ފުރަތަމަ މައްސަލައަކީ ތައުޙީދެވެ. މުޅި ޤުރުއާން އެކީގައި ބަލައި ފާސްކުރުމުން އެނގޭ ގޮތުގައި ތައުޙީދު ބެހެނީ ތިން ބަޔަކަށެވެ.
[1. ތައުޙީދުއްރުބޫބިއްޔާ]
ފުރަތަމައީ ﷲ ގެ ރުބޫބިއްޔަތުގައި އެކަލާނގެ އެއްކައުވަންތަ ކުރުމެވެ. ތައުޙީދުގެ މި ބާވަތަކީ ބުއްދިވެރީންގެ ފިޠުރަތުގައި ޠަބީޢީ ގޮތުން އެކުލެވިފައިވާ ބާވަތެކެވެ. ﷲ ވަޙީ ކުރެއްވިއެވެ. وَلَئِنْ سَأَلْتَهُمْ مَنْ خَلَقَهُمْ لَيَقُولُنَّ اللَّهُ [الزخرف 87] ”ހަމަކަށަވަރުން، އެއުރެން ހެއްދެވީ ކާކުތޯ، އެއުރެންނާ ކަލޭގެފާނު ސުވާލު ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. ﷲއެވެ.“
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ. قُلۡ مَن يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ أَمَّن يَمۡلِكُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَمَن يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّ وَمَن يُدَبِّرُ ٱلۡأَمۡرَۚ فَسَيَقُولُونَ ٱللَّهُۚ فَقُلۡ أَفَلَا تَتَّقُونَ [يونس 31] މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް އުޑުންނާއި، ބިމުން ރިޒްޤު ދެއްވަނީ ކާކު ހެއްޔެވެ؟ ނުވަތަ އިވުމާއި ފެނުން މިލްކުވެގެންވަނީ ކާކަށް ހެއްޔެވެ؟ އަދި މަރުވެފައިވާ ތަކެތިން، ދިރޭ ތަކެތި ނެރުއްވައި، ދިރޭ ތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކާކުހެއްޔެވެ؟ އަދި އެންމެހާ ކަންތައް ތަދުބީރު ކުރައްވަނީ ކާކުހެއްޔެވެ؟ ފަހެ، އެއުރެން ބުނާނެއެވެ. (އެއީ) ﷲއެވެ. ދެން ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) ތަޤްވާވެރި ނުވަނީހެއްޔެވެ؟“ މި މާނައިގައި އައިސްފައިވާ އާޔަތްތައް ގިނަގުނައެވެ.
ތައުޙީދުގެ މި ބަޔަށް ފިރުޢައުނު އިންކާރު ކުރިއެވެ. قَال فِرْعَوْنُ وَمَا رَبُّ الْعَالمِينَ [الشعراء 23] ”ފިރުޢައުނު ދެންނެވިއެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެއަކީ ކޮބައިހެއްޔެވެ؟“ އޭނާ އެކަމަށް އިންކާރު ކުރީ ބޮޑާކަމުންނެވެ. އެނގިހުރެ، ނޭނގޭ ކަމަށް ހަދާފައެވެ. ދަލީލަކީ އަންނަނިވި އާޔަތެވެ. قَالَ لَقَدْ عَلِمْتَ مَآ أَنزَلَ هَٰٓؤُلَآءِ إِلَّا رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ بَصَآئِرَ [الإسراء 102] ”އެކަލޭގެފާނު ވިދާޅުވިއެވެ! ހަމަކަށަވަރުން، ބަޔާންވެގެންވާ ޢިބްރަތްތަކެއް ކަމުގައި މި މުޢުޖިޒާތައް ބާވައިލެއްވީ، އުޑުތަކާއި، ބިމުގެ ވެރިރަސްކަލާނގެ ފިޔަވައި އެހެން ފަރާތެއް ނޫންކަން ކަލޭ ރަނގަޅަށް ދަންނާނޫއެވެ.“ ﷲ ވަޙީ ކުރެއްވިއެވެ: وَجَحَدُوا بِهَا وَاسْتَيقَنَتْهَا أَنْفُسُهُمْ ظُلْمًا وَعُلُوًّا [النمل 14] ”އަދި އެ އާޔަތްތައް އެއީ، ތެދުކަން އެއުރެންގެ ނަފްސުތަކަށް ޔަޤީންވެ ތިބެ، އަނިޔާވެރިކަމާއި، ބޮޑާވެގަތުމުގެ ގޮތުން، އެ އާޔަތްތަކަށް އެއުރެން އިންކާރު ކުރޫއެވެ.“
އެހެންކަމުން ކީރިތި ޤުރްއާނުގައި ތައުޙީދުގެ މި ބާވަތް ތަޤްރީރު ކުރައްވާފައި ވަނީ އެއްބަސް ކުރުވަން ސުވާލުކުރާ ޞީޣާއިންނެވެ. އަންނަނިވި އާޔަތްތަކުގައި ވާ ފަދައިންނެވެ. أَفِي اللَّهِ شَكٌّ [إبراهيم 10] ”الله އާމެދު، ޝައްކެއް ވޭހެއްޔެވެ؟“ قُلْ أَغَيرَ اللَّهِ أَبْغِي رَبًّا وَهُوَ رَبُّ كُلِّ شَيءٍ [الأنعام 164] ”ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ހުރިހާ ތަކެއްޗެއްގެ ވެރިރަސްކަލާނގެ ކަމުގައިވާ ޙާލު، ކަލަކު ކަމުގައި، ﷲ ފިޔަވައި އެހެން ފަރާތެއް ތިމަންކަލޭގެފާނު އެދޭނޭ ހެއްޔެވެ؟“ قُلْ مَنْ رَبُّ السَّمَاوَاتِ وَالْأَرْضِ قُلِ اللَّهُ [الرعد 16] ”ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގެ ވެރިރަސްކަލާނގެއަކީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ﷲއެވެ.“ މިނޫންވެސް މިފަދަ ޢިބާރާތްތަކަކުންނެވެ. އެއީ އެކަމަކީ އެއުރެންގެ އެކަމަށް އެއްބަސްވާ ކަމަކަށް ވާތީއެވެ.
ނަމަވެސް ތައުޙީދުގެ މި ބާވަތުން ކާފަރުންނަކަށް މަންފާއެއް ނުކުރިއެވެ. އެއުރެން އަޅުކަން ކުރުމުގައި ﷲ އެއްކައުވަންތަ ނުކުރީތީއެވެ. ﷲ ވަޙީ ކުރެއްވިއެވެ. وَمَا يُؤْمِنُ أَكْثَرُهُمْ بِاللَّهِ إلا وَهُمْ مُشْرِكُونَ [يوسف 106] ”އަދި އެއުރެން ކުރެ ގިނަ މީހުން، ޝަރީކު ކުރާ ބަޔަކު ކަމުގައިވާ ޙާލުގައި މެނުވީ، ﷲއަށް އީމާނެއް ނުވެތެވެ.“ [އެއުރެން ބުނެތެވެ.] مَا نَعْبُدُهُمْ إلا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى [الزمر 3] ”اللهގެ ޙަޟްރަތަށް ތިމަންމެން ކުއްތަން ކޮށްދިނުމަށް މެނުވީ، ތިމަންމެން އެތަކެއްޗަކަށް (އެބަހީ: ބުދުތަކަށް) އަޅުކަމެއް ނުކުރަމުއެވެ.“ وَيَقُولُونَ هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ قُلْ أَتُنَبِّئُونَ اللَّهَ بِمَا لَا يَعْلَمُ [يونس 18] ”އަދި އެއުރެން ބުނެތެވެ. މި ތަކެއްޗަކީ، ﷲގެ ޙަޟްރަތުގައި ތިމަންމެންނަށް ޝަފާޢަތްތެރި ވާނޭ ތަކެއްޗެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ދެނެވޮޑިގެން ނުވާ ކަމެއްގެ ވާހަކައިން ތިޔަބައިމީހުން އެކަލާނގެއަށް ޚަބަރު ދެނީހެއްޔެވެ؟“
[2. ތައުޙީދުލް އުލޫހިއްޔާ]
ދެވަނަ ބާވަތަކީ ﷲ އަށް އަޅުކަން ކުރުމުގައި އެކަލާނގެ އެއްކައުވަންތަ ކުރުމެވެ. ރަސޫލުންނާއި އެބޭކަލުން އެބައެއްގެ ގާތަށް ފޮނުއްވުނު އުންމަތްތަކާ ދެމެދު ހިނގައިދިޔަ ހުރިހައި ހަނގުރާމައެއް ހިނގައި ދިޔައީ މިކަމާ މެދުގައެވެ. މި ކަމަކީ މިކަން ޙަޤީޤަތަކަށް ހެދުމަށް ޓަކައި ރަސޫލުން ފޮނުއްވުނު ކަންތަކެވެ.
ތައުޙީދުގެ މި ބާވަތުން ޙާޞިލުވަނީ ”لا إله إلا الله“ ގެ މާނައެވެ. ފަހެ މި ކަލިމައިގެ މާނަ ބިނާ ވަނީ ދެ އަޞްލެއްގެ މައްޗަށެވެ. އެއީ އޭގައިވާ ނަފީކުރުމާއި ސާބިތުކުރުމެވެ. ”لا إله إلا الله“ ގައި ވާ ނަފީގެ މާނައަކީ، ކޮންމެ އަޅުކަމަކަށް ވިޔަސް ﷲ ފިޔަވައި އެހެން ފަރާތަކަށް އެކަން ކުރުމުން އެއްކިބާވެ ބަރީއަވުމެވެ. ސާބިތުކުރުމުގެ މާނައަކީ ﷲ އަަށް އަޅުކަން ކުރުމަށް ޓަކައި އެކަލާނގެ ޝަރުޢު ކުރައްވާފައިވާ ގޮތަށް، އެކަލާނގެއަށް އަޅުކަން ޚާލިޞްކުރުމެވެ. ޤުރުއާނުގެ ބޮޑު ބައި އައިސްފައި ވަނީ މިކަމާ މެދުގައެވެ.
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ [النحل 36] ”ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުއްމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، ﷲއަށް އަޅުކަން ކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ.“
وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إلا نُوحِي إِلَيهِ أَنَّهُ لَا إِلَهَ إلا أَنَا فَاعْبُدُونِ [الأنبياء 25] ”ހަމަކަށަވަރުން، ތިމަންއިލާހު މެނުވީ އިލާހަކު ނުވާކަމަށް އެ ބޭކަލަކަށް ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިން ވެސް ތިމަންއިލާހު ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންއިލާހަށް އަޅުކަން ކުރާށެވެ!“
فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى [البقرة 256] ”ފަހެ، ޠާޣޫތަށް ކާފަރުވެ ﷲ އަށް އީމާންވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ، އެންމެ ވަރުގަދަ ޢަޤީދާގައި ހިފަހައްޓައި ފިކަން ކަށަވަރެވެ. ނެތި ދިޔުމެއް އެޔަކަށް ނުވެއެވެ. ﷲއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.“
وَاسْأَلْ مَنْ أَرْسَلْنَا مِنْ قَبْلِكَ مِنْ رُسُلِنَا أَجَعَلْنَا مِنْ دُونِ الرَّحْمَنِ آلِهَةً يُعْبَدُونَ [الزخرف 45] ”އަދި ތިމަންރަސްކަލާނގެ ރަސޫލުންގެ ތެރެއިން ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ ފޮނުއްވި ރަސޫލުން ކުރެން އައްސަވާށެވެ! (އެބަހީ: އެ ބޭކަލުންގެ ޝަރީޢަތުން ބައްލަވާށެވެ!) ރަޙްމާންވަންތަ ރަސްކަލާނގެ މެނުވީ، އަޅުކަންވެވޭ އެހެން އިލާހުންތަކެއް ތިމަންރަސްކަލާނގެ ލެއްވިން ހެއްޔެވެ؟“
قُلْ إِنَّمَا يُوحَى إِلَيَّ أَنَّمَا إِلَهُكُمْ إِلَهٌ وَاحِدٌ فَهَلْ أَنْتُمْ مُسْلِمُونَ [الأنبياء 108]، ”ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް ވަޙީ އިއްވަވާކަން ކަށަވަރީ، ތިޔަބައިމީހުންގެ އިލާހަކީ، އެއްކައުވަންތަ އިލާހެއް ކަމަށެވެ. ފަހެ، ތިޔަބައިމީހުންނީ (އެކަން ޤަބޫލު ކޮށް) އިސްލާމްވާ ބަޔެއް ހެއްޔެވެ؟“
މި ކަމާމެދު ބާވައިލައްވާފައިވާ އެތައް އާޔަތެއް ވެއެވެ.
[3. ތައުޙީދުލް އަސްމާއި ވައްޞިފާތި]
ތިންވަނަ ބާވަތަކީ: ﷲ ގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގައި އެކަލާނގެ އެއްކައުވަންތަ ކުރުމެވެ. ތައުޙީދުގެ މި ބާވަތް ބިނާވެގެން ވަނީ ﷲ ބަޔާން ކުރައްވާފައިފާ ދެ އަޞްލެއްގެ މައްޗަށެވެ.
-
ފުރަތަމައީ: [ނެތުމުގެ ތެރެއިން] އުފެދިފައިވާ އެއްޗެހީގެ ޞިފަތަކާ އެއްވައްތަރު ވުމުން އެކަލާނގެ ހުސްޠާހިރުވަންތަ ކުރުމެވެ.
-
ދެވަނައީ: ﷲ އެކަލާނގެ ޛާތުފުޅު ސިފަ ކުރައްވާފައިވާ އެންމެހައި ސިފަފުޅުތަކާއި އެކަލާނގެ ރަސޫލާ އެކަލާނގެ ސިފަ ކުރައްވާފައިވާ ސިފަފުޅުތަކަކީ، އެކަލާނގެ ފުރިހަމަވަންތަކަމާއި މަތިވެރިވަންތަކަމާ ލާއިޤުވެގެންވާ، މަޖާޒީ ނޫން، ޙަޤީޤީ ޞިފަފުޅުތަކެއް ކަމަށް އީމާންވުމެވެ.
ﷲ ގެ ޛާތުފުޅު ﷲ ދެނެވޮޑިގެންވާ ވަރަށްވުރެ ބޮޑަށް ދަންނަ ފަރާތަކަށް އެކަލާނގެ ޞިފައެއް ނުކުރެވޭނަކަމާއި، ﷲ ގެ ޛާތުފުޅު ﷲ ގެ ރަސޫލާ ދެނެވަޑައިގަންނަވާ ވަރަށް ވުރެ ބޮޑަށް އެކަލާނގެ ދަންނަ މީހަކު ވެސް އެކަލާނގެ ޞިފައެއް ނުކުރާނެކަން އެނގިގެން ވެއެވެ.
ﷲ އެކަލާނގެ ޛާތުފުޅާ މެދު ވަޙީ ކުރެއްވިއެވެ. ءَأَنتُمْ أَعْلَمُ أَمِ ٱللَّهُ [البقرة 140]. ”ބޮޑަށް އެނގެނީ ތިޔަބައިމީހުންނަށް ހެއްޔެވެ؟ ނުވަތަ (ދެނެވޮޑިގަތުން ބޮޑީ) ﷲ ހެއްޔެވެ؟“
އަަދި އެކަލާނގެ ރަސޫލާއާ މެދު ވަޙީކުރެއްވިއެވެ: وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ ٣ إِنۡ هُوَ إِلَّا وَحۡيٞ يُوحَىٰ [النجم 3–4] ”އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއް ކަމުގައި ނޫނީ ނުވެތެވެ.“
އެކަލާނގެއާ (އެހެން އެއްޗަކާ) އެއްފަދަ ވުން ނަފީ ކުރައްވައި ﷲ ވަޙީ ކުރެއްވިއެވެ. لَيسَ كَمِثْلِهِ شَيءٌ [الشورى 11] ”އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ.“ އަދި އެކަލާނގެ ސިފަފުޅުތައް ޙަޤީޤީ މާނައިގައި ސާބިތު ވާކަން ބަޔާން ކުރެއްވިއެވެ. وَهُوَ السَّمِيعُ الْبَصِيرُ ”އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.“ އާޔަތުގެ ކުރީބައި ނިޔާ ކުރަނީ ތަޢުޠީލު1 ނުވާ ކަމަށެވެ. ފަހެ މި އާޔަތުން ސާފުވާ ގޮތުގައި ވާޖިބު ވެގެން ވަނީ އެއްފަދަ ކުރުމަކާ ނުލައި ޙަޤީޤީ މާނައިގައި ޞިފަފުޅުތައް ސާބިތު ކުރުމެވެ. އަދި ތަޢުޠީލު ކުރުމަކާ ނުލައި ތަމްޘީލު ނަފީ ކުރުމެވެ.
އަދި ޚަލްޤުތަކުންނަށް ﷲ އާ ބެހޭ ކަންތައްތައް ދެނެގަތުމަށް ނުކުޅެދިގެންވާކަން ބަޔާން ކުރައްވައި ވަޙީ ކުރެއްވިއެވެ. يَعْلَمُ مَا بَينَ أَيدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِهِ عِلْمًا [طه 110] ”އެއުރެންގެ ކުރިމަތީގައިވާ ކަންތަކާއި، އެއުރެންގެ ފަހަތުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއުރެންނަކަށް އެ ކަންތައްތަކެއް އެނގިގެނެއް ނުވެތެވެ.“
މި ފޮތުގެ އެހެން ބައިތައް
-
ބަހުގެ ގޮތުން ތަޢުޠީލުގެ މާނައަކީ: އެއްޗެއް ހުސްކޮށްލުން ނުވަތަ ފަޅުކޮށް، ދޫކޮށްލުމެވެ. މިތަނުގައި ތަޢުޠީލޭ ބުނެވެނީ: ﷲ އެކަލާނގެ ނަފްސުފުޅަށް ސާބިތު ކުރައްވާފައިވާ އިސްމުފުޅަކަށް ނުވަތަ ސިފަފުޅަކަށް އިންކާރު ކުރުމެވެ. އެއީ އެ އެއްކޮށް ނުވަތަ އޭގެ ބައެއް ނަފީ ކުރުން ކަމުގައި ވިޔަސް، އެ ބަދަލުކޮށް އޮޅުވާލައިގެން ކަމުގައި ވިޔަސް، އެއާ ދެކޮޅު ހަދައިގެން ކަމުގައި ވިޔަސް މި ހުރިހައި ކަމަކީވެސް ތަޢްޠީލެވެ. [ބައްލަވާ: އަލްޢަޤީދަތުލް ވާސިޠިއްޔާގެ، ޝައިޚް ޢުޘައިމީންގެ ޝަރަޙަ، 1 / 81] ↩︎