ނޯޓު
މިއީ އައްޝައިޚް މުޙައްމަދުލް އަމީން އައްޝަންޤީޠީ ލިޔުއްވި ”އިސްލާމް ދީނަކީ ފުރިހަމަ ދީނެކެވެ.“ މި ފޮތުގެ ތަރުޖަމާ ގެނެސްދޭ ސިލްސިލާގެ ތިންވަނަ ބައެވެ.

ދެވަނަ މައްސަލައަކީ ވަޢުޡެވެ.

ހުރިހައި ކަމެއްގެ މައްޗަށް ﷲ ބައްލަވައި­ވޮޑިގެންވާ ކަމާއި ހުރިހައި ކަމެއް އެކަލާނގެ މޮޅަށް ދެނެ­ވޮޑިގެންވާ ކަމުގެ ވަޢުޡަށްވުރެ ބޮޑު­ވެގެންވާ ވާޢިޡެއް، އަދި އުރެދުން­ތަކުން ދުރުހެލި­ކޮށްދޭ އެއަށްވުރެ މަތި­ވެރި ޒާޖިރެއް ﷲ އުޑުން ބާވައިލައްވާފައި ނުވާ ކަމަށް ޢިލްމުވެރީން ވަނީ އިޖްމާޢު ވެވަޑައިގެންފައެވެ. އެއީ އިންސާނާގެ ވެރި ރައްބު އޭނާގެ މައްޗަށް ބައްލަވައި­ވޮޑިގެން، އޭނާ ކުރާ ކަންތަކަށް ފާރަ­ވެރިވެ­ވޮޑިގެންވާ ކަމާއި، އޭނާ ފާޅު ކުރާ ކަން­ތަކާއި ވަންހަނާ ކުރާ ކަންތައް ދެނެ­ވޮޑިގެންވާކަން އިންސާނާއަށް އެނގުމެވެ.

މި ބޮޑު­ވެގެންވާ ވަޢުޡާއި، މަތި­ވެރި­ވެގެންވާ ޒާޖިރުގެ ވާހަކައިން ޚިޔާލަށް ގެނެވޭ ކަންތައްތައް ޙިއްސުތަކާ ހަމައަށް ތިލަ­ކޮށް ސާފު ކޮށް­ދެއްވުމަށް ޓަކައި ޢިލްމުވެރީން މިސާލެއް ޖެއްސެވިއެވެ.

ލޭއޮހޮރު­ވުން ގިނަ، މީސް­ތަކުން ޤަތުލު­ކޮށް އުޅޭ، ބާރާއި ޢުޤޫބާތް ގަދަފަދަ ރަސްކަލަކު ވާކަމަށް ބަލަމާ ހިނގާށެވެ. އޭނާގެ ޖައްލާދު ހުރީ އޭނާގެ ކުރިމަތީގައެވެ. ލޭގެ ސަތަރިގަނޑެއް ވަނީ ބިންމަތީގައި ފަތުރާފައެވެ. އަދި އޭނާގެ ކަނޑީން ލޭތިކި ޖަހަމުން ދެއެވެ. އަދި މި ރަސްގެފާނުގެ ވަށައިގެން އޭނާގެ އަނބީންނާއި ދަރިދަރިކަނބަލުން ވެއެވެ. ފަހެ، އެ ރަސްގެފާނު ބަލަބަލައި ހުއްޓައި، އެތަނުގައި ޙާޟިރުވެހުރި އެކަކަށް ވެސް އޭނާގެ އަނބީންނާއި ދަރީން ކުރެ ކަނބަލަކާ މެދުގައި ޙަރާމް ކަމެއް ނުވަތަ ޝައްކެއް އުފެދޭ ވަރުގެ ކަމެއް ވެސް ކުރަން ހިތަށް ވެސް އަރައިފާނޭ ހެއްޔެވެ؟ ނޫނެކެވެ! ހަމަހިލައި އެހެންނަކުން ނުވާނެއެވެ! ﴿وَلِلَّهِ ٱلْمَثَلُ ٱلْأَعْلَىٰ ”އަދި އެންމެ މަތި­ވެރި މިޘާލު ވަނީ، ﷲއަށެވެ.“ އަދި ކިއެއް، އެންމެހައި ޙާޟިރީން ތިބޭނީ ބިރުންނެވެ. ހިތްތައް ކިޔަމަން ވެގެންނެވެ. ލޯތަށް އިސްދަށަށް ޖަހައިގެންނެވެ. އަދި ގުނަ­ވަންތައް ގުޑުވާލަން ވެސް ނުކެރިފައެވެ. އެއުރެންގެ އުންމީދުތައް ކޮޅުންލާ ހިސާބަކީ އޭނާގެ ކިބައިން ސަލާމަތްވެ­ވުމެވެ.

ޝައްކެއްނެތެވެ. –އަދި އެންމެ މަތި­ވެރި މިޘާލު ވަނީ، ﷲއަށެވެ.– ފަހެ މި ރަސްގެފާނަށްވުރެން ﷲގެ ބެއްލެ­ވުން ފުރިހަމަ­ވެފައި ޢިލްމު­ފުޅު ތަނަވަސް­ވެގެން ވެއެވެ. އަދި ޝައްކެއް ނުވާ ގޮތުގައި، އެ ރަސްގެފާނަށްވުރެ އެކަލާނގެ ޢުޤޫބާތް މަތި­ވެރި­ވެފައި، އިންތިޤާމް ގަދަފަދަ­ވެފައި، ޢަޛާބު ބިރު­ވެރި­ވެގެން ވެއެވެ.

އަދި އެކަލާނގެ ބިމުގައި އެކަލާނގެ ރައްކާ­ތެރި ކުރައްވައި ޙިމާޔަތް ކުރައްވާފައިވާ އިމަކީ އެކަލާނގެ ޙަރާމް ކުރެއްވި ކަންތައް­ތަކެވެ.

ފަހެ، ރަށެއްގެ އަހުލުވެރީން ރޭގަނޑު ކުރާހައި ކަމެއް އެ ރަށުގެ އަމީރަށް އެނގޭނެކަން އެއުރެން ދަނެފި­ނަމަ، އެއުރެން ރޭކުރާނީ އެކަމާމެދު ބިރުވެތިވާ ޙާލުގައެވެ. އަދި އޭނާ ދެކެ ބިރުން އެންމެހައި މުންކަރާތް­ތަކެއް ދޫކުށްލާނެއެވެ.

އަދި ﷲ ބަޔާން ކުރައްވާފައިވާ ގޮތުގައި އެ ޙިކުމަތަކަށް ޓަކައި ޚަލްޤު­ތަކުން ޚަލްޤު ކުރެއްވި ޙިކްމަތަކީ އެއުރެން އިމްތިޙާނު ކުރެއް­ވުމެވެ. އެއީ ﴿أَيُّهُمْ أَحْسَنُ عَمَلًا [އަލްކަހްފު 7] ”އެއުރެން ކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ“ އިމްތިޙާނު ކުރެއް­ވުމެވެ. އަދި ހޫދު ސޫރަތުގެ ކުރީ ކޮޅުގައި ވަޙީ ކުރެއްވިއެވެ. ﴿وَهُوَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ وَكَانَ عَرۡشُهُۥ عَلَى ٱلۡمَآءِ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلٗا [ހޫދު 7] ”އަދި އެކަލާނގެއީ، ހަ ދުވަހުގެ ތެރޭގައި އުޑު­ތަކާއި ބިން ހެއްދެވި ރަސް­ކަލާނގެއެވެ. އެކަލާނގެ ޢަރްޝު (އޭރު) ވަނީ ފެން މަތީގައެވެ. (އެއީ) ތިޔަބައި­މީހުންގެ ތެރެއިން، އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށެވެ.“ މި ދެ އާޔަތުގައި، ”އެންމެ ޢަމަލު ގިނައީ ކާކުތޯ“ އޭ ވަޙީ ނުކުރައްވައެވެ. އަދި މުލްކު ސޫރަތުގައި ވަޙީ­ކުރެއްވިއެވެ. ﴿ٱلَّذِي خَلَقَ ٱلۡمَوۡتَ وَٱلۡحَيَوٰةَ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلٗاۚ وَهُوَ ٱلۡعَزِيزُ ٱلۡغَفُورُ [އަލްމުލްކު 2] ”އެކަލާނގެއީ ތިޔަބައި­މީހުން ކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށް ޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސް­ކަލާނގެއެވެ. އަދި އެކަލާނގެއީ، ޢަޒީޒު­ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސް­ކަލާނގެއެވެ.“

އިސްވެދިޔަ ދެ އާޔަތުން އަންނަނިވި އާޔަތުގެ މުރާދު ބަޔާން ކޮށްދެއެވެ. ﴿وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إلا لِيَعْبُدُونِ [އައްޛާރިޔާތު 56] ”ތިމަން­ރަސް­ކަލާނގެއަށް އަޅުކަން ކުރުމަށް މެނުވީ، ތިމަން­ރަސް­ކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.“

ޚަލްޤު­ތަކުން ޚަލްޤު ކުރެއްވުމުގެ ޙިކްމަތަކީ އިސްވެ ޛިކުރުވެދިޔަ އިމްތިޙާނު ކަމުގައި ވީހިނދު، އެ އިމްތިޙާނުން ފާސްވާނެ ގޮތް މީސް­ތަކުންނަށް ބަޔާން ކޮށް­ދެއްވަން ޖިބްރީލުގެފާނު އެދި­ވަޑައިގަތެވެ. ފަހެ ނަބިއްޔާ އަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”أَخْبِرْنِي عَنِ الْإحْسَانِ“ މާނައީ: ”އިޙްސާން­ތެރި­ކަމާ ބެހޭ ގޮތުން ތިމަންކަލޭގެފާނަށް ޚަބަރު­ދެއްވާށެވެ!“ އެހެނީ އެ ކަމަކީ އެކަމަކާމެދު އިމްތިޙާނު ކުރެއްވުމަށް ޓަކައި ޚަލްޤު­ތަކުން ޚަލްޤު ކުރެއްވި ކަން­ތަކެވެ. ދެން ފަހެ މި ބޮޑު­ވެގެންވާ ޒާޖިރު، އަދި މަތި­ވެރި­ވެގެންވާ ވާޢިޡު ކަމުގައިވާ އިޙްސާން­ތެރި­ކަމުގެ މަގު، ނަބިއްޔާ ބަޔާން ކުރައްވައި ޙަދީޘް ކުރެއްވިއެވެ. ”هُوَ أَن تَعْبُدَ اللهَ كَأَنَّكَ تَرَاهُ، فَإن لَمْ تَكُنْ تَرَاهُ فَإنَّهُ يَرَاكَ.“ [متفق عليه]. މާނައީ: ”އެއީ ތިބާއަށް ﷲ ފެނިހުރެ ކުރާ ފަދައިން އެ އިލާހަށް އަޅުކަން ކުރުމެވެ. އެހެނީ ތިބާއަށް އެއިލާހު ނުފެނުނަސް އެ އިލާހު ތިބާ ދެކި­ވޮޑިގެންވެއެވެ.“

އެހެން­ކަމުން ތިބާ މުޞްޙަފުގެ ކޮންމެ ގަނޑަކަށްހެން އެއްލައިލިޔަސް މި ވާޢިޡު ތިބާއަށް ފެންނާނެތެވެ.

﴿وَلَقَدْ خَلَقْنَا الْإِنْسَانَ وَنَعْلَمُ مَا تُوَسْوسُ بِهِ نَفْسُهُ وَنَحْنُ أَقْرَبُ إِلَيهِ مِنْ حَبْلِ الْوَرِيدِ [ޤާފު 16] ”އަދި ހަމަ­ކަށަވަރުން، ތިމަންއިލާހު އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ ނަފްސު އޭނާޔަށް ވަސްވާސްދޭ ކަންތައް ތިމަންއިލާހު ދެނެ­ވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެ ވެސް ތިމަންއިލާހު އޭނާޔާ ކުއްތަންވެ­ވޮޑިގަތުން ބޮޑެވެ.“

﴿مَا يَلْفِظُ مِنْ قَوْلٍ إلا لَدَيهِ رَقِيبٌ عَتِيدٌ [ޤާފު 18] ”(ކުރާ ޢަމަލުތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި ޙާޟިރުވެ މަލާއިކަތަކު ނެތި، އޭނާއަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ.“

﴿فَلَنَقُصَّنَّ عَلَيهِمْ بِعِلْمٍ وَمَا كُنَّا غَائِبِينَ [އަލްއަޢުރާފް 7] ”އަދި (އެއުރެން ކުރި ހުރިހައި ކަމެއް) ދެނެ­ވޮޑިގެންވާ ޙާލުގައި، ހަމަ­ކަށަވަރުން، ތިމަންއިލާހު އެއުރެންނަށް ކިޔައި­ދެއްވާ ހުށީމެވެ. އަދި (އެމީހުންގެ ކަން­ކަމަށް) ޣާއިބުވެ­ވޮޑިގެންވާ ކަލަކު­ކަމުގައި ތިމަންއިލާހު ނުވެއެވެ.“

﴿وَمَا تَكُونُ فِى شَأْنٍ وَمَا تَتْلُوا۟ مِنْهُ مِن قُرْءَانٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ ۚ وَمَا يَعْزُبُ عَن رَّبِّكَ مِن مِّثْقَالِ ذَرَّةٍ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ وَلَآ أَصْغَرَ مِن ذَٰلِكَ وَلَآ أَكْبَرَ إِلَّا فِى كِتَٰبٍ مُّبِينٍ [ޔޫނުސު 61] ”ކަލޭގެފާނު ކޮންމެ ކަމެއްގައި އުޅުއްވިޔަސް، އަދި ކަލޭގެފާނު ޤުރްއާނުން ކޮންމެ އެއްޗެއް ކިޔަވައިވިދާޅުވިޔަސް، އަދި ތިޔަބައި­މީހުން ކޮންމެ ޢަމަލެއް ކުރިޔަސް، އެ ޢަމަލުގެ ތެރޭގައި ތިޔަބައި­މީހުން އުޅޭ ހިނދު، ތިޔަބައި­މީހުންގެ މައްޗަށް ތިމަން­ރަސް­ކަލާނގެ ހެކިވެ­ވޮޑިގެންވާ ކަމުގައި މެނުވީ ނުވަމެވެ. އަދި އުޑާއި، ބިމުގައިވާ ޛައްރެއްގެ މިންވަރު ވެސް، އަދި އެއަށްވުރެ ކުޑަޔަސް، އަދި އެއަށްވުރެ ބޮޑަސް، ކަލޭގެފާނުގެ ވެރިރަސް­ކަލާނގެއަށް ވަންހަނާ ވެގެނެއް ނުވެތެވެ. ބަޔާން ވެގެންވާ ފޮތެއްގައި އެތަކެތި ލިޔުއްވާފައި މެނުވީ ނުވެތެވެ.“

﴿أَلَا إِنَّهُمْ يَثْنُونَ صُدُورَهُمْ لِيَسْتَخْفُوا مِنْهُ أَلَا حِينَ يَسْتَغْشُونَ ثِيَابَهُمْ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ[ހޫދު 5] ”ދަންނާށެވެ! ހަމަ­ކަށަވަރުން، އެއުރެން، އެއުރެންގެ މޭތައް އަނެއް ފަރާތަށް އަނބުރައިލަތެވެ. (އެއީ) އެކަލާނގެއަށް ވަންހަނާވެ­ގަތުމަށެވެ. ދަންނާށެވެ! އެއުރެންގެ ފޭރާމުން އެއުރެން ފޮރުވިގެން ތިބޭ އިރު ވެސް، އެއުރެން ސިއްރުކުރާ ކަން­ތަކާއި، ފާޅުކުރާ ކަންތައް، އެކަލާނގެ ދެނެ­ވޮޑިގެންވެތެވެ. ހަމަ­ކަށަވަރުން، އެކަލާނގެއީ، ހިތް­ތަކުގައިވާހައި ކަމެއް މޮޅަށް ދެނެ­ވޮޑިގެންވާ ރަސް­ކަލާނގެއެވެ.“

މިފަދައިން ޤުރްއާނުގެ އެކި ތަންތަނުގައި ވެއެވެ.

މި ފޮތުގެ އެހެން ބައިތައް