ޕީޑީއެފް: [ފޯނުން ކިޔުއްވުމަށް] [އޮފްސެޓް ޕްރިންޓް (2 ކުލަ)] [ކަޅު ޕްރިންޓް]


الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وصحبه أجمعين، وبعد:

ފަހެ މިއީ ރޯދައާއި ރޯދައިގެ ޙުކުމް­ތަކާއި އޭގައި މީސް­ތަކުން ބެހޭ ބައި­ތަކާއި، ރޯދަ ގެއްލޭ ކަން­ކަމާއި، އަދިވެސް ބައެއް ފައިދާ ހިމަނައިގެން ކުރޮގޮތަކަށް ލިޔެލާ ލިޔެލުމެކެވެ.

  1. ރޯދައަކީ: ﷲ އަށް އަޅު­ކަމުގެ ގޮތުން، ފަޖުރުގެ އަލިކަން ފާޅު­ވީއްސުރެ އިރު­އޮއްސެން­ދެން ރޯދަ ގެއްލޭ އެންމެ­ހައި ކަން­ތައް­ތަކުން ދުރުވެ ހުރުމެވެ.

  2. ރަމަޟާންމަހުގެ ރޯދައަކީ: އިސްލާމް­ކަމުގެ މަތި­ވެރި ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އެހެނީ ނަބިއްޔާ ޙަދީޘް ކުރައްވާފައި ވެއެވެ. «بُنِيَ الْإسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إلَهَ إلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ البْْيتِ، وَصَوْمِ رَمَضَانَ» ”އިސްލާމް­­ދީން ބިނާ­ވެގެން ވަނީ ފަސް ކަމެއްގެ މައްޗަށެވެ. އެއީ ﷲ މެނުވީ ޙައްޤު­ވެގެން އަޅުކަން ކުރެވޭ އިލާހަކު ނުވާ­ކަމަށާއި، މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް ހެކިވުމާއި، ނަމާދު ޤާއިމް­ ކުރުމާއި، ޒަކާތް­­ ދިނުމާއި، ގެފުޅަށް ޙައްޖު­ވުމާއި، ރަމަޟާންމަހު ރޯދަ ހިފުމެވެ.“ [ބުޚާރީއާއި މުސްލިމް]

ރޯދައާ ގުޅޭ ގޮތުން މީސް­ތަކުން ބެހޭ ބައިތައް

  1. ބާލިޣުވެ، ބުއްދި ސަލާމަތުން ހުރި، ރަށުގައި ޤާއިމްވެ ހުރި، ކުޅަދާނަ­ކަން ލިބިގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ރޯދަ ހިފުން ވާޖިބު­ވެގެން ވެއެވެ.

  2. ކާފަރަކަށް ރޯދަ­އެއް ނުވެއެވެ. އަދި އިސްލާމް ވިޔަސް، ވޭތުވެދިޔަ ރޯދަތައް ޤަޟާކުރާކަށް ނުޖެހޭނެއެވެ.

  3. ބާލިޣު ނުވާ ކުޑަކުއްޖަކަށް ރޯދަ ވާޖިބެއް ނުވާނެއެވެ. އެކަމަކު އެ ކުއްޖާ އެކަމަށް ހޭނުވުމަށް­ޓަކައި ރޯދަ ހިފަން އަމުރު ކުރެވިދާނެއެވެ.

  4. (ބުއްދި ފިލައިފައިވާ) މޮޔަ މީހާގެ މައްޗަށް ރޯދަ ވާޖިބެއް ނުވާނެއެވެ. އަދި އޭނާއީ ބޮޑުމީހަކަށް ވިޔަސް އެ ދުވަސްތަކުގެ ބަދަލުގައި (މިސްކީނަކަށް) ކާންދޭކަށް ވެސް ނުޖެހޭނެއެވެ. ކަންކަން ވަކިކުރަން ނޭނގޭ، ސިކުނޑި ހަމަނުޖޭ މީހާއާއި މުސްކުޅިވެ ތަންދޮރު ވަކިކުރަން ނޭނގޭ، މޮޔަގޮވާ މީހާ ވެސް އެފަދައެވެ.

  5. މުސްކުޅިބަލީގެ ސަބަބުން ނުވަތަ ފަސޭހަވާނޭ ކަމުގެ އުންމީދެއް ނެތް ބައްޔެއްގެ ސަބަބުން ރޯދަ ހިފަން ނުކުޅެދޭ މީހާ، ރޯދަ ހިފަން ޖެހޭ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭނީއެވެ.

  6. ފަސޭހަ ވާނޭ ކަމަށް ބެލެވޭ ބައްޔެއް ޖެހިފައިވާ މީހާ، އޭނާގެ މައްޗަށް ރޯދަހިފުން ބުރަ ކަމަކަށް ވެއްޖެ­ނަމަ ރޯދަ ދޫކޮށް­ލާނީއެވެ. އަދި ބަލި ފަސޭހަވުމުން އެ ރޯދަ ޤަޟާކުރާނީއެވެ.

  7. ރޯދަ ހިފުމުގެ ވަގުތާ ދިމާ­ކޮށް (ފަސޭހަވެދާ ފަދަ ބައްޔަކުން) ބަލިވެއްޖެ މީހާ އޭނާއަށް ރޯދަހިފުން ބުރަ ކަމަކަށް ވާނަމަ ރޯދަ ދޫކޮށް­ލާނީއެވެ.

  8.  މާބަނޑުމީހާއާއި ކިރުދޭ މައިމީހާ، މާބަނޑުވުމުގެ ސަބަބުން ނުވަތަ ކިރު­ދިނުމުގެ ސަބަބުން ރޯދަ ހިފަން ބުރަވާ ނަމަ ނުވަތަ ދަރީގެ މައްޗަށް ބިރުހީވާ ނަމަ، ރޯދަ ދޫކޮށް، ފަހުން އެކަން ފަސޭހަވުމުން ނުވަތަ ބިރު ފިލައިދިޔުމުން އެ ރޯދަ ޤަޟާކުރާނީއެވެ.

  9. ޙައިޟު­ވެރިޔާއާއި ނިފާސް­ވެރިޔާ: ޙައިޟާއި ނިފާސްގެ ޙާލުގައި ރޯދަ ހިފައިގެން ނުވާނެއެވެ. އެ ރޯދަ ފަހުން ޤަޟާކުރާނީއެވެ.

  10. މަޖުބޫރު­ވެފައިވާ މީހާ: މީހަކު ޣަރަޤުވުމުން ނުވަތަ އަލިފާނަކުން ސަލާމަތްކުރުން ފަދަ ކޮންމެހެން ކުރަންޖެހޭ ކަމަކަށް­ޓަކައި ރޯދަ ވީއްލަން ޖެހިއްޖެ މީހާ ރޯދަ ދޫކޮށް ފަހުން ޤަޟާކުރާނީއެވެ.

  11. ދަތުރު­ވެރިޔާ: އޭނާ އެދޭ­ނަމަ ރޯދަ ހިފާނީއެވެ. ނުވަތަ އެދޭ­ނަމަ ރޯދަ ދޫކޮށް ފަހުން އެ ރޯދަ ޤަޟާކުރާނީއެވެ. އެއީ ދޭތެރެއަކުން ދިމާވާ (މިސާލަކަށް ޢުމްރާ ދަތުރު ފަދަ) ދަތުރަކަށް ވިޔަސް (ދުރުދަތުރު ކުރާ ޓެކްސީ ދުއް­ވުން ފަދަ) ދާއިމީ ދަތުރަކަށް ވިޔަސް އޭނާ ރަށުން ބޭރުގައި ވާނަމަ ހަމަ އެފަދައެވެ.

ރޯދަ ގެއްލޭ ކަންތައް­ތަކާއި ނުގެއްލޭ ކަންތައްތައް

  • ހަނދާން ނެތިގެން، ނޫނީ ނޭނގިގެން، ނޫނީ މަޖުބޫރު ވެގެން ރޯދަގެއްލޭ ފަދަ އެއްޗެއް ބޭނުންކުރަން ޖެހިއްޖެ ނަމަ އޭނާގެ ރޯދަ­އެއް ނުގެއްލޭނެއެވެ. ދަލީލަކީ ﴿رَبَّنَا لَا تُؤَاخِذۡنَآ إِن نَّسِينَآ أَوۡ أَخۡطَأۡنَاۚ [އަލްބަޤަރާ 286] ”އަޅަމެންގެ ރައްބެވެ! އަޅަމެން ހަނދާން ނެތިއްޖެ­ނަމަ، ނުވަތަ، ޤަޞްދެއް ނެތި އަޅަމެންނަށް ކުށެއް ވެވިއްޖެ­ނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ!“ މި އާޔަތާއި، ﴿إِلَّا مَنۡ أُكۡرِهَ وَقَلۡبُهُۥ مُطۡمَئِنُّۢ بِٱلۡإِيمَٰنِ [އައްނަޙްލު 106] ”އީމާން­ކަމަށް، އެ މީހާގެ ހިތްހަމަޖެހިގެންވާ ޙާލު، މަޖުބޫރު ވެގެންވާ މީހާ މެނުވީ…“ މި އާޔަތެވެ.

  • ރޯދަ­ވެރިޔާ ހަނދާންނެތިގެން އެއްޗެއް ކެވުނަސް ނުވަތަ ބޮވުނަސް ރޯދަ ނުގެއްލޭނެއެވެ. އެއީ އޭނާއަށް ހަނދާންނެތުނީމައެވެ.

  • ފަޖުރުނުލާ­ކަމަށް ދެކިގެން، ނުވަތަ އިރު އޮއްސިއްޖެ ކަމަށް، އެ އިޢުތިޤާދުގެ މަތީ ކެވުނަސް ބޮވުނަސް ރޯދަ ފާސިދެއް ނުވާނެއެވެ. އެހެނީ އޭނާއަކީ އެކަމާމެދު ޖާހިލެކެވެ.

  • ވުޟޫ­ކޮށް އަނގަ ދޮންނަ އިރު ގަސްދަކާ ނުލައި ކަރުތެރެއަށް ފެންފޮދެއް ދިޔަޔަސް ރޯދަ ފާސިދެއް ނުވާނެއެވެ. އެހެނީ އެއީ އޭނާ ގަސްދުގަ ކުރި ކަމެއް ނޫނެވެ.

  • ރޯދަ­ވެރިޔާ ނިދީގައި އިޙްތިލާމް ވިޔަސް (އެބަހީ: މަނި ބޭރު­ވުން ފަދަ، އެކަމެއްގެ ސަބަބުން ހިނައި­ގަންނަން ޖެހޭ ފަދަ ކަމެއް ނިދީގައި ދިމާވިޔަސް) ރޯދަ ފާސިދެއް ނުވާނެއެވެ. އެހެނީ އެއީ އޭނާގެ އިޚްތިޔާރުން ބޭރުގައި ހިނގި ކަމެކެވެ.

ރޯދަ ގެއްލޭ އަށް ކަންތައް

  1. ޖިމާޢު­ވުން: ރޯދަ ވާޖިބުވާ މީހަކު ރޯދަމަހު ދުވާލު ރޯދައަށް ހުރެ ޖިމާޢު ވެއްޖެ­ނަމަ އޭނާއަށް ވާޖިބު­ވެގެން ވަނީ ރޯދަ ޤަޟާ­ކުރުމާއެކު ބުރަ ކައްފާރާ­އެއް އަދާ­ކުރުމެވެ. އެއީ އަޅަކު މިނިވަން­ކުރުމެވެ. އެކަން ވާން ނެތް­ނަމަ ވިދިވިދިގެން ދެމަހު ރޯދަހިފުމެވެ. އެކަމަށް ވެސް ކުޅަދާނަ­ވެގެން ނުވާ­ނަމަ، 60 މިސްކީނުންނަށް ކާންދިނުމެވެ.
  2. މަނި ބޭރުކުރުން: އަމިއްލައަށް މަނި ބޭރު­ކޮށްގެން ވިޔަސް، ބީހިގެން ނުވަތަ ބޮސްދީގެން ނުވަތަ ބައްދައިގެން ފަދަ ކަމަކުން ބޭރުވިޔަސް ރޯދަ ގެއްލޭނެއެވެ.
  3. ކެއުމާއި ބުއިން: އެއީ ފައިދާހުރި އެއްޗަކަސް، ނުވަތަ ސިނގިރޭޓު ދުން ފަދަ ގެއްލުންހުރި އެއްޗަކަސް ހަމަހަމައެވެ.
  4. ގައިގައި ބާރުޖައްސާ އައިވީ އިންޖެކްޝަން ފަދަ ތަކެތި ބޭނުން­ކުރުން. އެހެނީ އެއީ ކެއިންބުއިމުގެ ބަދަލުގައި ދެވޭ އެއްޗެކެވެ. އެކަމަކު ބާރުނުޖައްސާ އިންޖެކްޝަން ނާރުތެރެއަށް ނުވަތަ މަސްގަނޑަކަށް ޖެއްސަސް، ކަރުތެރޭ ރަހަލިޔަސް ނުލިޔަސް ރޯދަ­އެއް ނުގެއްލޭނެއެވެ.
  5. ލޭ އެޅުން: އެއީ މިސާލަކަށް ރޯދަ­ވެރިޔާގެ ހަށިގަނޑުން ލޭއައިސްގެން އޭގެ ބަދަލުގައި ލޭ އެޅުމެވެ.
  6. ޙައިޟުގެ ނުވަތަ ނިފާސް­ކަމުގެ ލޭ އައުން.
  7. ކަވާޖެހުން (ޙިޖާމާ ނުވަތަ ކަޕިންގ) ފަދަ ކަމަކުން ލޭ ބޭރުކުރުން. ނަމަވެސް (ނޭފަތުން ލޭއައުން، ދަތް އުފުރިގެން ލޭއައުން، މިފަދަ ގޮތަކުން) އަމިއްލައަށް ލޭ އައުމުން ރޯދަ ނުގެއްލޭނެއެވެ. އެހެނީ އެއީ ޙިޖާމާފަދަ ކަން­ކަމެއް ނޫނެވެ.
  8. ގަސްތުގައި ހޮޑުލުން. ގަސްތަކާ ނުލައި ހޮޑު ލެވުނަސް ރޯދަ­އެއް ނުގެއްލޭނެއެވެ.

ރޯދައާ ގުޅޭ ފައިދާހުރި ބައެއް ޕޮއިންޓު

  1. ޖުނުބު­ވެރި­ވެފައިވާ މީހާ އެ ޙާލުގައި ރޯދައިގެ ނިޔަތްގަނެފައި، ފަޖުރު­ލުމުގެ ފަހުން ހިނައިގަތުން ހުއްދައެވެ.
  2. ފަރުޖުލުމުގެ ކުރިން ޙައިޟު­ވެރިޔާ ނުވަތަ ނިފާސް­ވެރިޔާ ރޯދަމަހު ޠާހިރުވެއްޖެ ނަމަ ރޯދަހިފުން ވާޖިބުވާނެއެވެ. ފަޖުރުލުމުގެ ފަހަށް ހިނައިގަތުން ލަސްކުރިޔަސް މައްސަލަ­އެއް ނެތެވެ.
  3. ރޯދަ­ވެރިޔާ ދަތް އުފުރުމާއި، ޒަޚަމުގައި ބޭސް އެޅުމުމާއި، ލޮލަށް ނުވަތަ ކަންފަތަށް ބޭސްތިކި އެޅުން ފަދަ ކަން­ކަމީ، ކަރުގައި އޭގެ ރަހަ ލިޔަސް، އެއިން ރޯދަ ނުގެއްލޭ، ހުއްދަ ކަން­ކަމެވެ.
  4. ދުވާލުގެ ކުރީކޮޅުގައި ވިޔަސް ފަހުކޮޅުގައި ވިޔަސް ދަތް އުނގުޅުމަކީ ރޯދަ­ވެރިޔާ އަށް ހުއްދަ­ކަމެކެވެ. އަދި ރޯދަނުހިފާ މީހާއެކޭ އެއްފަދައިން ރޯދަ­ވެރިއާއަށް ވެސް ސުންނަތް­ވެގެންވާ ކަމެކެވެ.
  5. ކަރުހިއްކުމާއި ދުވާލުގެ ގަދަ ހޫނުން ލުއިކަން ހޯދައި­ގަތުމަށް ގަޔަށް ފެން އެޅުމާއި، ”އޭސީ“ ބޭނުންކުރުން ފަދަ ކަން­ކަމަކީ ރޯދަ­ވެރިޔާއަށް ހުއްދަ ކަން­ކަމެކެވެ.
  6. ނޭވާލާން އުނދަގޫވާ މީހުން އެކަމަށް ބޭނުންކުރާ އިންހޭލަރު ފަދަ ތަކެތި ބޭނުންކުރުން ރޯދަ­ވެރިޔާއަށް ހުއްދައެވެ.
  7. ރޯދަ­ވެރިޔާގެ ތުންފަތް ހިކިއްޖެ­ނަމަ ތެންމާލުމާއި، އަނގަ ހިކިއްޖެ ނަމަ ކަރުތެރެއަށް ފެން ފޮނުވުމަކާ ނުލައި އަނގަ ދޮވުން ހުއްދައެވެ.
  8. ހާރުކެއުން ލަސް­ކުރުމާއި، އިރު އޮއްސުމުން ރޯދަވީއްލުން އަވަސް­­ކުރުމާއި، ރޯދަ ވީއްލާއިރު ދޮން ކަދުރުން، ދޮން ކަދުރު ނުލިބިއްޖެ­ނަމަ ހިކި ކަދުރުން އަދި ހިކި ކަދުރު ނުލިބިއްޖެ ނަމަ ފެނުން، އަދި ފެން ވެސް ނުލިބިއްޖެ ނަމަ ޙަލާލު ކޮންމެ ވެސް އެއްޗަކުން ރޯދަ ވީއްލުމާއި، އެވަރު ވެސް ނުވެއްޖެ ނަމަ، ރޯދަ ވީއްލާނޭ އެއްޗެއް ލިބެންދެން، ހިތުނިޔަތުން ރޯދަވީއްލުމާއި، މި ކަން­ކަމަކީ ރޯދަ­ވެރިޔާއަށް ސުންނަތް ކަން­ކަމެވެ.
  9. ހެޔޮ ކަންކަން ވީހައިވެސް ގިނަ­ކުރުމާއި، ނަހީ­ކުރެވިގެންވާ އެންމެހައި ކަން­ކަމުން ދުރުވެހުރުން ރޯދަ­ވެރިޔާއަށް ސުންނަތް­ވެގެން ވެއެވެ.
  10. އެންމެހައި ޙަރާމް ކަންތައް­ތަކުން ދުރުވެ­ގަތުމާއި، ވާޖިބު ކަންތައްތަކަށް ރައްކާ­ތެރިވުމީ ރޯދަ­ވެރިޔާގެ މައްޗަށް ވާޖިބެކެވެ. މި ގޮތުން ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި، އަދި ޖަމާޢަތުގައި ނަމާދު ކުރަން ޖެހޭ މީހެއް ނަމަ ޖަމާޢަތުގައި ކުރުމާއި އޭނާއަށް ވާޖިބު­ވެގެން ވެއެވެ. މީގެ އިތުރުން ދޮގުހެދުމާއި ނެތިމޮށުމާއި ޣީބަބުނުމާއި މަކަރުހެދުމާއި، ރިބާގެ މުޢާމަލާތްތައް ކުރުމާއި، މި ނޫނަސް ޙަރާމް­ވެގެންވާ އެންމެހައި ޢަމަލު­ތަކާއި ބަސް­ތަކުން ދުރުވެ ހުރުމީ ވެސް ރޯދަ­ވެރިޔާއަށް ވާޖިބު ކަން­ކަމެވެ. ނަބިއްޔާ ޙަދީޘް­ކުރެއްވިއެވެ. «مَن لَّمْ يَدَعْ قَولَ الزُّورِ وَالْعَمَلَ بِهِ وَالْجَهْلَ فَلَيْسَ لِلهِ حَاجَةٌ فِي أَن يَدَعَ طَعَامَهُ وَشَرَابَه» މާނައީ: ”ދޮގުބަސް ބުނުމާއި އެއަށް ޢަމަލު­ކުރުމާއި، ޖާހިލުންގެ ޢަމަލު­ތަކާއި ބަސްތައް ދޫކޮށްނުލާ މީހާ އޭނާގެ ކެއުމާއި ބުއިން ދޫކޮށް­ލައިގެން ހުރުމަށް ﷲ ބޭނުން­ފުޅުވެވޮޑިނުގަންނަވައެވެ.“ [ބުޚާރީ]

والحمد لله رب العالمين، وصلى الله وسلم على بنينا محمد وعلى آله وصحبه أجمعين.

ލިޔުނީ: محمد الصالح العثيمين

16 شعبان سنة 1401 هـ