އައްޝައިޚް އަލްޢައްލާމާ އަބޫ ޢަބްދިﷲ ޢަބްދުއްރަޙްމާން ބިން ނާޞިރު ބިން ޢަބްދުﷲ އައްސިޢްދީ (1307–1376ހ. / 1889–1956މ.) އަކީ ސަޢޫދީ ޢަރަބިއްޔާގެ ޤަޞީމަށް ނިސްބަތްވާ ޢިލްމުވެރިއެކެވެ. މުފައްސިރެކެވެ. އިބްނު ސިޢުދީގެ ނަމުން ވެސް މަޝްހޫރުވެފައި ވެއެވެ.
ނަސަބު އަދި އުފަންވުން
އުފަންވެފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ޤަޞީމްގެ ޢުނައިޒާގައި ހިޖުރައިން 1307 ވަނަ އަހަރު މުޙައްރަމް 12 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1889 ވަނަ އަހަރުއެވެ.
ތުއްޕުޅުއިރު
ޔަތީމެއްގެ ގޮތުގައި ބޮޑުފުޅުވި ނަމަވެސް، ރަނގަޅު ތަރުބިއްޔަތެއް ލިބިވަޑައިގަތެވެ. އޭނާގެ ކިބައިން ފާހަގަވެގެން ދިޔައީ ވިސްނުންފުޅުތޫނުކަމާއި ޢިލްމު އުނގެނިވަޑައިގަތުމަށް ހުރި ޝައުޤުފުޅުގެ ބޮޑުކަމެވެ. 11 އަހަރުގައި ޤުރުއާން ހިތުދަސްކުރެއްވިއެވެ. އެއަށްފަހު ޢުނައިޒާގެ އަދި ބޭރުން އައި ޢިލްމުވެރިންގެ އަރިހުން ޢިލްމު އުނގެނުނެވެ. އެގޮތުން ޢިލްމުގެ ހުރިހާ ދާއިރާއަކުން ވަށައިޖެހޭ ޢިލްމެއް ޙާޞިލުކުރިއެވެ.
ތަދްރީސް
23 އަހަރުގައި ކިޔަވައިދެއްވަން ފެއްޓެވިއެވެ. އުނގެނުމާއި އުނގަންނައިދިނުމުގައި ދެމިހުރިއެވެ. އޭނާގެ އެންމެ މަޝްހޫރު ދަރިވަރުންގެ ތެރޭގައި ޝައިޚް މުޙައްމަދު ބިން ޞާލިޙް އަލްޢުޘައިމީން ރަޙިމަހުﷲ ހިމެނެއެ
ޢިލްމާއި މަޛްހަބު
އައްޝައިޚް އައްސިޢުދީ ފާހަގަވެގެން ދިޔައީ ފިޤްހުގެ އުޞޫލުތަކާއި ފުރޫޢުތަކުގެ ފުރިހަމަ މަޢުރިފާއިންނެވެ. އަދި އޭގެ އިތުރުން ތަފްސީރުގެ ޢިލްމުގައި އިސްވެގެންވާ މަޤާމެއް ލިބިވަޑައިގެންނެވިއެވެ.
ފޮތްތަކެއް ލިޔުއްވިއެވެ. އޭގެރެތޭގައި:
- ”ތައިސީރުލް ކަރީމިއް ރަޙްމާން“ ކިޔު ތަފސީރު ފޮތް
- ”އަލްޤަވާޢިދުލް ޙިސާން ލިތަފްސީރިލް ޤުރްއާން“
- ”އަލްޤައުލުއް ސަދީދު ފީ މަޤާޞިދިއް ތައުޙީދު“
- ”ތައިސީރުއް ލަޠީފިލް މައްނާން ފީ ޚުލާޞަތި ތަފްސީރިލް ޤުރްއާން“
ފޮތްތައް ލިޔުއްވުމުގެ މައިގަނޑު މަޤްޞަދަކަށްވީ ޢިލްމު ފެތުރުމާއި ޙައްޤަށް ދަޢުވަތު ދިނުމެވެ. އެހެންކަމުން އެ ފޮތްތައް ހިލޭ ބަހައިދެއްވިއެވެ.
ޢުނައިޒާގައި ޤައުމީ ލައިބްރަރީއެއް ޤާއިމުކުރެއްވިއެވެ.
ޤާޟީކަމަށް ހޮވުނު ނަމަވެސް، ވަރަޢަވެރިކަމުން އެކަމުން ދުރުހެލިވެވަޑައިގަތެވެ. އަދި ރަސްމީ އެއްވެސް މަޤާމެއް ނުފުރުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. އެއީ ޢިލްމަށާއި ދަރިވަރުންނަށް ވަގުތު ދެއްވުމަށްޓަކައެވެ. ޢުނައިޒާގެ މަސްޖިދުލް ކަބީރުގެ އިމާމުކަމާއި ޚަޠީބުކަން ކުރެއްވިއެވެ.
އަޚްލާޤުފުޅުގެ ކުޑަ ތަޢާރަފެއް
ﷲ އެ މަނިކުފާނަށް ރަޙްމަތް ލައްވާށިއެވެ. އެ މަނިކުފާނަކީ މަތިވެރި އަޚްލާޤެއްގެ ވެރި ބޭކަލެކެވެ. ކުޑަ ކުދިންނާއި ބޮޑެތި މީހުންނަށް، އަދި މުއްސަނދިންނާއި ފަޤީރުންގެ ކުރިމަތީގައި ވެސް ތަވާޟުޢުވެރިވެވަޑައިގަތެވެ. އަދަބުވެރިކަމާއި، ޢިއްފަތްތެރިކަމާއި، ނަޒާހަތްތެރިކަމުގެ މަތިވެރި ސިފަފުޅުތަކެއް ލިބިވަޑައިގެންފައި ވެއެވެ. އެމަނިކުފާނުގެ ހުރިހާ ކަމެއްގައި ވެސް ސާބިތުވެވަޑައިގަންނަވަވެ ހުރެއެވެ. އެ މަނިކުފާނު ވަނީ މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅަށް އުނގަންނައިދެއްވާ އަދި އެންމެ ފަސޭހައިން ވިސްނައިދެއްވާ ބޭކަލެއްގެ ގޮތުގައި ސިފަކުރެވިފައެވެ.
އެ މަނިކުފާނުގެ މަޖިލިސްތަކަކީ ޢިލްމީ ފައިދާތަކުން ފަޅުފިލާފައިވާ މަޖިލިސްތަކެކެވެ. އަބަދުވެސް އެ މަޖިލިސްތައް ފުރާލައްވަނީ ދަރުސްދެއްވުމާއި މުނާޤަޝާކުރެއްވުމުންނެވެ. އަބަދުވެސް ކީރިތި ޤުރުއާން ކިޔަވައި، ދަރިވަރުންނަށް އިރުތިޖާލީކޮށް ތަފްސީރުކޮށްދެއްވައެވެ. ޤުރުއާނުގެ މާނަތަކާއި ފައިދާތައް ބަޔާންކޮށްދެއްވައި، އޭގެ ފައިދާތަކާއި މާނަތައް އިސްތިންބާޠު ކުރައްވައެވެ. އެ މަނިކުފާނުގެ ފަޞާޙަތްތެރިކަމާއި، ބަހުގެ ފުރިހަމަކަމާއި، ދަލީލުތަކާއި ވާހަކަތައް ގެންނެވުމުގައި ތަނަވަސްކަން ހުރުމުގެ ސަބަބުން، އެ މަނިކުފާނުގެ ވާހަކަފުޅު އަޑުއަހާ މީހާ އެދެނީ އެ މަނިކުފާނު ހަނުނުހުންނެވުމަށެވެ.
އެ މަނިކުފާނާ ބައްދަލުވެ، އެ މަނިކުފާނުގެ އަރިހުން ކިޔަވައި، އެ މަނިކުފާނާއެކު ބަޙުޘްކުރާ މީހަކަށް އެ މަނިކުފާނުގެ ޢިލްމީ މަޤާމު އެނގިގެންދެއެވެ. އެ މަނިކުފާނުގެ ދަރިވަރުން އެ މަނިކުފާނުގެ ވާހަކަފުޅުތަކުން ފޫހިއެއް ނުވެއެވެ. އަދި ކިއެއްތަ، އެ މަނިކުފާނުގެ މަޖިލީހުން އަރާމު ލިބިގަނެއެވެ. އެ މަނިކުފާނުގެ ކައިރީގައި ތިބުމުގެ ލޯބީގައި، އެ މަނިކުފާނާ ވަކިވާން ބޭނުމެއް ނުވެއެވެ.
ވަފާތް
ގާތްގަނޑަކަށް 69 އަހަރު ވަންދެން ޢިލްމަށް ޚިދުމަތް ކުރެއްވުމަށްފަހު، ޝައިޚް އައްސަޢުދީ ވަފާތްވެވަޑައިގަތީ 1376 ހިޖުރީ އަހަރުގެ (1956 މީލާދީ އަހަރު) ޖުމާދަލްއާޚިރު މަހުގެ 23 ވަނަ ދުވަހުގެ ބުރާސްފަތި ދުވަހުގެ ރޭ، ފަތިސް ވަގުތު ކައިރިވެގެން ދިޔައިރުއެވެ. ﷲ އެ މަނިކުފާނަށް ރަޙްމަތް ލައްވައި، ހެޔޮކޮށް ހައްދަވައި، ޢިލްމަށާއި ޢިލްމުވެރިންނަށް ކުރެއްވި ޚިދުމަތުގެ ޖަޒާއެއްގެ ގޮތުން ގިނަގުނަ ޘަވާބު ދެއްވާށިއެވެ.
މަޞްދަރު: https://ibn-saadi.com/aboutus