ހަތްވަނަ މައްސަލަ: ސިޔާސަތު
ފަހެ، ޤުރްއާނުގައި ވަނީ ސިޔާސަތުގެ އަޞްލުތައް ބަޔާންކުރައްވައި، އެއަށް މަގުދައްކައިދޭ މަޢާލިމުތަކަށް އަލިކުރައްވައި، އަދި އޭގެ މަގުތައް ސާފުކޮށްދެއްވާފައެވެ.
ސިޔާސަތަކީ ”ساس يسوس“ މި ލަފުޒުގެ މަޞްދަރެވެ. އެއީ، ކަންކަން ތަދުބީރުކޮށް، ރާވައި ހިންގުމެވެ. ސިޔާސަތު ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ، ޚާރިޖީ ސިޔާސަތާއި ދާޚިލީ ސިޔާސަތެވެ.
[ޚާރިޖީ ސިޔާސަތު]
ޚާރިޖީ ސިޔާސަތު ދަންނައެވެ. ފަހެ، އެކަން ބިނާވެގެންވަނީ ދެ އަޞްލެއްގެ މައްޗަށެވެ.
-
ފުރަތަމައީ: ޢަދުއްވާ ބަލިކޮށްލުމަށް ނައްތާލުމަށް އެކަށީގެންވާ ބާރެއް ތައްޔާރު ކުރުމެވެ. މި އަޞްލާ ބެހޭ ގޮތުން ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.
﴿ وَأَعِدُّوا لَهُمْ مَا اسْتَطَعْتُمْ مِنْ قُوَّةٍ وَمِنْ رِبَاطِ الْخَيلِ تُرْهِبُونَ بِهِ عَدُوَّ اللَّهِ وَعَدُوَّكُمْ﴾ [ އަންފާލު 60] . ”އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ! އަދި އަސްތައް ވެސް ބަނދެ ތައްޔާރުކުރާށެވެ! އެކަމުން ﷲގެ ޢަދުއްވުންނާއި، ތިޔަބައިމީހުންގެ ޢަދުއްވުންނާއި، އެއުރެން ނޫން އެހެން ބަޔަކު ބިރުގެންނެވުމަށްޓަކައެވެ.“ -
ދެވަނައީ: އެ ބާރުގެ ވަށައިގެން، ޞައްޙަ ގޮތުގައި އެންމެން އެއްބައިވެ، އެއްގަލަކަށް އެރުމެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ:
﴿ وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا﴾ [ އާލު ޢިމްރާން 103] ”ތިޔަބައިމީހުން އެންމެން ﷲގެ ދީނުގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ!“ އަދި ވަޙީ ކުރެއްވިއެވެ:﴿ لَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ﴾ [ އަންފާލު 46] ”އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ!“
ދެން އެއަށްފަހު އެއާ ތަބާވެގެން އަންނަ ކަންތައް ވެސް ޤުރްއާނުގައި ބަޔާން ކޮށްދެއްވިއެވެ. ޞުލްޙަވުމާއި، ހުދްނާއާއި، ޢަހުދުތައް އުވާލަން ޖެހިއްޖެ ނަމަ ޢަހުދުތައް އުވާލުމުގެ ވާހަކަ ބަޔާން ކޮށްދެއްވިއެވެ. ﷲ ވަޙީ ކުރެއްވިއެވެ:
އަދި އެބައިމީހުންގެ މަކަރުވެރި ރޭވުންތަކުން ރައްކާތެރިވެ، އެބައިމީހުން ފުރުޞަތުގެ ބޭނުން ހިފާ ހިނދު އެކަމަށް ސަމާލުވުމަށް އަމުރުކުރައްވައި މި އާޔަތް ވަޙީކުރެއްވިއެވެ.
[ދާޚިލީ ސިޔާސަތު]
އަދި ދާޚިލީ ސިޔާސަތަށް ބަލާއިރު، އޭގެ މައްސަލަތައް ބިނާވެފައިވަނީ މުޖުތަމަޢުގެ ތެރޭގައި އަމާންކަމާއި ހަމަޖެހުން ފެތުރުމާއި، އަނިޔާވެރިކަން ހުއްޓުވުމާއި، ޙައްޤުތައް އޭގެ އަހުލުވެރިންނަށް ރައްދުކުރުމުގެ މައްޗަށެވެ.
ދާޚިލީ ސިޔާސަތު ބިނާވެފައިވާ މަތިވެރި އަގުހުރި އަސާސްތައް ހަޔެކެވެ.
-
ފުރަތަމައީ: ދީނެވެ. އަދި ޝަރީޢަތުގައި ދީން ރައްކާތެރި ކުރުމަށް އަންގަވާފައި ވެއެވެ. އެހެންކަމުން ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. «مَن بدَّل دِينَهُ فَاقْتُلُوه»1 ”އެމީހެއްގެ ދީން ބަދަލުކޮށްފި މީހާ، ފަހެ ތިޔަބައިމީހުން އޭނާ ޤަތުލުކުރާ ހުށިކަމެވެ.“ އަދި މީގައި ދީން ބަދަލުކޮށް، ދީން ގެއްލުވާލުމުން ދުރުހެލިވުމަށް އޮތް ގަދަފަދަވެގެންވާ ހުރަހެއް ވެއެވެ.
-
ދެވަނައީ: ނަފްސުތަކެވެ. ނަފްސުތައް ރައްކާތެރި ކުރުމަށްޓަކައި، ﷲ ތަޢާލާ ޤުރްއާނުގައި ވަނީ ޤިޞާޞް ޝަރުޢު ކުރައްވާފައެވެ.
﴿ وَلَكُمْ فِي الْقِصَاصِ حَيَاةٌ﴾ [ ބަޤަރާ 179] ”އަދި ޤިޞާޞް ހިފުމުގައި ތިޔަބައިމީހުންނަށް ދިރުމެއްވެއެވެ.“﴿ كُتِبَ عَلَيكُمُ الْقِصَاصُ فِي الْقَتْلَى﴾ [ ބަޤަރާ 178] ”ޤަތުލު ކުރެވޭ މީހުންނާމެދު ޤިޞާޞް ހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރެއްވިއެވެ.“﴿ وَمَنْ قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِ سُلْطَانًا﴾ [ އިސްރާއު 33] ”އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ވަލީވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ.“ -
ތިންވަނައީ: ބުއްދިތަކެވެ. ބުއްދިތައް ރައްކާތެރިކުރުމަށް ޤުރްއާނުގައި އައިސްފައިވެއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ:
﴿ يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيسِرُ وَالْأَنْصَابُ وَالْأَزْلَامُ رِجْسٌ مِنْ عَمَلِ الشَّيطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ﴾ [ މާއިދާ 90] ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަޞީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ“.ޙަދީޘްގައި ވެއެވެ. «كُلُّ مُسْكِرٍ حَرَامٌ»2 ”މަސްތުވާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެކެވެ.“ «مَا أَسْكَرَ كَثِيرُهُ فَقَلِيلُهُ حَرَامٌ»3 ”ގިނަ މިންވަރުން މަސްތުވާ ކޮންމެ އެއްޗެއްގެ މަދު މިންވަރު ވެސް ޙަރާމެވެ.“ އަދި ބުއްދިތައް ރައްކާތެރި ކުރުމަށްޓަކައި، ރާބޯ މީހާގެ މައްޗަށް ޙައްދު ޖެހުން ވާޖިބު ކުރެއްވިއެވެ.
-
ހަތަރުވަނައީ: ނަސަބުތަކެވެ. ފަހެ ނަސަބު ރައްކާތެރި ކުރެއްވުމަށްޓަކައި ޒިނޭގެ ޙައްދު ﷲ ޝަރުޢުކުރެއްވިއެވެ.
﴿ الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِنْهُمَا مِائَةَ جَلْدَةٍ﴾ [ ނޫރު 2] ”ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (ޙައްދު) ޖަހާށެވެ!“ -
ފަސްވަނައީ: އަބުރެވެ. އަބުރު ރައްކާތެރި ކުރެއްވުމަށްޓަކައި ޤަޛުފު ކުރާ މީހާގެ ގައިގައި 80 އެތިފަހަރުން ޖަލްދު ކުރުން ޝަރުޢުކުރެއްވިއެވެ.
﴿ وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً﴾ [ ނޫރު 4] މާނައީ: ”ޢިއްފަތް ތެރި އަންހެނުންނަށް ޤަޛްފުކުރާ މީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެ ގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ!“ -
ހަވަނައީ: މުދަލެވެ. މުދާ ރައްކާތެރި ކުރުމަށްޓަކައި، ﷲ ވަނީ ވައްކަން ކުރާ މީހާގެ އަތް ކެނޑުން ޝަރުޢު ކުރައްވާފައެވެ.
﴿ وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِنَ اللَّهِ﴾ [ މާއިދާ: 38] ”އަދި ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާގެ އަތްތައް ތިޔަބައިމީހުން ކަނޑައި ބުރިކުރާށެވެ! (އެއީ) އެ ދެމީހުން ހޯދިކަމުގެ ޖަޒާއެއްގެ ގޮތުންނެވެ. އަދި ﷲގެ ޙަޟްރަތުން ކަނޑައެޅުއްވި ޢިބްރަތްތެރިވެގެންވާ ޢުޤޫބާތެއްގެ ގޮތުންނެވެ.“
ފަހެ، މީސްތަކުން ޤުރްއާނަށް ތަބާވުމަކީ، މުޖުތަމަޢުގެ ހުރިހާ ދާޚިލީ އަދި ޚާރިޖީ މަޞްލަޙަތުތަކަށް ފުދޭނެ ކަމެއްކަން މިއިން ސާފުކޮށް ބަޔާންވެގެން ދެއެވެ.