އަލްޢައްލާމާ ޢަބްދުއްރަޙްމާން ބިން ނާޞިރު އައްސިޢުދީ ޤުރްއާނުގެ އެކިއެކި މައުޟޫތަކުގެ ޚުލާޞާ ތަފްސީރު ލިޔުއްވާފައިވާ، تَيسِيرُ اللَّطِيفِ الْمَنَّانِ މި ފޮތުގައި، ރޯދަ ފަރުޟު ކުރެއްވުމާއި ރޯދައިގެ ފައިދާތަކާ މެދު ވިދާޅުވިއެވެ:

ރޯދައާއި، އެކަމާ ތަބާ­ވެގެން އަންނަ ކަންތައްތަކާމެދު އަންނަނިވި އާޔަތްތައް ބާވައި­ލެއްވިއެވެ.

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيۡكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ ١٨٣ أَيَّامٗا مَّعۡدُودَٰتٖۚ فَمَن كَانَ مِنكُم مَّرِيضًا أَوۡ عَلَىٰ سَفَرٖ فَعِدَّةٞ مِّنۡ أَيَّامٍ أُخَرَۚ وَعَلَى ٱلَّذِينَ يُطِيقُونَهُۥ فِدۡيَةٞ طَعَامُ مِسۡكِينٖۖ فَمَن تَطَوَّعَ خَيۡرٗا فَهُوَ خَيۡرٞ لَّهُۥۚ وَأَن تَصُومُواْ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ ١٨٤ شَهۡرُ رَمَضَانَ ٱلَّذِيٓ أُنزِلَ فِيهِ ٱلۡقُرۡءَانُ هُدٗى لِّلنَّاسِ وَبَيِّنَٰتٖ مِّنَ ٱلۡهُدَىٰ وَٱلۡفُرۡقَانِۚ فَمَن شَهِدَ مِنكُمُ ٱلشَّهۡرَ فَلۡيَصُمۡهُۖ وَمَن كَانَ مَرِيضًا أَوۡ عَلَىٰ سَفَرٖ فَعِدَّةٞ مِّنۡ أَيَّامٍ أُخَرَۗ يُرِيدُ ٱللَّهُ بِكُمُ ٱلۡيُسۡرَ وَلَا يُرِيدُ بِكُمُ ٱلۡعُسۡرَ وَلِتُكۡمِلُواْ ٱلۡعِدَّةَ وَلِتُكَبِّرُواْ ٱللَّهَ عَلَىٰ مَا هَدَىٰكُمۡ وَلَعَلَّكُمۡ تَشۡكُرُونَ ١٨٥


މާނައީ: އޭ އީމާންވެއްޖެ މީސް­ތަކުންނޭވެ! ތިޔަބައި­މީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައި­މީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައި­މީހުން ތަޤްވާ­ވެރި ވުމަށް­ޓަކައެވެ.

(ރޯދަ ހިފަންވީ) ޢަދަދު ކަނޑައެޅިގެންވާ ދުވަސް­ތަކެއްގައެވެ. ފަހެ، ތިޔަބައި­މީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (ރަމަޟާން މަހުގެ ރޯދަ ދޫކޮށް­ލައިފި­ނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ. އަދި އުނދަގޫ­ކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށް އޮތީ، (ރޯދަ ދޫކޮށް­ލުމާއެކު) ފިދްޔަ ދިނުމެވެ. (ފިދްޔައިގެ މިންވަރަކީ) މިސްކީނަކަށް ކާންދޭ މިންވަރެވެ. ފަހެ، ތަޠައްވުޢުގެ ގޮތުން އިތުރު ހެޔޮ­ކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައި­މީހުން ރޯދަހިފުން ތިޔަބައި­މީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައި­މީހުން ދަންނާނެ ނަމައެވެ.

ރަމަޟާން މަހަކީ، އެ މަހެއްގައި ޤުރްއާން ބާވައި­ލެއްވި މަހެވެ. (އެ ޤުރްއާން ބާވައި­ލެއްވީ) މީސް­ތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކި­ކޮށްދެނިވި ހެކި­ތަކެއް ކަމުގައެވެ. ފަހެ، ތިޔަބައި­މީހުންގެ ތެރެއިން އެ މައްސަރުގައި ޙާޟިރުވެ ހުރެއްޖެ މީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށް­ލައިފި ނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ. ﷲ، ތިޔަބައި­މީހުންނަށް ލުއިފަސޭހަ ގޮތް އިރާދަ ކުރައްވަތެވެ. އަދި ދަތި އުނދަގޫ ގޮތް ތިޔަބައި­މީހުންނަކަށް އިރާދަ­އެއް ނުކުރައްވަތެވެ. (މި ކަންތައްތައް މި ގޮތަށް ކަނޑައަޅުއްވާފައި ވަނީ) ތިޔަބައި­މީހުން އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށް­ޓަކައެވެ. އަދި ތިޔަބައި­މީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲއަށް ތަކްބީރު ކިޔައި އުޅުމަށް­ޓަކައެވެ. އަދި ތިޔަބައި­މީހުން (އެކަލާނގެއަށް) ޝުކުރު­ވެރި ވުމަށް­ޓަކައެވެ.

ބަޤަރާ 183185

ކުރީގެ އުއްމަތްތަކަށް ވެސް ރޯދަ ފަރުޟު ކުރެއްވި ފަދައިން، އެކަލާނގެ މުއުމިން އަޅު­ތަކުންނަށް ރޯދަ ފަރުޟު ކުރައްވައި ދަރުމަ­ވަންތަވެ­ވޮޑި­ގަތުމުގެ ވާހަކައިން ﷲ ޚަބަރު ދެއްވިއެވެ. އެހެނީ ރޯދައަކީ ކޮންމެ ޒަމާނެއްގައި ވެސް ޚަލްޤު­ތަކުންނަށް މަސްލަޙަތު ހުރި، މަތި­ވެރި ޝަރާއިޢުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި އެކަމަށް އަވަސްވެ­ގަތުމަށާއި އެކަން ފުރިހަމަ ކުރުމުގައި އެހެން އުއްމަތްތަކާ ވާދަ ކުރުމަށް ވެސް މި އާޔަތުން، އުއްމަތަށް ބާރުއަޅައެވެ. އަދި އޭގެ މަސްލަޙަތު ޢާންމު­ވެގެންވާ­ކަމާއި، ހުރިހާ އުއްމަތް­ތަކެއް ވެސް އެއަށް ބޭނުން ޖެހިފައިވި، އޭގެ މޭވާތައް މިއާޔަތުގައި ބަޔާން ވެގެން ވެއެވެ.

އެއަށްފަހު ރޯދައިގެ ޙިކުމަތް ބަޔާން ކުރައްވައި ވަޙީ ކުރެއްވިއެވެ: ﴿لَعَلَّكُمْ تَتَّقُونَ [ބަޤަރާ 183] ”(އެއީ) ތިޔަބައި­މީހުން ތަޤްވާ­ވެރި ވުމަށް­ޓަކައެވެ.“

ފަހެ، ހަމަ­ކަށަވަރުން ރޯދައަކީ ތަޤްވާ­ވެރި ވުމުގެ އެންމެ ބޮޑެތި ސަބަބުތަކުގެ ތެރެއިން އެއް ސަބަބެވެ. އެއީ، ރޯދައިގައި ﷲގެ އަމުރުފުޅަށް ކިޔަމަން ވުމާއި އެކަލާނގެ ނަހީ­ކުރެއްވި ކަންތައް­ތަކުން ދުރުވުމާއި މި ދެ ކަންތައް އެކުލެވިގެން ވާތީއެވެ. ފަހެ ރޯދައަކީ އަޅާގެ ދީނާއި، ދުނިޔެއާއި، އާޚިރަތުގެ ބާއްޖަ­ވެރިކަން ހިމެނޭ މި މަޤްޞަދަށް ވާޞިލު ވުމަށް އޮތް އެންމެ މަތި­ވެރި މަގެވެ.

ފަހެ، ރޯދަ­ވެރިޔާ ﷲއަށް ކުއްތައްވަނީ، އޭނާގެ ނަފްސު އެދޭ ކަންތައްތައް ދޫކޮށް­ލައިގެންނެވެ. އޭނާގެ ނަފްސު ދެކެ ވާ ލޯބީގެ މައްޗަށް އޭނާގެ ރައްބު ދެކެ ވާ ލޯބި އިސް­ކޮށްގެންނެވެ. އެހެން­ކަމުން، ޞަޙީޙު ޙަދީޘްގައިވާ ފަދައިން، އެހެން ހުރިހާ ޢަމަލުތަކުގެ ތެރެއިން ﷲ ތަޢާލާ ރޯދަ ޚާއްޞަ ކުރައްވައި، އެކަލާނގެ ޛާތުފުޅަށް ނިސްބަތް ކުރެއްވިއެވެ. ރޯދައަކީ ތަޤްވާ­ވެރި­ކަމުގެ އެންމެ މަތި­ވެރި އުޞޫލުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ފަހެ، އިސްލާމް­ކަމާއި އީމާންކަން، ރޯދައާ ނުލައި ފުރިހަމަ­އެއް ނުވާނެއެވެ.

އަދި އީމާންކަން އިތުރުވުމާއި، ރައްބުލް ޢާލަމީންއާ ކުއްތަން­ކޮށްދޭ ކެތް­ތެރި­ކަމަށް ތަމްރީނުވުމާއި، ދަތި އުނދަގޫތަކަށް ހޭނުން ރޯދައިގައި ވެއެވެ. އަދި އެއީ، ތަޤްވާ­ވެރިކަން ޙަޤީޤަތަކަށް ހަދައިދޭ ކަންތައްތަކުގެ ތެރެއިން، ނަމާދާއި، ޤުރްއާން ކިޔެވުމާއި، ޛިކުރު ކުރުމާއި، ޞަދަޤާތް ކުރުން ފަދަ އަޅުކަންތައް ގިނަވުމަށް މަގުފަހި­ކޮށްދޭ ސަބަބެކެވެ. އަދި އޭގައި، ޙަރާމް ބަސް­ތަކާއި ޙަރާމް ޢަމަލު­ތަކުން ނަފްސު ދުރުކުރުން ވެއެވެ. މިހިރީ ހައްތާވެސް ތަޤްވާގެ އުޞޫލުތަކުގެ ތެރެއިންވާ ކަން­ކަމެވެ.

އަދި އޭގެ [ފައިދާތަކުގެ] ތެރޭގައި: އެނޫން އެހެން ކަމެއްގައި ނުވާ މިންވަރަށް ރޯދައިގައި، ﷲއަށް މުރާޤަބާ ކުރުން އެކުލެވިގެން­ވުން ހިމެނެއެވެ. އެއީ އޭނާގެ ހަވާނަފްސު އެދޭ ކަންތައްތައް ކުރުމަށް ކުޅަދާނަ ވެގެންވާ ޙާލުގައި ވެސް، އޭނާގެ ރައްބު އޭނާއަށް ބައްލަވައި­ވޮޑިގެން ވާކަން ދެނެ އެ ކަންތައް ދޫކޮށް­ލުމުގައެވެ. ޝައްކެތްނެތެވެ. މިއީ ތަޤްވާ­ވެރި­ކަމަށް އެންމެ ބޮޑަށް އެހީވެދޭނެ އެއް­ކަމެވެ.

އަދި އޭގެ ތެރޭގައި: ރޯދައިގެ ސަބަބުން ޝައިޠާނާ ދައުރުކުރާ މަގުތައް ހަނި­ވެގެން ދިޔުން ހިމެނެއެވެ. ”ފަހެ، ހަމަ­ކަށަވަރުން އާދަމުގެ ދަރިޔާގެ ހަށިގަނޑުގައި ލޭ ދައުރުވާ ފަދައިން ޝައިޠާނާ ދައުރުވެއެވެ.“ [ބުޚާރީ، މުސްލިމް] ރޯދައިގެ ސަބަބުން އޭނާގެ ނުފޫޒު ބަލިކަށިވެ، އަޅާގެ ފާފަތައް މަދުވެއެވެ.

އަދި އޭގެ ތެރޭގައި: މުއްސަންޖަކު ބަނޑުހައިހޫނު­ކަމުގެ ވޭން އިޙްސާސް ކުރާއިރު، އެކަމުގެ ސަބަބުން ފަޤީރުންނާއި ނިކަމެތިންނަށް އެހީ­ތެރިވެ އޯގާ­ތެރިވުމަށް އޭނާގެ މައްޗަށް ވާޖިބުކުރުވައި، އެކަމަށް އޭނާ ލަންބުވައެވެ. މި ހުރިހައި ކަމަކީ ތަޤްވާ­ވެރި­ކަމުގެ ސިފަތަކުގެ ތެރެއިންވާ ކަން­ކަމެވެ.

ރޯދަ ފަރުޟު ކުރެއްވި ކަން ޛިކުރު ކުރެއްވުމަށްފަހު، އެއީ ﴿أَيَّامًا مَعْدُودَاتٍ [ބަޤަރާ 184] ”ޢަދަދު ކަނޑައެޅިގެންވާ ދުވަސް­ތަކެއް“ ކަމުގައި ޚަބަރު ދެއްވިއެވެ. އެބަހީ: ފަސޭހަ، މަދު ދުވަސް­ތަކެކެވެ. އަދި މުސްލިމުން އެންމެން ބައި­ވެރިވާ ވަކި މައްސަރެއްގައި އެކަން އޮތުމަކީ ވެސް އެކަމުގެ ފަސޭހަ­ކަމުގެ ތެރޭ ހިމެނޭ ކަމެކެވެ. ޝައްކެއްނެތް ގޮތުގައި، މި ކަމުގައި އެންމެން ބައި­ވެރިވުމަކީ މި ކަން ލުއި­ކޮށްދީ ފަސޭހަ ކޮށްދޭނެ ކަމެކެވެ. އަދި މިއީ ﷲގެ އޯގާ­ވަންތަ­ކަމާއި ރޯދަ­ވެރިންނަށް އެކަލާނގެ ދެއްވާ ވާގި­ވެރި­ކަމުގެ ތެރެއިންވާ ކަމެކެވެ.

ދެން އިތުރަށް ލުއިފަސޭހަ ކޮށް­ދެއްވަމުން ވަޙީ­ކުރެއްވިއެވެ. ﴿فَمَنْ كَانَ مِنْكُمْ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ [ބަޤަރާ 184] ”ފަހެ، ތިޔަބައި­މީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (ރަމަޟާން މަހުގެ ރޯދަ ދޫކޮށް­ލައިފި­ނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ.“ އެއީ އެ ދެ މީހުންނަށް ގިނަ ފަހަރަށް އެކަން ދަތިއުނދަގޫ ކަމަކަށް ވާނެތީއެވެ. އެހެން­ކަމުން އެ ދެ މީހުންނަށް ރޯދަ ދޫކޮށް­ލުމުގެ ޙުއްދަ ﷲ ދެއްވީއެވެ.

އަދި ރޯދައިގެ މަޞްލަޙަތު ކޮންމެހެން ވެސް އަޅާ ޙާޞިލުކުރަން ޖެހޭތީ، ބަލި ފަސޭހަވުމުން، އަދި ދަތުރު ނިމި، އަރާމު ލިބުމުން، އެހެން ދުވަސް­ތަކެއްގައި އެ ރޯދަ ޤަޟާ ކުރުމަށް، އެ ދެފަރާތަށް ވެސް އަމުރު ކުރެއްވިއެވެ.

﴿فَعِدَّةٌ مِنْ أَيَّامٍ أُخَرَ [ބަޤަރާ 184] ”އެހެން ދުވަސްތަކަކުން އެ ޢަދަދު ފުރިހަމަކުރާށެވެ.“ މި ވަޙީ ބަސް­ފުޅުގައި، ރަމަޟާން މަސް ފުރިހަމަ ވިޔަސް ނުވަތަ އުނި ވިޔަސް، އެ މަހުގެ ޢަދަދަށް ރޯދަ ޤަޟާ ކުރަން ޖެހޭނެ ކަމުގެ ދަލީލެއް ވެއެވެ. އަދި ހޫނުގަދަ، ދިގު ދުވަސް­ތަކެއްގެ ބަދަލުގައި ފިނި، ކުރު ދުވަސް­ތަކެއްގައި ރޯދަ ޤަޟާ ކުރުން ހުއްދަ ވެގެންވާ ކަމާއި، ފިނި، ކުރު ދުވަސް­ތަކެއްގެ ބަދަލުގައި ހޫނު، ދިގު ދުވަސް­ތަކެއްގައި ވެސް ރޯދަ ޤަޟާކުރުން ހުއްދަ ވެގެން ވާ ކަމުގެ ދަލީލެއް ވެއެވެ.

އަހަރެމެންނާ ކުރިމަތިވި ސުވާލަކަށް މިފަދައިން އަހަރެމެން ޖަވާބުދިނީމެވެ. ސުވާލަކީ: ބައެއް ޤައުމު­ތަކުގައި ދިރިއުޅޭ މުސްލިމުންނަށް ރޭގަނޑުގެ ވަގުތު ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ނުވަތަ އެއަށްވުރެ ވެސް ކުރުވާ ދުވަސްވަރު އާދެއެވެ. އަދި އެ ދުވަސްތައް ރަމަޟާން މަހާ ދިމާވެއެވެ. ފަހެ، އެމީހުންނަށް ރޯދަ ފުރިހަމަ­ކުރުމަށް ނުކުޅެދިއްޖެ­ނަމަ، އެމީހުންނަށް ފިދުޔަ ދިނުމުގެ ލުއި ލިބިގެންވޭ­ތޯއެވެ؟

ފަހެ އަހަރެމެން ޖަވާބުގައި ބުނީމެވެ. މިފަދަ ވަޤުތުގައި ރޯދަހިފުމަށް ނުކުޅެދޭ މީހާ، ދުވާލުގެ ވަޤުތު ކުރުވެ، ރޯދަހިފުމަށް ކުޅަދާނަ­ވެގެންވާ އެހެން ވަޤުތަކަށް އެ ރޯދަ ފަސްކުރާނީއެވެ. އެއީ ﷲ ތަޢާލާ ބަލިމީހާއަށް އަމުރު ކުރައްވާފައިވާ ފަދައިންނެވެ. އަދި ކިއެއްތަ! މިގޮތް އައުލާ ވެގެން ވެއެވެ. އަދި މި ދިގު ދުވަސް­ތަކުގައި ވެސް ރޯދަ ހިފުމަށް ކުޅަދާނަ ވެގެންވާ މީހާއަށް، އޭނާއަކީ ޞިއްޙަތު ސަލާމަތުން ހުރި މުޤީމެއް ކަމުގައިވާ­ނަމަ، ރޯދަހިފުން ލާޒިމު ވެގެންވެއެވެ. އަދި އޭނާއަށް ރޯދަ ފަސްކުރުން ހުއްދަ­ވެގެން ނުވެއެވެ. މިއީ ޖަވާބުގެ ޚުލާޞާއެވެ.

އަދި ﷲ ވަޙީ ކުރެއްވިއެވެ: ﴿وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ [ބަޤަރާ 184] ”އަދި (އުނދަގޫ­ކަމާއެކު) އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށް އޮތީ، (ރޯދަ ދޫކޮށް­ލުމާއެކު) ފިދުޔަ ދިނުމެވެ. (ފިދުޔައިގެ މިންވަރަކީ) މިސްކީނަކަށް ކާންދޭ މިންވަރެވެ.“

ބުނެވެއެވެ. މިއީ ފުރަތަމަކޮޅުގައި އޮތް ގޮތެވެ. އެއީ އަލަށް ރޯދަ ފަރުޟު ކުރެއްވުނު އިރު، އެބައި­މީހުން ރޯދައަށް އާދަ­ވެފައި ނުވާ ހިނދުގައެވެ. އެންމެ ފުރަތަމަ ރޯދަ ފަރުޟު ކުރެއްވުނު އިރު ކޮންމެހެން ވެސް ހިފަންޖެހޭ ގޮތަށް ފަރުޟު­ވެފައި އޮތުމުން އެކަން އެބައި­މީހުންނަށް ބުރައަކަށް ވެގެން ދިޔައެވެ. އެހެން­ކަމުން ޙިކުމަތް­ވަންތަ ރައްބު އެބައި­މީހުންނަށް އެންމެ ފަސޭހަވާނޭހެން ކަންތައްތައް ތަދައްރުޖު ކުރެއްވިއެވެ. އަދި ރޯދަ ހިފަން ކުޅަދާނަ­ވެގެންވާ މީހާއަށް ދެ އިޚްތިޔާރު ދެއްވިއެވެ. ފުރަތަމަ ގޮތަކީ ރޯދަ ހިފުމެވެ. އެއީ އެންމެ މާތް އަދި އެންމެ ފުރިހަމަ ގޮތެވެ. ނުވަތަ ރޯދަ ދޫކޮށް، އޭގެ ބަދަލުގައި ފިދުޔައިގެ ގޮތުން ކާންދިނަސް ފުދޭނެއެވެ. ދެން އެބައި­މީހުން ރޯދަ ހިފުމަށް ފަރިތަވެ ތަމްރީނު ލިބުމުން، ރޯދައަށް ކުޅަދާނަ­ވެގެންވާ މީހުންގެ މައްޗަށް ރޯދަ ކޮންމެހެން ލާޒިމުކުރައްވައި ފަރުޟު ކުރެއްވިއެވެ.

އަދި ބުނެވެއެވެ. ހަމަ­ކަށަވަރުން ﴿وَعَلَى الَّذِينَ يُطِيقُونَهُ [ބަޤަރާ 184] ”އަދި (އުނދަގޫ­ކަމާއެކު) އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށް އޮތީ…“ މި ވަޙީ ބަސް­ފުޅުގެ މުރާދަކީ: ރޯދަހިފުން ތަކުލީފަކަށްވާ، އަދި ނުއުފުލޭވަރުގެ ބޮޑު އުނދަގުލަކާ ކުރިމަތިވާ މީހުންނެވެ. މިސާލަކަށް މުސްކުޅިޔާއާއި، ބަލި ފަސޭހަވުމުގެ އުއްމީދު ކެނޑިފައިވާ ބަލިމީހާއެވެ. ފަހެ (މިފަދަ މީހުންގެ މައްޗަށް) ރޯދަ ދޫކޮށް­ލާ ކޮންމެ ދުވަހަކަށް ފިދުޔައިގެ ގޮތުގައި މިސްކީނަކަށް ކާން­ދިނުން ލާޒިމު­ވެގެންވެއެވެ.

އަދި އެކަލާނގެ ވަޙީ ބަސް­ފުޅުގައި ވެއެވެ: ﴿شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ [ބަޤަރާ 185] ”ރަމަޟާން މަހަކީ، އެ މަހެއްގައި ޤުރުއާން ބާވައި­ލެއްވުނު މައްސަރެވެ.“ މާނައަކީ: ތިޔަބައި­މީހުންގެ މައްޗަށް ފަރުޟު ކުރެވިގެންވާ ރޯދައަކީ، މާތް ވެގެންވާ ރަމަޟާން މަހުގެ ރޯދައެވެ. އެ މަހަކީ އެ މަހެއްގައި ތިޔަބައި­މީހުންނަށް ﷲގެ ޙަޟްރަތުން މަތި­ވެރި­ވެގެންވާ ފަޟްލު­ވަންތަކަން ލިބިގެންދިޔަ މައްސަރެވެ. އެއީ ތިޔަބައި­މީހުންގެ ދީނީ އަދި ދުނިޔަވީ ހުރިހާ މަޞްލަޙަތުތަކަށް މަގުދައްކައިދޭ ހިދާޔަތު އެކުލެވިގެންވާ ޤުރްއާން ބާވައި­ލެއް­ވުމެވެ. އޭގައި ޙައްޤު ބަޔާން ކޮށް­ދެއްވައި ސާފު ކޮށް­ދެއްވާފައި ވެއެވެ. އެއީ ޙައްޤާއި ބާޠިލާއި، ހިދާޔަތާއި މަގުފުރެދުމާއި، އަދި ބާއްޖަ­ވެރިންނާއި އަބާއްޖަ­ވެރިން ވަކި­ކޮށްދޭ ފުރްޤާނެވެ. ފަހެ، މިފަދަ މާތް­ކަމެއް ލިބިގެންވާ، އަދި އެ މަހެއްގައި ތިޔަބައި­މީހުންގެ މައްޗަށް މިފަދަ މަތި­ވެރި އިޙްސާން­ތެރި­ކަމަކުން ﷲ އިޙްސާން­ތެރިވެ­ވޮޑިގެންފައިވާ މައްސަރަކީ، މާތް­ކޮށް ހިތަން ޖެހޭ، އިޙްތިރާމް ލިބެން ޖެހޭ މައްސަރެއް ކަމުގައި ވުން ޙައްޤު­ވެގެން ވެއެވެ. އަދި އެއީ އަޅު­ތަކުންނަށް އަޅުކަން ކުރުމުގެ މޫސުމެއް ކަމުގައްޔާއި އެ މަހުގައި ރޯދަ ފަރުޟު ވެގެންވާ މައްސަރެއް ކަމުގައި ވުން ޙައްޤު­ވެގެން ވެއެވެ.

ފަހެ، ރޯދަ ފަރުޟު ކުރެއްވިކަން އެކަލާނގެ ކަނޑައަޅުއްވައި، އަދި ރޯދަ ފަރުޟު ކުރެއްވުމުގައްޔާއި، ރަމަޟާން މަސް ޚާއްޞަ ކުރެއްވުމުގައި ވާ ޙިކްމަތް ބަޔާން ކުރެއްވުމަށް ފަހު ވަޙީ ކުރެއްވިއެވެ: ﴿فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ [ބަޤަރާ 185] ”ފަހެ، ތިޔަބައި­މީހުންގެ ތެރެއިން އެ މައްސަރާ ބައްދަލުކުރާ މީހާ، އެ މަހުގެ ރޯދަ ހިފާހުށި­ކަމެވެ!“ އެބަހީ: ރޯދަހިފުމަށް ކުޅަދާނަ­ވެގެންވާ ޙާލު، ރަމަޟާން މަހާ ބައްދަލު ކުރާ މީހެއްގެ މައްޗަށް ކޮންމެހެން ވެސް ރޯދަހިފުން ވާޖިބު­ވެގެންވެއެވެ. ﴿وَمَنْ كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ [ބަޤަރާ 185] ”އަދި ބަލިވެ އުޅޭ މީހާ، ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (ރޯދަ ދޫކޮށް­ލައިފި ނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ.“ އެކަލާނގެ މި ވާހަކަ ތަކުރާރު ކުރެއްވީ އެކަން އިތުރަށް ތާކީދު ކުރެއްވުމަށެވެ. އަދި ރޯދައަށް ކުޅަދާނަ­ވެގެންވާ މީހާއަށް (ރޯދަހިފުމާއި ނުހިފުމުގެ) އިޚްތިޔާރު ދެއް­ވުން މަންސޫޚު ކުރެއްވުމާއެކު، މި ޙުކުމް ވެސް މަންސޫޚު ކުރެއްވުނީ ކަމަށް ހީނު­ކުރުމަށް­ޓަކައެވެ.

﴿يُرِيدُ اللَّهُ بِكُمُ الْيُسْرَ [ބަޤަރާ 185] ”الله، ތިޔަބައި­މީހުންނަށް ލުއިފަސޭހަ ގޮތް އިރާދަ ކުރައްވަތެވެ.“ އެބަހީ: ﷲ އެދި­ވޮޑިގަންނަވަނީ، އެކަލާނގެ ރުއްސެވުމާ ހަމައަށް ފޯރާ މަގު­ތަކުން ތިޔަބައި­މީހުން ފަސޭހައިން ހިނގުމަށް­ޓަކައި، ތިޔަބައި­މީހުންނަށް ވީހައިވެސް ލުއި­ކޮށް­ދެއްވައި ފަސޭހަ ކޮށް­ދެއްވުމަށެވެ. އެންމެހައި ވަސީލަތް­ތަކުން އެކަމަށް ވާގި­ވެރިވެ­ވޮޑި­ގަތުމަށެވެ. އަޅު­ތަކުން އެކަމަށް އެދުން­ވެރި ވުމަށް ޓަކައެވެ. މިއީ ޝަރީޢަތުގެ އުޞޫލުތަކުގެ ތެރެއިންވާ މަތި­ވެރި އުޞޫލެކެވެ. އަދި ކިއެއްތަ! އެ ހުރިހައި ކަމެއް ވެސް ބިނާ­ވެގެން ވަނީ މި އުޞޫލުގެ މައްޗަށެވެ. ހަމަ­ކަށަވަރުން ހުރިހާ އަމުރު­ފުޅުތަކަކީ ވެސް، މުކައްލަފުންނަށް ދަތިއުނދަގޫ ވާނޭ ކަން­ކަމެއް ނޫނެވެ. އަދި ބައެއް ފަހަރަށް ބައެއް ދަތިއުނދަގޫ­ތަކާއި ނުކުޅެދުން­ތެރިކަން ކުރިމަތި ވެއްޖެ ނަމަ، އެކަމާ އެކަށީގެންވާ މިންވަރަށް ވާޖިބުތައް ޝަރުޢު­ކުރެއްވި ފަރާތުން އެ ވާޖިބުތައް ލުއި­ކޮށް­ދެއްވައެވެ. ފަހެ، ރޯދަ ދޫކޮށް­ލުމުގެ ހުއްދަޔާއި އެނޫނަސް ދަތުރުމަތީގައި ދެވޭ ލުއި­ތަކާއި، ހުކުރު ނަމާދާއި ޖަމާޢަތް ދޫކޮށް­ލުމުގައި ލިބިދޭ ޢުޛުރުތައް ވަނީ މިކަމުގެ ތެރޭގައެވެ.

އެއަށްފަހު ވަޙީ ކުރެއްވިއެވެ. ﴿وَلِتُكْمِلُوا الْعِدَّةَ [ބަޤަރާ 185] ”އަދި ތިޔަބައި­މީހުން ޢަދަދު ފުރިހަމަ ކުރުމަށް ޓަކައެވެ.“ އެއީ ރަމަޟާން މަހުގެ ބައެއް ރޯދަ ހިފައިލުމުން ރަމަޟާން މަހުގެ ރޯދައިގެ މަޤްޞަދު ޙާޞިލުވެދާނެ ކަމަށް ހީކުރާ މީހަކު އެފަދައިން ހީ ނުކުރުމަށް­ޓަކައެވެ. ﴿وَلِتُكْمِلُوا الْعِدَّةَ [ބަޤަރާ 185] ”އަދި ތިޔަބައި­މީހުން ޢަދަދު ފުރިހަމަ ކުރުމަށް ޓަކައެވެ.“ މި އާޔަތުން މި ވަހުމު ދުރު­ކުރެއްވިއެވެ.

އަދި ރޯދަމަސް ފުރިހަމަ­ކުރުމުގެ މައްޗަށް ﷲއަށް ޝުކުރު ކުރުމަށް އަމުރު ކުރެއްވިއެވެ. އެހެނީ އަޅާއަށް އެކަލާނގެ ދެއްވާ އެންމެ ބޮޑެތި ނިޢުމަތްތަކުގެ ތެރޭގައި ރޯދަ ފުރިހަމަ ކުރުމަށް ތައުފީޤު ދެއްވުމާއި، އެކަމުގެ ޙުކުމްތައް އަޅު­ތަކުންނަށް ބަޔާން­ކޮށްދެއް­ވުން ހިމެނެއެވެ.

﴿وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ [ބަޤަރާ 185] ”އަދި ތިޔަބައި­މީހުންނަށް ތެދުމަގު ދެއްކެވި­ކަމުގެ މައްޗަށް، ﷲއަށް ތަކްބީރު ކިޔުމަށް ޓަކައެވެ.“ މިއީ ތެދުމަގު އުނގަންނައި­ދެއްވުމުގެ ހިދާޔަތާއި، ތައުފީޤު ދެއްވުމާއި، އިރުޝާދު ދެއްވުމުގެ ހިދާޔަތެވެ.

[ތައިސީރުއްލަޠީފިލް މައްނާން ފީ ޚުލާޞަތި ތަފްސީރިލް ޤުރްއާން، ޞ 92–94]