މާތް ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ.

إِنَّ أَوَّلَ النَّاسِ يُقْضَى فِيهِ يَوْمَ الْقِيَامَةِ ثَلَاثَةٌ: رَجُلٌ اسْتُشْهِدَ، فَأُتِيَ بِهِ فَعَرَّفَهُ نِعَمَهُ، فَعَرَفَهَا، فَقَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: قَاتَلْتُ فِيكَ حَتَّى قُتِلْتُ. قَالَ: كَذَبْتَ، وَلَكِنَّكَ قَاتَلْتَ لِيُقَالَ: هُوَ جَرِيءٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ.

މާނައީ: ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ނިޔާ ކަނޑައެޅުއްވޭހުށީ ތިން މީހަކަށެވެ: (ފުރަތަމައީ) ޝަހީދުވެ ދިޔަ މީހެކެވެ. ފަހެ އޭނާ ގެނެވި، އޭނަށް ދެއްވި ނިޢުމަތްތައް އޭނާއަށް ކިޔައި­ދެވޭނެތެވެ. ދެން އޭނާ އެ ނިޢުމަތްތައް ދަނެ އެއަށް އިޢުތިރާފު ވާނެތެވެ. ދެން އޭނާއަށް އަންގަވާނެތެވެ. ކަލޭ އެ ނިޢުމަތް­ތަކުން ކުރީ ކީއް­ހެއްޔެވެ؟ ދަންނަވާނެއެވެ. މިއަޅާ ޝަހީދު ވެއްޖައުމަށް ދާންދެން އިބަ ﷲ އަށް­ޓަކައި ހަނގުރާމަ ކުރީމެވެ. އަންގަވާނެތެވެ. ކަލޭ ތިޔަހެދީ ދޮގެކެވެ. އެކަމަކު ކަލޭ ހަނގުރާމަ­ކުރީ، ކަލެއަކީ ހާދަ ހިއްވަރުގަދަ މީހެކޭ ބުނުވުމަށް­ޓަކައެވެ. ފަހެ އެ ފަދައިން ބުނެވިދިޔައެވެ. ދެން އޭނަޔާމެދު އަމުރުއިއްވެވޭނެތެވެ. ދެން އޭނާގެ މޫނުވަތަށް ދަމާފައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެތެވެ.

އައްޝައިޚް ޞާލިޙް ބިން ފައުޒާން އަލްފައުޒާން ވިދާޅުވިއެވެ.

ފަހެ ﷲގެ މަގުގައި ޖިހާދުކުރާ މީހެއްގެ ސޫރައިގައި އޭނާ ވެފައި، ހަނގުރާމައިގައި ޤަތުލު­ވެގެން ­ދިއުމުން ވެސް އޭނާ ނަރަކައަށް އެއްލައި­ލެވުނު ސަބަބަކީ ކޮބައި­ތޯއެވެ؟ ސަބަބަކީ: އޭނާގެ ނިޔަތް އޮތީ ﷲ އަށްޓަކަ­އެއް ނޫނެވެ. އޭނާގެ ނިޔަތަކީ އޭނާގެ ކެރުމާއި ހިއްވަރުގަދަކަން ދެއްކުމެވެ. މީސް­ތަކުންގެ މަދަޙައާއި ސަނާ ހޯދުމެވެ. ދުނިޔޭގައި، އޭނާ އެދުނު ފަދައިން އޭނާއަށް ސަނާ ލިބިގެން ވިއެވެ. އެހެން ކަމުން ﷲގެ ޙަޟްރަތުގައި އޭނާއަށް ލިބޭނޭ އެއްޗެއް ނުވެއެވެ. ﷲ އެއްވެސް މީހަކަށް އެއްވެސް ގޮތަކަށް އަނިޔާ­ވެރި­ވެ­ވޮޑި­­ނުގަންނަ­ވައެވެ.

ދެވަނަ މީހަކީ:

…وَرَجُلٌ تَعَلَّمَ الْعِلْمَ وَعَلَّمَهُ وَقَرَأَ الْقُرْآنَ، فَأُتِيَ بِهِ فَعَرَّفَهُ نِعَمَهُ، فَعَرَفَهَا، فَقَالَ: مَا عَمِلْتَ فِيهَا؟ قَالَ: تَعَلَّمْتُ فِيكَ الْعِلْمَ وَعَلَّمْتُهُ، وَقَرَأْتُ فِيكَ الْقُرْآنَ. فَقَالَ: كَذَبْتَ، وَلَكِنَّكَ تَعَلَّمْتَ لِيُقَالَ: هُوَ عَالِمٌ، فَقَدْ قِيلَ، وَقَرَأْتَ الْقُرْآنَ لِيُقَالَ: هُوَ قَارِئٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ، فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ.

މާނައީ: އަދި ޢިލްމު އުނގެނި، އެ އުނގަންނައިދީ، ޤުރުއާން ކިޔަވައި އުޅުނު މީހެކެވެ. ދެން އޭނާ ގެނެވި، އޭނަށް ދެއްވި ނިޢުމަތްތައް އޭނާއަށް ކިޔައި­ދެވޭނެތެވެ. ދެން އޭނާ އެ ނިޢުމަތްތައް ދަނެ އެއަށް އިޢުތިރާފު ވާނެތެވެ. ދެން އޭނާއަށް އަންގަވާނެތެވެ. ކަލޭ އެ ނިޢުމަތް­ތަކުން ކުރީ ކީއް­ހެއްޔެވެ؟ ދަންނަވާނެއެވެ. އިބަ ﷲ އަށް­ޓަކައި މިއަޅާ ޢިލްމު އުނގެނި، އެ އުނގަންނައި­­ދިނީމެވެ. އަދި އިބަ ﷲ އަށް­ޓަކައި ޤުރުއާން ކިޔަވައި އުޅުނީމެވެ. ﷲ އަންގަވާނެއެވެ. ކަލޭ ތިޔަހެދީ ދޮގެކެވެ. އެކަމަކު ކަލޭ ޢިލްމު އުނގެނުނީ، ޢިލްމު­ވެރި­އެކޭ ބުނުވުމަށް­ޓަކައެވެ. ފަހެ އެ ފަދައިން ބުނެވިދިޔައެވެ. އަދި ކަލޭ ޤުރުއާން ކިޔެވީ، ޤާރީއެކޭ ބުނުވުމަށް­ޓަކައެވެ. ފަހެ އެފަދައިން ވެސް ބުނެވިދިޔައެވެ. ދެން އޭނަޔާ މެދު އަމުރު­ފުޅު­­ ކުރެއްވޭނެތެވެ. ދެން އޭނާގެ މޫނުވަތަށް ދަމާފައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެތެވެ.

އައްޝައިޚް ޞާލިޙް އަލްފައުޒާން ވިދާޅުވިއެވެ.

އެހެން­ކަމުން (ޝަރުޢީ) ޢިލްމު ކިޔަވާ ކުދިންނަށް ވާޖިބު­ވެގެން ވަނީ، ޢިލްމު ހޯދުމުގައި ﷲ އަށް ނިޔަތް ޚާލިޞް­ކުރުމެވެ. އޭނާގެ ޤަޞްދަކީ ދުނިޔޭގައި މަތީ މަގާމު ހޯދުން ކަމުގައި ވެގެން ނުވާނެއެވެ. ނުވަތަ އޭނާގެ ޤަޞްދަކީ އޭނާ ކިޔެވި ޢިލްމަކުން ދުނިޔަވީ ވަޒީފާ­ތަކާއި، ދުނިޔޭގެ މުދާ­ވެރިކަން ލިބިގަތުން ކަމުގައި ވެސް ވެގެން ނުވާނެއެވެ. އޭނާގެ ނިޔަތް ވާން ވާނީ ﷲ އަށް ޚާލިޞް ވެގެންނެވެ. އެހެނީ (ޝަރުޢީ) ޢިލްމު ހޯދުމަކީ ޞާލިޙު ޢަމަލު­ތަކުން ކުރެ އެންމެ މަތި­ވެރި ވެގެންވާ އެއް ޢަމަލެވެ. އެހެން­ކަމުން އެ ޢަމަލު، ﷲ ނޫން ފަރާތަކަށް­­ޓަކައި ނުކުރެވޭނެއެވެ. އޭނާ އެ ޢިލްމު އުނގެނެން ވާނީ ހަމައެކަނި ﷲ ގެ ވަޖްހު­ފުޅު އަދައި­ގެން­ނެވެ. އަދި އޭގެ ސަބަބުން އޭނާއަށް މުދަލެއް ލިބިއްޖެ ނަމަ އެއީ އޭނާގެ ޢަމަލާ ތަބާ­ވެގެން އޭގެ ފަހުން އައި ކަމެކެވެ. އޭނާ ޢިލްމު ހޯދުމުގައި އޭނާގެ ޤަޞްދަކަށް ވީ އެކަމެއް ނޫނެވެ.

ދެން އެއަށްފަހު ތިންވަނަ މީހަކީ: އެ މީހަކު ހެޔޮގޮތުގައި ހޭދަކުރަން ﷲ އޭނާއަށް މުދާ­ވެރިކަން ދެއްވި މީހެކެވެ. ދެން އޭނާ އެ ފަދައިން އެ މުދާ ހެޔޮކަން­ކަމަށް ހޭދަ­ކުރިއެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ﷲ ގެ މަގުގައި މުދާ ހޭދަ­ކުރުމަކީ އެންމެ ހެޔޮ­ވެގެންވާ ޢަމަލުތަކުގެ ތެރެއިން ޢަމަލެވެ.

ރަސޫލާ ޙަދީޘް­ކުރެއްވިއެވެ.

…وَرَجُلٌ وَسَّعَ اللهُ عَلَيْهِ وَأَعْطَاهُ مِنْ أَصْنَافِ الْمَالِ كُلِّهِ، فَأُتِيَ بِهِ فَعَرَّفَهُ نِعَمَهُ فَعَرَفَهَا، فَقَالَ: مَا عَمِلْتَ فِيهَا؟ قَالَ: مَا تَرَكْتُ مِنْ سَبِيلٍ تُحِبُّ أَنْ يُنْفَقَ فِيهَا إِلَّا أَنْفَقْتُ فِيهَا لَكَ. قَالَ: كَذَبْتَ، وَلَكِنَّكَ فَعَلْتَ لِيُقَالَ: هُوَ جَادٌّ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ.

މާނައީ: ”އަދި ﷲ އެ މީހަކަށް ރިޒްޤު ތަނަވަސް­ކުރައްވައި، މުދަލުގެ ހުރިހައި ބާވަ­ތަކުން ދެއްވި މީހެކެވެ. ދެން އޭނާ ގެނެވި، އޭނަށް ދެއްވި ނިޢުމަތްތައް އޭނާއަށް ކިޔައި­ދެވޭނެތެވެ. ދެން އޭނާ އެ ނިޢުމަތް­ތައް ދަނެ އެއަށް އިޢުތިރާފު­ވާނެތެވެ. ދެން އޭނާއަށް އަންގަވާ­ނެތެވެ. ކަލޭ އެ ނިޢުމަތް­ތަކުން ކުރީ ކީއް­ހެއްޔެވެ؟ ދަންނަވާނެއެވެ. އެ މަގެއްގައި މުދާ ހޭދަ­ކުރުމަށް އިބަ ﷲ ލޯބި­ވެވޮޑިގަންނަވާ މަގު­ތަކުން އެއްވެސް މަގެއްގައި އިބަ ﷲ އަށް­ޓަކައި މިއަޅާ މުދާ ހޭދަ­ކޮށްފައި ނޫނީ ދޫކޮށެއް­­ނުލަމުއެވެ. ދެން ﷲ އަންގަވާނެއެވެ. ކަލޭ ތިޔަހެދީ ދޮގެކެވެ. އެކަމަކު ކަލޭ މުދާ ހޭދަ­ކުރީ، ދީލަތި މީހެކޭ ބުނުވުމަށް­­ޓަކައެވެ. ފަހެ އެފަދައިން ބުނެވިދިޔައެވެ. ދެން އޭނަޔާ މެދު އަމުރު­ފުޅު ކުރެއްވޭނެތެވެ. ދެން އޭނާގެ މޫނުވަތަށް ދަމާފައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެތެވެ.

އައްޝައިޚް ޞާލިޙް ބިން ފައުޒާން އަލްފައުޒާން ވިދާޅުވިއެވެ.

ފަހެ މި ފަދަ ބޮޑެތި ޢަމަލުތައް ބޭކާރުވެ، އެ ޢަމަލުތައް ކުރި މީހުންގެ ނިޔަތާއި ނުބައި ޤަޞްދާ ހެދި އެ މީހުންނަށް ޤިޔާމަތްދުވަހު ބީވެގެން ދާނަމަ އެނޫން ޢަމަލުތައް މި ފަދައިން ބޭކާރު­ވެގެން ދިޔުން މާ އައުލާކަން ބޮޑެވެ. މި ޙަދީޘަކީ ކޮންމެ މީހަކު ވެސް ނަމާދު ކުރުމާއި، ރޯދަ ހިފުމާއި، ޙައްޖާއި ޢުމްރާ ކުރުމާއި، ޞަދަޤާތް ކުރުމާއި، ޢިލްމު އުނގެނުމާއި، އުނގަންނައި­ ދިނު­މާއި، ހެޔޮ ކަން­ކަމަށް އަމުރު­ކޮށް ނުބައި ކަންކަން ހުއްޓުވައި މަނާ­ކުރުމާއި، ﷲ ގެ މަގަށް ދަޢުވަތު ދިނުމާއި، މިހެން ގޮސް ކޮންމެ ހެޔޮ ޢަމަލެއް ކުރާ ހިނދު ވެސް ﷲ އަށް ނިޔަތް ޚާލިޞްކުރަން ބާރުއަޅާ ޙަދީޘެކެވެ. އެހެން­ކަމުން ކޮންމެ މީހަކަށް ވެސް އޮތީ ތިމާ ހެޔޮ ޢަމަލެއް ކުރާ­ނަމަ އެ ކަން ﷲ އަށް ޚާލިޞް­ކޮށް، އަބަދު ވެސް ތިމާގެ ނިޔަތާ މެދު ފާރަ­ވެރިވެ ހުރުމެވެ. އަދި ތިމާގެ ކިބައިން ދެއްކުން­ތެރިކަން ދުރަށްލައި ފޭކުރުމެވެ. އެހެނީ ދެއްކުން­ތެރި­ކަމާއި، މީހުންގެ ސަނާއާއި ހެޔޮ ބަސްތައް ލިބުމަށް ލޯބި ކުރުމަކީ އިންސާނަކަށް ވިއްޔާ ދިމާވާނޭ ކަން­ކަމެވެ. އެކަމަކު އޭނާއަށް ވާޖިބު­ވެގެން ވަނީ މިފަދަ ޤަސްދެއް ކުއްލިއަކަށް އޭނާގެ ހިތަށް އައިސްފި­ނަމަ އެކަމެއް ތިމާގެ ކިބައިން ފޭކޮށް ﷲ އަށް ތިމާގެ ނިޔަތް ޚާލިޞް­ކުރުމެވެ.

ޙަދީޘް ރިވާ­ކުރެއްވީ: މުސްލިމްގެ ޞަޙީޙުގައި.

މަޞްދަރު: އަލްމިންޙަތުއްރައްބާނިއްޔާ ފީ ޝަރްޙިލް އަރްބަޢީނަ އައްނަޥަޥިއްޔާ. އައްޝައިޚް ޞާލިޙް އަލްފައުޒާން.