އައްޝައިޚް އަލްޢައްލާމާ ޢަބްދުއްރަޙްމާން ބިން ސިޢްދީ ވިދާޅުވިއެވެ:

މުސްލިމުންގެ އިމާމުންނަށް ނަޞޭޙަތް ދިނުމަށް ބަލާއިރު، ފަހެ، އެމީހުންނަކީ، ދައުލަތުގެ އެންމެ އިސް ވެރިޔާއާއި އޭނާ ޢައްޔަނު­ކޮށްފައި ތިބޭ އަމީރުންނާއި، ޤާޟީންނާއި، މިހެން ގޮސް ކުޑަޔަސް ބޮޑަސް މީސް­ތަކުންގެ މައްޗަށް އެއްވެސް ކަހަލަ ވެރި­ކަމެއް ދެވިފައި ތިބޭ މީހުންނެވެ. އެމީހުންގެ ވަޒީފާއާއި އެމީހުންގެ ވާޖިބުތައް އެހެން މީހުންގެ ވަޒީފާ­ތަކާއި ވާޖިބުތަކަށްވުރެ ބޮޑު­ވެގެން ވީ ހިނދުގައި، އެމީހުންގެ މަޤާމާއި ދަރަޖަޔާ އެއްވަރަށް ނަޞޭޙަތް­ދިނުން ވާޖިބެވެ. އެއީ؛ އެމީހުންގެ އިމާމަތު ޤަބޫލު ކުރުމާއި އެމީހުންގެ ވެރި­ކަމަށް އިޢުތިރާފު ވުމާއި، ހެޔޮ ކަން­ތަކުގައި އެމީހުންނަށް ކިޔަމަން­ތެރި­ވުން ވާޖިބު­ކަމަށް އިޢުތިރާފުވުމާއި، އެމީހުންނާ ދެކޮޅަށް ނުނިކުތުމާއި، އަދި އެމީހުންނަށް ކިޔަމަން­ތެރިވުމަށް ރައްޔިތުންނަށް ބާރުއެޅުމާއި، ﷲ އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅަކާ ޚިލާފު ނުވާހައި ހިނދަކު އެމީހުންގެ އަމުރުތަކުގެ މަތީ ލާޒިމުވެ ތިބުމާއި، އެ ވެރީންނަށް ނަޞޭޙަތް­ތެރިވުމުގެ ގޮތުން އެ މީހަކަށް ކުރެވެން އޮތް ކަމެއް ކުރުމާއި، އަދި އެމީހުން ވެރިކަން ހިންގުމުގައި ރިޢާޔަތްކުރަން ޖެހޭ ކަންތައް­ތަކުން ނޭނގިފައި އޮތް ކަމެއް، ކޮންމެ މީހަކުވެސް އެމީހަކަށް ވީ ވަރަކުން، އެ މީހުންނަށް ކިޔައިދީ ސާފު­ކޮށްދިނުމާއި، އެމީހުން އިސްލާޙު­ކޮށް­ދެއްވައި ހެޔޮމަގަށް ތައްފީޤުދެއް­ވުން އެދި އެމީހުންނަށް­ޓަކައި ދުޢާ­ކޮށްދިނުމާއި މި ކަން­ކަމުންނެވެ. އެހެނީ އެމީހުން އިޞްލާޙުވުމަކީ ރައްޔިތުންނަށް ވެސް ހުރި އިޞްލާޙެކެވެ.

އަދި އެމީހުންނަށް އެއްޗެހިގޮވުމާއި، ބަދުބަސް ބުނުމާއި، އެމީހުންގެ ޢައިބުތައް ފަތުރައި ޢާންމު­ކުރުމާއި މިފަދަ ކަން­ކަމުން ދުރުހެލި­ވުމެވެ. އެހެނީ އެކަމުގައި އެތަކެއް ނުބަޔަކާއި، ގެއްލުމަކާއި، ފަސާދަ­އެއް އެކުލެވިގެންވެއެވެ. ފަހެ މިފަދަ ކަން­ކަމުނެ ދުރުވެ ރައްކާ­ތެރި­ވެގެން ހުރުމާއި، މި ކަން­ކަމާމެދު އިންޒާރުދިނުމަކީ އެ ވެރީނަށް ނަޞޭޙަތް­ތެރި­ވުމުގެ ތެރޭ ހިމެނޭ ކަން­ކަމެވެ. އަދި އެމީހުންގެ ކިބައިން ހުއްދަ­ވެގެން ނުވާ ކަމެއް ފެނިއްޖެ މީހާއަށް އޮތީ، އެކަން ފާޅު­ކުރުމަކާ ނުލައި، ސިއްރުން އޭނާއަށް ނަޞޭޙަތްދިނުމެވެ. ބޭނުންވާ މަޤްޞަދު ޙާޞިލުވާނޭ ގޮތަށް މަޑުމައިތިރި­ކަމާއެކު އޭނާގެ މަޤާމާ ގުޅޭފަދަ ލުއި އިބާރާތް­ތަކުން ސިއްރުގައި ނަޞޭޙަތްދިނުމެވެ. ފަހެ މި ގޮތަކީ ކޮންމެ މީހެއްގެ ޙައްޤުގައިވެސް އެދެވިގެންވާ ގޮތެވެ. ވަކިން ޚާއްޞަ­ކޮށް ވެރިންނަށެވެ. ފަހެ މި ބުނެވުނު ފަދައިން އެމީހުންގެ ސަމާލު­ކަމަށް އެ ކަން ގެނައުމުގައި ގިނަ ހެޔޮ އެކުލެވިގެން ވެއެވެ. އަދި އެއީ ނަޞޭޙަތް­ތެރިޔާގެ ތެދު­ވެރި­ކަމާއި އިޚްލާޞް­ތެރި­ކަމުގެ ޢަލާމާތެކެވެ.

ދެންފަހެ، އޭ ނަޞޭޙަތް­ތެރިޔާއެވެ! މި ދެންނެވި މޮޅު އިތުރު ގޮތަށް ވެރީންނަށް ނަޞޭޙަތް­ ދިނުމަށް­­ފަހުގައި މީސް­ތަކުންގެ މަދަޙަސަނާ ތިމާއަށް ހޯދަން އުޅެގެން އެކަން ނަމަ­ނަމަ ފަސާދަ­ކޮށްނުލާށެވެ. ފަހެ ތިމަން އެބައިމީހުނަށް ނަޞޭޙަތްދިނީމޭ، ވިވެނިމިވެނިހެން ބުނީމޭ، މީސް­ތަކުންގެ ތެރޭގައި ނުކިޔާށެވެ.

ފަހެ މިއީ ދެއްކުން­ތެރި­ކަމަށް ދަލީލު­ކޮށްދޭ ކަމެކެވެ. އަދި އޭނާގެ އިމާން­ތެރި­ކަމުގެ ބަލި­ކަމުގެ ޢަލާމާތެކެވެ. މި ނޫނަސް އެންމެނަށް އެނގި މަޢުރޫފު­ވެގެންވާ އެތަކެއް ގެއްލުމެއް މި ކަމުގައި ވެއެވެ. [އައްރިޔާޟުއްނާޟިރާ: 49–50]

ވެރީންނަށް ނަޞޭޙަތް­ދިނުމުގައި ސިއްރުން އެކަން ކުރަން ޖެހޭ­ކަމަށް ދަލީލު ލިބެނީ އިބްނު އަބީ ޢާޞިމް އެކަލޭގެފާނުގެ އައްސުންނަތޭ ކިޔުނު ފޮތުގައި ރިވާ­ކުރެއްވާފައިވާ، އަލްޢައްލާމާ އަލްބާނީ ޞައްޙަ­ކުރައްވާ މި ޙަދީޘުންނެވެ. މާތް ނަބިއްޔާ ޙަދީޘް­ކުރެއްވިއެވެ.

مَنْ أَرَادَ أَن يَنصَحَ لِذِي سُلْطَانٍ فَلَا يُبْدِه عَلَانَيَةً وَلَكِن يَأْخُذُ بِيَدِهِ فَيَخْلُوا بِهِ فِإِن قَبِلَ مِنهُ فَذَاكَ وَإِلَّا كَانَ قَدْ أَدَّى الَّذِي عَلَيهِ.

މާނައީ: ވެރިއަކަށް ނަޞޭޙަތެއް ދޭން އެދޭ މީހާ، ފަހެ އޭނާ ފާޅުގައި އެކަން ނުކުރާހުށްޓެވެ. އެހެނެއް­ކަމަކު، އެ ވެރިޔާގެ އަތުގައި ހިފައިގެން ގޮސް އެކަހެރިވެ، އޭނާއަށް ނަޞޭޙަތް ދޭށެވެ. އެ ނަޞޭޙަތް އޭނާގެ ކިބައިން ބަލައިގެންފި ނަމަ، (އޭނާ އެދުނު ކަމަކީ) އެއީއެވެ. އަދި ބަލައިނުގެންފި ނަމަ، ނަޞޭޙަތް ދިން މީހާ އޭނާގެ މަސްއޫލިއްޔަތު އަދާ­ކޮށްފިއެވެ. [އިބްނު އަބީ ޢާޞިމްގެ އައްސުންނާ: 2/507]