އައްޝައިޚުލް ޢައްލާމާ އަބޫ ޢަބްދިﷲ ޢަބްދުއްރަޙްމާން ބިން ނާޞިރު ބިން ޢަބްދުﷲ އައްސިޢުދީއަކީ ސުޢޫދީ ޢަރަބިއްޔާގެ ޢިލްމުވެރިއެކެވެ. ތަފްސީރު، ޙަދީޘް އަދި ފިޤުހު ފަދަ އެކިއެކި ޢިލްމުތަކުގައި ފުންނާބު އުސް، ޚިދުމަތްތެރި ބޭފުޅެކެވެ.
އުފަންވެފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ޤަޞީމްގެ ޢުނައިޒާގައި ހިޖުރައިން 1307 ވަނަ އަހަރު މުޙައްރަމް 12 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1889 ވަނަ އަހަރުއެވެ.
ޔަތީމެއްގެ ގޮތުގައި ބޮޑުފުޅުވި ނަމަވެސް، ރަނގަޅު ތަރުބިއްޔަތެއް ލިބިވަޑައިގަތެވެ.
އޭނާގެ ކިބައިން ފާހަގަވެގެން ދިޔައީ ވިސްނުންފުޅު ތޫނުކަމާއި ޢިލްމު އުނގެނިވަޑައިގަތުމަށް ހުރި ޝައުޤުފުޅުގެ ބޮޑުކަމެވެ. ޢުމުރުފުޅުން 11 އަހަރުގައި ޤުރްއާން ހިތުދަސްކުރެއްވިއެވެ. އެއަށްފަހު ޢުނައިޒާގެ ޢިލްމުވެރީންނާއި އެރަށަށް ވަޑައިގެންނެވި ޢިލްމުވެރީންގެ އަރިހުން ޢިލްމު އުނގެނިވަޑައިގަތެވެ. އެގޮތުން ދީނީ ޢިލްމުތަކުގެ ހުރިހާ ދާއިރާއަކުން ވަށައިޖެހޭ ޢިލްމެއް ޙާޞިލުކުރެއްވިއެވެ.
ކިޔަވައިދެއްވުން
ޢުމުރުފުޅުން 23 އަހަރުގައި ކިޔަވައިދެއްވަން ފެއްޓެވިއެވެ. އަދި ޢިލްމު އުނގެނިވަޑައިގަތުމާއި އުނގަންނައިދެއްވުމުގައި ދެމިހުންނެވިއެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ދަރިވަރުންގެ ތެރޭގައި އައްޝައިޚް މުޙައްމަދު ބިން ޞާލިޙް އަލްޢުޘައިމީން ރަޙިމަހުﷲ ހިމެނިވަޑައިގަންނަވައެވެ.
ޢިލްމާއި ކުރެއްވި ޚިދުމަތްތައް
އައްޝައިޚް އައްސިޢުދީ އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ފިޤްހުގެ އުޞޫލުތަކާއި ފުރޫޢުތަކުގެ ފުރިހަމަ މަޢުރިފާއިންނެވެ. އަދި އޭގެ އިތުރުން ތަފްސީރުގެ ޢިލްމުގައި އިސްވެގެންވާ މަޤާމެއް ލިބިވަޑައިގެންނެވިއެވެ.
ތަފްސީރާއި، ޤުރްއާނުގެ ޢިލްމުތަކާއި، ޢަޤީދާއާއި، ފިޤްހާއި އެއާ ގުޅުންހުރި ޢިލްމުތަކާއި، ޙަދީޘް ޢިލްމާއި، އަދަބު އަޚްލާޤާއި، އެނޫން ވެސް އެކި ޢިލްމުތަކުގައި އެތައްއެތައް ފޮތްތަކެއް ޢިލްމުތަކުގައި ލިޔުއްވާފައި ވެއެވެ. ތެރެއިން ބައެއް ފޮތްތަކަކީ ފަހުގެ ޢިލްމުވެރިން ޝަރަޙަކުރައްވައި، ދަރުސްތަކުގައި މުޤައްރަރުގެ ގޮތުން ކިޔަވައިދެއްވައި، އެކި ގޮތްގޮތުން ޚިދުމަތްކުރައްވާފައިވާ ފޮތްތަކެކެވެ.

ޝައިޚް ލިޔުއްވި ފޮތްތަކުގެ މަޖްމޫޢާ. 30 ވޮލިޔުމްގެ މައްޗަށް އެކުލެވިގެންވާ މި މަޖްމޫޢާގައި، 93 ފޮތެއް ހިމެނެއެވެ.
އެންމެ މަޝްހޫރު ފޮތްތަކުގެ ތެރޭގައި ހިމެނެނީ:
- ”ތައިސީރުލް ކަރީމިއް ރަޙްމާން“ ކުރު ތަފްސީރު ފޮތް.
- ”އަލްޤަވާޢިދުލް ޙިސާން ލިތަފްސީރިލް ޤުރްއާން“
- ”އަލްޤައުލުއް ސަދީދު ފީ މަޤާޞިދިއް ތައުޙީދު“
- ”ތައިސީރުއް ލަޠީފިލް މައްނާން ފީ ޚުލާޞަތި ތަފްސީރިލް ޤުރްއާން“
ފޮތްތައް ލިޔުއްވުމުގެ އެންމެ ބޮޑު މަޤްޞަދަކަށްވީ ޢިލްމު ފެތުރުމާއި ޙައްޤަށް ގޮވައިލެއްވުމެވެ. އެހެންކަމުން އެ ފޮތްތައް ހިލޭ ހިލޭ ބައްސަވައެވެ. އަދަށް ދާނދެން ވެސް ޚާއިރިއްޔާތަކުން އެ ފޮތްތައް ޗާޕުކޮށް ބޭނުންވާ ދަރިވަރުންނަށް ބަހައި ހަދައެވެ.
ޢުނައިޒާގައި އަލްމަކްތަބަތުލް ވަޠަނިއްޔާ ލައިބްރަރީ ޤާއިމުކުރެއްވިއެވެ.
ޤާޟީކަމަށް ހޮވުނު ނަމަވެސް، ވަރަޢަވެރިވެވަޑައިގެން އެކަމުން ދުރުހެލިވެވަޑައިގަތެވެ. އަދި ރަސްމީ އެއްވެސް މަޤާމެއް ނުފުރުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. އެއީ ޢިލްމަށާއި ދަރިވަރުންނަށް ވަގުތު ހުސްކުރެއްވުމަށްޓަކައެވެ.
ޢުނައިޒާގެ މަސްޖިދުލް ކަބީރުގެ އިމާމުކަމާއި ޚަޠީބުކަން ކުރެއްވިއެވެ.
އަޚްލާޤުފުޅު
އޭނާއަކީ މަތިވެރި އަޚްލާޤެއްގެ ވެރި ބޭކަލެކެވެ. ކުޑަ ކުދިންނާއި ބޮޑެތި މީހުންގެ، އަދި މުއްސަނދިންނާއި ފަޤީރުންގެ ކުރިމަތީގައި ވެސް ތަވާޟުޢުވެރި ވެވަޑައިގަތެވެ. އަދަބުވެރިކަމާއި، ޢިއްފަތްތެރިކަމާއި، ނަޒާހަތްތެރިކަމުގެ މަތިވެރި ސިފަފުޅުތަކެއް ލިބިވަޑައިގެންފައި ވެއެވެ. ކުރައްވާ ކޮންމެ ކަމެއްގައި ވެސް ސާބިތުވެވަޑައިގެން ހުންނަވައެވެ. ކިޔަވައިދެއްވުމުގައި ވެސް އެންމެ މޮޅަށް އުނގަންނައިދެއްވާ، އެންމެ ފުރިހަމައަށް ވިސްނައިދެއްވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރެވިފައިވެއެވެ.
އޭނާގެ މަޖިލިސްތަކަކީ ޢިލްމީ ފައިދާތަކުން ފަޅުފިލާފައިވާ މަޖިލިސްތަކެކެވެ. އަބަދުވެސް އެ މަޖިލިސްތައް ފުރާލައްވަނީ ދަރުސްދެއްވުމާއި މުނާޤަޝާ ކުރެއްވުމުންނެވެ. އަބަދުވެސް ކީރިތި ޤުރްއާން ކިޔަވައި، ދަރިވަރުންނަށް އިރުތިޖާލީކޮށް ތަފްސީރު ކޮށްދެއްވައެވެ. ޤުރްއާނުގެ މާނަތަކާއި ފައިދާތައް ބަޔާންކޮށްދެއްވައި، އެއިން ފައިދާތަކާއި މާނަތައް އިސްތިންބާޠު ކުރައްވައެވެ. އޭނާގެ ފަޞާޙަތްތެރިކަމާއި، ބަސްމަގުގެ ފުރިހަމަކަމާއި، ދަލީލުތަކާއި ވާހަކަތައް ގެންނެވުމުގައި ތަނަވަސްކަމުން، އޭނާގެ ވާހަކަފުޅު އަޑުއަހާ މީހާ އެދެނީ އޭނާގެ ވާހަކަ ހުއްޓައިނުލުމަށެވެ.
ނިޔާވުން
ޢިލްމަށް ޚިދުމަތް ކުރެއްވުމުގައި 69 އަހަރު ހޭދަކުރެއްވުމަށްފަހު، އައްޝައިޚް އައްސަޢުދީ ނިޔާވީ 1376 ހިޖުރީ އަހަރުގެ (1956 މީލާދީ އަހަރު) ޖުމާދަލްއާޚިރާ މަހުގެ 23 ވަނަ ދުވަހުގެ ބުރާސްފަތި ދުވަހުގެ ރޭ، ފަތިސްވާން ކައިރިވެފައި ވަނިކޮށެވެ. ﷲ އޭނާއަށް ރަޙްމަތް ލައްވައި، ގިނަގުނަ ޘަވާބާއި ދަރުމަ މިންވަރުކުރައްވާށިއެވެ!
މަޞްދަރު: https://ibn-saadi.com/aboutus