އަލްޢައްލާމާ މުޙައްމަދުލް އަމީނުއް ޝަންޤީޠީ އޭނާގެ މަޝްހޫރު ތަފްސީރު ފޮތް ”އަޟްވާއުލް ބަޔާން“ ގައި އައްރަޙްމާން ސޫރަތުގެ 39 ވަނަ އާޔަތުގެ ތަފްސީރުގައި ވިދާޅުވިއެވެ:
﴿فَيَوۡمَئِذٖ لَّا يُسۡـَٔلُ عَن ذَنۢبِهِۦٓ إِنسٞ وَلَا جَآنّٞ﴾ [އައްރަޙްމާން 39] މާނައީ: ”ފަހެ، އެދުވަހުން އެމީހެއްގެ ފާފަޔާމެދު އިންސިއަކާ، އަދި ޖިންނިއަކާ ވެސް ސުވާލެއް ނުކުރައްވާނެތެވެ.“
މި އާޔަތުގައި ﷲ جَلَّ وعَلا ޛިކުރު ކުރައްވާފައިވާ ގޮތުގައި ޤިޔާމަތް ދުވަހުން އިންސިއަކަށް ވިޔަސް ޖިންނިއަކަށް ވިޔަސް އޭނާގެ ފާފައާ ބެހޭ ގޮތުން ސުވާލެއް ނުކުރައްވާނެއެވެ. މި މާނަ ޤަޞަޞް ސޫރަތުގައި ވެސް ﷲ ބަޔާން ކުރައްވައި ވަޙީ ކުރެއްވިއެވެ. ﴿وَلَا يُسۡـَٔلُ عَن ذُنُوبِهِمُ ٱلۡمُجۡرِمُونَ﴾ [އަލްޤަޞަޞް 78] މާނައީ: ”އަދި ކުށްވެރިންނަކަށް، އެއުރެންގެ ފާފަތަކާމެދު ސުއާލެއް ނުކުރައްވާނެތެވެ.“
އަދި ޤިޔާމަތް ދުވަހުން ރަސޫލު ބޭކަލުންނާއި، އެބޭކަލުން އެބައެއްގެ ގާތަށް ގޮނުއްވުނު މީސްތަކުންނާ ސުވާލު ކުރައްވާނޭ ކަމަށް އެކަލާނގެ ވަނީ ޛިކުރު ކުރައްވާފައެވެ. އެއީ ﴿فَلَنَسۡـَٔلَنَّ ٱلَّذِينَ أُرۡسِلَ إِلَيۡهِمۡ وَلَنَسۡـَٔلَنَّ ٱلۡمُرۡسَلِينَ﴾ [އަލްއަޢުރާފް 6] ”ހަމަކަށަވަރުން، އެއުރެންގެ ގާތަށް ރަސޫލުން ފޮނުއްވި މީހުންނާ ތިމަންއިލާހު ސުވާލު ކުރައްވާ ހުށީމެވެ. އަދި ރަސޫލުންނާ ވެސް، ހަމަކަށަވަރުން ތިމަންއިލާހު ސުވާލު ކުރައްވާ ހުށީމެވެ.“ މި އާޔަތާއި، ﴿فَوَرَبِّكَ لَنَسۡـَٔلَنَّهُمۡ أَجۡمَعِينَ. عَمَّا كَانُواْ يَعۡمَلُونَ﴾ [އަލްޙިޖްރު 92–93] ”ފަހެ، ކަލޭގެފާނުގެ ރައްބު ގަންދެއްވައި ވަޙީ ކުރައްވަމެވެ. އެއުރެން ކޮށްއުޅުނު ޢަމަލުތަކާ މެދުގައި، ތިމަންއިލާހު އެއުރެން އެންމެންނާ ސުވާލު ކުރައްވާ ހުށީމެވެ!“ މި ދެއާޔަތެވެ.
ޢިލްމު ލިބިފައި ނުވާ މީހަކަށް މި އާޔަތްތަކުގެ މެދުގައި ޚިލާފު ހުރިކަމަށް ހީވެދާނެއެވެ. ނަމަވެސް މި އާޔަތްތައް ޖަމްޢު ކުރާނޭ ގޮތް ﷲ ގެ ފޮތުގައި ވަނީ އައިސްފައެވެ.
ފުރަތަމައިނުން ދަންނާށެވެ! ﴿فَيَوۡمَئِذٖ لَّا يُسۡـَٔلُ عَن ذَنۢبِهِۦٓ إِنسٞ وَلَا جَآنّٞ﴾ [އައްރަޙްމާން 39] މި އާޔަތާއި ﴿وَلَا يُسۡـَٔلُ عَن ذُنُوبِهِمُ ٱلۡمُجۡرِمُونَ﴾ [އަލްޤަޞަޞް 78] މި ދެ އާޔަތުގައި ނަފީވެގެން ވާ ސުވާލަކީ ﴿فَوَرَبِّكَ لَنَسۡـَٔلَنَّهُمۡ أَجۡمَعِينَ. عَمَّا كَانُواْ يَعۡمَلُونَ﴾ [އަލްޙިޖްރު 92–93] މި ދެ އާޔަތުގައި ސާބިތުކުރައްވާފައިވާ ސުވާލަށްވުރެ ޚާއްޞަ ސުވާލެކެވެ.
މި އާޔަތްތަކުގައި ވަނީ ޢާންމު ގޮތެއްގައި ކޮންމެ ޢަމަލަކާ މެދު ވެސް ސުވާލު ކުރައްވާނޭކަން ސާބިތު ކުރައްވާފައެވެ. އޭގެ ކުރިން އިސްވެދިޔަ ދެ އާޔަތުގައި ވަނީ ނަފީވެފައި ވަނީ ޚާއްޞަކޮށް ފާފަތަކާ މެދު ސުވާލު ކުރުމެވެ.
މި އާޔަތްތަކުގެ ޖަމްޢުކުރުމަށް ޢިލްމުވެރީންގެ މެދުގައި މަޢުރޫފުވެގެންވާ ގޮތްތަކެއް ވެއެވެ.
އޭގެ ތެރެއިން ފުރަތަމަ ގޮތަކީ: އެއަށް ޤުރްއާނުން ދަލީލު ލިބޭ ގޮތެވެ. އެއީ އަހަރެމެން ޤުރްއާނުން ޤުރްއާން ތަފްސީރުކުރުމަށް ބަޔާން ކޮށްދޭން ބޭނުންވާ މަޙައްލުއް ޝާހިދެވެ.
އެއީ: ސުވާލުކުރުން ވަނީ ދެ ބާވަތަކަށް ކަމެވެ. އެއް ބާވަތަކީ ތައުބީޚާއި ތަޤްރީޢުގެ ގޮތުން ކުރެވޭ ސުވާލެވެ. އެއީ ޢަޛާބުގެ ބާވަތްތަކުގެ ތެރޭ ހިމެނޭ ބާވަތެކެވެ. އަދި ދެވަނަ ބާވަތަކީ ޚަބަރު ހޯދުމާއި އޮޅުންފިލުވުމުގެ ސުވާލެވެ.
ފަހެ ބައެއް އާޔަތްތަކުގައި ނަފީކުރެވިފައިވާ ސުވާލަކީ ޚަބަރު ހޯދުމާއި އޮޅުންފިލުވުމުގެ ގޮތުން ކުރެވޭ ސުވާލެވެ. އެހެނީ ހަމަކަށަވަރުން އެބައިމީހުންގެ ޢަމަލުތަކާ ބެހޭގޮތުން އެބައިމީހުންނަށްވުރެ މޮޅަށް ﷲ ދެނެވޮޑިގެންވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿أَحْصَاهُ اللَّهُ وَنَسُوهُ﴾ [އަލްމުޖާދަލާ 6] ”އެކަންތައް ﷲ ހިސާބުކުރައްވައި ބަހައްޓަވާފައިވެއެވެ. އަދި އެބައިމީހުން އެކަންތައް ހަނދާންނެތިއްޖެއެވެ.“
އެހެންކަމުން މާނައަކީ: އިންސިއަކާ ވެސް، ޖިންނިއަކާ ވެސް، އެމީހެއްގެ ފާފަޔާމެދު ޚަބަރު ހޯދައި އޮޅުންފިލުވުމުގެ ގޮތުން ސުވާލެއް ނުކުރައްވާނެތެވެ. އެއީ އެބައިމީހުންގެ ފާފަތަކާ ބެހޭގޮތުން އެބައިމީހުންނަށްވުރެ މޮޅަށް ﷲ ދެނެވޮޑިގެންވާތީއެވެ.
އެހެން އާޔަތްތަކުގައި ސާބިތު ކުރައްވާފައިވާ ސުވާލަކީ ތައުބީޚާއި ތަޤްރީޢުގެ ގޮތުން ކުރެވޭ ސުވާލެވެ. އެއީ ފާފައަކާ ބެހޭގޮތުން ނުވަތަ އެނޫން ކަމަކާ ބެހޭގޮތުން ވިޔަސް މެއެވެ.
ފާފަތަކާ ބެހޭގޮތުން ތައުބީޚާއި ތަޤްރީޢުގެ ސުވާލުގެ މިސާލަކީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ އަންނަނިވި ބަސްފުޅެވެ. ﴿فَأَمَّا الَّذِينَ اسْوَدَّتْ وُجُوهُهُمْ أَكَفَرْتُم بَعْدَ إِيمَانِكُمْ فَذُوقُوا الْعَذَابَ بِمَا كُنتُمْ تَكْفُرُونَ﴾ [އާލު ޢިމްރާން 106] ”ފަހެ، އެއުރެންގެ މޫނުތައް އަނދިރިވެގެންދިޔަ މީހުން ދަންނާށެވެ! (އެއުރެންނާ ދިމާޔަށް އެ ދުވަހުން ބުނެވޭހުށްޓެވެ.) ތިޔަބައިމީހުން، އީމާން ވުމަށްފަހު، ތިޔަ ކާފިރުވީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ކާފިރުވެ އުޅުނު ކަމަށްޓަކައި ޢަޛާބުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!“
އަދި ފާފަ ނޫން ކަމަކާ ބެހޭގޮތުން ކުރެވޭ ސުވާލުގެ މިސާލަކީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެވެ: ﴿وَقِفُوهُمۡۖ إِنَّهُم مَّسۡـُٔولُونَ. مَا لَكُمۡ لَا تَنَاصَرُونَ. بَلۡ هُمُ ٱلۡيَوۡمَ مُسۡتَسۡلِمُونَ﴾ [އައްޞާއްފާތު 24–26] ”އަދި އެއުރެން ހުއްޓުވާށެވެ! ހަމަކަށަވަރުން، އެއުރެންނީ ސުއާލު ކުރައްވާނޭ ބަޔެކެވެ. (މިއަދު) ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީ ނުވަނީ ކީއްވެގެންހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެން މިއަދު ތިބީ ކިޔަމަންވެ ބޯލަނބައިގެންނެވެ.“ އަނެއް މިސާލަކީ އެކަލާނގެ ވަޙީ ބަސްފުޅެވެ: ﴿يَوۡمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا. هَـٰذِهِ النَّارُ الَّتِي كُنتُم بِهَا تُكَذِّبُونَ. أَفَسِحۡرٌ هَٰذَآ﴾ [އައްޠޫރު: 13–15] ”އެބައިމީހުން ނަރަކައިގެ އަލިފާނަށް ކޮއްޕައި ވައްޓާލެވޭނެ ދުވަހެވެ. (އަދި އަންގަވާނެއެވެ.) މިއީ ތިޔަބައިމީހުން ދޮގުކޮށް އުޅުނު ނަރަކައެވެ. ފަހެ މިއީ ސިޙުރެއް ހެއްޔެވެ؟“ އަދިވެސް ﷲ ވަޙީ ކުރައްވާފައި ވެއެވެ: ﴿أَلَمۡ يَأۡتِكُمۡ رُسُلٞ مِّنكُمۡ﴾ [އަލްއަންޢާމް 130] ”ތިޔަބައިމީހުންގެ ތެރެއިން ރަސޫލުން ތިޔަބައިމީހުންގެ ގާތަށް ވަޑައިނުގަންނަވާ ހެއްޔެވެ؟“
﴿وَإِذَا ٱلۡمَوۡءُۥدَةُ سُئِلَتۡ﴾ [އައްތަކްވީރު 8] ”އަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ ސުއާލު ކުރައްވާ ހިނދެވެ.“ މި އާޔަތުގައި އެ ކުއްޖާއާ ކުރެވޭ ސުވާލާމެދު، ދަންނާށެވެ. ފަހެ މި ސުވާލަކީ ފާފައާ މެދު ސުވާލުކުރުން ނަފީކުރާ އާޔަތްތަކާ ފުށުއަރާ ސުވާލެއް ނޫނެވެ. އެއީ އެ ކުއްޖާއާ ސުވާލު ކުރެވެނީ އޭނާ މަރާލެވުނީ ކޮން ފާފައެއްގެ ސަބަބުން ތޯއެވެ. އެހެނަސް މިއީ އެކުއްޖާގެ ފާފައެއް ނޫނެވެ. އެކުއްޖާއާ ސުވާލުކުރުމުގެ މަޤްޞަދަކީ އޭނާ މަރާލި މީހާ ކުށްވެރިކުރުމެވެ. އަދި އެކުއްޖާގެ ޖަވާބަކަށް ވާނީ ތިމަންގެ ފާފައެއް ނެތް ކަމަށެވެ. އެހެންކަމުން ބަދުނާމު ރައްދުވާނީ އަނިޔާވެރިކަމާއެކު އެ ކުއްޖާ މަރާލި މީހާއަށެވެ.
އަދި ރަސޫލުންނާ ސުވާލު ކުރެއްވުން ވެސް އެފަދައެވެ. ފަހެ، އެބޭކަލުންނާ ސުވާލު ކުރެއްވުމުގެ މުރާދުފުޅަކީ އެބޭކަލުން ދޮގުކުރި މީހުން ކުށްވެރިކޮށް ތައުބީޚު ކުރުމެވެ. އަދި އެ ރަސޫލުން އެމީހުންނަށް (ދީން) ފޯރުކޮށްދެއްވާފައިވާ ކަން ހާމަކޮށް އެމީހުންގެ މައްޗަށް ޙުއްޖަތް ޤާއިމް ކުރުމެވެ.
މި ދެބައިގެ އާޔަތްތައް ދެމެދު ޖަމްޢުކުރުމަށް މީގެ އިތުރަށް ދެން އައިސްފައިވާ ގޮތްތަކަކީ ޤުރްއާނުން ދަލީލު ލިބޭ ގޮތްތަކެއް ނޫނެވެ. މި ފޮތުގެ މައުޟޫޢަކީ ޤުރުއާނުން ޤުރުއާން ތަފްސީރު ކުރުމެވެ. އެހެންކަމުން އަހަރެމެން އޭގެ ބާކީ ބައި ބަޔާންކޮށްފައި ވާނީ އަހަރެމެންގެ ”ދަފްޢު އީހާމިލް އިޟްޠިރާބި ޢަން އާޔާތިލް ކިތާބި“ (ޤުރްއާނުގެ އާޔަތްތަކުން ފުށުއަރާކަމަށް ހީވާ ވަހުމްތައް ދުރުކުރުން) މި ފޮތުގައި ސޫރަތުލް އަޢުރާފުގެ ފެށުމުގައެވެ.
މަޞްދަރު: އަޟްވާއުލް ބަޔާން ފީ އީޟާޙިލް ޤުރްއާނި ބިލްޤުރްއާން (ވޮލިޔުމް 7 ޞ 804–805)