ޤުދްސަކީ އެއް އިރެއްގައި ވެސް ޔަހޫދީންނަށް ތާރީޚެއް އޮތް، ނުވަތަ އެއުރެންގެ ވަޠަނެއް ކަމުގައި ވީ ތަނެއް ނޫނެވެ.
މީހަކު ސުވާލު ކޮށްފާނެތެވެ: ޔަހޫދީން ޤުދްސު ޝަހަރަށް ނުވަދޭ ހެއްޔެވެ؟ އަދި އެތައް ޒަމާނަކަށް އެތަނުގައި އެއުރެންގެ ރަސްކަމެއް ޤާއިމް ނުކުރޭ ހެއްޔެވެ؟
މި ސުވާލުގެ ތާރީޚީ ޖަވާބަކީ މިއީއެވެ:
އާނއެކެވެ. ބަނޫ އިސްރާއީލް ބާގައިގެ މީހުން ޤުދުސަށް ވަނެވެ. އަދި އެތަނުގައި އެއުރެންގެ ރަސްކަމެއް ވެސް ޤާއިމް ކުރިއެވެ. އެއީ ދާވޫދުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ސުލައިމާނުގެފާނު -- ގެ ދުވަސްވަރުގައެވެ. މި އިސްރާއީލީ ރަސްކަން ޤުދްސުގައި 70 އަހަރަށް ދެމިގެން ދިޔައެވެ. އާނއެކެވެ. ޤުދުސުގެ ވެރިކަމުގައި ޔަހޫދީން ހޭދަކުރި ޢުމުރަކީ 70 އަހަރެވެ. އެއަށްވުރެ މަދެއް ވެސް ގިނައެއް ވެސް ނުވެއެވެ. އެ ޝަހަރުގައި މި އަހަރުތައް ފިޔަވައި އެވެރިންނަކަށް ބާރުވެރިކަމެއް ލިބިފައި ނުވެއެވެ. އެއީ ޤުދްސު ޝަހަރުގެ ތާރީޚަށް ބަލާއިރު ނުހަނު ކުރު މުއްދަތެކެވެ. ޤުދްސުގެ ތާރީޚަކީ މިޞްރުގެ ތާރީޚާ ވާދަކުރާހައި ދިގު ތާރީޚެކެވެ. އެއީ ދުނިޔޭގެ އެންމެ ޤަދީމީ ރަށެވެ.
ޤުދްސުގެ ތާރީޚު އެކުލެވިގެން ވަނީ އެތައް މަރުޙަލާތަކެއްގެ މައްޗަށެވެ. އެއިން ކޮންމެ މަރުޙަލާއަކީ އެތައް ސަތޭކަ އަހަރެއް ވަންދެން ދެމިގެންދިޔަ މަރުޙަލާއެކެވެ.
ޤުދްސުގެ ފުރަތަމަ ޢަރަބި މަރުޙަލާ —ތާރީޚުގެ އަލިވިލުނީއްސުރެ އެތަނުގެ އަޞްލުތަކާއި މޫތަކަކީ ޢަރަބި އެއްޗެކެވެ—
ފުރަތަމަ ޢަރަބި މަރުޙަލާއަކީ: ކަންޢާނުގެ ޢަރަބި ޤަބީލާތައް އެ ތަނަށް އައިސް ފިލަސްޠީނުގައި ވަޒަންވެރިވެ، އެ ބިމުގައި ދަނޑުވެރިކަން ކޮށް، އެތަނުގައި ރަށްތައް (ވިލެޖުތައް) ބިނާކުރި މަރުޙަލާއެވެ. މިއީ ދެ ހާހެއްހައި އަހަރަށް ދެމިގެން ދިޔަ ދިގު މަރުޙަލާއެކެވެ.
އެއަށްފަހު އެއްބަޔަކަށްފަހު އަނެއްބަޔަކު އަންނަނިވި ގޮތުގައި ވިއެވެ. ފަލަސްޠީނުގައި ވެރިކަންކޮށް އެތަނުގައި ޤާއިމް ވެގަތުމަށް އެތަކެއް އުއްމަތްތަކެއްގެ މީހުން ވަނީ ހަނގުރާމަ ކޮށްފައެވެ. އެއީ އާޝޫރީންނާއި، ބާބިލީންނާއި، ފާރިސީންނާއި، މިޞްރު މީހުންނާއި، ޔޫނާނާއި، ރޯމަނުންނެވެ. މިއިން ކޮންމެ ބަޔަކު ވެސް ބަނޫ އިސްރާއީލު އެ ޝަހަރުގައި ހޭދަކުރި 70 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެތަނުގައި ޤާއިމްވެގެން ތިބޫއެވެ. ނަމަވެސް މިއިން އެއްވެސް އުންމަތެއްގެ މީހުން، ޤުދްސާއި، މުޅި ފަލަސްޠީނުގެ ބިމުގައި އެމީހުންނަށް ތާރީޚީ ޙައްޤެއް ވާ ކަމަށް، މިއަދު ޔަހޫދީން ދަޢުވާ ކުރާ ފަދައިން، ދައުވާކޮށެއް ނޫޅެއެވެ.
މިދެންނެވި 70 އަހަރު ފެށިގެން ދިޔައީ މީލާދީ ސަނަތުގެ ހާހަކާއި ފަންސާހެއްހައި އަހަރު ކުރިން (1050މކ.) ނަބިއްޔާ ދާވޫދު -- އެ ރަށަށް ވަދެވަޑައިގަތުމުންނެވެ. އެހެނަސް އެކަލޭގެފާނު އެތަނުގައި އަޅުކަން ކުރާ ތަނެއް ބިނާއެއް ނުކުރައްވައެވެ. ޤުދުސްގައި ހައިކަލެއް ބިނާ ނުކުރައްވައެވެ. އަލްޢަހްދުލް ޤަދީމް (އޯލްޑް ޓެސްޓަމަންޓް) ގެ ސިފްރު [އަޚްބާރި]ލް އައްޔާމިލް އުވަލް (Chronicles) ގައި ވަނީ އަންނަނިވި ފަދައިންނެވެ.
ދާވޫދުގެފާނު ސުލައިމާނުގެފާނަށް ވިދާޅުވިއެވެ. ދަރިފުޅާއެވެ. އަހުރެންގެ އިލާހުވަންތަ ރައްބުގެ އިސްމުފުޅަށް ޓަކައި ގެއެއް ބިނާ ކުރުމުގެ ޚިޔާލު އަހުރެންގެ ހިތުގައި ވެއްޖެއެވެ. ފަހެ، ރައްބުގެ ކަލާމްފުޅު އަހުރެންނަށް މިފަދައިން އަތުވެއްޖެއެވެ: ކަލޭގެފާނު ވަނީ ގިނަ ލޭތަކެއް އޮހޮރުއްވާފައެވެ. އަދި އެތަކެއް ބޮޑެތި ހަނގުރާމަތަކެއް ކުރައްވާފައެވެ. ފަހެ ކަލޭގެފާނު ތިމަންއިލާހުގެ އިސްމުފުޅުން ގެއެއް ބިނާ ނުކުރައްވާހުށިކަމެވެ. އެހެނީ ކަލޭގެފާނު ތިމަންއިލާހުގެ ކުރިފުޅުމަތީގައި ބިންމަތީގައި އެތައް ލެޔެއް އޮހޮރުއްވައިފީމުއެވެ. އެކަން ކުރައްވާހުށީ ކަލޭގެފާނަށް އުފަންވާ ސުލައިމާނު ނަމަކަށް ކިޔާ ދަރިކަލުންނެވެ. ތިމަންރަސްކަލާނގެ އިސްމުފުޅަށްޓަކައި ގެއެއް ބިނާކުރައްވާހުށީ އެކަލޭގެފާނެވެ.
[ 22:7]
އެއަށްފަހު ޖަމަލުގެ އިސްތަށިން ހަދާފައިވާ ފޭލިގެކޮޅެއްގައި ދާވުގެފާނު ނަމާދުފުޅު ކުރައްވަމުން ގެންދެވިއެވެ. އަދި ސުލައިމާނު ބިން ދާވޫދު -- މަޢުބަދު (އަޅުކަންކުރާ ތަން) ބިނާ ކުރެއްވިއެވެ. އެއީ ރަސްކަމުގެ ގަނޑުވަރުފުޅާ އިންވާ ގޮތަށް ބިނާކުރެއްވި ކުޑަ މަޢުބަދެކެވެ. އެތަނުގެ ދޮރުކޮޅު ކަނޑުއްވާފައި ވަނީ ގަނޑުވަރުފުޅާ ވީ ފަރާތުންނެވެ. އެއީ ސުލައިމާން -- އާއި އެކަލޭގެފާނުގެ އަރިހުގައި އުޅުއްވި ބޭފުޅުންނާއި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ޚާއްޞަވެގެން ވީ ތަނެކެވެ.
މި މަޢުބަދަށް އެވެރިން ކިޔަނީ ފުރަތަމަ ހައިކަލްގެ ނަމުންނެވެ. މި މަޢުބަދު މާ ގިނަ ދުވަހަކަށް ދެމިގެން ނުދިޔައެވެ. ސަބަބަކީ، ދާވޫދުގެފާނާއި، ސުލައިމާނުގެފާނުގެ ދަރިދަރިކަލުންގެ މެދުގައި ހިނގަމުން ދިޔަ ދެބަސްވުންތަކާއި، އަރާރުންތަކެވެ. އެއުރެން ގުދުސްއާއި ފަލަސްޠީނުގައި މާގިނަ ދުވަހެއް ވަންދެން ވެރިކަން ނުކުރެއެވެ. އެއްކޮޅުން މިޞްރުމީހުން އެތަނަށް އަރައިގަތެވެ. އަދި އަނެއްކޮޅުން އާޝޫރީން އެތަނަށް އަރައިގަތެވެ. އަދި މުޅި ހިސާބުގަނޑު ހަނގުރާމައިގެ ސަރަޙައްދަކަށްވެ، ރަށްތައް ޚަރާބުވެ، މީހުން ވިއްސިވިހާލިވެގެން ދިޔައީއެވެ.
ބާބިލީން ގުދުސްއަށް އަރައިގަތުން
ދެން އިރުމަތީ ފަރާތުން ބޮޑު ބާރެއް ފާޅުވިއެވެ. އެއީ ބާބިލީންނެވެ. މީލާދީ ސަނަތުގެ 587 ކުރިން އެބައިމީހުން ޤުދްސަށް ހަމަލާދިނެވެ. ބާބިލުގެ ރަސްގެފާނު ނަބޫޚަޛްނައްޞަރު (Nebuchadnezzar) އެރަށަށް ވަދެ، ހައިކަލް އަންދައި، އެތަނުގެ ތަނބުތައް މުގުރައި، ފާރުތައް ތަޅައިލިއެވެ. އަދި ބޮޑެތި ފިރިހެނުންނާއި ޒުވާން ކުދިންގެ ތެރެއިން ވެސް ހަތިޔާރު އުފުލުމުގެ ކުޅަދާނަކަން ލިބިފައިވީ މީހުންނާއި، އެމީހެއްގެ މަސައްކަތްތެރިކަމާއި ފަންނުވެރިކަމުގައި ހުނަރުވެރި އެންމެހާ މީހުން އަސީރުކޮށް، އޭނާގެ ރަށަށް ގެންދިޔައެވެ. އެއަށްފަހު އޫރްޝަލީމަކީ ބާބިލުގެ ވެރިކަމުގެ ދަށުގައިވީ ވީރާނާވެފައިވާ ރަށެއްގެ ގޮތުގައި ޒަމާންތަކަކަށް ދެމިއޮތެވެ.
އޫރްޝަލީމްގައި ފާރިސީންގެ އިޙްތިލާލު
ދެން ފާރިސީންނާއި އެބައިމީހުންގެ ރަސްގެފާނު ޤޫރަޝް (Cyrus) ގެ ބާރު ފާޅުވެގެން ދިޔައެވެ. އޭނާ އޫރްޝަލީމަށް ހަމަލާ ދިނެވެ. އަދި، ބާބިލުންގެ ކިބައި ބަދަލު ހިފުމަށްޓަކައި، އެތަންމިތަނުން ޔަހޫދީން ވެސް އޭނާއާ ބައިވެރިވިއެވެ. ފަހެ، އޭނާ އެ ޔަހޫދިންނަށް އޫރްޝަލީމަށް އެނބުރިއައުމަށް ހުއްދަދީ، އެއުރެންނަށްޓަކައި އަޅުކަންކުރާ ތަނެއް ބިނާކުރިއެވެ. ދެވަނަ ހައިކަލޭ ކިޔާ ތަނަކީ މިއީއެވެ.
އޫރްޝަލީމްގައި ރޯމަނުންގެ ވެރިކަން
ފުރަތަމަ ހައިކަލް އަންދާލައި ހަލާކުކޮށްލެވުނު ފަދައިން، ދެވަނަ ހައިކަލް ވެސް އަންދައި ހަލާކުކޮށްލެވުނެވެ. އެއީ ގްރީކުމީހުން އައިސް އޫރްޝަލީމްގައި ވެރިކަން ކުރި ދުވަސްވަރުއެވެ.
ފުރަތަމަ އައީ އަލްއިސްކަންދަރު އަލްމަޤްދޫނީ (Alexander of Macedon) އެވެ. އޭނާއަކީ އަރިސްޠޫ (Aristotle) އާއި ގްރީކް ފަލްސަފާވެރިންގެ ގާތުން ތަރުބިއްޔަތުވީ ޒުވާނެކެވެ. އިރުމަތީގެ ޤައުމުތަކުގައި ޔޫނާނުގެ (ގްރީކްގެ) ޙަޟާރަތު ފެތުރުމުގެ ހުވަފެން އޭނާ ދެކެމުން ދިޔައެވެ. އެހެންކަމުން އޭނާ ފަތަޙަކުރި ރަށްތަކުން ކޮންމެވެސް ވަރެއްގެ ތަރުޙީބެއް ލިބުނެވެ. މިޞްރަށް އައުމުން ވެސް މިފަދައިން ކަންތައް ހިނގިއެވެ. އޭނާގެ ލަޝްކަރު ގުދުސްއަށް އައުމުން ވެސް ކަންތައްވީ މިފަދައިންނެވެ. ޔަހޫދީންގެ ޙަބްރުން އޭނާގެ އިންތިޒާރުގައި މަރުޙަބާ ކިޔަމުން ބައްދަލުކުރިއެވެ. އެކަމުގައި އެއުރެން އިސްރާފު ކުރަމުން ގޮސް އެއަހަރު ޔަހޫދީންގެ ތެރެއިން އުފަންވާ ކުދިންނަށް އިސްކަންދަރުގެ ނަމުން ނަންދިނުމަށް އިޢުލާނުކުރިއެވެ.
ޔޫނާނީންނާއި ޔަހޫދީންގެ މެދުގައި އޮތް އެކުވެރިކަން މާގިނަ ދުވަހަކަށް ދެމިގެން ނުދިޔައެވެ. އިސްކަންދަރުގެ ފަހުން އައި ރަސްކަލަކު ޔަހޫދީން ނިކަމެތިކޮށްލިއެވެ. ހައިކަލް ތަޅާލިއެވެ. އޭގެ ބަދަލުގައި ގްރީކު ކަލާނގެތަކުގެ ތެރެއިން ބޮޑު ކަލާނގެ ބުދެއް އެތަނުކައި ބެހެއްޓިއެވެ. އަދި މި ފައްޅީގައި އޫރު ކަތިލަން އަމުރުކުރިއެވެ. އަދި ޔަހޫދީންނަށް ޚިތާނުކުރުން މަނާކޮށް، ހޮނިހިރު ދުވަހު މަސައްކަތް ކުރުމަށް މަޖުބޫރުކުރިއެވެ. އޭނާގެ އަމުރާ ޚިލާފުވުމުގެ އަދަބަކީ މަރެވެ.
ރޯމަނުން ޤުދްސަށް ވަދެއްޖައުމަށް ދާންދެން ވެސް ކަންތައް އޮތީ މިހެންނެވެ. އެއީ މީލާދީ ސަނަތުގެ 63 އަހަރު ކުރިންނެވެ. މީގެ ކުރިން ޔޫނާނަށް މަރުޙަބާކީ ފަދައިން ރޯމަނުންނަށް ވެސް ޔަހޫދީން މަރުޙަބާ ކިއެވެ.
ރޯމަނުގެ އެމްޕެރަރ ހީރޯޑު ބޮޑު ފައްޅިއެއް ބިނާކުރިއެވެ. އެމީހުން އެތަނަށް ކިޔަނީ ތިންވަނަ ހައިކަލް އެވެ. އެތަނުގެ ބައެއް ބައިތަކަށް ވަނުމުގެ ހުއްދަ ޔަހޫދީންނަށް އޮތްނަމަވެސް އެއީ ޔަހޫދީ ފައްޅިއެއް ނޫނެވެ. އެ ފައްޅި ބިނާކުރެވުނީ ރޯމަން ވައްޓަފާޅިއަށެވެ. ވިއްސަކަށް އޭކަރުގެ ބޮޑު ސަރަޙައްދެއްގައެވެ. އެތަނުގައި އޮލިމްޕިކް ކުޅިވަރުތަކާއި މުބާރާތްތަކާއި، މެހެމާނުންގެ ޝަރަފުގައި ރޭގަނޑުގެ ޙަފްލާތައް ވެސް ބާއްވަމުން ގެންދިޔައެވެ.
އެއަށްފަހުގައި ޔަހޫދީންނާއި ރޯމަނުންގެ މެދުގައި އޮތް ގުޅުން އިތުރަށް ގޯސްވެގެން ދިޔައެވެ. ރޯމް ޝަހަރު އަނދައިގެން ދިޔަ ފަދައިން އޫރްޝަލީމް އަންދާލުމަށް ރޯމަން އެމްޕެރަރ ނީރޯ އަމުރުކުރިއެވެ. ރޯމަނުގެ ކޮމާންޑަރުންގެ ތެރެއިން މީހަކު އެކަން ތަންފީޒުކޮށް، އެރަށުގައި ހުޅުޖެހިއެވެ. މަހެއްހައި ދުވަސް ވަންދެން ރަށް އަނދަމުން ދިޔައެވެ. އަދި އޭނާ އެ ހައިކަލް —އެއީ ޔަހުދީ ހައިކަލެއް ނޫނެވެ. އެއީ ވަޘަނީ ރޯމަން ފައްޅިއެކެވެ.— ތަޅާލުމަށް އަމުރުކުރިއެވެ. ފަހެ، އެތާނގައި އެންމެ ފާރެއް މެނުވީ ބާކީއެއް ނެތެވެ. އެ ފާރަށް ޙާއިޠުލް މަބްކާއޭ ނުވަތަ ރުއިމުގެ ފާރޭ އެމީހުން ކިޔައެވެ. އޭނާގެ ލަޝްކަރު އެރަށުން އަތުޖެހުނު ހުރިހައި ޔަހޫދީން ގަތުލުކުރިއެވެ. އެއީ މީލާދީން 70 ވަނަ އަހަރުގައެވެ.
ރޯމަނުންގެ އެމްޕެރަރ އޫރްޝަލީމް (ޖެރޫސަލަމް) ގެ ނަން އުވާލައި، އެ ޝަހަރަށް އާ ނަމެއް ދިނެވެ. އެރަށަށް އީލިޔާ ކެޕިޓޮލީނާ (Aelia Capitolina) މި ނަން ދިނެވެ. މީލާދީން 636 ވަނަ އަހަރު މުސްލިމުން އެރަށަށް ވަނުމާ ހަމައަށް ވެސް ކިޔާފައި ވަނީ މި ނަމެވެ. އެހެންކަމުން ޢުމަރުގެފާނުގެ ޢަހުދުކަށަވަރުގައި އެއީ ”އީލިޔާގެ އަހުލުވެރިންނަށް“ ދެވޭ އަމާންކަމުގެ އެއްބަސްވުމެއްކަމަށް ލިޔުއްވާފައި ވެއެވެ. އެއީ އޭރު އެ ޝަހަރަށް ކިޔަމުން އައި ނަމެވެ.
މިއީ ގުދުސްގެ ތާރީޚާ މެދު، ނުވަތަ ޔަހޫދީން ގުދުސްއާ އޮތް ގުޅުމާ މެދު އެއްލާލި އަވަސް ކަޅިއެކެވެ. މިއިން ބަޔާންވެގެން ދަނީ، ޔަހޫދީ އެންމެ ފަހު މަޢުބަދަކީ، ނުވަތަ އެއަށްވުރެ ސީދާ އިބާރާތަކުން ދަންނަވާނަމަ: ޔަހޫދީންނަށް އެތަށް ވަނުމުގެ ހުއްދަ ލިބިފައިވީ އެންމެ ފަހުގެ މަޢުބަދަކީ ރޯމަން ވަޘަނީ ފައްޅިއެއް ކަމެވެ. އެތަނަށް ވަދެ، އެތަނުގެ ބައެއް ބައިތަކުގައި އެބައިމީހުންގެ އަޅުކަންތަކާއި ޝިޢާރުތަކަށް ހުއްދަ ދީފަވާ ތަނަކީ އެމީހުން އެކިޔާ ތިންވަނަ ހައިކަލެވެ. އެއީ މީލާދީން 70 ވަނަ އަހަރުގައި، މުސްލިމުން ޤުދުސް ފަތަޙަކުރުމުގެ ފަސް ޤަރުނާއި ބައި ކުރިން ރޯމަނުން އަންދައި ތަޅައި ސުންނާފަތިކޮށް ލޫޓުވާފައިވާ ފައްޅިއެވެ.
މުސްލިމުން ޤުދްސު ޝަހަރަށް ވަނުން، އަދި ޔަހޫދީ ހައިކަލުގެ ދޮގު ވާހަކަ
މުސްލިމުން ޤުދްސަށް ވަނުމުން ޢުމަރު ބުނުލް ޚައްޠާބު -- އެ ޝަހަރުގެ އުސްޤުފު (އާޗްބިޝޮޕް) ސޮފްރީނިޔަސްއާ އެކު ވަޑައިގެން ޝަހަރުގެ މުހިންމު ތަންތަން ބައްލަވައިލެއްވިއެވެ. އޭރު އެ ޝަހަރުގައި ޔަހޫދީ އަޅުކަންކުރާ އެންމެ މަޢުބަދެއް ވެސް ނުވަތަ ހައިކަލެއް ވެސް ނުވެއެވެ. އެ ތަންތަން ވީ އޭގެ އެތައް ޤަރުނުތަކެއް ކުރިން ވީރާނާވެ ނެތިގޮސްފައެވެ.
އެނގިގެންވާ ގޮތުގައި، ޢުމަރު ރަޟިޔަالله ޢަންހު އިސްވެހުންނަވައި، ޞަޙާބީން ވަނީ އެރަށުގައި ހުރި ނަޞާރާއިންގެ ފައްޅިތައް ހުރިގޮތަށް ބެހެއްޓުމަށް ނަޞާރާއިންނާ އިޤްރާރު ވެވަޑައިގެންފައެވެ. އެއިން ތަނަކަށް ގެއްލުމެއް ނުދެއްވައެވެ. ހަލާކެއް ނުކުރައްވައެވެ. އައި އެއިން ތަނެއްގަ މައްޗަށް ވެރިވެވަޑައެއް ނުގަންނަވައެވެ.
މުސްލިމުން ޤުދްސު ފަތަޙަކޮށް، ޢުމަރު އިބްނުލް ޚައްޠާބު -رَضِيَ اللهُ تَبَارَكَ وَتَعَالَى عَلَيْهِ- އެ ރަށަށް ވަދެވަޑައިގެންނެވިހިނދު، އެތަނުގައި ޔަހޫދީންގެ އަޅުކަންކުރާ ތަނެއް ހުރިނަމަ، އެތަނެއް ހުރިގޮތަށް ބެހެއްޓެވީހެވެ. އެހެނެއްކަމަކު އޭރު އެފަދަ އެއްވެސް ތަނެއް ނެތެވެ.
ކަން މިހެން އޮތަސް، އެއުރެން ދަޢުވާކުރަނީ އެއުރެންނަށް އެރަށަށް ތާރީޚީ ޙައްޤެއް ވާކަމަށެވެ. އަދި އެރަށުގެ އަހުލުވެރީންނަށްވުރެ އެއުރެންގެ ޙައްޤުކަން ބޮޑު ކަމަށެވެ. އެ ރަށަކީ އެއުރެންނަށް ޚާއްޞަވެގެންވާ މިލްކެއް ކަމަށެވެ. އެރަށް ހޯދުމަށް ހަނގުރާމަކޮށް އުޅެނީ އެމީހުން ދަޢުވާ ކުރާ ގޮތުން އެއީ އެއުރެންގެ ވެރިރަސްކަލާނގެ ވަޢުދުވެވޮޑިގެންވާ ބިމަކަށް ވާތީއެވެ. މި ދަޢުވާތަކުގައި އެއުރެންނީ ދޮގުވެރީންނެވެ. އެމީހުންގެ ޒަޔަނިސްޓް ޓެރަރިޒަމް އޭގެ މައްޗަށް ބިނާވެފައިވާ ޢަޤީދާއަކީ މުސްލިމުން އެއަށް ސަމާލުކަން ދޭ އެއްޗެއް ނޫނެވެ.