
މިއީ އައްޝައިޚް މުޙައްމަދުލް އަމީން އައްޝަންޤީޠީ ގެ ”الإسلام دين كامل“ މި ފޮތުގެ ތަރުޖަމާއެވެ. އެ ފޮތުގެ އަޞްލަކީ މޮރޮކޯގެ ރަސްގެފާނު މުޙައްމަދު އަލްޚާމިސްގެ އެދުންފުޅުގެ މަތިން މަސްޖިދުއްނަބަވީގައި ޝައިޚު ދެއްވި ދަރެހެކެވެ. މައުޟޫޢަކީ: އިސްލާމް ދީން ފުރިހަމަ ކުރައްވައިފިކަން އަންގަވައި ޙައްޖަތުލް ވަދާޢުގައި ބާވައިލެއްވި ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ… މި އާޔަތެވެ.
އެކުލެވިގެންވާ ބައިތައް
އިސްލާމް ދީނަކީ ފުރިހަމަ ދީނެކެވެ.
އައްޝައިޚް މުޙައްމަދުލް އަމީން އައްޝަންޤީޠީ ވިދާޅުވިއެވެ.
بسم الله الرحمن الرحيم
الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وصحبه، ومن دعا بدعوته إلى يوم الدين. وبعد:
ފަހެ މިއީ މޮރޮކޯގެ ރަސްގެފާނުގެ އެދުންފުޅަކަށް، މަސްޖިދުއްނަބަވީގައި އަހުރެން ދިން މުޙާޟަރާއެކެވެ. އެއަށްފަހު އެ މުޙާޟަރާ ޗާޕު ކުރުމަށްޓަކައި ލިޔެދިނުމަށް އަހުރެން ކިބައިން ބައެއް އަޚުން އެދުނެވެ. އެހެންކަމުން، ﷲ އެކަމުގައި މަންފާ ލެއްވުން އަދައިގެން އެއުރެންގެ އެދުމަށް އަހުރެން އިޖާބަ ދިނީމެވެ.
މާތް ﷲ ވަޙީ ކުރެއްވިއެވެ. ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًا [المائدة 3] މާނައީ: ”މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.“
އެ ދުވަހަކީ ޙައްޖަތުލް ވަދާޢުގެ ޢަރަފާތު ދުވަހެވެ. އެއީ ހުކުރު ދުވަހެކެވެ. މި އާޔަތް ބާވައިލެއްވުނީ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ނަބިއްޔާ ޢަރަފާތު ބިމުގައި ހުންނަވަނިކޮށެވެ. އެއަށްފަހު އެކަލޭގެފާނު ދުނިޔޭގައި ހުންނެވީ 81 ރެއެވެ.
މި އާޔަތުގައި ﷲ ވަނީ އަހަރެމެންގެ ދީން ފުރިހަމަ ކޮށްދެއްވައިފި ކަމާއި، އެ ދީނުން އެއްވެސް ކަމެއް ދެން އުނިވެގެން ނުދާނޭ ކަމާއި އެ ދީނުގެ ތެރެއަށް އެއްވެސް ކަމެއް އިތުރު ވެސް ނުވާނޭކަން ޞަރީޙަކޮށް ބަޔާން ކޮށްދެއްވާފައެވެ. އެހެންކަމުން އަހަރެމެންގެ ނަބިއްޔާއަށްފަހު ނަބީކަމުގައި ސިއްކަ ޖެއްސެވިއެވެ. —އެ އެންމެހައި ނަބީބޭކަލުންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ!— މި އާޔަތުގައި މި ވަނީ އިސްލާމް ދީނާމެދު އެކަލާނގެ ރުހިވޮޑިގެންވާކަމާއި އެ ދީނާ މެދު ކޯފާވެވޮޑިނުގަންނަވާނެކަން ޞަރީޙަކޮށް ބަޔާން ކުރައްވާފައެވެ.
އެހެންކަމުން އެއްވެސް މީހެއްގެ ކިބައިން އެ ނޫން ދީނެއް ޤަބޫލު ނުކުރައްވާނޭކަން ޞަރީޙަ ކޮށް ބަޔާން ކުރެއްވިއެވެ. وَمَنْ يَبْتَغِ غَيرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ [آل عمران 85] ”ދީނެއްގެ ގޮތުގައި އިސްލާމް ދީން ނޫން ދީނެއް އެދޭ މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) ޤަބޫލެއް ނުކުރައްވާ ހުށްޓެވެ. އަދި، އާޚިރަތުގައި އޭނާ ވާހުށީ، ގެއްލެނި ވެގެންވާ މީހުންގެ ތެރެއިންނެވެ.“ إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ [آل عمران 19] ”ހަމަކަށަވަރުން، ﷲގެ ޙަޟްރަތުގައި، ދީނަކީ އިސްލާމް ދީނެވެ.“
އަދި ދީން ފުރިހަމަ ކުރައްވައި ދީނުގެ އެންމެހައި ޙުކުމްތަކެއް ބަޔާން ކުރެއްވި ކުރެއްވުމަކީ އެކަމުގައި ދެދުނިޔޭގެ އެންމެހައި ނިޢުމަތެއް އެކުލެވިގެން ވާ ކަމެކެވެ. އެހެންކަމުން ﷲ ވަޙީ ކުރެއްވިއެވެ. وَأَتْمَمْتُ عَلَيكُمْ نِعْمَتِي ”އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަ ކޮށްދެއްވައިފީމެވެ.“
އަދި މި އާޔަތަކީ، ދުނިޔޭގައި ވެސް އާޚިރަތުގައި ވެސް ޚަލްޤުތަކުން އެ ކަމަކަށް ބޭނުން ޖެހިފައިވާ އެއްވެސް ޙާޖަތެއް އިސްލާމް ދީނުގައި ސާފުކޮށް ބަޔާން ކުރައްވާފައި މެނުވީ ދޫކުރައްވާފައި ނުވާކަމަށް އޮތް ޞަރީޙަ ނައްޞެކެވެ.
މި ކަމުގެ މިސާލުގެ ގޮތުން، ދެ ދުނިޔޭގައި ވެސް މި ޢާލަމަށް މުހިންމުވެގެން ވާ މައްސަލަތަކުގެ ތެރެއިން ދުނިޔޭގެ ދައުރުކުރުން އޭގެ މައްޗަށް ވާ ބިނާވެގެންވާ ބޮޑު 10 މައްސަލައަކަށް އަލިއަޅުވާލާނަމެވެ. އެހެނީ އެއްޗެއްގެ އެއް ބައިން މުޅި އެތީގެ ޙާލަށް އިޝާރާތް ކޮށްދޭނެއެވެ.
- ފުރަތަމައީ: ތައުޙީދެވެ.
- ދެވަނައީ: ވަޢުޡެވެ.
- ތިންވަނައީ: ހެޔޮ ޢަމަލާއި އެނޫން ޢަމަލުތަކުގެ ފަރަޤެވެ.
- ހަތަރުވަނައީ: އިސްލާމީ މާތް ޝަރީޢަތް ނޫން އެއްޗެއް ޙުކުމްވެރިކުރުމެވެ.
- ފަސްވަނައީ: އިޖްތިމާޢީ ޙާލަތްތަކެވެ.
- ހަވަނައީ: އިޤްތިޞާދެވެ.
- ހަތްވަނައީ: ސިޔާސަތެވެ.
- އަށްވަނައީ: މުސްލިމުންގެ މައްޗަށް ކާފަރުންނަށް ގަދަވެގަނެވޭ މައްސަލައެވެ.
- ނުވަވަނައީ: ކާފަރުންނާ ކުރިމަތިލުމުގައި ޢަދަދުގެ ގޮތުންނާއި ޢުދަދުގެ ގޮތުން (އެބަހީ ހަތިޔާރާއި ތައްޔާރީގެ ގޮތުން) މުސްލިމުން ބަލިކަށިވުމުގެ މައްސަލައެވެ.
- ދިހަވަނައީ: މުޖުތަމަޢުގެ މެދުގައި ހިތްތައް ބައިބައި ވުމުގެ މައްސަލައެވެ.
އެ މައްސަލަތަކުގެ ފަރުވާތައް ކީރިތި ޤުރްއާނުން އަހަރެން ސާފު ކޮށްދޭހުށީމެވެ. މިއީ މިނޫން ކަންކަމަށް ލޯހުޅުވައިދޭން ކުރާ އަވަސް އިޝާރާތެކެވެ.