ޤުދްސަކީ އެއް އިރެއްގައި ވެސް ޔަހޫދީންނަށް ތާރީޚެއް އޮތް، ނުވަތަ އެއުރެންގެ ވަޠަނެއް ކަމުގައި ވީ ތަނެއް ނޫނެވެ.

މީހަކު ސުވާލު ކޮށްފާނެތެވެ: ޔަހޫދީން ޤުދްސު ޝަހަރަށް ނުވަދޭ ހެއްޔެވެ؟ އަދި އެތައް ޒަމާނަކަށް އެތަނުގައި އެއުރެންގެ ރަސް­ކަމެއް ޤާއިމް ނުކުރޭ ހެއްޔެވެ؟

މި ސުވާލުގެ ތާރީޚީ ޖަވާބަކީ މިއީއެވެ:

އާނއެކެވެ. ބަނޫ އިސްރާއީލް ބާގައިގެ މީހުން ޤުދުސަށް ވަނެވެ. އަދި އެތަނުގައި އެއުރެންގެ ރަސް­ކަމެއް ވެސް ޤާއިމް ކުރިއެވެ. އެއީ ދާވޫދުގެފާނާއި އެކަލޭގެފާނުގެ ދަރި­ކަލުން ސުލައިމާނުގެފާނު -- ގެ ދުވަސްވަރުގައެވެ. މި އިސްރާއީލީ ރަސްކަން ޤުދްސުގައި 70 އަހަރަށް ދެމިގެން ދިޔައެވެ. އާނއެކެވެ. ޤުދުސުގެ ވެރި­ކަމުގައި ޔަހޫދީން ހޭދަކުރި ޢުމުރަކީ 70 އަހަރެވެ. އެއަށްވުރެ މަދެއް ވެސް ގިނަ­އެއް ވެސް ނުވެއެވެ. އެ ޝަހަރުގައި މި އަހަރުތައް ފިޔަވައި އެވެރިންނަކަށް ބާރު­ވެރި­ކަމެއް ލިބިފައި ނުވެއެވެ. އެއީ ޤުދްސު ޝަހަރުގެ ތާރީޚަށް ބަލާއިރު ނުހަނު ކުރު މުއްދަތެކެވެ. ޤުދްސުގެ ތާރީޚަކީ މިޞްރުގެ ތާރީޚާ ވާދަކުރާހައި ދިގު ތާރީޚެކެވެ. އެއީ ދުނިޔޭގެ އެންމެ ޤަދީމީ ރަށެވެ.

ޤުދްސުގެ ތާރީޚު އެކުލެވިގެން ވަނީ އެތައް މަރުޙަލާ­ތަކެއްގެ މައްޗަށެވެ. އެއިން ކޮންމެ މަރުޙަލާއަކީ އެތައް ސަތޭކަ އަހަރެއް ވަންދެން ދެމިގެންދިޔަ މަރުޙަލާއެކެވެ.

ޤުދްސުގެ ފުރަތަމަ ޢަރަބި މަރުޙަލާ —ތާރީޚުގެ އަލިވިލުނީއްސުރެ އެތަނުގެ އަޞްލު­ތަކާއި މޫތަކަކީ ޢަރަބި އެއްޗެކެވެ—

ފުރަތަމަ ޢަރަބި މަރުޙަލާއަކީ: ކަންޢާނުގެ ޢަރަބި ޤަބީލާތައް އެ ތަނަށް އައިސް ފިލަސްޠީނުގައި ވަޒަން­ވެރިވެ، އެ ބިމުގައި ދަނޑު­ވެރިކަން ކޮށް، އެތަނުގައި ރަށްތައް (ވިލެޖުތައް) ބިނާކުރި މަރުޙަލާއެވެ. މިއީ ދެ ހާހެއްހައި އަހަރަށް ދެމިގެން ދިޔަ ދިގު މަރުޙަލާއެކެވެ.

އެއަށްފަހު އެއްބަޔަކަށްފަހު އަނެއް­ބަޔަކު އަންނަނިވި ގޮތުގައި ވިއެވެ. ފަލަސްޠީނުގައި ވެރިކަން­ކޮށް އެތަނުގައި ޤާއިމް ވެގަތުމަށް އެތަކެއް އުއްމަތް­ތަކެއްގެ މީހުން ވަނީ ހަނގުރާމަ ކޮށްފައެވެ. އެއީ އާޝޫރީންނާއި، ބާބިލީންނާއި، ފާރިސީންނާއި، މިޞްރު މީހުންނާއި، ޔޫނާނާއި، ރޯމަނުންނެވެ. މިއިން ކޮންމެ ބަޔަކު ވެސް ބަނޫ އިސްރާއީލު އެ ޝަހަރުގައި ހޭދަކުރި 70 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެތަނުގައި ޤާއިމް­ވެގެން ތިބޫއެވެ. ނަމަވެސް މިއިން އެއްވެސް އުންމަތެއްގެ މީހުން، ޤުދްސާއި، މުޅި ފަލަސްޠީނުގެ ބިމުގައި އެމީހުންނަށް ތާރީޚީ ޙައްޤެއް ވާ ކަމަށް، މިއަދު ޔަހޫދީން ދަޢުވާ ކުރާ ފަދައިން، ދައުވާކޮށެއް ނޫޅެއެވެ.

މިދެންނެވި 70 އަހަރު ފެށިގެން ދިޔައީ މީލާދީ ސަނަތުގެ ހާހަކާއި ފަންސާހެއްހައި އަހަރު ކުރިން (1050މކ.) ނަބިއްޔާ ދާވޫދު -- އެ ރަށަށް ވަދެ­ވަޑައި­ގަތުމުންނެވެ. އެހެނަސް އެކަލޭގެފާނު އެތަނުގައި އަޅުކަން ކުރާ ތަނެއް ބިނާ­އެއް ނުކުރައްވައެވެ. ޤުދުސްގައި ހައިކަލެއް ބިނާ ނުކުރައްވައެވެ. އަލްޢަހްދުލް ޤަދީމް (އޯލްޑް ޓެސްޓަމަންޓް) ގެ ސިފްރު [އަޚްބާރި]ލް އައްޔާމިލް އުވަލް (Chronicles) ގައި ވަނީ އަންނަނިވި ފަދައިންނެވެ.

ދާވޫދުގެފާނު ސުލައިމާނުގެފާނަށް ވިދާޅުވިއެވެ. ދަރިފުޅާއެވެ. އަހުރެންގެ އިލާހު­ވަންތަ ރައްބުގެ އިސްމުފުޅަށް ޓަކައި ގެއެއް ބިނާ ކުރުމުގެ ޚިޔާލު އަހުރެންގެ ހިތުގައި ވެއްޖެއެވެ. ފަހެ، ރައްބުގެ ކަލާމް­ފުޅު އަހުރެންނަށް މިފަދައިން އަތުވެއްޖެއެވެ: ކަލޭގެފާނު ވަނީ ގިނަ ލޭތަކެއް އޮހޮރުއްވާފައެވެ. އަދި އެތަކެއް ބޮޑެތި ހަނގުރާމަ­ތަކެއް ކުރައްވާފައެވެ. ފަހެ ކަލޭގެފާނު ތިމަންއިލާހުގެ އިސްމު­ފުޅުން ގެއެއް ބިނާ ނުކުރައްވާހުށި­ކަމެވެ. އެހެނީ ކަލޭގެފާނު ތިމަންއިލާހުގެ ކުރި­ފުޅުމަތީގައި ބިންމަތީގައި އެތައް ލެޔެއް އޮހޮރުއްވައިފީމުއެވެ. އެކަން ކުރައްވާހުށީ ކަލޭގެފާނަށް އުފަންވާ ސުލައިމާނު ނަމަކަށް ކިޔާ ދަރި­ކަލުންނެވެ. ތިމަން­ރަސް­ކަލާނގެ އިސްމުފުޅަށް­ޓަކައި ގެއެއް ބިނާ­ކުރައްވާހުށީ އެކަލޭގެފާނެވެ. [22:7]

އެއަށްފަހު ޖަމަލުގެ އިސްތަށިން ހަދާފައިވާ ފޭލިގެކޮޅެއްގައި ދާވުގެފާނު ނަމާދު­ފުޅު ކުރައްވަމުން ގެންދެވިއެވެ. އަދި ސުލައިމާނު ބިން ދާވޫދު -- މަޢުބަދު (އަޅުކަންކުރާ ތަން) ބިނާ ކުރެއްވިއެވެ. އެއީ ރަސް­ކަމުގެ ގަނޑުވަރުފުޅާ އިންވާ ގޮތަށް ބިނާ­ކުރެއްވި ކުޑަ މަޢުބަދެކެވެ. އެތަނުގެ ދޮރުކޮޅު ކަނޑުއްވާފައި ވަނީ ގަނޑުވަރުފުޅާ ވީ ފަރާތުންނެވެ. އެއީ ސުލައިމާން -- އާއި އެކަލޭގެފާނުގެ އަރިހުގައި އުޅުއްވި ބޭފުޅުންނާއި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ޚާއްޞަ­ވެގެން ވީ ތަނެކެވެ.

މި މަޢުބަދަށް އެވެރިން ކިޔަނީ ފުރަތަމަ ހައިކަލްގެ ނަމުންނެވެ. މި މަޢުބަދު މާ ގިނަ ދުވަހަކަށް ދެމިގެން ނުދިޔައެވެ. ސަބަބަކީ، ދާވޫދުގެފާނާއި، ސުލައިމާނުގެފާނުގެ ދަރިދަރި­ކަލުންގެ މެދުގައި ހިނގަމުން ދިޔަ ދެބަސް­ވުން­ތަކާއި، އަރާރުން­ތަކެވެ. އެއުރެން ގުދުސްއާއި ފަލަސްޠީނުގައި މާގިނަ ދުވަހެއް ވަންދެން ވެރިކަން ނުކުރެއެވެ. އެއްކޮޅުން މިޞްރު­މީހުން އެތަނަށް އަރައިގަތެވެ. އަދި އަނެއްކޮޅުން އާޝޫރީން އެތަނަށް އަރައިގަތެވެ. އަދި މުޅި ހިސާބުގަނޑު ހަނގުރާމައިގެ ސަރަޙައްދަކަށްވެ، ރަށްތައް ޚަރާބުވެ، މީހުން ވިއްސިވިހާލި­ވެގެން ދިޔައީއެވެ.

ބާބިލީން ގުދުސްއަށް އަރައިގަތުން

ދެން އިރުމަތީ ފަރާތުން ބޮޑު ބާރެއް ފާޅުވިއެވެ. އެއީ ބާބިލީންނެވެ. މީލާދީ ސަނަތުގެ 587 ކުރިން އެބައި­މީހުން ޤުދްސަށް ހަމަލާދިނެވެ. ބާބިލުގެ ރަސްގެފާނު ނަބޫޚަޛްނައްޞަރު (Nebuchadnezzar) އެރަށަށް ވަދެ، ހައިކަލް އަންދައި، އެތަނުގެ ތަނބުތައް މުގުރައި، ފާރުތައް ތަޅައިލިއެވެ. އަދި ބޮޑެތި ފިރިހެނުންނާއި ޒުވާން ކުދިންގެ ތެރެއިން ވެސް ހަތިޔާރު އުފުލުމުގެ ކުޅަދާނަކަން ލިބިފައިވީ މީހުންނާއި، އެމީހެއްގެ މަސައްކަތް­ތެރި­ކަމާއި ފަންނު­ވެރި­ކަމުގައި ހުނަރު­ވެރި އެންމެހާ މީހުން އަސީރު­ކޮށް، އޭނާގެ ރަށަށް ގެންދިޔައެވެ. އެއަށްފަހު އޫރްޝަލީމަކީ ބާބިލުގެ ވެރި­ކަމުގެ ދަށުގައިވީ ވީރާނާ­ވެފައިވާ ރަށެއްގެ ގޮތުގައި ޒަމާންތަކަކަށް ދެމިއޮތެވެ.

އޫރްޝަލީމްގައި ފާރިސީންގެ އިޙްތިލާލު

ދެން ފާރިސީންނާއި އެބައި­މީހުންގެ ރަސްގެފާނު ޤޫރަޝް (Cyrus) ގެ ބާރު ފާޅު­ވެގެން ދިޔައެވެ. އޭނާ އޫރްޝަލީމަށް ހަމަލާ ދިނެވެ. އަދި، ބާބިލުންގެ ކިބައި ބަދަލު ހިފުމަށް­ޓަކައި، އެތަންމިތަނުން ޔަހޫދީން ވެސް އޭނާއާ ބައި­ވެރިވިއެވެ. ފަހެ، އޭނާ އެ ޔަހޫދިންނަށް އޫރްޝަލީމަށް އެނބުރިއައުމަށް ހުއްދަދީ، އެއުރެންނަށް­ޓަކައި އަޅުކަންކުރާ ތަނެއް ބިނާ­ކުރިއެވެ. ދެވަނަ ހައިކަލޭ ކިޔާ ތަނަކީ މިއީއެވެ.

އޫރްޝަލީމްގައި ރޯމަނުންގެ ވެރިކަން

ފުރަތަމަ ހައިކަލް އަންދާލައި ހަލާކު­ކޮށްލެވުނު ފަދައިން، ދެވަނަ ހައިކަލް ވެސް އަންދައި ހަލާކު­ކޮށްލެވުނެވެ. އެއީ ގްރީކު­މީހުން އައިސް އޫރްޝަލީމްގައި ވެރިކަން ކުރި ދުވަސްވަރުއެވެ.

ފުރަތަމަ އައީ އަލްއިސްކަންދަރު އަލްމަޤްދޫނީ (Alexander of Macedon) އެވެ. އޭނާއަކީ އަރިސްޠޫ (Aristotle) އާއި ގްރީކް ފަލްސަފާ­ވެރިންގެ ގާތުން ތަރުބިއްޔަތުވީ ޒުވާނެކެވެ. އިރުމަތީގެ ޤައުމު­ތަކުގައި ޔޫނާނުގެ (ގްރީކްގެ) ޙަޟާރަތު ފެތުރުމުގެ ހުވަފެން އޭނާ ދެކެމުން ދިޔައެވެ. އެހެން­ކަމުން އޭނާ ފަތަޙަކުރި ރަށް­ތަކުން ކޮންމެވެސް ވަރެއްގެ ތަރުޙީބެއް ލިބުނެވެ. މިޞްރަށް އައުމުން ވެސް މިފަދައިން ކަންތައް ހިނގިއެވެ. އޭނާގެ ލަޝްކަރު ގުދުސްއަށް އައުމުން ވެސް ކަންތައްވީ މިފަދައިންނެވެ. ޔަހޫދީންގެ ޙަބްރުން އޭނާގެ އިންތިޒާރުގައި މަރުޙަބާ ކިޔަމުން ބައްދަލު­ކުރިއެވެ. އެކަމުގައި އެއުރެން އިސްރާފު ކުރަމުން ގޮސް އެއަހަރު ޔަހޫދީންގެ ތެރެއިން އުފަންވާ ކުދިންނަށް އިސްކަންދަރުގެ ނަމުން ނަންދިނުމަށް އިޢުލާނު­ކުރިއެވެ.

ޔޫނާނީންނާއި ޔަހޫދީންގެ މެދުގައި އޮތް އެކު­ވެރިކަން މާގިނަ ދުވަހަކަށް ދެމިގެން ނުދިޔައެވެ. އިސްކަންދަރުގެ ފަހުން އައި ރަސްކަލަކު ޔަހޫދީން ނިކަމެތި­ކޮށްލިއެވެ. ހައިކަލް ތަޅާލިއެވެ. އޭގެ ބަދަލުގައި ގްރީކު ކަލާނގެތަކުގެ ތެރެއިން ބޮޑު ކަލާނގެ ބުދެއް އެތަނުކައި ބެހެއްޓިއެވެ. އަދި މި ފައްޅީގައި އޫރު ކަތިލަން އަމުރު­ކުރިއެވެ. އަދި ޔަހޫދީންނަށް ޚިތާނުކުރުން މަނާ­ކޮށް، ހޮނިހިރު ދުވަހު މަސައްކަތް ކުރުމަށް މަޖުބޫރު­ކުރިއެވެ. އޭނާގެ އަމުރާ ޚިލާފުވުމުގެ އަދަބަކީ މަރެވެ.

ރޯމަނުން ޤުދްސަށް ވަދެއްޖައުމަށް ދާންދެން ވެސް ކަންތައް އޮތީ މިހެންނެވެ. އެއީ މީލާދީ ސަނަތުގެ 63 އަހަރު ކުރިންނެވެ. މީގެ ކުރިން ޔޫނާނަށް މަރުޙަބާކީ ފަދައިން ރޯމަނުންނަށް ވެސް ޔަހޫދީން މަރުޙަބާ ކިއެވެ.

ރޯމަނުގެ އެމްޕެރަރ ހީރޯޑު ބޮޑު ފައްޅި­އެއް ބިނާ­ކުރިއެވެ. އެމީހުން އެތަނަށް ކިޔަނީ ތިންވަނަ ހައިކަލް އެވެ. އެތަނުގެ ބައެއް ބައިތަކަށް ވަނުމުގެ ހުއްދަ ޔަހޫދީންނަށް އޮތް­ނަމަވެސް އެއީ ޔަހޫދީ ފައްޅި­އެއް ނޫނެވެ. އެ ފައްޅި ބިނާ­ކުރެވުނީ ރޯމަން ވައްޓަފާޅިއަށެވެ. ވިއްސަކަށް އޭކަރުގެ ބޮޑު ސަރަޙައްދެއްގައެވެ. އެތަނުގައި އޮލިމްޕިކް ކުޅިވަރު­ތަކާއި މުބާރާތް­ތަކާއި، މެހެމާނުންގެ ޝަރަފުގައި ރޭގަނޑުގެ ޙަފްލާތައް ވެސް ބާއްވަމުން ގެންދިޔައެވެ.

އެއަށްފަހުގައި ޔަހޫދީންނާއި ރޯމަނުންގެ މެދުގައި އޮތް ގުޅުން އިތުރަށް ގޯސް­ވެގެން ދިޔައެވެ. ރޯމް ޝަހަރު އަނދައިގެން ދިޔަ ފަދައިން އޫރްޝަލީމް އަންދާލުމަށް ރޯމަން އެމްޕެރަރ ނީރޯ އަމުރު­ކުރިއެވެ. ރޯމަނުގެ ކޮމާންޑަރުންގެ ތެރެއިން މީހަކު އެކަން ތަންފީޒު­ކޮށް، އެރަށުގައި ހުޅުޖެހިއެވެ. މަހެއްހައި ދުވަސް ވަންދެން ރަށް އަނދަމުން ދިޔައެވެ. އަދި އޭނާ އެ ހައިކަލް —އެއީ ޔަހުދީ ހައިކަލެއް ނޫނެވެ. އެއީ ވަޘަނީ ރޯމަން ފައްޅިއެކެވެ.— ތަޅާލުމަށް އަމުރު­ކުރިއެވެ. ފަހެ، އެތާނގައި އެންމެ ފާރެއް މެނުވީ ބާކީ­އެއް ނެތެވެ. އެ ފާރަށް ޙާއިޠުލް މަބްކާއޭ ނުވަތަ ރުއިމުގެ ފާރޭ އެމީހުން ކިޔައެވެ. އޭނާގެ ލަޝްކަރު އެރަށުން އަތުޖެހުނު ހުރިހައި ޔަހޫދީން ގަތުލު­ކުރިއެވެ. އެއީ މީލާދީން 70 ވަނަ އަހަރުގައެވެ.

ރޯމަނުންގެ އެމްޕެރަރ އޫރްޝަލީމް (ޖެރޫސަލަމް) ގެ ނަން އުވާލައި، އެ ޝަހަރަށް އާ ނަމެއް ދިނެވެ. އެރަށަށް އީލިޔާ ކެޕިޓޮލީނާ (Aelia Capitolina) މި ނަން ދިނެވެ. މީލާދީން 636 ވަނަ އަހަރު މުސްލިމުން އެރަށަށް ވަނުމާ ހަމައަށް ވެސް ކިޔާފައި ވަނީ މި ނަމެވެ. އެހެން­ކަމުން ޢުމަރުގެފާނުގެ ޢަހުދުކަށަވަރުގައި އެއީ ”އީލިޔާގެ އަހުލު­ވެރިންނަށް“ ދެވޭ އަމާން­ކަމުގެ އެއްބަސްވުމެއް­ކަމަށް ލިޔުއްވާފައި ވެއެވެ. އެއީ އޭރު އެ ޝަހަރަށް ކިޔަމުން އައި ނަމެވެ.

މިއީ ގުދުސްގެ ތާރީޚާ މެދު، ނުވަތަ ޔަހޫދީން ގުދުސްއާ އޮތް ގުޅުމާ މެދު އެއްލާލި އަވަސް ކަޅިއެކެވެ. މިއިން ބަޔާން­ވެގެން ދަނީ، ޔަހޫދީ އެންމެ ފަހު މަޢުބަދަކީ، ނުވަތަ އެއަށްވުރެ ސީދާ އިބާރާ­ތަކުން ދަންނަވާ­ނަމަ: ޔަހޫދީންނަށް އެތަށް ވަނުމުގެ ހުއްދަ ލިބިފައިވީ އެންމެ ފަހުގެ މަޢުބަދަކީ ރޯމަން ވަޘަނީ ފައްޅި­އެއް ކަމެވެ. އެތަނަށް ވަދެ، އެތަނުގެ ބައެއް ބައި­ތަކުގައި އެބައި­މީހުންގެ އަޅުކަން­ތަކާއި ޝިޢާރުތަކަށް ހުއްދަ ދީފަވާ ތަނަކީ އެމީހުން އެކިޔާ ތިންވަނަ ހައިކަލެވެ. އެއީ މީލާދީން 70 ވަނަ އަހަރުގައި، މުސްލިމުން ޤުދުސް ފަތަޙަ­ކުރުމުގެ ފަސް ޤަރުނާއި ބައި ކުރިން ރޯމަނުން އަންދައި ތަޅައި ސުންނާފަތި­ކޮށް ލޫޓުވާފައިވާ ފައްޅިއެވެ.

މުސްލިމުން ޤުދްސު ޝަހަރަށް ވަނުން، އަދި ޔަހޫދީ ހައިކަލުގެ ދޮގު ވާހަކަ

މުސްލިމުން ޤުދްސަށް ވަނުމުން ޢުމަރު ބުނުލް ޚައްޠާބު -- އެ ޝަހަރުގެ އުސްޤުފު (އާޗްބިޝޮޕް) ސޮފްރީނިޔަސްއާ އެކު ވަޑައިގެން ޝަހަރުގެ މުހިންމު ތަންތަން ބައްލަވައިލެއްވިއެވެ. އޭރު އެ ޝަހަރުގައި ޔަހޫދީ އަޅުކަންކުރާ އެންމެ މަޢުބަދެއް ވެސް ނުވަތަ ހައިކަލެއް ވެސް ނުވެއެވެ. އެ ތަންތަން ވީ އޭގެ އެތައް ޤަރުނު­ތަކެއް ކުރިން ވީރާނާވެ ނެތިގޮސްފައެވެ.

އެނގިގެންވާ ގޮތުގައި، ޢުމަރު ރަޟިޔަالله ޢަންހު އިސްވެހުންނަވައި، ޞަޙާބީން ވަނީ އެރަށުގައި ހުރި ނަޞާރާއިންގެ ފައްޅިތައް ހުރިގޮތަށް ބެހެއްޓުމަށް ނަޞާރާއިންނާ އިޤްރާރު ވެވަޑައިގެންފައެވެ. އެއިން ތަނަކަށް ގެއްލުމެއް ނުދެއްވައެވެ. ހަލާކެއް ނުކުރައްވައެވެ. އައި އެއިން ތަނެއްގަ މައްޗަށް ވެރިވެވަޑަ­އެއް ނުގަންނަވައެވެ.

މުސްލިމުން ޤުދްސު ފަތަޙަ­ކޮށް، ޢުމަރު އިބްނުލް ޚައްޠާބު -رَضِيَ اللهُ تَبَارَكَ وَتَعَالَى عَلَيْهِ- އެ ރަށަށް ވަދެ­ވަޑައިގެންނެވިހިނދު، އެތަނުގައި ޔަހޫދީންގެ އަޅުކަންކުރާ ތަނެއް ހުރި­ނަމަ، އެތަނެއް ހުރިގޮތަށް ބެހެއްޓެވީހެވެ. އެހެނެއް­ކަމަކު އޭރު އެފަދަ އެއްވެސް ތަނެއް ނެތެވެ.

ކަން މިހެން އޮތަސް، އެއުރެން ދަޢުވާކުރަނީ އެއުރެންނަށް އެރަށަށް ތާރީޚީ ޙައްޤެއް ވާކަމަށެވެ. އަދި އެރަށުގެ އަހުލުވެރީންނަށްވުރެ އެއުރެންގެ ޙައްޤުކަން ބޮޑު ކަމަށެވެ. އެ ރަށަކީ އެއުރެންނަށް ޚާއްޞަ­ވެގެންވާ މިލްކެއް ކަމަށެވެ. އެރަށް ހޯދުމަށް ހަނގުރާމަ­ކޮށް އުޅެނީ އެމީހުން ދަޢުވާ ކުރާ ގޮތުން އެއީ އެއުރެންގެ ވެރިރަސް­ކަލާނގެ ވަޢުދުވެ­ވޮޑިގެންވާ ބިމަކަށް ވާތީއެވެ. މި ދަޢުވާ­ތަކުގައި އެއުރެންނީ ދޮގުވެރީންނެވެ. އެމީހުންގެ ޒަޔަނިސްޓް ޓެރަރިޒަމް އޭގެ މައްޗަށް ބިނާ­ވެފައިވާ ޢަޤީދާއަކީ މުސްލިމުން އެއަށް ސަމާލުކަން ދޭ އެއްޗެއް ނޫނެވެ.

ނޯޓު
ޤަދީމީ ތާރީޚީ ވާހަކަތަކަކީ އެކި މަޞްދަރު­ތަކުގައި ތަފާތު­ކޮށް އައިސްފައި ހުންނަ ވާހަކަ­ތަކެކެވެ. މީގައި މިވަނީ މިޞްރުގެ ޢިލްމު­ވެރި­އެއް ކަމަށްވާ އައްޝައިޚް މުޙައްމަދު ސަޢީދު ރަސްލާން –– ޤުދްސާ ބެހޭގޮތުން ދެއްވާފައިވާ ޚުޠުބާތަކުގެ މައްޗަށް އެކުލަވައިލައްވައިވާ القدس عربية إسلامية وستظل إن شاء الله تعالى މި ފޮތުގައިވާ މައުޟޫޢެއްގެ ތަރުޖަމާއެވެ. (ޞ 13–18)