ޝަޤީޤް އަލްބަލްޚީ އަރިހުން ރިވާވެގެން ވެއެވެ. (އެކަލޭގެފާނުގެ ދަރިވަރު) ޙާތިމް (އަލްއަޞައްމު) އަށް ވިދާޅުވިއެވެ. އަހަންނާ އެކުގައި ވަރަށް ގިނަ ދުވަހު ތިބާ އުޅެފީމުއެވެ. ތިބާއަށް ދަސްވީ ކޮން އެއްޗެއް ހެއްޔެވެ؟
ވިދާޅުވިއެވެ. 8 ކަމެކެވެ.
ފުރަތަމަ: الله ގެ ޚަލްޤުތަކުންނަށް ބަލާލުމުން އަހަންނަށް ފެނުނީ ކޮންމެ މީހެއްގެ ވެސް މަޙްބޫބަކު (ލޯބިވާ ފަރާތެއް) ވާތަނެވެ. އެކަމަކު އޭނާ ކަށްވަޅަށް ފޯރާ ހިނދު އެ ލޯބިވެރިޔާ އޭނާއާ ވަކިވެދެއެވެ. އެހެންކަމުން އަހަރެންގެ މަޙްބޫބަކީ ހެޔޮ ޢަމަލުތައް ކަމުގައި ހެދީމެވެ. އެ މަޙްބޫބު އަހަންނާ އެކުގައި މަރުވުމަށްފަހުގައި ވެސް ވުމަށްޓަކައެވެ.
ދެވަނައަށް: އަހަރެން ﷲ ތަޢާލާގެ މި ބަސްފުޅަށް ބެލީމެވެ. ﴿وَنَهَى ٱلنَّفۡسَ عَنِ ٱلۡهَوَىٰ﴾ [އައްނާޒިޢާތު 40] ”އަދި އޭނާގެ ނަފްސު ނުބައި އެދުންތަކުން ދުރުކޮށްފި މީހާ…“. ދެން އަހަރެންގެ އަމިއްލަ ނަފްސާ ޖިހާދުކުރީމެވެ. އެންމެ ފަހުން އެ ނަފްސު ﷲއަށް ކިޔަމަންގަތުމުގެ މައްޗަށް ހަމަޖެހިއްޖައުމަށް ދާންދެނެވެ.
ތިންވަނަ ކަމަކީ: މީހެއްގެ އަތުގައި އަގުހުރި އެއްޗެއް ވާނަމަ އޭނާ އެ އެއްޗެއް ރައްކާކުރާތީ އަހަރެން ދުށީމެވެ. ދެން އަހަރެން ބެލީ ﷲގެ މި ބަސްފުޅަށެވެ. ﴿مَا عِندَكُمۡ يَنفَدُ وَمَا عِندَ ٱللَّهِ بَاقٖ﴾ [އައްނަޙްލު 96] ”ތިޔަބައިމީހުންގެ އަތުގައި ވާހައި އެއްޗެއް ހުސްވެގެން ހިނގައިދާނެއެވެ. އަދި ﷲގެ ޙަޟްރަތުގައިވާ އެއްޗެއް ދެމިހުންނާނެއެވެ.“ އެހެންވެ އަގެއްހުރި އެއްޗެއް އަހަންނަށް ލިބިއްޖެނަމަ އެއެއްޗެއް ބަހައްޓަނީ ﷲގެ ޙަޟުރަތުގައެވެ. (އެބަހީ ﷲގެ މަގުގައި ހޭދަކުރަމެވެ.) އެއީ އަހަނަށްޓަކައި އެއިލާހުގެ ޙަޟުރަތުގައި އެ އެއްޗެއް ދެމިހުރުމަށެވެ.
ހަތަރުވަނައަށް: އަހަންނަށް ފެނުނީ މީސްތަކުން މުދަލާއި ޙަސަބާއި ޝަރަފުވެރިކަމަށް ރުޖޫޢަވާތަނެވެ. އެކަމަކު އެއީ އެއްވެސް އެއްޗެއް ނޫނެވެ. އަހަންނަށް ފެނުނީ ﷲ ގެ މި ބަސްފުޅެވެ. ﴿إِنَّ أَكۡرَمَكُمۡ عِندَ ٱللَّهِ أَتۡقَىٰكُمۡ﴾ (މާނައީ: ހަމަކަށްވަރުން ﷲ ގެ ހަޟުރަތުގައި އެންމެ މާތްކަން ބޮޑީ ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ.) ދެން އެއިލާހުގެ ޙަޟުރަތުގައި މާތްކަން ބޮޑުވެގެންވާ މީހަކަށް ވުމަށްޓަކައި، އަހަރެން ތަޤުވާވެރިވީމެވެ.
ފަސްވަނައަށް: އަހަންނަށް ފެނުނީ މީސްތަކުން އެކަކު އަނެކަކަށް ޙަސަދަވެރިވެ އުޅޭތަނެވެ. ދެން އަހަންނަށް ފެނުނީ ﷲ ގެ މި ބަސްފުޅެވެ. ﴿نَحۡنُ قَسَمۡنَا بَيۡنَهُم مَّعِيشَتَهُمۡ﴾ (…އެއުރެންގެ މެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ.) ދެން އަހަރެން ޙަސަދަވެރިކަން ދޫކޮށްލީމެވެ.
ހަވަނައަށް: އަހަންނަށް ފެނުނީ މީސްތަކުން އެކަކު އަނެކަކަށް ޢަދާވާތްތެރިވެ އުޅޭތަނެވެ. ދެން އަހަންނަށް ފެނުނީ ﷲ ގެ މި ބަސްފުޅެވެ. ﴿إِنَّ ٱلشَّيۡطَٰنَ لَكُمۡ عَدُوّٞ فَٱتَّخِذُوهُ عَدُوًّا﴾ ”ހަމަކަށަވަރުން، ޝައިޠާނާއަކީ، ތިޔަބައިމީހުންނަށްވާ ޢަދާވާތްތެރިޔެކެވެ. ފަހެ، އެ ޝައިޠާނާއީ، ޢަދާވާތްތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ!“ ދެން އަހަރެން މީސްތަކުންނަށް ޢަދާވާތްތެރިވުން ދޫކޮށް އަހަރެންގެ ހަމައެކަނި ޢަދުއްވަކީ ޝައިޠާނާ ކަމުގައި ހެދީމެވެ.
ހަތްވަނައަށް: އަހަންނަށް ފެނުނީ މީސްތަކުން ރިޒްޤު ހޯދުމުގައި އެއުރެންގެ ނަފްސުތައް ވަރުބަލިކުރުވާ ތަނެވެ. ދެން އަހަރެން ބެލީ ﷲ ގެ މި ބަސްފުޅަށެވެ. ﴿وَمَا مِن دَآبَّةٖ فِي ٱلۡأَرۡضِ إِلَّا عَلَى ٱللَّهِ رِزۡقُهَا﴾ ”ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް ﷲ ރިޒްޤު ނުދެއްވާ އެއްވެސް އެއްޗެއް ނުވެތެވެ.“ އެހެންކަމުން އަހަރެން އެކަލާނގެއަށް އަދާކުރަންޖެހޭ ކަންތައްތަކާއިގެން މަޝްޣޫލުވީމެވެ. އަދި އެކަލާނގެ ޙަޟްރަތުން އަހަންނަށް ލިބެން އޮތް އެއްޗެއް އެކަލާނގެއަށް ދޫކޮށްލީމެއެވެ.
އަށްވަނައީ: އަހަންނަށް ފެނުނީ މީސްތަކުން އެއުރެންގެ ވިޔަފާރިއާއި، މަސައްކަތާއި، ހަށިގަނޑުގެ ދުޅަހެޔޮކަމަށް ބަރޯސާވެ ވަކީލުކުރާ ތަނެވެ. އެހެންކަމުން އަހަރެން ﷲ އާ ވަކީލުކުރީމެވެ. އެކަލާނގެ މިފަދައިން ވަޙީ ނުކުރައްވާތޯއެވެ؟ ﴿وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَهُوَ حَسۡبُهُۥٓ﴾ ”އަދި ﷲ އަށް ވަކީލުކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ.“
މަޞްދަރު: މުޚްތަޞަރު މިންހާޖިލް ޤާޞިދީން. ނަޖްމުއްދީން އިބްނު ޤުދާމާ އަލްމަޤްދިސީ (އަވަހާރަވީ 689ހ.). ޞ 24