުހާއި ފިޤުހުވެރީން ބަޔާން­ކޮށްދިނުމެވެ. އަދި ޢިލްމު­ވެރި ފިޤުހުވެރީންނާ (ބޭރުފުށުން) ވައްތަރު­ވެގެން ތިބޭ، އެކަމަކު އެބޭ­ކަލުންގެ ތެރެއިން ނުވާ މީހުން ބަޔާން­ކޮށްދިނުމެވެ. اﷲ تعالى ވަނީ ބަޤަރާ ސޫރަތުގެ ކުރީކޮޅުގައި މިއަޞްލު ބަޔާން­ކޮށް­ދެއްވާފައެވެ. އެއީ ﴿‌يَٰبَنِيٓ إِسۡرَٰٓءِيلَ ٱذۡكُرُواْ نِعۡمَتِيَ ٱلَّتِيٓ أَنۡعَمۡتُ عَلَيۡكُمۡ وَأَوۡفُواْ بِعَهۡدِيٓ أُوفِ بِعَهۡدِكُمۡ… މި އާޔަތުން ފެށިގެން ﴿يَٰبَنِيٓ إِسۡرَٰٓءِيلَ ٱذۡكُرُواْ نِعۡمَتِيَ ٱلَّتِيٓ أَنۡعَمۡتُ عَلَيۡكُمۡ وَأَنِّي فَضَّلۡتُكُمۡ عَلَى ٱلۡعَٰلَمِينَ މި އާޔަތާ ހަމައަށެވެ.1

އަދި މިކަން އިތުރަށް ފާޅުވެ ސާފު­ވެގެން ދަނީ ސުންނަތުގައި، އެންމެ ތަންދޮރުނުދަންނަ ވިސްނުންކޮށި މީހާއަށްވެސް ސާފުވާނޭފަދައިން ޞަރީހަ­ކޮށް ބަޔާންވެ ވާރިދު­ވެގެން އައިސްފައިވާ ދަލީލު­ތަކުންނެވެ. ދެން (މި ހުރިހައި ކަމަކަށް ފަހުގައިވެސް) މީސް­ތަކުންނަށް އެންމެ ބީރައްޓެހި ކަމަކަށް މިކަން ވެއްޖެއެވެ. އަދި ޢިލްމާއި ފިޤުހަކީ އެއީ ބިދުޢައާއި މަގުގުރެދުންތައް­ކަމުގަ ވެއްޖެއެވެ. އަދި އެ މީހުންގެ މެދުގައިވާ އެންމެ ހެޔޮ އެއްޗަކީ ބާޠިލުން ޙައްޤު އޮޅުވާލުން­ކަމުގައި ވެއްޖެއެވެ. އަދި ﷲ تعالى ޚަލްޤު­ތަކުންގެ މައްޗަށް ފަރުޟުކުރައްވައި، މަދަޙަބަސް­ފުޅު ވަޙީ­ކުރައްވާފައިވާ (ޝަރުޢީ) ޢިލްމަކީ އެއީ މޮޔައަކު ނޫނީ ޒިންދީޤަކު މެނުވީ އެއާމެދު ވާހަކަ ނުދައްކާ އެއްޗެއް ކަމުގައި ވެއްޖެއެވެ. އަދި އެ ޢިލްމާމެދު އިންކާރު­ކޮށް އެއަށް ޢަދާވާތް­ތެރިވެ އެ ޢިލްމާމެދު އިންޛާރުދީ އެކަން ނަހީ­ކުރުމަށް ފޮތްލިޔެ ހަދާމީހާއަކީ އެއީ ފިޤުހު­ވެރި ޢިލްމު­ވެރިޔާއަށް ވެއްޖެއެވެ.

ﷲ سبحانه ގެ ވަލީވެރީން ބަޔާން­ކުރެއް­ވުމެވެ. އަދި ޙަޤީޤީ ވަލީވެރީންނާއި، اﷲ تعالىގެ ޢަދުއް­ވުންގެ ތެރެއިން އެ ވަލީވެރީންނާ ވައްތަރުވެގަނެގެން އުޅޭ މުނާފިޤުންނާއި ފާޖިރުންގެ ތަފާތު ބަޔާން­ކުރެއް­ވުމެވެ.

މިކަމަށް އާލު ޢިމްރާން ސޫރަތުގެ އާޔަތެއްފުދޭނެއެވެ. އެއީ اﷲ تعالىގެ މި ބަސް­ފުޅެވެ: ‏﴿قُلۡ إِن كُنتُمۡ تُحِبُّونَ ٱللَّهَ فَٱتَّبِعُونِي يُحۡبِبۡكُمُ ٱللَّهُ މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައި­މީހުން، ﷲ އަށް ލޯބިވާ­ކަމުގައި ވަނީ­ނަމަ، ފަހެ، ތިޔަބައި­މީހުން، ތިމަންކަލޭގެފާނަށް ތަބާވާށެވެ! އޭރުން، ﷲ، ތިޔަބައި­މީހުންދެކެ ލޯބިވެ­ވޮޑިގެންވާނެތެވެ.”

އަދި މާއިދާ ސޫރަތުގެ އާޔަތެކެވެ: އެއީ اﷲ تعالىގެ މި ބަސް­ފުޅެވެ: ﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ مَن يَرۡتَدَّ مِنكُمۡ عَن دِينِهِۦ فَسَوۡفَ يَأۡتِي ٱللَّهُ بِقَوۡمٖ يُحِبُّهُمۡ وَيُحِبُّونَهُۥٓ މާނައީ: “އޭ އީމާންވެއްޖެ މީސް­ތަކުންނޭވެ! ތިޔަބައި­މީހުންގެ ތެރެއިން އެމީހެއްގެ ދީން ދޫކޮށް މުރުތައްދުވާ މީހާ (ދަންނާށެވެ!) ފަހެ، (އެއުރެންގެ ބަދަލުގައި) އެ ބަޔަކަށް އެކަލާނގެ ލޯބިވެ­ވޮޑިގެންވާ، އަދި އެބަޔަކު އެކަލާނގެދެކެ ލޯބިވާ ބަޔަކު ﷲ ގެންނަވާނެތެވެ.”

އަދި ޔޫނުސު ސޫރަތުގެ އާޔަތެކެވެ: އެއީ اﷲ تعالىގެ މި ބަސް­ފުޅެވެ: ‏﴿أَلَآ إِنَّ أَوۡلِيَآءَ ٱللَّهِ لَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ މާނައީ: “ދަންނާށެވެ! ހަމަ­ކަށަވަރުން، ﷲގެ ވަލިއްޔުންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.”

ދެން ކަންތައް ވެގެން ދިޔަ ގޮތީ: ވަލީ­ވެރިޔާ ރަސޫލުންނަށް ތަބާ­ވުން ދޫކޮށް­ލަން ޖެހޭ­ކަމަށް ޢިލްމަށް ދަޢުވާކުރާ އަދި ތިމާމެންނަކީ ޚަލްޤު­ތަކުންނަށް މަގުދައްކައިދޭ، ޝަރީޢަތް ޙިމާޔަތް ކުރާ ބަޔަކު­ކަމަށް ދަޢުވާކުރާ މީހުން، ބުނަން ފެށީއެވެ. އެބޭ­ކަލުންނަށް ތަބާވެއްޖެ­ނަމަ އެމީހުންގެ ގާތުގަ ވަލީ­ވެރިއަކަށް ނުވެއެވެ. ޖިހާދުކުރުން ދޫކޮށް­ލަން ޖެހޭ­ކަމަށް ބުނެއެވެ. ޖިހާދު­ކޮށްފިމީހާ އެމީހުންގެ ގާތުގަ ވަލީ­ވެރިއަކަށް ނުވެއެވެ. އަދި އީމާން­ތެރި­ކަމާއި ތަޤުވާ­ވެރިކަން ދޫކޮށް­ލަންޖެހޭ­ކަމަށް ބުނެއެވެ. އީމާން­ތެރި­ކަމާއި ތަޤުވާ­ވެރި­ކަމުގައި ޢަހުދުވެ ދެމިހުރެއްޖެ މީހާ އެމީހުންގެ ގާތުގަ ވަލީ­ވެރިއަކަށް ނުވެއެވެ.

އޭ އަޅަމެންގެ ރައްބެވެ! އިބައިލާހުގެ ފާފަފުއްސެވުމާއި ޢާފިޔަތަށް އަޅަމެން އެދެމެވެ. އިބައިލާހީ ދުޢާތައް އަޑުއައްސަވާ އިލާހެވެ.

ހަވަނަ އަޞްލު:

ޤުރުއާނާއި ސުންނަތް ދޫކޮށް، ތަފާތު، ބައިބައިކުރަނިވި ރައުޔު­ތަކާއި ހަވާނަފްސަށް ތަބާވުމަށް ޝައިޠާނާ ހަދާފައިވާ ޝުބުހަޔަށް ރައްދު­ދިނުން.

އެއީ (އެ ޝުބުހައަކީ) ޤުރުއާނާއި ސުންނަތް މުޠުލަޤު މުޖުތަހިދަކަށް މެނުވީ ނޭނގޭނޭ ކަމަށް ބުނުމެވެ. މި މުޖުތަހިދަކީ ވަކި ސިފަ­ތަކެއް ހުންނަންޖެހޭ މީހެކެވެ. އެއީ ފަހަރެއްގައި އަބޫ­ބަކުރުގެފާނާއި ޢުމަރުގެފާނަށް ވެސް ފުރިހަމައަށް ލިބިގެން ނުވާފަދަ ސިފަ­ތަކެވެ. ތިމާއަށް މި ސިފަތައް ލިބިގެންނުވާ­ނަމަ (އެމީހުން ބުނާގޮތުގައި) އޭނާއަށް ފަރުޟުވެ ލާޒިމު­ވެގެން ވަނީ ޤުރުއާނާއި ސުންނަތް ދޫކޮށް­ލުމެވެ. ޤުރުއާނާއި ސުންނަތް ފަހުމްވުމުގެ އުދަގޫ­ކަމުން، އެއިން ހިދާޔަތް ހޯދަން އުޅެފި މީހާ މިވަނީ ދީންގެއްލިފައިވާ ޒިންދީޤަކަށް ނޫނީ މޮޔައަކަށެވެ.

ފަހެ ﷲގެ ހުސްޠާހިރު­ވަންތަ­ކަމާއެވެ. އެކަލާނގެއަށް ޙަމްދުލިބި­ވޮޑިގެން ވެއެވެ.

ޝަރުޢީ ގޮތުންނާއި ޤަދަރުގެ ގޮތުން އަދި އެކަލާނގެ، ޚަލްޤު ކުރެއްވުމުގައްޔާއި އަމުރު­ފުޅު ހިންގެވުމުގައި މި ލަޢުނަތް ލިބިގެންވާ ނުބައި ޝުބުހައަށް އެކި ގޮތްގޮތަށް ރައްދު ދެއްވުމުގައި އެކަލާނގެ ކިހައި ވަރަކަށް ބަޔާން­ކޮށް­ދެއްވާފައި ވޭ ހެއްޔެވެ! މިގޮތުން މިކަން ވަނީ ދީނުގަ ކޮންމެހެން ޟަރޫރީ ގޮތުން އެނގެން ޖެހޭ ކަމަކަށް ވެފެއެވެ. ނަމަވެސް މީސް­ތަކުންގެ ގިނަ ބަޔަކަށް ނޭނގެއެވެ!

﴿لَقَدۡ حَقَّ ٱلۡقَوۡلُ عَلَىٰٓ أَكۡثَرِهِمۡ فَهُمۡ لَا يُؤۡمِنُونَ ‮٧ إِنَّا جَعَلۡنَا فِيٓ أَعۡنَٰقِهِمۡ أَغۡلَٰلٗا فَهِيَ إِلَى ٱلۡأَذۡقَانِ فَهُم مُّقۡمَحُونَ ‮٨ وَجَعَلۡنَا مِنۢ بَيۡنِ أَيۡدِيهِمۡ سَدّٗا وَمِنۡ خَلۡفِهِمۡ سَدّٗا فَأَغۡشَيۡنَٰهُمۡ فَهُمۡ لَا يُبۡصِرُونَ ‮٩ وَسَوَآءٌ عَلَيۡهِمۡ ءَأَنذَرۡتَهُمۡ أَمۡ لَمۡ تُنذِرۡهُمۡ لَا يُؤۡمِنُونَ ‮١٠ إِنَّمَا تُنذِرُ مَنِ ٱتَّبَعَ ٱلذِّكۡرَ وَخَشِيَ ٱلرَّحۡمَٰنَ بِٱلۡغَيۡبِۖ فَبَشِّرۡهُ بِمَغۡفِرَةٖ وَأَجۡرٖ كَرِيمٍ ‮١١. [‏سورة يس، الآيات‏:‏ 7 ـ 11‏]

މާނައީ: ”ހަމަ­ކަށަވަރުން، އެއުރެން­ކުރެން ގިނަ މީހުންގެ މައްޗަށް ކޯފާގެ ބަސް­ފުޅު ޙައްޤުވެއްޖެކަން ކަށަވަރެވެ. ފަހެ، އެއުރެން އީމާނެއް ނުވާނެތެވެ. ހަމަ­ކަށަވަރުން، ތިމަން­ރަސް­ކަލާނގެ އެއުރެންގެ ކަނދުރާ­ތަކުގައި ކަސްތަޅު­ތަކެއް ލެއްވީމެވެ. ފަހެ، އެ ކަސްތަޅުތައް ދަތްދޮޅިތަކާ ހަމަޔަށް ހުންނަހުށްޓެވެ. ފަހެ، އެއުރެން ވަނީ ބޯތައް އުފުލިގެންނެވެ. އަދި ތިމަން­ރަސް­ކަލާނގެ އެއުރެންގެ ކުރިމަތިން ހުރަހަކާއި، އެއުރެންގެ ފުރަގަހުން ހުރަހެއް ލެއްވީމެވެ. އަދި ތިމަން­ރަސް­ކަލާނގެ އެއުރެންގެ ލޯތަކުގައި ފަރުދާ­އެއް ލެއްވީމެވެ. ދެން އެއުރެންނަކަށް ނުފެންނާނެތެވެ. އަދި ކަލޭގެފާނު އެއުރެންނަށް އިންޛާރު ކުރެއްވިޔަސް ނުވަތަ އެއުރެންނަށް ކަލޭގެފާނު އިންޛާރު ނުކުރެއްވިޔަސް، އެއުރެންނަށް ހަމަހަމަ­ވެގެންވެއެވެ. އެއުރެން އީމާނެއް ނުވާނެތެވެ. ކަލޭގެފާނު އިންޛާރު­ކުރައްވާކަން ކަށަވަރީ، ޤުރުއާނަށް ތަބާވެ، ޣައިބުގައި ރަޙްމާން­ވަންތަ ރަސް­ކަލާނގެއަށް ބިރުވެތިވާ މީހާއަށެވެ. ފަހެ، އެ މީހާއަށް ފާފަފުއްސެވުމާއި، ދީލަތި ދަރުމަ­އެއް ހުރި­ކަމުގެ އުފާ­ވެރި ޚަބަރު ކަލޭގެފާނު ދެއްވާށެވެ!“

آخره والحمد لله رب العالمين وصلى الله على سيدنا محمد وعلى آله وصحبه وسلم تسليمًا كثيرًا إلى يوم الدين‏.‏


  1. މި އާޔަތްތަކަކީ:

    ﴿يَٰبَنِيٓ إِسۡرَٰٓءِيلَ ٱذۡكُرُواْ نِعۡمَتِيَ ٱلَّتِيٓ أَنۡعَمۡتُ عَلَيۡكُمۡ وَأَوۡفُواْ بِعَهۡدِيٓ أُوفِ بِعَهۡدِكُمۡ وَإِيَّٰيَ فَٱرۡهَبُونِ ‮٤٠

    އޭ އިސްރާއީލުގެ ދަރިންނޭވެ! ތިމަން­ރަސް­ކަލާނގެ ތިޔަބައި­މީހުންނަށް ދެއްވި ނިޢުމަތް ތިޔަބައި­މީހުން ހަނދުމަކުރާށެވެ! އަދި ތިމަން­ރަސް­ކަލާނގެ ޢަހުދު ތިޔަބައި­މީހުން ފުއްދާށެވެ! (އެބަހީ: ތައުރާތުގައި ތިމަން­ރަސް­ކަލާނގެ ތިޔަބައި­މީހުންނަށް އަންގަވާފައިވާ އެންގެ­ވުންތަކަށް ކިޔަމަންވެ، އެގޮތުގެ މަތިން ޢަމަލުކުރާށެވެ!) އޭރުން، ތިމަން­ރަސް­ކަލާނގެ ތިޔަބައި­މީހުންގެ ޢަހުދު ފުއްދަވާ­ހުށީމެވެ. (އެބަހީ: ކިޔަމަންގަތް އަޅުންނަށް ދެއްވާނެ­ކަމަށް އަންގަވާފައިވާ ހެޔޮ ޖަޒާ ދެއްވާ­ހުށީމެވެ.) އަދި ހަމައެކަނި ތިމަން­ރަސް­ކަލާނގެއަށް ތިޔަބައި­މީހުން ބިރުވެތިވާށެވެ!

    ﴿وَءَامِنُواْ بِمَآ أَنزَلۡتُ مُصَدِّقٗا لِّمَا مَعَكُمۡ وَلَا تَكُونُوٓاْ أَوَّلَ كَافِرِۢ بِهِۦۖ وَلَا تَشۡتَرُواْ بِ‍َٔايَٰتِي ثَمَنٗا قَلِيلٗا وَإِيَّٰيَ فَٱتَّقُونِ ‮٤١

    އަދި ތިޔަބައި­މީހުންނާ އެކުގައިވާ ފޮތް (އެބަހީ: ތައުރާތު) ތެދުކުރަނިވި ގޮތުގައި ތިމަން­ރަސް­ކަލާނގެ ބާވައި­ލެއްވި ފޮތަށް (އެބަހީ: ޤުރްއާނަށް) ތިޔަބައި­މީހުން އީމާންވާށެވެ! އަދި އެ ފޮތަށް އެންމެ ފުރަތަމައިން ކާފަރުވާ ބަޔަކު ކަމުގައި ތިޔަބައި­މީހުން ނުވާށެވެ! އަދި ތިމަން­ރަސް­ކަލާނގެ އާޔަތްތަކަށް، ކުޑަ އަގެއް ތިޔަބައި­މީހުން ނުގަންނާށެވެ! އަދި ހަމައެކަނި ތިމަން­ރަސް­ކަލާނގެއަށް ތަޤުވާ­ވެރިވާށެވެ!

    ﴿وَلَا تَلۡبِسُواْ ٱلۡحَقَّ بِٱلۡبَٰطِلِ وَتَكۡتُمُواْ ٱلۡحَقَّ وَأَنتُمۡ تَعۡلَمُونَ ‮٤٢

    އަދި ތިޔަބައި­މީހުން ޙައްޤާއި ބާޠިލު އޮޅުވައިނުލާށެވެ! އަދި ތިޔަބައި­މީހުން ދެނެތިބި ޙާލުގައި ޙައްޤު ވަންހަނާ ނުކުރާށެވެ!

    ﴿وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَٱرۡكَعُواْ مَعَ ٱلرَّٰكِعِينَ ‮٤٣

    އަދި ތިޔަބައި­މީހުން ނަމާދު ޤާއިމްކުރާށެވެ! އަދި ތިޔަބައި­މީހުން ޒަކާތްދޭށެވެ! އަދި ރުކޫޢުކުރާ މީހުންނާ އެކުގައި ތިޔަބައި­މީހުން ރުކޫޢުކުރާށެވެ!

    ﴿أَتَأۡمُرُونَ ٱلنَّاسَ بِٱلۡبِرِّ وَتَنسَوۡنَ أَنفُسَكُمۡ وَأَنتُمۡ تَتۡلُونَ ٱلۡكِتَٰبَۚ أَفَلَا تَعۡقِلُونَ ‮٤٤

    ތިޔަބައި­މީހުން ފޮތް ކިޔަވަކިޔަވައި ތިބޭ ޙާލުގައި ތިޔަބައި­މީހުންގެ އަމިއްލަ ނަފްސުތަކުގެ މަތިން ހަނދާން ނައްތާލައި، މީސް­ތަކުންނަށް ހެޔޮކަންތަކަށް އަމުރުކުރަނީ ހެއްޔެވެ؟ ފަހެ، ތިޔަބައި­މީހުން ނުވިސްނަނީ ހެއްޔެވެ؟

    ﴿وَٱسۡتَعِينُواْ بِٱلصَّبۡرِ وَٱلصَّلَوٰةِۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلۡخَٰشِعِينَ ‮٤٥

    އަދި ކެތް­ތެރި­ކަމާއި ނަމާދުން ތިޔަބައި­މީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަ­ކަށަވަރުން، އެއީ ވަރަށް ބޮޑު­ކަމެކެވެ.

    ﴿ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَٰقُواْ رَبِّهِمۡ وَأَنَّهُمۡ إِلَيۡهِ رَٰجِعُونَ ‮٤٦

    އެއުރެންނީ، އެއުރެންގެ ރައްބު އާ ބައްދަލުވާނޭ ބަޔަކު­ކަމާއި، އެކަލާނގެ ޙަޟުރަތަށް އެނބުރި ރުޖޫޢަ ވަނިވި ބަޔަކުކަން ކަށަވަރު­ކޮށް ޔަޤީންކުރާ މީހުންނެވެ.

    ﴿يَٰبَنِيٓ إِسۡرَٰٓءِيلَ ٱذۡكُرُواْ نِعۡمَتِيَ ٱلَّتِيٓ أَنۡعَمۡتُ عَلَيۡكُمۡ وَأَنِّي فَضَّلۡتُكُمۡ عَلَى ٱلۡعَٰلَمِينَ ‮٤٧

    އޭ އިސްރާއީލުގެ ދަރީންނޭވެ! ތިމަން­ރަސް­ކަލާނގެ ތިޔަބައި­މީހުންނަށް ދެއްވި ނިޢުމަތާއި، އަދި (އެދުވަސްވަރުގެ) ޢާލަމްތަކުގެ މައްޗަށް ތިމަން­ރަސް­ކަލާނގެ ތިޔަބައި­މީހުން މާތް­ކުރައްވާފައިވާކަން ހަނދުމަކުރާށެވެ! ↩︎