ޙަދީޘް ލިޔުން ނަހީ ކުރެއްވި ކަމަށް ރިވާޔަތް­ތަކެއް ވާރިދު­ވެފައި ވިޔަސް އެ އެންމެހައި ރިވާޔަތްތަކުގެ ތެރެއިން އެންމެ ރިވާޔަތެއް ފިޔަވައި އެހެން ހުރިހާ ރިވާޔަތަކީ ޟަޢީފު ބަލި ރިވާޔަތް­ތަކެވެ.

ޞައްޙަ ރިވާޔަތަކީ: އަބޫ ސަޢީދް އަލްޚުދްރީގެ ބަސް­ފުޅެކެވެ. އެ ބަސް­ފުޅުގެ މާނައަކީ: ”އަހުރެންގެ ކިބައިން ތިޔަބައި­މީހުން އެއްވެސް އެއްޗެއް ނުލިޔާހުށި­ކަމެވެ. އަހުރެންގެ ކިބައިން ޤުރުއާން ނޫން އެއްޗެއް ލިޔުނު މީހަކު އެއެއްޗެއް ފޮހޭށެވެ!“ އިމާމް މުސްލިމް ވަނީ އެކަލޭގެފާނުގެ ޞަޙީޙުގައި މި ޙަދީޘް މަރްފޫޢު­ކޮށް1 ނެރުއްވާފައެވެ. ނަމަވެސް ޙަދީޘް ޢިލްމުގެ އަމީރުލް މުއުމިނީނަ އަބޫ ޢަބްދިﷲ އަލްބުޚާރީއާއި އެހެން ބޭކަލުން ވިދާޅުވަނީ މި ޙަދީޘްގެ ޢިއްލަތެއް ވާކަމަށާއި ޞައްޙަ ގޮތަކީ އެއީ އަބޫ ސަޢީދުގެ ބަސް­ފުޅެއް ކަމުގައެވެ.2

މި ދެންނެވި ރިވާޔަތްތައް އަލްޚަޠީބުލް ބަޣްދާދީ ”ތަޤްޔީދުލް ޢިލްމި“ މި ފޮތުގެ ފުރަތަމަ ފަޞްލުގައި ޖަމާ­ކުރައްވާފައި ވެއެވެ.

ޙަދީޘް ލިޔުމުގެ އިޛުނަ ދެއްވާފައިވާ ޙަދީޘްތައް ޞަޙީޙު­ކޮށް ޞަރީޙަ­ކޮށް ވާރިދު­ވެފައި ވެއެވެ. އަދި ބައެއް ޞަޙާބީން ޙަދީޘް ލިޔުއްވި ކަމަށް ސާބިތުވެއެވެ. އަދި މި ޙަދީޘްތަކަކީ ސަނަދުގެ ގޮތުން ވެސް މާ ވަރުގަދަ ޙަދީޘް­ތަކެކެވެ.

އިސްވެ ދެންނެވުނު ނަހީގެ ޙަދީޘްތައް ޞައްޙަ ކަމަށް ބަލާ­ނަމަ އެ ޙަދީޘް­ތަކާއި، އިޛުނައިގެ ޙަދީޘްތަކާ އެއް­ކޮށް ޖަމްޢުކުރާނޭ ގޮތް­ތަކެއް ޢިލްމުވެރީން ބަޔާން ކުރައްވާފައިވެއެވެ. އޭގެ ތެރެއިން ބައެއް ގޮތްތަކަކީ:

  1. އެއީ ސުންނަތުން ސުންނަތް މަންސޫޚު­ވުމެވެ. މާނައަކީ ނަހީ އައިސްފައި ވަނީ ކުރީކޮޅުގައި، ޤުރުއާނާ އެހެން އެއްޗަކާ އެކުވެ މަސްހުނިވެދާނެ ކަމުގެ ބިރަށް­ޓަކައި ކަމުގައެވެ. މިހެން ވިދާޅު­ވެފައި ވަނީ އިބްނު ޤުތައިބާއާއި، އައްރާމަހުރްމުޒީ އާއި، އަލްޚައްޠާބީއާއި އެހެން ބައެއް ބޭކަލުންނެވެ.
  2. ނަހީ­ކުރައްވާފައި ވަނީ ޤުރުއާނާއި ސުންނަތް އެކުގައި އެކައްޗެއްގައި ލިޔުމެވެ. މިފަދައިން ވިދާޅުވީ އަލްޚައްޠާބީއާއި އަލްޚަޠީބުލް ބަޣުދާދީ އާއި އެނޫން ވެސް ބައެއް ބޭކަލުންނެވެ.
  3. ނަހީ ކުރެވުނީ ލިޔުމަށް ބަރޯސާވެ ހިތުދަސްކުރުން ދޫކޮށް­ލައްވަފާނޭ ކަމަށް ބިރު­ފުޅުހީވާ ބޭކަލުންނަށެވެ. އިޛުނަ­ފުޅު ދެއްވީ އެނޫން ބޭކަލުންނަށެވެ.

މިނޫނަސް އެތައް ގޮތް­ތަކެއް އަލްޚަޠީބު ވަނީ ޛިކުރު­ކުރައްވާފައެވެ.

ބައެއް ޞަޙާބީން ޙަދީޘް ލިޔުއްވާފައި ފަހުން އެ ފޮތްތައް އަންދަވާލެއްވިއެވެ. ނުވަތަ ލިޔުއްވަން ޤަޞްދު­ކުރައްވާފައި ފަސްޖެހި­ވަޑައިގެންފައި ވެއެވެ. މިއީ އަބޫ­ބަކުރުގެ ފާނާއި ޢުމަރުގެފާނު ފަދަ ޞަޙާބީންގެ ފަރާތުން ސާބިތު­ވެފައިވާ ކަން­ތަކެވެ. އަދި އެ ބޭބޭ­ކަލުން އެކަމަށް އެކި ޢިއްލަތްތައް ގެންނަވާފައި ވެއެވެ. އެގޮތުން ޢިލްމު އެއަށް އަހުލު­ވެރިނުވާ ބަޔެއްގެ އަތްމައްޗަށް ގޮސްދާނެތީ، ނުވަތަ ދަސްކުރުން ދޫކޮށް ފޮތަށް ބަރޯސާ ވެދާނެތީ… ނުވަތަ އެނޫން ވެސް އެފަދަ ސަބަބުތައް ޛިކުރު ކުރައްވާފައި ވެއެވެ. އެއްވެސް ބޭކަލަކު އެކަމުގެ ޢިއްލަތަކަށް ނަހީ­އެއް ނުގެންނަވައެވެ. އަދި ނަހީ ކުރައްވާފައި ވީނަމަ އެބޭ­ކަލުން އެގޮތަށް ޤަޞްދު ވެސް ނުކުރެއްވީހެވެ. (ބައްލަވާ: އަލްމުޢައްލިމީގެ އަލްއަންވާރުލް ކާޝިފާ)

ނަހީ­ކުރެއްވި ކަމަށް ބުނާ­ނަމަ އެކަމުގެ ސަބަބެއް­ކަމުގައި ބެލެވޭ ބައެއް ކަންތައްތައް

  • ޤުރްއާނާ މައްސުނިވެ އޮޅިދާނެތީ
  • ލިޔެކިޔުމުގެ ވަސީލަތްތައް މަދު­ކަމުން އެވަސީލަތްތައް ޤުރްއާން ލިޔުމަށް ޙާއްޞަކުރުން
  • މީސް­ތަކުން ހިތުދަސްކުރުން ދޫކޮށް ފޮތަށް ބަރޯސާވެދާނެތީ

ރިފަރެންސް

  • ތަޤްޔީދުލް ޢިލްމި. ލިޔުއްވީ: އަލްޚަޠީބުލް ބަޣުދާދީ (އަވަހާރަވީ 463ހ.). އިޙްޔާއިއްސުންނަތިއްނަބަވިއްޔަތި: ބޭރޫތު.
  • ތަދްވީނުއްސުންނަތިއްނަބަވިއްޔާ. ލިޔުއްވީ: މުޙައްމަދު ބިން މަޠަރް އައްޒަހްރާނީ (ނިޔާވީ 1427ހ.). ފުރަތަމަ އިޞްދާރު (1417ހ.). ދާރުލް ހިޖްރާ: ރިޔާޟް
  • ދިރާސާތުން ފިލް ޙަދީޘިއްނަބަވީ. މުޙައްމަދު މުޞްޠަފާ އަލްއަޢުޡަމީ (ނިޔާވީ: 2020މ.)
  • އަލްއަންވާރުލް ކާޝިފާ. ލިޔުއްވީ އަލްމުޢައްލިމީ

  1. އެބަހީ: ކީރިތި ރަސޫލާ ގެ ޙަދީޘް­ފުޅެއްގެ ގޮތުގައި. ↩︎

  2. މުޙައްމަދު ބިން މަޠަރް އައްޒަހްރާނީ، ތަދްވީނުއްސުންނަތިއްނަބަޥިއްޔާ. 1996 : ޞ 26 ↩︎