އިސްލާމް ދީނުގެ ފުރަތަމަ ރުކުނަކީ: ޝަހާދަތުގެ ދެ ކަލިމައަށް ހެކި­ވުމެވެ.

އެއީ އެއިން އެއް ކަލިމައަށް ހެކި­ވެފައި އަނެއް ކަލިމައަށް ހެކިނުވެ­އެއް ނުވާނެއެވެ. أَشْهَدُ أن لَا إلَهَ إلَّا اللهُ ކިޔައި ﷲ މެނުވީ ޙައްޤު ވެގެން އަޅުކަން ކުރެވޭ އިލާހަކު ނުވާ­ކަމަށް ހެކި­ވެފައި، مُحَمَّدٌ رَسُولُ اللهِ، މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް އިންކާރުކުރާ ނަމަ ފުރަތަމަ ޝަހާދަތް، أَشْهَدُ أن لَا إلَهَ إلَّا اللهُ މި ޝަހާދަތް، ޞައްޙަ­އެއް ނުވާނެއެވެ.

ހަމަ އެހެންމެ، މުޙައްމަދު  ގެ ރިސާލަތަށް ހެކި­ވެފައި ﷲ ފިޔަވައި ޙައްޤު އިލާހެއް ނުވާ­ކަމަށް އޭނާ އިންކާރު ކުރާ­ނަމަ ރަސޫލާގެ ރިސާލަތަށް ހެކިވި ޝަހާދަ­ތަކުން ފައިދާ­އެއް ނުކުރާނެއެވެ. ދެ ޝަހާދަތަށް އެކީ ހެކި­ވާން ޖެހޭނެއެވެ.

ފުރަތަމަ: أَشْهَدُ أن لَا إلَهَ إلَّا اللهُ މި ޝަހާދަތަށް ހެކިވުމުގެ މާނައަކީ އަޅުކަން­ކުރުމުގައި ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމެވެ.

ދެވަނައަށް: أَشْهَدُ أن مُحَمَّدًا رَسُولُ اللهِ މި ޝަހާދަތުގެ މާނައަކީ ފުރިހަމައަށް ތަބާވުމާއި އިޤްތިދާވުމުގައި ނަބިއްޔާ –  – ޚާއްޞަ­ކުރުމެވެ. އެހެނީ ﷲ –  – ގެ ޙަޟްރަތުން ދީން އަހަރެމެންނާ ހަމައަށް ފޯރު­ކޮށް­ދެއްވީ އެކަލޭގެފާނެވެ.

މިތާ ޝަހާދަތުގެ މާނައަކީ ހަމައެކަނި އެ ކަލިމަތައް ދުލުން ކިޔައިލުމެއް ނޫނެވެ. އެއާ އެއް­ކޮށް ޢަމަލު ވެސް އަންނަން ޖެހޭނެއެވެ.

«أَشْهَدُ أن لَا إلَهَ إلَّا اللهُ» މި ކަލިމައިގެ މާނައަކީ: ﷲ މެނުވީ ޙައްޤު­ވެގެން އަޅުކަން­ކުރެވޭ ފަރާތެއް ނުވާ­ކަމަށް ތިމަން ޔަޤީން­ކޮށް އިޢުތިރާފުވަމެވެ. «لَا» އަކީ މިތާ «لا» النافية للجنس އެވެ. މުޅި ޖިންސު އެކީ ނަފީކުރާ އަކުރެކެވެ. «إلَهَ» އަކީ އިސްވެދިޔަ ނަފީގެ «لَا» ގެ އިސްމެވެ. އެއާއެކު އެވަނީ ނަޞްބުގެ ޙާލަތުގައި އަބަފިލީގެ މައްޗަށް ބިނާވެފައެވެ. އެ ނަފީގެ «لَا» ގެ ޚަބަރަކަށް ބެލޭނީ «بِحَقٍّ» މި ކަލިމައެވެ. އެހެން­ކަމުން މި ކަލިމައިގެ ފުރަތަމަ ބައިގެ މާނައަކީ «لَا إلَهَ بِحَقٍّ» އެއްވެސް ޙައްޤު އިލާހެއް، އަޅުކަން­ކުރެވޭ ފަރާތެއް ނުވެއެވެ. އޭގެ މާނައަކީ «لَا إلَهَ» އެއްވެސް އިލާހަކު ނުވެޔެކޭ ނޫނެވެ. މުރާދަކީ ޙައްޤު­ވެގެންވާ އިލާހެއް ވުން ނަފީ­ކުރުމެވެ. އެހެނީ ބާޠިލު އެތައް އިލާހެއް ވެއެވެ. މީހުންގެ ތެރޭގައި، އިރަށް އަޅުކަންކުރާ މީހުންނާއި، ހަނދަށާއި، ތަރިތަކަށް އަޅުކަންކުރާ މީހުންނާއި، ގަސްގަހާއި ހިލައަށް އަޅުކަންކުރާ މީހުންނާއި، ޤަބުރު­ތަކާއި މަރު­ވެފައިވާ މީހުންނަށާއި، ޒިޔާރަތް ފަދަ ތަންތަނަށް އަޅުކަންކުރާ މީހުން ހިމެނެއެވެ. އަދި ކިއެއް­ހެއްޔެވެ؟ އިންޑިޔާގައި އަޅުކަންކުރާ ފަދައިން ގެރިއަށް އަޅުކަންކުރާ މީހުންނާއި ލަދުވެތި ގުނަ­ވަންތަކަށް އަޅުކަންކުރާ މީހުން ވެސް އުޅެއެވެ. — والعياذ بالله. — އެހެން­ކަމުން ދުނިޔޭގައި މީހުން އަޅުކަން­ކޮށް އުޅޭ އެތައް ބައިވަރު އިލާހުންތައް ވެއެވެ. އެހަމަކު ޙައްޤު­ވެގެންވާ ހަމައެކަނި އިލާހަކީ ﷲ އެވެ. ﷲ ވަޙީ­ކުރެއްވިއެވެ. ﴿ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِۦ هُوَ ٱلۡبَٰطِلُ وَأَنَّ ٱللَّهَ هُوَ ٱلۡعَلِيُّ ٱلۡكَبِيرُ މާނައީ: ”އެހެނީ، ހަމަ­ކަށަވަރުން، ﷲ އީ، ޙައްޤު­ވަންތަ އިލާހެވެ. އަދި ހަމަ­ކަށަވަރުން، އެއިލާހު ފިޔަވައި، އެއުރެން އަޅުކަންކުރާ ތަކެއްޗަކީ، އެއީ ބާޠިލު ތަކެއްޗެވެ. އަދި ހަމަ­ކަށަވަރުން، ﷲ އީ، އެންމެ މަތި­ވެރި، އެންމެ ޢަޡަމަތް­ތެރި އިލާހެވެ.“

اَلْإِلَٰهُ ގެ މާނައަކީ މަޢުބޫދެވެ. އެބަހީ: އަޅުކަން ކުރެވޭ ފަރާތެވެ. އެހެން­ކަމުން «أَشْهَدُ أن لَا إلَهَ إلَّا اللهُ» ގެ މާނައަކީ: ﷲ ފިޔަވައި ޙައްޤު މަޢުބޫދަކު ނުވެއެވެ. މި އިބާރާތުން ހުރިހައި ބާޠިލު މަޢުބޫދުން ނަފީ­ކުރެއެވެ. ﷲ ފިޔަފައި އަޅު­ކުރެވޭ މަޢުބޫދުންނަކީ ބާޠިލު ތަކެއްޗެވެ. ﴿‌ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِۦ هُوَ ٱلۡبَٰطِلُ ”އެހެނީ، ހަމަ­ކަށަވަރުން، ﷲ އީ، ޙައްޤު­ވަންތަ އިލާހެވެ. އަދި ހަމަ­ކަށަވަރުން، އެއިލާހު ފިޔަވައި، އެއުރެން އަޅުކަންކުރާ ތަކެއްޗަކީ، އެއީ ބާޠިލު ތަކެއްޗެވެ.“

ފުރަތަމަ ޝަހާދަތުގެ މާނައަކީ މިއެވެ. މި ތަނުގައި «لَا» ގެ ޚަބަރަކީ مَوجُودٌ (ވުޖޫދުގައި ވުން) ކަމުގައި ނުބެލެވޭނެއެވެ. [އެބަހީ: «لَا» އިން ނަފީކުރަނީ ﷲ ފިޔަވައި އެހެން އިލާހަކު ވުޖޫދުގައި ވުމެއް ނޫނެވެ.] ބައެއް މީހުން ބުނެއެވެ. [އޭގެ މާނައަކީ:] «لَا إلَهَ مَوجُودٌ إلَّا اللهُ» ﷲ ނޫން އިލާހަކު ވުޖޫދުގައި ނުވެއެވެ. [މި އެވެ.] މިއީ ޞައްޙަ ގޮތެއް ނޫނެވެ. އެތައް ބައިވަރު އިލާހުންތަކަކަށް ދުނިޔެމަތީގައި އަޅުކަން­ކުރެވޭކަން އެންމެން ވެސް ދަނެއެވެ. ދުނިޔެމަތީގައި ޝިރުކު އުފެދުނު ހިސާބުން ފެށިގެން ޤިޔާމަތަށް ދާންދެން ވެސް ޝިރުކު މި ބިންމަތީ ވާނެއެވެ. އަދި އަޅުކަން­ކުރެވޭ ތަފާތު އިލާހުން ވެސް ވާނެއެވެ. ނަމަވެސް ހަމައެކަނި ޙައްޤު އިލާހަކީ ﷲ އެވެ. ﷲ ވަޙީ­ކުރެއްވިއެވެ. ﴿وَهُوَ ٱلَّذِي فِي ٱلسَّمَآءِ إِلَٰهٞ وَفِي ٱلۡأَرۡضِ إِلَٰهٞۚ މާނައީ: ”އުޑުގައި ވެސް އިލާހަކީ އެކަލާނގެއެވެ. އަދި ބިމުގައި ވެސް އިލާހަކީ އެކަލާނގެއެވެ.“ ފަހެ އުލޫހިއްޔަތު ޙައްޤުގޮތުގައި ލިބި­ވޮޑިގެންވަނީ ހަމައެކަނި ﷲ އަށެވެ. އެއިލާހު ފިޔަވައި އަޅުކަން­ކުރެވޭ އެހެން ފަރާތްތަކުގެ އުލޫހިއްޔަތު ވަނީ ބާޠިލު­ވެގެންނެވެ. އެއީ ޙައްޤަކާ ނުލައި އަޅުކަން­ކުރެވޭ ފަރާތް­ތަކެކެވެ. «لَا إلَهَ إلَّا اللهُ» ގެ މާނައަކީ މިއީއެވެ. އަދި ޢަރަބިބަހުގެ ޢިލްމުވެރީން ކުރެ މުޙައްޤިޤުންގެ ގާތުގައި އެ ކަލިމައިގެ އިޢުރާބަކީ މިއީއެވެ.

«أَشْهَدُ أن مُحَمَّدًا رَسُولُ الله» ގެ ”މާނައަކީ، މުޙައްމަދުގެފާނީ ﷲގެ ޙަޟްރަތުން އެންމެހައި މީސް­ތަކުންގެ ގާތަށް — އިންސީންނާއި ޖިންނީންގެ ގާތަށް — ފޮނުއްވި ރަސޫލެއް ކަމަށް ތިމާ އިޢުތިރާފުވެ އިޤްރާރުވަމެވެ.“

ފަހެ އެކަލޭގެފާނުގެ ރިސާލަތަށް ތިމާ އެތެރެފުށާއި ބޭރުފުށުން އިޤްރާރު­ވާން ޖެހޭނެއެވެ. ބޭރުފުށުން ތިމާގެ ދުލުންނެވެ. އެތެރެ ފުށުން ތިމާގެ ހިތުންނެވެ. އެކަލޭގެފާނީ ﷲގެ ރަސޫލާ ކަމަށް ދުލުން އިޤްރާރު­ވެފައި ހިތުން އެކަމަށް އންކާރުކުރާ­ނަމަ އޭނާއަކީ މުނާފިޤެކެވެ. ﷲ ތަޢާލާ ވަޙީ­ކުރެއްވިއެވެ. ﴿إِذَا جَآءَكَ ٱلۡمُنَٰفِقُونَ قَالُواْ نَشۡهَدُ إِنَّكَ لَرَسُولُ ٱللَّهِۗ وَٱللَّهُ يَعۡلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشۡهَدُ إِنَّ ٱلۡمُنَٰفِقِينَ لَكَٰذِبُونَ ”ކަލޭގެފާނުގެ އަރިހަށް މުނާފިޤުން އަތުވެއްޖެ ހިނދު، އެއުރެން ބުނެތެވެ. ހަމަ­ކަށަވަރުން، ކަލޭގެފާނީ، ﷲ ގެ ރަސޫލާ ކަމަށް ތިމަންމެން ހެކިވަމުއެވެ. ހަމަ­ކަށަވަރުން، ކަލޭގެފާނީ، އެކަލާނގެ ރަސޫލާ ކަން ﷲ ދެނެ­ވޮޑިގެންވެއެވެ. އަދި ހަމަ­ކަށަވަރުން، މުނާފިޤުންނީ، ދޮގުވެރީން­ކަމަށް ﷲ ހެކިވެ­ވޮޑިގެންވެއެވެ.“ އެމީހުންނީ އެމީހުންގެ ޝަހާދަތުގައި — ހެކިވީ ހެކިވުމުގައި — ދޮގުވެރީންނެވެ. އެހެނީ ރަސޫލާ ގެ ރިސާލަތަށް އެބައި­މީހުން އިޢުތިރާފެއް ނުވެއެވެ. ދުލުން ކަމައެކަނި ޝަހާދަތުގެ ބަސްތައް ކިޔައިލަނީ މުސްލިމުންނާ އެކު އުޅެ، ދުނިޔަވީ ފައިދާ­ތަކެއް ހޯދުމަށެވެ. ﴿‌ٱتَّخَذُوٓاْ أَيۡمَٰنَهُمۡ جُنَّةٗ ”އެއުރެންގެ ހުވާތަކަކީ، އައްޑަނަ­ތަކެއް ކަމުގައި އެއުރެން ހެދޫއެވެ.“ އެބަހީ: އެމީހުން ވަންހަނާވެ ރައްކާ­ތެރި­ވާން ސުތުރާ­އެއްގެ ގޮތުގައި އެ ބަސްތައް ހެދިއެވެ. އެކަމަކު އެބައި­މީހުންގެ ހިތް­ތަކުގައި އެބައި­މީހުންނީ ކާފަރުންނެވެ. އެހެނީ ރަސޫލާ ގެ ރިސާލަތަށް ބޭރުފުށުންނާއި އެތެރެފުށުން ވެސް އިޢުތިރާފު­ވާން ޖެހޭނެއެވެ.

ހަމަ އެހެންމެ އެކަލޭގެފާނުގެ ރިސާލަތަށް ތިމާގެ ހިތުން އިޢުތިރާފު­ވެފައި، ދުލުން ފާޅުގައި އެ ބަސްތައް ބުނަން އިންކާރުކުރާ ނަމަ އޭނާ ވެސް މުއުމިނަކަށް ނުވާނެއެވެ. އެހެނީ މުޝްރިކުން ވެސް އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އިޢުތިރާފުވިއެވެ. ﷲ ވަޙީ­ކުރެއްވިއެވެ. ﴿قَدۡ نَعۡلَمُ إِنَّهُۥ لَيَحۡزُنُكَ ٱلَّذِي يَقُولُونَۖ فَإِنَّهُمۡ لَا يُكَذِّبُونَكَ وَلَٰكِنَّ ٱلظَّٰلِمِينَ بِ‍َٔايَٰتِ ٱللَّهِ يَجۡحَدُونَ މާނައީ: ”އެއުރެން (އެބަހީ: މުޝްރިކުން) ބުނާ ބުނުމުގެ ސަބަބުން ކަލޭގެފާނަށް މޮޅި­ވެރިކަން ލިބި­ވަޑައިގަންނަވަމުން ދާކަން ތިމަން ﷲ ދެނެ­ވޮޑިގެންވަމެވެ. ފަހެ، އެއުރެން (ހިތުގެ އަޑިން) ކަލޭގެފާނު ދޮގެއް ނުކުރެތެވެ. އެހެނެއް­ކަމަކު އަނިޔާވެރީން ދެކޮޅުހަދަނީ ﷲ ގެ އާޔަތްތަކާ މެދުގައެވެ.“ އެކަލޭގެފާނަކީ ﷲ ގެ ރަސޫލާކަން އެމީހުން ދަނެއެވެ. އެކަމަކު އެމީހުންގެ ބޮޑާ­ކަމާއި ކިބުރު­ވެރި­ކަމާއި ޖާހިލިއްޔަ އިލާހުންތަކަށް އޮތް ތަޢައްޞުބުގެ ސަބަބުން އެމީހުން އެކަލޭގެފާނުގެ ރިސާލަތަށް ހެކިވުމަށް ހުރަސްއެޅިއެވެ.

ހަމެ އެގޮތަށް ޔަހޫދީންނާއި ނަޞާރާއިން ވެސް އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އެބައި­މީހުންގެ ހިތް­ތަކުން އިޢުތިރާފުވެއެވެ. އެކަމަކު އެމީހުންގެ ދޫތަކުން އެކަމަށް އިޢުތިރާފުނުވެ، އެކަމާ އެމީހުން ދެކޮޅު­ހެދީއެވެ. ﷲ ވަޙީ­ކުރެއްވިއެވެ. ﴿ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَعۡرِفُونَهُۥ كَمَا يَعۡرِفُونَ أَبۡنَآءَهُمۡۖ وَإِنَّ فَرِيقٗا مِّنۡهُمۡ لَيَكۡتُمُونَ ٱلۡحَقَّ وَهُمۡ يَعۡلَمُونَ ”ތިމަން ﷲ އެ ބަޔަކަށް ފޮތް ދެއްވި މީހުން އެއުރެންގެ އުފަންދަރިން ދަންނަ ފަދައިން އެކަލޭގެފާނު—އެބަހީ: ﷲ ގެ ރަސޫލާ —ދަންނާނެއެވެ. އަދި އޭގެ ތެރެއިން ބަޔަކު ދެނެތިބެގެންމެ، ޙައްޤު ވަންހަނާ­ކުރާކަން ކަށަވަރެވެ.“

ފަހެ އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް ދުލުން ބުނުމުގެ ކުޅަދާނަކަން ލިބިގެންވާ މީހަކު ދުލުން އެކަމަށް އިޢުތިރާފުނުވެ ހަމައެކަނި ހިތުން އެކަން ގަބޫލު­ކޮށްލުމަކުން ނުފުދޭނެއެވެ. އެހެނީ މުޝްރިކުންނާއި، ޔަހޫދީންނާއި ނަޞާރާއިން ވެސް ވީ އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ­ކަމަށް ހިތުން އިޢުތިރާފުވާ ބައެއް ކަމުގައެވެ. އެކަމަކު ދުނިޔޭގައި އެބައި­މީހުންގެ މަޤާމާއި އެމީހުންގެ ރިޔާސަތު ގެއްލިދާނެ ކަމުގެ ބިރަށް، ނޫނީ ރަސޫލާ އާ މެދު އޮތް ޙަސަދަ­އެއްގެ ސަބަބުން، ނޫނީ އެބައި­މީހުންގެ ބޮޑާ­ކަމުގެ ސަބަބުން، ނޫނީ އެހެންވެސް ނުބައި އެދުމަކާ ހެދި އެ ބަސް ދުލުން ބުނަން އިންކާރު­ކުރީއެވެ.

ދެންފަހެ، އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް ޙައްޤުގޮތުގައި ހެކިވާ­ނަމަ ކޮންމެހެން ވެސް އެކަލޭގެފާނާ ތަބާ­ވާން ޖެހޭނެއެވެ. އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް ޙައްޤުގޮތުގައި ތިމާގެ އެރެތެފުށާއި ބޭރުފުށުން، [ހިތާއި ދުލުން،] ހެކި­ވެފައި އެކަލޭގެފާނާ ތަބާނުވާ­ނަމަ، އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އޭނާ އެވީ ހެކި­ވުން، އޭނާގެ އެ ޝަހާދަތް، ޞައްޙަ­ވެގެންނެއް ނުވާނެއެވެ. ﷲ ވަޙީ­ކުރެއްވިއެވެ. ﴿فَإِن لَّمۡ يَسۡتَجِيبُواْ لَكَ فَٱعۡلَمۡ أَنَّمَا يَتَّبِعُونَ أَهۡوَآءَهُمۡ ”ފަހެ، އެއުރެން ކަލޭގެފާނަށް އިޖާބަ ނުދިން­ނަމަ ފަހެ، ދެނެ­ވަޑައިގަންނަވާށެވެ! ހަމަ­ކަށަވަރުން، އެއުރެން އެ ތަބާވަނީ، ހަމައެކަނި އެއުރެންގެ ހަވާނަފްސުގެ އެދުންތަކަށެވެ.“

އެކަލޭގެފާނުގެ އެއްވެސް އަމުރުފުޅަކަށް ބޯނުލަނބާ މީހާއަކީ ކާފަރެކެވެ. އަދި ބައެއް ކަން­ކަމުގައި އެކަލޭގެފާނަށް ކިޔަމަން­ވެފައި އަނެއްބައި ކަން­ކަމުގައި އެކަލޭގެފާނަށް ކިޔަމަން ނުވާ­ނަމަ އޭނާގެ ޝަހާދަތަކީ (ހެކިވީ ހެކިވުމަކީ) އުނި­ވެގެން ވާ ޝަހާދަތެކެވެ. އެކަލޭގެފާނަށް ކޮންމެހެން ވެސް ކިޔަމަން­ވާން ޖެހޭނެއެވެ.

ﷲ ވަޙީ­ކުރެއްވިއެވެ. ﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلۡأَمۡرِ مِنكُمۡ މާނައީ: ”އޭ އީމާންވެއްޖެ މީސް­ތަކުންނޭވެ! ތިޔަބައި­މީހުން، ﷲ އަށް ކިޔަމަން­ވާށެވެ! އަދި، ރަސޫލާ­އަށާއި، ތިޔަބައި­މީހުންގެ ތެރެއިން ވެރީންނަށް ވެސް ކިޔަމަން­ވާށެވެ!“ ﴿‌يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَرَسُولَهُۥ وَلَا تَوَلَّوۡاْ عَنۡهُ وَأَنتُمۡ تَسۡمَعُونَ ”އޭ އީމާންވެއްޖެ މީސް­ތަކުންނޭވެ! ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައި­މީހުން ކިޔަމަންވާށެވެ! އަދި (އެކަލޭގެފާނު ވިދާޅުވާ އެއްޗެއް) އަޑުއިވޭ ޙާލު ތިޔަބައި­މީހުން އެކަލޭގެފާނަށް ފުރަގަސްނުދޭށެވެ!“ ﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَلَا تُبۡطِلُوٓاْ أَعۡمَٰلَكُمۡ ”އޭ އީމާންވެއްޖެ މީސް­ތަކުންނޭވެ! ތިޔަބައި­މީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައި­މީހުންގެ ޢަމަލުތައް ތިޔަބައި­މީހުން ބާޠިލު­ކޮށްނުލާށެވެ!“ ﴿مَن يُطِعِ ٱلرَّسُولَ فَقَدۡ أَطَاعَ ٱللَّهَۖ وَمَن تَوَلَّىٰ فَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ حَفِيظٗا ”ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަ­ކަށަވަރުން ﷲ އަށް ކިޔަމަން­ވެއްޖެއެވެ. އަދި، ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަން ﷲ ކަލޭގެފާނު ނުފޮނުއްވަމެވެ.“ ﴿وَأَطِيعُواْ ٱللَّهَ وَٱلرَّسُولَ لَعَلَّكُمۡ تُرۡحَمُونَ ”އަދި، ﷲ އަށާއި، ރަސޫލާއަށް، ތިޔަބައި­މީހުން ކިޔަމަން­ތެރިވާށެވެ! (އެއީ) ތިޔަބައި­މީހުންނަށް ރަޙްމަތް ލެއްވުމަށް­ޓަކައެވެ.“ ﴿‌وَإِن تُطِيعُوهُ تَهۡتَدُواْۚ ”އަދި ތިޔަބައި­މީހުން އެކަލޭގެފާނަށް ކިޔަމަންވާ­ނަމަ ތިޔަބައި­މީހުންނަށް ތެދުމަގު ލިބޭނެތެވެ.“

ބައެއް ފަހަރު ﷲ އަށް ކިޔަންވުމާ އެކުގައި އެކަލޭގެފާނަށް ކިޔަމަން­ވުން އެކަލާނގެ ވަނީ ޛިކުރު­ކުރައްވާފައެވެ. އަދި އަނެއްބައި ފަހަރު އެކަލޭގެފާނަށް ކިޔަމަން­ވުން ވަނީ ވަކިން ޛިކުރު­ކުރައްވާފަ­އެވެ. އެހެން­ކަމުން އެކަލޭގެފާނަށް ކިޔަމަންވުމާއި އެކަލޭގެފާނަށް ތަބާވުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ދެ ކަމެވެ.

އަދި ހަމަ އެފަދައިން އަހަރެމެންގެ މައްޗަށް ވާޖިބު­ވެގެން ވަނީ އެކަލޭގެފާނު ގެންނެވި ކަންތަކުގެ ތެރެއަށް އަމިއްލަ ކަންކަން އިތުރު ނުކޮށް އެކަލޭގެފާނު ގެންނެވި ވަރުން ފުއްދާލުމެވެ. ދީނުގެ އަޅުކަންތަކުގެ ތެރެއަށް، ރަސޫލާ ޝަރުޢު­ކުރައްވާފައި ނުވާ ކަމެއް ގެނެސްގެން ނުވާނެއެވެ. އެކަލޭގެފާނު ޙަދީޘް­ކުރެއްވިއެވެ. «وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ.» ”އަދި އަލަށް ދީނުގެ ތެރެއަށް ގެނެވޭ ކަން­ކަމާމެދު ތިޔަބައި­މީހުން ރައްކާވެ ތިބޭށެވެ. އެހެނީ ކޮންމެ އާ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.“ «مَنْ عَمِلَ عَمَلًا لَيسَ عَلَيهِ أَمْرُنَا فَهُوَ رَدٌّ.» ”އަހަރެމެންގެ މި ދީނުގެ ތެރެއިން ނުވާ ޢަމަލެއް ކޮށްފި މީހާ، ފަހެ، އޭނާގެ ޢަމަލު ވަނީ ރައްދު­ކުރެވިގެންނެވެ.“

އެހެން­ކަމުން، ބިދުޢަ­ތަކާއި، ދީނުގެ ތެރެއަށް ގެނެވޭ އައު ކަން­ތަކުން ދުރުވެ، ރަސޫލާ ގެންނެވި މިންވަރުން ފުއްދާލުމީ «أَشْهَدُ أن مُحَمَّدًا رَسُولُ الله» މި ޝަހާދަތުގެ މާނައިގެ ތެރޭ ކަމެކެވެ.

ދެން ހަމަ އެފަދައިން، އެކަލޭގެފާނު ޚަބަރު­ދެއްވި އެންމެހައި ކަމަކާއި، އަމުރު­ކުރެއްވި ކަން­ކަމާއި ނަހީ­ކުރެއްވި އެންމެހައި ކަމެއްގައި އެކަލާގެފާނުގެ ބަސް­ފުޅު ތެދުކުރަން ޖެހޭނެއެވެ. އެކަލޭގެފާނު އެންގެވި ގޮތަށް އަޅާ ޢަމަލުކުރި ކަމުގައި ވިޔަސް އެ ކަންކަން ތެދުނުކުރާ­ނަމަ އެއީ މުނާފިޤުންގެ ގޮތެވެ. މުނާފިޤުން ވެސް ނަމާދު­ކޮށް ރޯދަހިފައި ޙައްޖުވެ ޖިހާދު­ކޮށް ހަދައެވެ. އެކަމަކު ރަސޫލާ ގެ ރިސާލަތު އެމީހުން ތެދެއް ނުކުރެއެވެ. އެހެން­ކަމުން، ޣައިބުގެ ކަންތައްތަކުގެ ތެރެއިން މާޒީވެ ގޮސްފައިވާ ކަންތައް­ތަކާއި، މުސްތަޤްބަލުގައި ވާނޭ ކަން­ކަމުގެ ވާހަކަ­ތަކުން އެކަލޭގެފާނު –– ޚަބަރު­ދެއްވި ކަން­ކަމާއި އެކަލޭގެފާނު ޚަބަރު­ދެއްވި އަމުރު­ފުޅު­ތަކާއި ނަހީ­ތަކާއި، މިހެން ގޮސް އެކަލޭގެފާނު ގެންނެވި ކަން­ކަމުން އެއްވެސް ކަމެއްގައި އެއްވެސް ޝައްކެއް ކުރުމަކާ ނުލައި ތެދުކުރަން ޖެހޭނެއެވެ. އެކަލޭގެފާނުގެ ޙައްޤުގައި ﷲ –– ވަޙީ­ކުރެއްވިއެވެ: ﴿وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ ‮٣ إِنۡ هُوَ إِلَّا وَحۡيٞ يُوحَىٰ ”އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަ­ފުޅެއް ނުދައްކަވައެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީ­އެއް­ކަމުގައި ނޫނީ ނުވެއެވެ.“ އަދި ވެސް އެކަލާނގެ ވަޙީ­ކުރެއްވި ފަދައިންނެވެ. ﴿وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمۡ عَنۡهُ فَٱنتَهُواْۚ ” އަދި ރަސޫލާ ތިޔަބައި­މީހުންނަށް ގެނެސް­ދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައި­މީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައި­މީހުންނަށް ނަހީ­ކުރެއްވި ކޮންމެ ކަމަކުން ތިޔަބައި­މީހުން ދުރުވެގަންނާށެވެ!“

ފަހެ ރަސޫލާއަށް ކިޔަމަންވެ އިޤްތިދާވުމަކީ ވާޖިބެކެވެ. އަދި ރަސޫލާ ގެންނަވައިފައި ނުވާ ބިދުޢަ­ތަކާއި، ދީނުގެ ތެރެއަށް އަލަށް ގެނެވޭ ހުރިހައި ކަމެއް ދޫކޮށް­ލުމަކީ ވެސް ވާޖިބެކެވެ. ހުރިހައި ހެވެއް ވަނީ ރަސޫލާ ގެންނެވި ކަން­ކަމުގައެވެ. އެކަލޭގެފާނު ނުގެންނަވާ ކޮންމެ ކަމަކީ ނުބައެކެވެ. ހެޔޮ ކަމެއް ނޫނެވެ. އެފަދަ ކަމެއް ކުރާ މީހާ ކިތަންމެ ހެޔޮ އެދިގެން އެ ކަން ކުރި ކަމުގައި ވިޔަސް ކަން އޮތީ އެހެންނެވެ. އޭނާ ބުނަނީ: މިއީ އިތުރު ހެވެކެވެ. އަހަރެމެން ބުނާނީ: ނޫނެކެވެ. ތިޔައީ ބިދުޢައެކެވެ. ބިދުޢައަކީ ރައްދު­ކުރެވިގެންވާ އެއްޗެކެވެ. ތިޔައީ ނުބައި ކަމެކެވެ. ތިބާ ތިޔަ ދަޢުވާކުރާ ގޮތުގައި ތިޔަ ކަމަކީ ތިބާ ﷲ އާ ކުއްތަން ކޮށްދޭނޭ ކަމެކެވެ. އެކަމަކު އަސްލު ތިޔަ ކަމަކީ ތިބާ ﷲ އާ ދުރު­ކޮށްދޭނޭ ކަމެކެވެ.

ފަހެ މިއީ ޝަހާދަތުގެ ދެ ކަލިމައިގައި، «أشْهَدُ أَنْ لَا إلَهَ إلَّا اللهُ وَ أشْهَدُ أَنَّ مُحَمَّدًا رَسُولُ اللهِ» ، މި ދެ ކަލިމައިގައި އެކުލެވިގެންވާ ބައެއް މާނަ­ތަކެވެ.

ހަމަ އެފަދައިން ﷲ މެނުވީ ޙައްޤު އިލާހަކު ނުވާ ހަމަށް ހެކިވުމަށްފަހު އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ކުރާ މީހުން، ފަހެ އެމީހުންގެ ޝަހާދަތް ޞައްޙަ ނުވާހުށްޓެވެ. އެއީ މިއަދު އިސްލާމުން ކަމަށް ދަޢުވާކުރާ ޙާލު ޤަބުރު­ތަކާއި، ޒިޔާރަތްތަކަށް އަޅުކަން ކުރާ މީހުން ފަދަ މީހުންނެވެ. ފަހެ ﷲ މެނުވީ ޙައްޤު އިލާހަކު ނުވާ ހަމަށް ހެކިވެ އެމީހުން ވީ ޝަހާދަތް ޞައްޙަ ނުވާހުށްޓެވެ. އެހެނީ އެމީހުންގެ ޝިރުކުން އެ ޝަހާދަތް އުވާލީއެވެ. އެމީހުން ދުލުކުރިން «لَا إلَهَ إلَّا اللهُ» ކީ ކަމުގައި ވިޔަސް ޢަމަލުކުރަނީ އެއާ ޚިލާފަށެވެ. އަޅުކަން ކުރަނީ ﷲ ނޫން ފަރާތްތަކަށެވެ. ދުޢާކުރަނީ އެކަލާނގެ ނޫން ފަރާތްތަކުގެ ކިބައަށެވެ. އަދި ބޮޑު­ކަމެއް ޖެހިއްޖެ ނަމަ އެހީއަށް އެދެނީ މަރު­ވެފައިވާ މައްޔިތުންގެ ކިބައިންނެވެ. ފަހެ މިބައި­މީހުން ﷲ މެނުވީ ޙައްޤު އިލާހަކު ނުވާ ހަމަށް ހެކިވެ، ޙައްޤު ގޮތުގައި ޝަހާދަތް ކީޔައި އިސްލާމްވީ­ކަމުގައި ނުވެއެވެ. އެހެނީ އެމީހުންގެ ބަހާއި ޢަމަލާ ދިމާނުވެއެވެ.

މަޞްދަރު: އަލްމިންޙަތުއްރައްބާނިއްޔާ ފީ ޝަރްޙިލް އަރްބަޢީނައްނަޥަޥިއްޔާ، ޞ .