ނޯޓު
މިއީ އައްޝައިޚް މުޙައްމަދުލް އަމީން އައްޝަންޤީޠީ ލިޔުއްވި ”އިސްލާމް ދީނަކީ ފުރިހަމަ ދީނެކެވެ.“ މި ފޮތުގެ ތަރުޖަމާ ގެނެސްދޭ ސިލްސިލާގެ ދިހަވަނަ ބައެވެ.

ނުވަވަނަ މައްސަލައަކީ މުސްލިމުންގެ ބަލިކަށި­ކަމުގެ މަސްއަލައެވެ. އަދި ކާފިރުންނާ އަޅާބަލާއިރު، އެބައި­މީހުންގެ ޢަދަދު މަދު­ކަމާއި، ހަތިޔާރާއި އާލާތްތައް މަދު­ކަމުގެ މައްސަލައެވެ.

ހަމަ­ކަށަވަރުން، ﷲ ވަނީ އެކަމުގެ ފަރުވާ އެއިލާހުގެ ފޮތުގައި ބަޔާން­ކޮށް­ދެއްވާފައެވެ. އަދި އެކަލާނގެ އަޅު­ތަކުންގެ ހިތް­ތަކުން އެކަށީގެންވާ ފަދަ އިޚްލާޞް­ތެރި­ކަމެއް އެކަލާނގެ ދެނެ­ވޮޑިގެންފި ނަމަ، އޭގެ ނަތީޖާ­އެއްގެ ގޮތުން އެއުރެންނަށް ވުރެ މާ ބާރުގަދަ މީހުންގެ މައްޗަށް ގަދަވެ، ބަލި­ކުރެވޭނެކަން ވަނީ ބަޔާން ކުރައްވާފައެވެ.

އެގޮތުން ބައިޢަތުއް ރިޟް­ވާންގެ އަހުލުވެރީންގެ ހިތް­ފުޅު­ތަކުން އެކަށީގެންވާ ފަދަ އިޚްލާޞް­ތެރި­ކަމެއް އެކަލާނގެ ދެނެ­ވޮޑިގެން އެ ކަމަށް އިޝާރާތް ކުރައްވައި ވަޙީ ކުރެއްވިއެވެ. ﴿لَقَدْ رَضِيَ اللَّهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمْ [ފަތުޙު 18] ”ހަމަ­ކަށަވަރުން، ގަސްދޮށުގައި އެއުރެން ކަލޭގެފާނަށް ބައިޢަތުހިފާ ހިނދު، އެ މުއުމިނު­ތަކުންނާ މެދު ﷲ ރުހި­ވޮޑިގެންފިއެވެ. ފަހެ، އެއުރެންގެ ހިތް­ތަކުގައިވާ ކަންތައް އެކަލާނގެ ދެނެ­ވޮޑިގެންވެތެވެ.“

އެ އިޚްލާޞް­ތެރި­ކަމުގެ ނަތީޖާތަކުގެ ތެރޭގައި، އެބައި­މީހުންނަށް ކުޅަދާނަ­ވެގެންނުވާ ކަންތައްތަކުގެ މައްޗަށް އެއިލާހު އެބައި­މީހުންނަށް ކުޅަދާނަކަން ދެއް­ވުން ހިމެނޭކަން އެއިލާހު ބަޔާން­ކުރެއްވިއެވެ. އެއިލާހު ވަޙީ­ކުރެއްވިއެވެ: ﴿وَأُخْرَى لَمْ تَقْدِرُوا عَلَيهَا قَدْ أَحَاطَ اللَّهُ بِهَا [ފަތުޙު 21]، ”އަދި އެކަމުގެ މައްޗަށް ތިޔަބައި­މީހުން ކުޅަދާނަ­ވެގެންނުވާ އެހެން ކަމެއް ވެއެވެ. ހަމަ­ކަށަވަރުން، ﷲ އެކަން ދެނެ­ވޮޑިގެން ވެއެވެ.“1 ފަހެ، އެ ކަން­ކަމުގެ މައްޗަށް އެބައި­މީހުން ކުޅަދާނަ­ވެގެން ނުވާ­ކަމާއި، އަދި އެއިލާހު އެ ކަންކަން އިޙާޠާ1 ކުރައްވާފައި ވާކަން އެއިލާހު ޞަރީޙަ­ކޮށް ބަޔާން­ކުރެއްވިއެވެ. އެ ކަން­ކަމުގެ މައްޗަށް އެބައި­މީހުންނަށް ކުޅަދާނަކަން ދެއްވައި، އެއީ އެބައި­މީހުންނަށް ލިބުނު ޣަނީމާ މުދަލެއް ކަމުގައި ލެއްވެވީ، އެބައި­މީހުންގެ އިޚްލާޞް­ތެރިކަން އެއިލާހު ދެނެ­ވޮޑިގެންވާތީކަން ބަޔާން­ކުރެއްވިއެވެ.

އެހެންވެ، އަޙްޒާބު ހަނގުރާމައިގައި ކާފިރުން މުސްލިމުންނާ ދެކޮޅަށް ކުރިމަތިކުރި އެ ވަރުގަދަ ޢަސްކަރީ ޙިޞާރުގައި ކަން ހިގައިދިޔަ ގޮތް ބަޔާން ކުރައްވައި ﷲ ވަޙީ ކުރެއްވިއެވެ: ﴿إِذْ جَاءُوكُمْ مِنْ فَوْقِكُمْ وَمِنْ أَسْفَلَ مِنْكُمْ وَإِذْ زَاغَتِ الْأَبْصَارُ وَبَلَغَتِ الْقُلُوبُ الْحَنَاجِرَ وَتَظُنُّونَ بِاللَّهِ الظُّنُونَا ١٠ هُنَالِكَ ابْتُلِيَ الْمُؤْمِنُونَ وَزُلْزِلُوا زِلْزَالًا شَدِيدًا [އަޙްޒާބު 10–11] ”ތިޔަބައި­މީހުންގެ މަތިންނާއި، ތިރިން (އެބަހީ: ނަޖުދު ކަރަވީ ފަރާތާއި މައްކާ ވީފަރާތުން) އެއުރެން އައިހިނދެވެ. އަދި ލޯތައް ބޮޑުވެ (ކަންބޮޑުވުމުގެ ސަބަބުން) ލަގޮނޑިވަޅުތަކާ ހަމަޔަށް ހިތްތައް އައިހިނދެވެ. އަދި ތިޔަބައި­މީހުން ﷲއާމެދު ހީތައް ކުޅަހިނދެވެ. އެވަގުތު މުއުމިނުން އިމްތިޙާނު ކުރެއްވިއެވެ. އަދި ގަދަ­ވެގެންވާ ގުޑުމަކުން އެއުރެންނަށް ގުޑުން އަރައިގެން ދިޔައެވެ. (އެބަހީ: އެއުރެންގެ ސާބިތުކަން ގެއްލި، އެގޮތްމިގޮތް ވެގެންދިޔައެވެ.)“

މި ބަލިކަށި­ކަމާއި އަސްކަރީ ޙިޞާރުގެ ފަރުވާއަކަށްވީ ﷲ އަށް އިޚްލާޞް­ތެރިވުމާއި، އެއިލާހާ މެދު އީމާންކަން ވަރުގަދަ­ކުރުމެވެ. ﷲ ތަޢާލާ ވަޙީ­ކުރެއްވިއެވެ: ﴿وَلَمَّا رَأَى الْمُؤْمِنُونَ الْأَحْزَابَ قَالُوا هَذَا مَا وَعَدَنَا اللَّهُ وَرَسُولُهُ وَصَدَقَ اللَّهُ وَرَسُولُهُ وَمَا زَادَهُمْ إلا إِيمَانًا وَتَسْلِيمًا [އަޙްޒާބު 22]. ”އަދި (ކާފިރުންގެ) ޖަމާޢަތްތައް މުއުމިނުންނަށް ފެނުނު ހިނދު، އެއުރެން ބުނޫއެވެ. މިއީ ތިމަންމެންނަށް ﷲއާއި، އެކަލާނގެ ރަސޫލާ ވަޢުދު ކުރެއްވި ކަން­ތަކެވެ. އަދި ﷲއާއި، އެކަލާނގެ ރަސޫލާ އިއްވެވީ ތެދުބަހެވެ. އަދި އެއުރެންނަކަށް އެކަމުގެ ސަބަބުން އީމާން­ކަމާއި، ކިޔަމަން­ތެރިކަން މެނުވީ އިތުރެއް ނުވެތެވެ.“

ފަހެ، އެ އިޚްލާޞް­ތެރި­ކަމުގެ ނަތީޖާތަކުގެ ތެރެއިން، އަންނަނިވި އާޔަތް­ތަކުގައި ﷲ ބަޔާން­ކުރައްވާފައިވާ ކަންތައް ހިމެނުނެވެ: ﴿وَرَدَّ اللَّهُ الَّذِينَ كَفَرُوا بِغَيظِهِمْ لَمْ يَنَالُوا خَيرًا وَكَفَى اللَّهُ الْمُؤْمِنِينَ الْقِتَال وَكَانَ اللَّهُ قَويًّا عَزِيزًا ٢٥ وَأَنْزَلَ الَّذِينَ ظَاهَرُوهُمْ مِنْ أَهْلِ الْكِتَابِ مِنْ صَيَاصِيهِمْ وَقَذَفَ فِي قُلُوبِهِمُ الرُّعْبَ فَرِيقًا تَقْتُلُونَ وَتَأْسِرُونَ فَرِيقًا ٢٦ وَأَوْرَثَكُمْ أَرْضَهُمْ وَدِيَارَهُمْ وَأَمْوَالهُمْ وَأَرْضًا لَمْ تَطَئُوهَا وَكَانَ اللَّهُ عَلَى كُلِّ شَيءٍ قَدِيرًا [الأحزاب 25 - 27]. ”ކާފިރުވި މީހުން، އެއުރެންގެ ރުޅި­ވެރި­ކަމާއެކު، ﷲ (އެއުރެން) ރައްދު­ކުރެއްވިއެވެ. އެއުރެންނަކަށް އެއްވެސް ހެވެއް ނުލިބުނެވެ. އަދި ﷲ މުއުމިނުންނަށް ހަނގުރާމަކުރުން ފުއްދަވައި ދެއްވައިފިއެވެ. (އެބަހީ: އެއުރެން ގަދަހަނގުރާމަ­އެއް ނުކޮށް އެކަން ނިމިއްޖެއެވެ.) އަދި ﷲއީ، ބާރު­ވެރި­ވަންތަ، ޢަޒީޒު­ވަންތަ ރަސް­ކަލާނގެ ކަމުގައިވެއެވެ. އަދި އެކަލާނގެ، ފޮތުގެ އަހުލު­ވެރިން­ކުރެ އެއުރެންނަށް ވާގިދިން މީހުން، އެއުރެންގެ ކިއްލާ­ތަކުން ބޭލުއްވިއެވެ. އަދި އެއުރެންގެ ހިތްތަކަށް ބިރު­ވެރިކަން ވެއްދެވިއެވެ. ތިޔަބައި­މީހުން (އޭގެ) އެއްބަޔަކު ޤަތުލު ކުރަމުން ގެންދިޔައީމުއެވެ. އަދި އަނެއް­ބަޔަކު ހައްޔަރު­ކުރަމުން ގެންދިޔައީމުއެވެ. އަދި އެއުރެންގެ ބިމާއި، އެއުރެންގެ ގެދޮރާއި، އެއުރެންގެ މުދަލާއި، ތިޔަބައި­މީހުން އެ ބިމުގައި ފައިތިލަވެސް ޖައްސައިނުލާ ބިމެއް ތިޔަބައި­މީހުންނަށް އެކަލާނގެ ލިބި­ދެއްވިއެވެ. އަދި ﷲއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުން­ވަންތަ ކަލަކު­ކަމުގައި ވެއެވެ.“

އަދި ﷲ އެބައި­މީހުންނަށް ނަޞްރު ދެއްވުމަށް މެދު­ވެރި­ކުރެއްވި މި ކަންތަކަކީ އެބައި­މީހުން ހީކުރި ކަންތައް­ތަކެއް ނޫނެވެ. އެއީ މަލާއިކަތުންނާއި ވައެވެ: ﴿يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا نِعْمَةَ اللَّهِ عَلَيكُمْ إِذْ جَاءَتْكُمْ جُنُودٌ فَأَرْسَلْنَا عَلَيهِمْ رِيحًا وَجُنُودًا لَمْ تَرَوْهَا [އަޙްޒާބު 9]. މާނައީ: ”އޭ އީމާން ވެއްޖެ މީސް­ތަކުންނޭވެ! ލަޝްކަރު­ތަކެއް ތިޔަބައި­މީހުންނާ ހަމަޔަށް އައިހިނދު، ﷲ ތިޔަބައި­މީހުންނަށް ދެއްވި ނިޢުމަތް ތިޔަބައި­މީހުން ހަނދާންކުރާށެވެ! ފަހެ، އެހިނދު އެއުރެންގެ މައްޗަށް ގަދަ ވަޔަކާއި، ތިޔަބައި­މީހުންނަށް ނުފެންނަ ލަޝްކަރު­ތަކެއް ތިމަން­ރަސް­ކަލާނގެ ފޮނުއްވީމެވެ.“

އެހެން­ކަމުން، އިސްލާމްދީނުގެ ސައްޙަ­ކަމުގެ ދަލީލުތަކުގެ ތެރެއިން ހިމެނޭ އެއް ކަމަކީ، އެ ދީނުގައި ހިފަހައްޓައިގެން ތިބޭ މީސްމަދު ބަލިކަށި ޖަމާޢަތް، ޢަދަދު ގިނަ، ބާރުގަދަ ކާފިރު ޖަމާޢަތުގެ މައްޗަށް ގަދަވެ­ގަތުމެވެ: ﴿كَمْ مِنْ فِئَةٍ قَلِيلَةٍ غَلَبَتْ فِئَةً كَثِيرَةً بِإِذْنِ اللَّهِ وَاللَّهُ مَعَ الصَّابِرِينَ [ބަޤަރާ 249] ”اللهގެ އިޛުނަޔާ އެކު ކިތައްކިތައް މަދު ޖަމާޢަތުގެ މީހުން، ގިނަ ޖަމާޢަތްގެ މައްޗަށް ގަދަ­ވެގެންފައިވޭ ހެއްޔެވެ؟ ﷲ ވޮޑިގެންވަނީ ކެތް­ތެރިންނާ އެކުގައެވެ.“

އެހެން­ކަމުން، ﷲ ތަޢާލާ ބަދުރު ހަނގުރާމައިގެ ދުވަހަށް ނަން­ދެއްވީ: އާޔަތެއް­ކަމުގައްޔާއި، އަދި ބައްޔިނާ­އެއް (ސާފު ހެއްކެއް) ކަމުގައްޔާއި، އަދި ފުރުޤާނެއް (ޙައްޤާއި ބާޠިލު ވަކިކުރި ދުވަހެއް) ކަމުގައެވެ؛ އެއީ އިސްލާމްދީނުގެ ސައްޙަ­ކަމުގެ މައްޗަށް އެ ދުވަސް ދަލީލު­ކޮށްދޭތީއެވެ.

އެއިލާހު ވަޙީ­ކުރެއްވިއެވެ: ﴿قَدْ كَانَ لَكُمْ آيَةٌ فِي فِئَتَينِ الْتَقَتَا فِئَةٌ تُقَاتِلُ فِي سَبِيلِ اللَّهِ وَأُخْرَى كَافِرَةٌ [އާލު ޢިމްރާން 13]. މާނައީ: ”(ބަދުރު ހަނގުރާމައިގެ ދުވަހުގައި) ބައްދަލުވި ދެބައި­މީހުން (ގެ ކަންތަކު)ގައި، ހަމަ­ކަށަވަރުން، ތިޔަބައި­މީހުންނަށް ޢިބްރަތެއްވެއެވެ. އެއްބަޔަކީ ﷲގެ މަގުގައި ހަނގުރާމަކުރާ ބަޔެކެވެ. އަނެއް­ބަޔަކީ ކާފިރު ބަޔެކެވެ.“ އެއީ ބަދުރު ހަނގުރާމައިގެ ދުވަހެވެ.

އަދި ﷲ ތަޢާލާ ވަޙީ­ކުރެއްވިއެވެ: ﴿إِنْ كُنْتُمْ آمَنْتُمْ بِاللَّهِ وَمَا أَنْزَلْنَا عَلَى عَبْدِنَا يَوْمَ الْفُرْقَانِ [އަންފާލު 41]. ”(އެއީ) ﷲއަށާއި، ޙައްޤާއި ބާޠިލު ވަކިވުމުގެ ދުވަހު، ދެ ލަޝްކަރު ބައްދަލުވީ ދުވަހު، ތިމަން­ރަސް­ކަލާނގެ އަޅާގެ މައްޗަށް ބާވައި­ލެއްވި ތަކެއްޗަށް، ތިޔަބައި­މީހުން އީމާން ވާނަމައެވެ.“ އެއީ ބަދުރު ހަނގުރާމައިގެ ދުވަހެވެ.

އަދި ވަޙީ­ކުރެއްވިއެވެ: ﴿لِيَهْلِكَ مَنْ هَلَكَ عَنْ بَيِّنَةٍ [އަންފާލު 42]. ”(އެއީ) ހަލާކު­ވެގެންދާ ބަޔަކު ސާފު ހެތްކާއެކު، ހަލާކު­ވެގެން ދިޔުމަށެވެ.“ ބައެއް ޢިލްމު­ވެރިން ތަޙްޤީޤު­ކުރައްވާފައިވާ ގޮތުގައި އެއީ ބަދުރު ހަނގުރާމައިގެ ދުވަހެވެ.

އަދި ޢަދަދު މަދު ބަލިކަށި މުއުމިން ޖަމާޢަތް، ޢަދަދު ގިނަ ބާރުގަދަ ކާފިރު ޖަމާޢަތުގެ މައްޗަށް ގަދަވެ­ގަތުމަކީ، އެ މުއުމިނުން ތިބީ ޙައްޤުގެ މަތީގައި­ކަމާއި، އަދި އެބައި­މީހުންނަށް ނަޞްރު ދެއްވީ ﷲ ކަމުގެ ދަލީލެއް­ކަމާމެދު ޝައްކެއްނެތެވެ. ބަދުރު ހަނގުރާމައާ ބެހޭގޮތުން އެއިލާހު ވަޙީ­ކުރައްވާފައިވާ ފަދައިންނެވެ: ﴿وَلَقَدْ نَصَرَكُمُ اللَّهُ بِبَدْرٍ وَأَنْتُمْ أَذِلَّةٌ [އާލު ޢިމްރާން 123] ”ހަމަ­ކަށަވަރުން، ތިޔަބައި­މީހުން ނިކަމެތީން ކަމުގައިވަނި­ކޮށް، ބަދުރު ހަނގުރާމައިގައި ﷲ، ތިޔަބައި­މީހުންނަށް ނަޞްރު ދެއްވިއެވެ.“ އަދި ވަޙީ­ކުރެއްވިއެވެ: ﴿إِذْ يُوحِي رَبُّكَ إِلَى الْمَلَائِكَةِ أَنِّي مَعَكُمْ فَثَبِّتُوا الَّذِينَ آمَنُوا سَأُلْقِي فِي قُلُوبِ الَّذِينَ كَفَرُوا الرُّعْبَ [އަންފާލު 12]. މާނައީ: ”ކަލޭގެފާނުގެ ވެރިރަސް­ކަލާނގެ މަލާއިކަތުންނަށް ވަޙީ­ކުރެއްވި ހިނދު ހަނދުމަކުރާށެވެ! ހަމަ­ކަށަވަރުން، ތިމަންއިލާހު ވޮޑިގެން ވަނީ، ތިޔަބައި­މީހުންނާ އެކުގައެވެ. ފަހެ، އީމާންވި މީހުންނަށް ސާބިތުކަން ދެއްވާށެވެ! ކާފިރުވި މީހުންގެ ހިތްތަކަށް ތިމަންއިލާހު ބިރު­ވެރިކަން ވައްދަވާ­ހުށީމެވެ.“

އަދި ﷲ އެބައި­މީހުންނަށް ނަޞްރު ދެއްވާނެ­ކަމަށް ވަޢުދުވެ­ވޮޑިގެންނެވި މުއުމިނުންގެ ސިފަތައް ﷲ ތަޢާލާ ބަޔާންކުރައްވައި، އެ ސިފަ­ތަކުން އެބައި­މީހުން އެހެން މީހުންނާ ތަފާތު­ކުރެއްވިއެވެ. އެއިލާހު ވަޙީ­ކުރެއްވިއެވެ: ﴿وَلَيَنْصُرَنَّ اللَّهُ مَنْ يَنْصُرُهُ إِنَّ اللَّهَ لَقَويٌّ عَزِيزٌ [ޙައްޖު 40] މާނައީ: ”ހަމަ­ކަށަވަރުން، ﷲއަށް ނަޞްރު ދޭ މީހަކަށް، އެކަލާނގެ ނަޞްރު ދެއްވާނެކަން ކަށަވަރެވެ. ހަމަ­ކަށަވަރުން، ﷲއީ، ބާރު­ވެރި­ވަންތަ، ޢަޒީޒު­ވަންތަ ރަސް­ކަލާނގެކަން ކަށަވަރެވެ.“

އަދި އެބައި­މީހުންގެ ސިފަ­ތަކުން އެބައި­މީހުން އެހެން މީހުންނާ ތަފާތު­ކުރެއްވިއެވެ. އެއިލާހު ވަޙީ­ކުރެއްވިއެވެ: ﴿الَّذِينَ إِنْ مَكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنْكَرِ وَلِلَّهِ عَاقِبَةُ الْأُمُورِ [ޙައްޖު 41]. މާނައީ: ”އެއުރެންނީ، ބިމުގައި ތިމަން­ރަސް­ކަލާނގެ އެއުރެން ބާރު­ވެރިކުރައްވައިފި­ނަމަ، ނަމާދު ޤާއިމް­ކޮށް، ޒަކާތްދީ، ހެޔޮކަންތަކަށް އަމުރު­ކޮށް، ނުބައިކަންތައް ނަހީ­ކޮށްއުޅޭ މީހުންނެވެ. ކަން­ކަމުގެ ނިމުންވަނީ ﷲއަށެވެ.“

އަދި އަހަރެމެން އިޝާރާތްކުރި މި ފަރުވާއަކީ އަސްކަރީ ޙިޞާރަށްވާ ފަރުވާ­އެއް ކަމުގައިވީހިނދު، އެ ފަރުވާއަކީ އިޤްތިޞާދީ ޙިޞާރަށްވެސްވާ ފަރުވާ­އެއްކަން، ސޫރަތުލް މުނާފިޤޫންގައި ﷲ ތަޢާލާ އިޝާރާތް­ކުރައްވާފައިވެއެވެ. އެއީ އެއިލާހުގެ މި ބަސް­ފުޅުގައެވެ: ﴿هُمُ الَّذِينَ يَقُولُونَ لَا تُنْفِقُوا عَلَى مَنْ عِنْدَ رَسُولِ اللَّهِ حَتَّى يَنْفَضُّوا… [މުނާފިޤޫން 7]. މާނައީ: ”އެއުރެން (ﷲގެ ރަސޫލާގެ އަރިހުން) ވަކިވެ ހިނގައްޖައުމަށް ދާނދެން ﷲގެ ރަސޫލާ އަރިހުގައި ތިބިބަޔަކަށް ތިޔަބައި­މީހުން ހޭދަނުކުރާށޭ ބުނާ­މީހުންނީ، އެއުރެންނެވެ.“

އަދި މުނާފިޤުން މުސްލިމުންނާމެދު ކުރަން އެ އުޅުނު ކަމަކީ ހަމަ ސީދާ އިޤްތިޞާދީ ޙިޞާރެވެ. ހަމަ­ކަށަވަރުން، އެކަމުގެ ފަރުވާއަކީ އެއިލާހާ މެދު އީމާންކަން ވަރުގަދަ­ކުރުމާއި، ތެދު­ވެރި­ކަމާއެކު އެއިލާހުގެ ޙަޟްރަތަށް ކުރިމަތިލުންކަން އެއިލާހުގެ މި ބަސް­ފުޅުން އިޝާރާތް­ކުރައްވާފައިވެއެވެ: ﴿…وَلِلَّهِ خَزَائِنُ السَّمَاوَاتِ وَالْأَرْضِ وَلَكِنَّ الْمُنَافِقِينَ لَا يَفْقَهُونَ [މުނާފިޤޫން 7]، ”އަދި އުޑު­ތަކާއި، ބިމުގައިވާ ޚަޒާނާތައް މިލްކު­ވެގެން ވަނީ، ﷲއަށެވެ. އެހެނެއް­ކަމަކު މުނާފިޤުންނަކަށް (އެކަމެއް) ނުވިސްނެތެވެ.“

އެހެނީ، އުޑު­ތަކާއި ބިމުގެ ޚަޒާނާތައް އެއިލާހުގެ އަތްޕުޅުގައިވާ އިލާހު، އެއިލާހުގެ ޙަޟްރަތަށް ރުޖޫޢަވެ، އެއިލާހަށް ކިޔަމަން­ތެރިވާ މީހަކު ދޫކޮށްނުލައްވާނެއެވެ: ﴿وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا ٢ وَيَرْزُقْهُ مِنْ حَيثُ لَا يَحْتَسِبُ وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ [ޠަލާޤް 2–3]، ”އަދި ﷲއަށް ތަޤްވާ­ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒްޤު ދެއްވާނެތެވެ. އަދި ﷲއަށް ވަކީލުކުރާ މީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ.“ އަދި އެކަން އަންނަނިވި އާޔަތުގައި ވެސް ބަޔާން­ކުރެއްވިއެވެ: ﴿وَإِنْ خِفْتُمْ عَيلَةً فَسَوْفَ يُغْنِيكُمُ اللَّهُ مِنْ فَضْلِهِ إِنْ شَاءَ [ތައުބާ 28]. މާނައީ: ”އަދި ތިޔަބައި­މީހުން، ފަޤީރު ވެދާނޭ­ކަމަށް ބިރުގަންނަ­ނަމަ، ފަހެ، ﷲ އިރާދަކުރައްވައިފިއްޔާ، އެކަލާނގެ ފަޟްލު ވަންތަ­ކަމުން، ތިޔަބައި­މީހުން މުއްސަނދި ކުރައްވައިފާނެތެވެ.“

މި ފޮތުގެ އެހެން ބައިތައް


  1. ޢަރަބި ބަހުގައި إحاطة ގެ މާނައަކީ ވަށައިލުމެވެ. ނުވަތަ ޢިލްމުގެ ގޮތުން ފުރިހަމައަށް އެކަމެއް އެނގުމެވެ.

    އަލްޤުރްޠުބީ ވިދާޅުވިއެވެ. ﴿قَدْ أَحَاطَ اللَّهُ بِهَا ގެ މާނައަކީ: އެކަލާނގެ އެ ތަކެތި ތިޔަބައި­މީހުންނަށް­ޓަކައި ތައްޔާރު­ކުރެއްވިއެވެ. ފަހެ، އެއީ އޭގެ ހުރިހާ ފަރާ­ތަކުން ވަށާލެވިފައިވާ އެއްޗެއް ފަދައެވެ. އެހެން­ކަމުން އެއީ ހިފެހެއްޓިފައިވާ، ގެއްލިގެން ނުދާނޭ އެއްޗެކެވެ. ފަހެ، ތިޔަބައި­މީހުންނަށް މިވަގުތު އެ ތަކެތީގެ މައްޗަށް ކުޅަދާނަ­ވެގެން ނުވި ކަމުގައިވިޔަސް، އެއީ ތިޔަބައި­މީހުންނަށް­ޓަކައި ހިފެހެއްޓިފައިވާ އެއްޗެކެވެ. ތިޔަބައި­މީހުންނަކަށް އެ ބީވެގެން ނުދާނެއެވެ.

    އަދި ބުނެވިފައިވެއެވެ: އޭގެ މާނައަކީ ތަކެއްޗަކީ ތިޔަބައި­މީހުންނަށް ލިބޭނޭ ތަކެއްޗެއްކަން ﷲ ދެނެ­ވޮޑި­ގަތުމެވެ. އެކަލާނގެ ވަޙީ­ކުރައްވާފައިވާ ފަދައިންނެވެ: ﴿وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا ”اللهގެ އިލްމު­ފުޅުން ހުރިހާ އެއްޗެއް ދެނެ­ވޮޑިގެންވާކަން (ތިޔަބައި­މީހުންނަށް އެނގުމަށް ޓަކައެވެ.)“ [ތަފްސީރުލް ޤުރްޠުބީ] ↩︎ ↩︎