الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وصحبه أجمعين، وبعد:
ފަހެ މިއީ ރޯދައާއި ރޯދައިގެ ޙުކުމްތަކާއި އޭގައި މީސްތަކުން ބެހޭ ބައިތަކާއި، ރޯދަ ގެއްލޭ ކަންކަމާއި، އަދިވެސް ބައެއް ފައިދާ ހިމަނައިގެން ކުރޮގޮތަކަށް ލިޔެލާ ލިޔެލުމެކެވެ.
-
ރޯދައަކީ: ﷲ އަށް އަޅުކަމުގެ ގޮތުން، ފަޖުރުގެ އަލިކަން ފާޅުވީއްސުރެ އިރުއޮއްސެންދެން ރޯދަ ގެއްލޭ އެންމެހައި ކަންތައްތަކުން ދުރުވެ ހުރުމެވެ.
-
ރަމަޟާންމަހުގެ ރޯދައަކީ: އިސްލާމްކަމުގެ މަތިވެރި ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އެހެނީ ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ. «بُنِيَ الْإسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إلَهَ إلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ البْْيتِ، وَصَوْمِ رَمَضَانَ» ”އިސްލާމްދީން ބިނާވެގެން ވަނީ ފަސް ކަމެއްގެ މައްޗަށެވެ. އެއީ ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ކުރެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް ހެކިވުމާއި، ނަމާދު ޤާއިމް ކުރުމާއި، ޒަކާތް ދިނުމާއި، ގެފުޅަށް ޙައްޖުވުމާއި، ރަމަޟާންމަހު ރޯދަ ހިފުމެވެ.“
[ ބުޚާރީއާއި މުސްލިމް]
ރޯދައާ ގުޅޭ ގޮތުން މީސްތަކުން ބެހޭ ބައިތައް
-
ބާލިޣުވެ، ބުއްދި ސަލާމަތުން ހުރި، ރަށުގައި ޤާއިމްވެ ހުރި، ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ރޯދަ ހިފުން ވާޖިބުވެގެން ވެއެވެ.
-
ކާފަރަކަށް ރޯދައެއް ނުވެއެވެ. އަދި އިސްލާމް ވިޔަސް، ވޭތުވެދިޔަ ރޯދަތައް ޤަޟާކުރާކަށް ނުޖެހޭނެއެވެ.
-
ބާލިޣު ނުވާ ކުޑަކުއްޖަކަށް ރޯދަ ވާޖިބެއް ނުވާނެއެވެ. އެކަމަކު އެ ކުއްޖާ އެކަމަށް ހޭނުވުމަށްޓަކައި ރޯދަ ހިފަން އަމުރު ކުރެވިދާނެއެވެ.
-
(ބުއްދި ފިލައިފައިވާ) މޮޔަ މީހާގެ މައްޗަށް ރޯދަ ވާޖިބެއް ނުވާނެއެވެ. އަދި އޭނާއީ ބޮޑުމީހަކަށް ވިޔަސް އެ ދުވަސްތަކުގެ ބަދަލުގައި (މިސްކީނަކަށް) ކާންދޭކަށް ވެސް ނުޖެހޭނެއެވެ. ކަންކަން ވަކިކުރަން ނޭނގޭ، ސިކުނޑި ހަމަނުޖޭ މީހާއާއި މުސްކުޅިވެ ތަންދޮރު ވަކިކުރަން ނޭނގޭ، މޮޔަގޮވާ މީހާ ވެސް އެފަދައެވެ.
-
މުސްކުޅިބަލީގެ ސަބަބުން ނުވަތަ ފަސޭހަވާނޭ ކަމުގެ އުންމީދެއް ނެތް ބައްޔެއްގެ ސަބަބުން ރޯދަ ހިފަން ނުކުޅެދޭ މީހާ، ރޯދަ ހިފަން ޖެހޭ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭނީއެވެ.
-
ފަސޭހަ ވާނޭ ކަމަށް ބެލެވޭ ބައްޔެއް ޖެހިފައިވާ މީހާ، އޭނާގެ މައްޗަށް ރޯދަހިފުން ބުރަ ކަމަކަށް ވެއްޖެނަމަ ރޯދަ ދޫކޮށްލާނީއެވެ. އަދި ބަލި ފަސޭހަވުމުން އެ ރޯދަ ޤަޟާކުރާނީއެވެ.
-
ރޯދަ ހިފުމުގެ ވަގުތާ ދިމާކޮށް (ފަސޭހަވެދާ ފަދަ ބައްޔަކުން) ބަލިވެއްޖެ މީހާ އޭނާއަށް ރޯދަހިފުން ބުރަ ކަމަކަށް ވާނަމަ ރޯދަ ދޫކޮށްލާނީއެވެ.
-
މާބަނޑުމީހާއާއި ކިރުދޭ މައިމީހާ، މާބަނޑުވުމުގެ ސަބަބުން ނުވަތަ ކިރުދިނުމުގެ ސަބަބުން ރޯދަ ހިފަން ބުރަވާ ނަމަ ނުވަތަ ދަރީގެ މައްޗަށް ބިރުހީވާ ނަމަ، ރޯދަ ދޫކޮށް، ފަހުން އެކަން ފަސޭހަވުމުން ނުވަތަ ބިރު ފިލައިދިޔުމުން އެ ރޯދަ ޤަޟާކުރާނީއެވެ.
-
ޙައިޟުވެރިޔާއާއި ނިފާސްވެރިޔާ: ޙައިޟާއި ނިފާސްގެ ޙާލުގައި ރޯދަ ހިފައިގެން ނުވާނެއެވެ. އެ ރޯދަ ފަހުން ޤަޟާކުރާނީއެވެ.
-
މަޖުބޫރުވެފައިވާ މީހާ: މީހަކު ޣަރަޤުވުމުން ނުވަތަ އަލިފާނަކުން ސަލާމަތްކުރުން ފަދަ ކޮންމެހެން ކުރަންޖެހޭ ކަމަކަށްޓަކައި ރޯދަ ވީއްލަން ޖެހިއްޖެ މީހާ ރޯދަ ދޫކޮށް ފަހުން ޤަޟާކުރާނީއެވެ.
-
ދަތުރުވެރިޔާ: އޭނާ އެދޭނަމަ ރޯދަ ހިފާނީއެވެ. ނުވަތަ އެދޭނަމަ ރޯދަ ދޫކޮށް ފަހުން އެ ރޯދަ ޤަޟާކުރާނީއެވެ. އެއީ ދޭތެރެއަކުން ދިމާވާ (މިސާލަކަށް ޢުމްރާ ދަތުރު ފަދަ) ދަތުރަކަށް ވިޔަސް (ދުރުދަތުރު ކުރާ ޓެކްސީ ދުއްވުން ފަދަ) ދާއިމީ ދަތުރަކަށް ވިޔަސް އޭނާ ރަށުން ބޭރުގައި ވާނަމަ ހަމަ އެފަދައެވެ.
ރޯދަ ގެއްލޭ ކަންތައްތަކާއި ނުގެއްލޭ ކަންތައްތައް
-
ހަނދާން ނެތިގެން، ނޫނީ ނޭނގިގެން، ނޫނީ މަޖުބޫރު ވެގެން ރޯދަގެއްލޭ ފަދަ އެއްޗެއް ބޭނުންކުރަން ޖެހިއްޖެ ނަމަ އޭނާގެ ރޯދައެއް ނުގެއްލޭނެއެވެ. ދަލީލަކީ
﴿ رَبَّنَا لَا تُؤَاخِذۡنَآ إِن نَّسِينَآ أَوۡ أَخۡطَأۡنَاۚ﴾ [ އަލްބަޤަރާ 286] ”އަޅަމެންގެ ރައްބެވެ! އަޅަމެން ހަނދާން ނެތިއްޖެނަމަ، ނުވަތަ، ޤަޞްދެއް ނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ!“ މި އާޔަތާއި،﴿ إِلَّا مَنۡ أُكۡرِهَ وَقَلۡبُهُۥ مُطۡمَئِنُّۢ بِٱلۡإِيمَٰنِ﴾ [ އައްނަޙްލު 106] ”އީމާންކަމަށް، އެ މީހާގެ ހިތްހަމަޖެހިގެންވާ ޙާލު، މަޖުބޫރު ވެގެންވާ މީހާ މެނުވީ…“ މި އާޔަތެވެ. -
ރޯދަވެރިޔާ ހަނދާންނެތިގެން އެއްޗެއް ކެވުނަސް ނުވަތަ ބޮވުނަސް ރޯދަ ނުގެއްލޭނެއެވެ. އެއީ އޭނާއަށް ހަނދާންނެތުނީމައެވެ.
-
ފަޖުރުނުލާކަމަށް ދެކިގެން، ނުވަތަ އިރު އޮއްސިއްޖެ ކަމަށް، އެ އިޢުތިޤާދުގެ މަތީ ކެވުނަސް ބޮވުނަސް ރޯދަ ފާސިދެއް ނުވާނެއެވެ. އެހެނީ އޭނާއަކީ އެކަމާމެދު ޖާހިލެކެވެ.
-
ވުޟޫކޮށް އަނގަ ދޮންނަ އިރު ގަސްދަކާ ނުލައި ކަރުތެރެއަށް ފެންފޮދެއް ދިޔަޔަސް ރޯދަ ފާސިދެއް ނުވާނެއެވެ. އެހެނީ އެއީ އޭނާ ގަސްދުގަ ކުރި ކަމެއް ނޫނެވެ.
-
ރޯދަވެރިޔާ ނިދީގައި އިޙްތިލާމް ވިޔަސް (އެބަހީ: މަނި ބޭރުވުން ފަދަ، އެކަމެއްގެ ސަބަބުން ހިނައިގަންނަން ޖެހޭ ފަދަ ކަމެއް ނިދީގައި ދިމާވިޔަސް) ރޯދަ ފާސިދެއް ނުވާނެއެވެ. އެހެނީ އެއީ އޭނާގެ އިޚްތިޔާރުން ބޭރުގައި ހިނގި ކަމެކެވެ.
ރޯދަ ގެއްލޭ އަށް ކަންތައް
- ޖިމާޢުވުން: ރޯދަ ވާޖިބުވާ މީހަކު ރޯދަމަހު ދުވާލު ރޯދައަށް ހުރެ ޖިމާޢު ވެއްޖެނަމަ އޭނާއަށް ވާޖިބުވެގެން ވަނީ ރޯދަ ޤަޟާކުރުމާއެކު ބުރަ ކައްފާރާއެއް އަދާކުރުމެވެ. އެއީ އަޅަކު މިނިވަންކުރުމެވެ. އެކަން ވާން ނެތްނަމަ ވިދިވިދިގެން ދެމަހު ރޯދަހިފުމެވެ. އެކަމަށް ވެސް ކުޅަދާނަވެގެން ނުވާނަމަ، 60 މިސްކީނުންނަށް ކާންދިނުމެވެ.
- މަނި ބޭރުކުރުން: އަމިއްލައަށް މަނި ބޭރުކޮށްގެން ވިޔަސް، ބީހިގެން ނުވަތަ ބޮސްދީގެން ނުވަތަ ބައްދައިގެން ފަދަ ކަމަކުން ބޭރުވިޔަސް ރޯދަ ގެއްލޭނެއެވެ.
- ކެއުމާއި ބުއިން: އެއީ ފައިދާހުރި އެއްޗަކަސް، ނުވަތަ ސިނގިރޭޓު ދުން ފަދަ ގެއްލުންހުރި އެއްޗަކަސް ހަމަހަމައެވެ.
- ގައިގައި ބާރުޖައްސާ އައިވީ އިންޖެކްޝަން ފަދަ ތަކެތި ބޭނުންކުރުން. އެހެނީ އެއީ ކެއިންބުއިމުގެ ބަދަލުގައި ދެވޭ އެއްޗެކެވެ. އެކަމަކު ބާރުނުޖައްސާ އިންޖެކްޝަން ނާރުތެރެއަށް ނުވަތަ މަސްގަނޑަކަށް ޖެއްސަސް، ކަރުތެރޭ ރަހަލިޔަސް ނުލިޔަސް ރޯދައެއް ނުގެއްލޭނެއެވެ.
- ލޭ އެޅުން: އެއީ މިސާލަކަށް ރޯދަވެރިޔާގެ ހަށިގަނޑުން ލޭއައިސްގެން އޭގެ ބަދަލުގައި ލޭ އެޅުމެވެ.
- ޙައިޟުގެ ނުވަތަ ނިފާސްކަމުގެ ލޭ އައުން.
- ކަވާޖެހުން (ޙިޖާމާ ނުވަތަ ކަޕިންގ) ފަދަ ކަމަކުން ލޭ ބޭރުކުރުން. ނަމަވެސް (ނޭފަތުން ލޭއައުން، ދަތް އުފުރިގެން ލޭއައުން، މިފަދަ ގޮތަކުން) އަމިއްލައަށް ލޭ އައުމުން ރޯދަ ނުގެއްލޭނެއެވެ. އެހެނީ އެއީ ޙިޖާމާފަދަ ކަންކަމެއް ނޫނެވެ.
- ގަސްތުގައި ހޮޑުލުން. ގަސްތަކާ ނުލައި ހޮޑު ލެވުނަސް ރޯދައެއް ނުގެއްލޭނެއެވެ.
ރޯދައާ ގުޅޭ ފައިދާހުރި ބައެއް ޕޮއިންޓު
- ޖުނުބުވެރިވެފައިވާ މީހާ އެ ޙާލުގައި ރޯދައިގެ ނިޔަތްގަނެފައި، ފަޖުރުލުމުގެ ފަހުން ހިނައިގަތުން ހުއްދައެވެ.
- ފަރުޖުލުމުގެ ކުރިން ޙައިޟުވެރިޔާ ނުވަތަ ނިފާސްވެރިޔާ ރޯދަމަހު ޠާހިރުވެއްޖެ ނަމަ ރޯދަހިފުން ވާޖިބުވާނެއެވެ. ފަޖުރުލުމުގެ ފަހަށް ހިނައިގަތުން ލަސްކުރިޔަސް މައްސަލައެއް ނެތެވެ.
- ރޯދަވެރިޔާ ދަތް އުފުރުމާއި، ޒަޚަމުގައި ބޭސް އެޅުމުމާއި، ލޮލަށް ނުވަތަ ކަންފަތަށް ބޭސްތިކި އެޅުން ފަދަ ކަންކަމީ، ކަރުގައި އޭގެ ރަހަ ލިޔަސް، އެއިން ރޯދަ ނުގެއްލޭ، ހުއްދަ ކަންކަމެވެ.
- ދުވާލުގެ ކުރީކޮޅުގައި ވިޔަސް ފަހުކޮޅުގައި ވިޔަސް ދަތް އުނގުޅުމަކީ ރޯދަވެރިޔާ އަށް ހުއްދަކަމެކެވެ. އަދި ރޯދަނުހިފާ މީހާއެކޭ އެއްފަދައިން ރޯދަވެރިއާއަށް ވެސް ސުންނަތްވެގެންވާ ކަމެކެވެ.
- ކަރުހިއްކުމާއި ދުވާލުގެ ގަދަ ހޫނުން ލުއިކަން ހޯދައިގަތުމަށް ގަޔަށް ފެން އެޅުމާއި، ”އޭސީ“ ބޭނުންކުރުން ފަދަ ކަންކަމަކީ ރޯދަވެރިޔާއަށް ހުއްދަ ކަންކަމެކެވެ.
- ނޭވާލާން އުނދަގޫވާ މީހުން އެކަމަށް ބޭނުންކުރާ އިންހޭލަރު ފަދަ ތަކެތި ބޭނުންކުރުން ރޯދަވެރިޔާއަށް ހުއްދައެވެ.
- ރޯދަވެރިޔާގެ ތުންފަތް ހިކިއްޖެނަމަ ތެންމާލުމާއި، އަނގަ ހިކިއްޖެ ނަމަ ކަރުތެރެއަށް ފެން ފޮނުވުމަކާ ނުލައި އަނގަ ދޮވުން ހުއްދައެވެ.
- ހާރުކެއުން ލަސްކުރުމާއި، އިރު އޮއްސުމުން ރޯދަވީއްލުން އަވަސްކުރުމާއި، ރޯދަ ވީއްލާއިރު ދޮން ކަދުރުން، ދޮން ކަދުރު ނުލިބިއްޖެނަމަ ހިކި ކަދުރުން އަދި ހިކި ކަދުރު ނުލިބިއްޖެ ނަމަ ފެނުން، އަދި ފެން ވެސް ނުލިބިއްޖެ ނަމަ ޙަލާލު ކޮންމެ ވެސް އެއްޗަކުން ރޯދަ ވީއްލުމާއި، އެވަރު ވެސް ނުވެއްޖެ ނަމަ، ރޯދަ ވީއްލާނޭ އެއްޗެއް ލިބެންދެން، ހިތުނިޔަތުން ރޯދަވީއްލުމާއި، މި ކަންކަމަކީ ރޯދަވެރިޔާއަށް ސުންނަތް ކަންކަމެވެ.
- ހެޔޮ ކަންކަން ވީހައިވެސް ގިނަކުރުމާއި، ނަހީކުރެވިގެންވާ އެންމެހައި ކަންކަމުން ދުރުވެހުރުން ރޯދަވެރިޔާއަށް ސުންނަތްވެގެން ވެއެވެ.
- އެންމެހައި ޙަރާމް ކަންތައްތަކުން ދުރުވެގަތުމާއި، ވާޖިބު ކަންތައްތަކަށް ރައްކާތެރިވުމީ ރޯދަވެރިޔާގެ މައްޗަށް ވާޖިބެކެވެ. މި ގޮތުން ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި، އަދި ޖަމާޢަތުގައި ނަމާދު ކުރަން ޖެހޭ މީހެއް ނަމަ ޖަމާޢަތުގައި ކުރުމާއި އޭނާއަށް ވާޖިބުވެގެން ވެއެވެ. މީގެ އިތުރުން ދޮގުހެދުމާއި ނެތިމޮށުމާއި ޣީބަބުނުމާއި މަކަރުހެދުމާއި، ރިބާގެ މުޢާމަލާތްތައް ކުރުމާއި، މި ނޫނަސް ޙަރާމްވެގެންވާ އެންމެހައި ޢަމަލުތަކާއި ބަސްތަކުން ދުރުވެ ހުރުމީ ވެސް ރޯދަވެރިޔާއަށް ވާޖިބު ކަންކަމެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. «مَن لَّمْ يَدَعْ قَولَ الزُّورِ وَالْعَمَلَ بِهِ وَالْجَهْلَ فَلَيْسَ لِلهِ حَاجَةٌ فِي أَن يَدَعَ طَعَامَهُ وَشَرَابَه» މާނައީ: ”ދޮގުބަސް ބުނުމާއި އެއަށް ޢަމަލުކުރުމާއި، ޖާހިލުންގެ ޢަމަލުތަކާއި ބަސްތައް ދޫކޮށްނުލާ މީހާ އޭނާގެ ކެއުމާއި ބުއިން ދޫކޮށްލައިގެން ހުރުމަށް ﷲ ބޭނުންފުޅުވެވޮޑިނުގަންނަވައެވެ.“
[ ބުޚާރީ]
والحمد لله رب العالمين، وصلى الله وسلم على بنينا محمد وعلى آله وصحبه أجمعين.
ލިޔުނީ: محمد الصالح العثيمين
16 شعبان سنة 1401 هـ
ޕީޑީއެފް: [ފޯނުން ކިޔުއްވުމަށް] [އޮފްސެޓް ޕްރިންޓް (2 ކުލަ)] [ކަޅު ޕްރިންޓް]