ސުފްޔާން ބިން ޢުޔައިނާ ރިވާކުރައްވާފައި ވެއެވެ:
ހިޝާމް ބިން ޢަބްދުލް މަލިކް (އޭރުގެ ޚަލީފާ) އެއްދުވަހަކު ކަޢުބާއަށް ވެދެވަޑައިގެން އެތަނުން (ޢުމަރު ގެ ކާފަދަރިކަލުން) ސާލިމް ބިން ޢަބްދުﷲ ދެކެވަޑައިގަތެވެ.
އެހިނދު އެކަލޭގެފާނަށް ވިދާޅުވިއެވެ: ”އޭ ސާލިމެވެ! ކަލޭގެފާނުގެ އެއްވެސް ބޭނުންފުޅެއް ވާނަމަ އަހުރެންގެ ގާތުގައި ވިދާޅުވާށެވެ.“ ސާލިމް އެކަލޭގެފާނަށް ވިދާޅުވިއެވެ. ”ﷲގެ ގެކޮޅުގައި އެކަލާނގެ ނޫން އެހެން ފަރާތެއްގެ ކިބައިން ކަންކަމު އެދެންް ހަމަކަށަވަރުން ވެސް އަޅުގަނޑު ލަދުވެތިވަމެވެ.“
ދެން އެކަލޭގެފާނު މިސްކިތުން ނިކުމެވަޑައިގެންނެވި ތަނާ (ޚަލީފާ) އެކަލޭގެފާނުގެ ފަހަތްޕުޅުން ނިކުމެވަޑައިގެން ވިދާޅުވިއެވެ. ”ކަލޭގެފާނު މިހާރު ތިޔަ ހުންނެވީ މިސްކިތުގައެއް ނޫނެވެ. އެހެންވީމާ ކަލޭގެފާނުގެ ޙާޖަތެއް ވާނަމަ މިހާރު ވިދާޅުވާށެވެ.“
ސާލިމް ވިދާޅުވިއެވެ. ”ދުނިޔޭގެ ޙާޖަތްތަކުގެ ތެރެއިން ހެއްޔެވެ؟ ނޫނީ އާޚިރަތުގެ ޙާޖަތްތަކުގެ ތެރެއިން ހެއްޔެވެ؟“
އެކަލޭގެފާނު ވިދާޅުވިއެވެ. ”ދުނިޔޭގެ ޙާޖަތްތަކުންނެވެ.“
ސާލިމް ވިދާޅުވިއެވެ. ދުނިޔެ މިލްކުވެވޮޑިގެންވާ ﷲގެ ޙަޟުރަތުން (ދުނިޔޭގެ) ކަމަކަށް އަޅުގަނޑު ނޭދެމެވެ. ދެން އެދުނިޔެ މިލްކުވެގެން ނުވާ ފަރާތެއްގެ ކިބައިން ކަމަކަށް އެދޭނީ ކިހިނަކުންހެއްޔެވެ؟
މަޞްދަރު: ابن الجوزي، صفة الصفوة، ވޮލިޔުމް 1، ޞ 194
ފިލާވަޅުތައް
- الله ފިޔަވައި އެހެން ފަރާތެއްގެ ކިބައިން ކަންކަމު ކިޔުމުން ސަލަފުން ދުރުހެލި ވެވަޑައިގަންނަވާ މިންވަރު
- އެބޭކަލުން މައިގަނޑު ގޮތެއްގައި ދުޢާ ކުރައްވަނީ އާޚިރަތުގެ ބޭނުންތަކަށް ކަމާއި ދުނިޔަވީ ބޭނުންތަކަށް ނޫންކަން
- ވެރީން ޢިލްމުވެރީންނަށް ކަމޭހިއްތަވާ މިންވަރާއި އެބޭކަލުންގެ ބޭނުންފުޅުތައް ފުއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާ މިންވަރު
- މިސްކިތްތަކުގެ ޙުރުމަތްތެރިކަން