މިއީ އައްޢައްލާމާ ޢަބްދުއްރަޙްމާން ބިން ނާޞިރު އައްސިޢުދީ ލިޔުއްވި މަޝްހޫރު ތަފްސީރު ފޮތް ”ތައިސީރުލް ކަރީމުލް މައްނާން ފީ ތަފްސީރިލް ޤުރްއާން“ ނަމަކަށް ކިޔާ ތަފްސީރު ފޮތުގެ ޚުލާޞާއެވެ. އެ ތަފްސީރުގެ ބައެއް ބައިތައް ޚިޔާރު­ކޮށް ޤުރްއާނުގެ މައުޟޫތަކުގެ ތަރުތީބުން، ކޮންމެ މައުޟޫޢަކުން ވެސް ބައެއް އާޔަތްތައް ޚިޔާރު ކުރެއްވުމަށް ފަހު ޚުލާޞާ­ކޮށް ތަފްސީރު ކުރެއްވިއެވެ.

މި ފޮތުގެ މުޤައްދިމާގައި ޝައިޚު ވިދާޅުވިއެވެ:

…ފަހެ، އަހުރެން މީގެ ކުރިން ވާނީ ޤުރުއާން ތަފްސީރުގެ ދިގު ފޮތެއް ލިޔެފައެވެ. އެ ފޮތުގެ ދިގު­ކަމުން އެ ކިޔަން ފަށާ މީހާއަށް ކިޔުމުގައި ދެމިހުރެވޭ ގޮތެއް ނުވެއެވެ. އަދި އެ ފޮތް ޝާއިޢު ކުރުމުގެ ޢަޒުމު ބަލިކަށިވެދެއެވެ. ފަހެ، ކަންކަން ދަންނަ ހެޔޮއެދޭ ބައެއް ބޭފުޅުން އަހުރެންނަށް އިޝާރާތް ކުރެއްވީ، އެހައި ދިގުނޫން ފޮތެއް ލިޔުމަށެވެ. ތަފްސީރުގެ ޚުލާޞާ ހިމެނޭ ގޮތުގައެވެ. މި ފޮތުގައި އަހަރެމެން ވާހަކަ ދައްކާނީ ޤުރްއާނުގައި އެކުލެވިގެންވާ ޢިލްމު­ތަކާއި މަޤްޞަދުތަކުގެ މައުޟޫޢުތަކުގެ ތެރެއިން ހޮވާލެވޭ ބައެއް އާޔަތްތަކުގެ ތަފްސީރާމެދުގައެވެ. ފަހެ، މި ބަރަކާތް­ތެރި ރައުޔުގެ މަތީގައި މަސައްކަތް ކުރުމަށް އަހުރެން ﷲގެ ޙަޟްރަތުން މަދަދަށް އެދުނީމެވެ.

އެއަށްފަހު ވިދާޅުވިއެވެ:

ފަހެ، ޤުރްއާނުގެ ބައެއް ތަންތަންކޮޅުގެ ތަފްސީރު އެނގުމަކީ، ބާކީބައި އެނގުމަށް އެންމެ ބޮޑަށް އެހީވެދޭނެ އެއް ކަމެވެ. އަދި ﷲ ތަޢާލާ އެފޮތް ލައްވާފައިވަނީ، ފައިދާހުރި ޢިލްމު­ތަކާއި، މަތި­ވެރި­ވެގެންވާ ފުރިހަމަ މާނަތައް އެކުލެވޭ، ތަކުރާރު­ކޮށް ކިޔެވޭ ފޮތެއް ކަމުގައެވެ. މިއީ ﷲ ތަޢާލާ އެކަލާނގެ ފޮތް ފަސޭހަ­ކޮށް­ދެއްވުމުގެ ތެރެއިންވާ ކަމެކެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. ﴿وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِنْ مُدَّكِرٍ [ޤަމަރު 17] ”ހަމަ­ކަށަވަރުން، ތިމަން­ރަސް­ކަލާނގެ ޤުރްއާން ހަނދުމަ ކުޅައުމަށް ފަސޭހަ­ކޮށް ދެއްވީމެވެ. ފަހެ، ހަނދުމަ ކުރާ މީހަކު ވޭހެއްޔެވެ؟“

[ފޮތް (ޢަރަބި ބަހުން)]