ނޯޓު
މިއީ އައްޝައިޚް މުޙައްމަދުލް އަމީން އައްޝަންޤީޠީ ލިޔުއްވި ”އިސްލާމް ދީނަކީ ފުރިހަމަ ދީނެކެވެ.“ މި ފޮތުގެ ތަރުޖަމާ ގެނެސްދޭ ސިލްސިލާގެ ދެވަނަ ބައެވެ.

ފުރަތަމަ މައްސަލައަކީ ތައުޙީދެވެ. ﷲގެ އެއްކައުވަންތަ­ކަމެވެ. މުޅި ޤުރްއާން ފުން­ކޮށް ދިރާސާ­ކުރުމުން1 އެނގޭ ގޮތުގައި ތައުޙީދު ބެހެނީ ތިން ބަޔަކަށެވެ.

[1. ތައުޙީދުއްރުބޫބިއްޔާ]

ފުރަތަމައީ الله ގެ ރުބޫބިއްޔަތުގައި އެކަލާނގެ އެއްކައު­ވަންތަ ކުރުމެވެ. ތައުޙީދުގެ މި ބާވަތަކީ ބުއްދިވެރީންގެ ފިޠުރަތުގައި ޠަބީޢީ ގޮތުން އެކުލެވިފައިވާ ބާވަތެކެވެ. الله ވަޙީ ކުރެއްވިއެވެ. ﴿وَلَئِن سَأَلۡتَهُم مَّنۡ خَلَقَهُمۡ لَيَقُولُنَّ ٱللَّهُ [ޒުޚްރުފް 87] ”ހަމަ­ކަށަވަރުން، އެއުރެން ހެއްދެވީ ކާކުތޯ، އެއުރެންނާ ކަލޭގެފާނު ސުވާލު ކުރައްވައިފި­ނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. ﷲއެވެ.“

އަދިވެސް އެކަލާނގެ ވަޙީ­ކުރެއްވިއެވެ. ﴿قُلۡ مَن يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ أَمَّن يَمۡلِكُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَمَن يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّ وَمَن يُدَبِّرُ ٱلۡأَمۡرَۚ فَسَيَقُولُونَ ٱللَّهُۚ فَقُلۡ أَفَلَا تَتَّقُونَ [ޔޫނުސް 31] މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައި­މީހުންނަށް އުޑުންނާއި، ބިމުން ރިޒްޤު ދެއްވަނީ ކާކު ހެއްޔެވެ؟ ނުވަތަ އިވުމާއި ފެނުން މިލްކު­ވެގެންވަނީ ކާކަށް ހެއްޔެވެ؟ އަދި މަރު­ވެފައިވާ ތަކެތިން، ދިރޭ ތަކެތި ނެރުއްވައި، ދިރޭ ތަކެތިން މަރު­ވެފައިވާ ތަކެތި ނެރުއްވަނީ ކާކު­ހެއްޔެވެ؟ އަދި އެންމެހައި ކަންތައް ތަދުބީރު ކުރައްވަނީ ކާކު­ހެއްޔެވެ؟ ފަހެ، އެއުރެން ބުނާނެއެވެ. (އެއީ) اللهއެވެ. ދެން ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައި­މީހުން ތަޤްވާ­ވެރި ނުވަނީ ހެއްޔެވެ؟“ މި މާނައިގައި އައިސްފައިވާ އާޔަތްތައް ގިނަގުނައެވެ.

ތައުޙީދުގެ މި ބަޔަށް ފިރުޢައުނު އިންކާރު ކުރިއެވެ. ﴿قَال فِرْعَوْنُ وَمَا رَبُّ الْعَالمِينَ [ޝުޢަރާއު 23] ”ފިރުޢައުނު ދެންނެވިއެވެ. ޢާލަމްތަކުގެ ވެރިރަސް­ކަލާނގެއަކީ ކޮބައި­ހެއްޔެވެ؟“ އޭނާ އެކަމަށް އިންކާރު ކުރީ އޭނާގެ ބޮޑާ­ކަމުންނެވެ. އެނގިހުރެ، ނޭނގޭ ކަމަށް ހަދާފައެވެ. ދަލީލަކީ އަންނަނިވި އާޔަތެވެ. ﴿قَالَ لَقَدْ عَلِمْتَ مَآ أَنزَلَ هَٰٓؤُلَآءِ إِلَّا رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ بَصَآئِرَ [އިސްރާއު 102] ”އެކަލޭގެފާނު ވިދާޅުވިއެވެ! ހަމަ­ކަށަވަރުން، ބަޔާން­ވެގެންވާ ޢިބްރަތް­ތަކެއް ކަމުގައި މި މުޢުޖިޒާތައް ބާވައި­ލެއްވީ، އުޑު­ތަކާއި، ބިމުގެ ވެރިރަސް­ކަލާނގެ ފިޔަވައި އެހެން ފަރާތެއް ނޫންކަން ކަލޭ ރަނގަޅަށް ދަންނާނޫއެވެ.“ الله ވަޙީ ކުރެއްވިއެވެ. ﴿وَجَحَدُوا بِهَا وَاسْتَيقَنَتْهَا أَنْفُسُهُمْ ظُلْمًا وَعُلُوًّا [ނަމްލު 14] ”އަދި އެ އާޔަތްތައް އެއީ، ތެދުކަން އެއުރެންގެ ނަފްސުތަކަށް ޔަޤީންވެ ތިބެ، އަނިޔާވެރި­ކަމާއި، ބޮޑާވެ­ގަތުމުގެ ގޮތުން، އެ އާޔަތްތަކަށް އެއުރެން އިންކާރު ކުރޫއެވެ.“

އެހެން­ކަމުން ކީރިތި ޤުރްއާނުގައި ތައުޙީދުގެ މި ބާވަތް ތަޤްރީރު ކުރައްވާފައި ވަނީ އިޤްރާރުކުރުވަން ސުވާލުކުރާ ބީދައިންނެވެ. އަންނަނިވި އާޔަތް­ތަކުގައި ވާ ފަދައިންނެވެ. ﴿أَفِي اللَّهِ شَكٌّ [އިބްރާހީމް 10] ”الله އާމެދު، ޝައްކެއް ވޭހެއްޔެވެ؟“ ﴿قُلْ أَغَيرَ اللَّهِ أَبْغِي رَبًّا وَهُوَ رَبُّ كُلِّ شَيءٍ [އަންޢާމް 164] ”ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ހުރިހައި ތަކެއްޗެއްގެ ރައްބު ކަމުގައި ވާ ޙާލު، ރައްބެއް­ކަމުގައި، الله ފިޔަވައި އެހެން ފަރާތެއް ތިމަންކަލޭގެފާނު އެދޭނޭ ހެއްޔެވެ؟“ ﴿قُلْ مَنْ رَبُّ السَّمَاوَاتِ وَالْأَرْضِ قُلِ اللَّهُ [ރަޢުދު 16] ”ކަލޭގެފާނު ވިދާޅުވާށެވެ! އުޑު­ތަކާއި، ބިމުގެ ރައްބަކީ ކާކު ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! اللهއެވެ.“ މިނޫން ވެސް މިފަދަ ޢިބާރާތްތަކަކުންނެވެ. އެއީ އެކަމަކީ އެއުރެން އެކަމަށް އެއްބަސްވާ ކަމަކަށް ވާތީއެވެ.

ނަމަވެސް ތައުޙީދުގެ މި ބާވަތުން ކާފަރުންނަކަށް މަންފާ­އެއް ނުކުރިއެވެ. އެއުރެން އަޅުކަން ކުރުމުގައި الله އެއްކައު­ވަންތަ ނުކުރީތީއެވެ. الله ވަޙީ ކުރެއްވިއެވެ. ﴿وَمَا يُؤْمِنُ أَكْثَرُهُم بِٱللَّهِ إِلَّا وَهُم مُّشْرِكُونَ [ޔޫސުފް 106] ”އަދި އެއުރެން ކުރެ ގިނަ މީހުން، ޝަރީކު ކުރާ ބަޔަކު ކަމުގައިވާ ޙާލުގައި މެނުވީ، اللهއަށް އީމާނެއް ނުވެތެވެ.“ [އެއުރެން ބުނެތެވެ.] ﴿مَا نَعْبُدُهُمْ إلا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى [ޒުމަރު 3] ”اللهގެ ޙަޟްރަތަށް ތިމަންމެން ކުއްތަން ކޮށްދިނުމަށް މެނުވީ، ތިމަންމެން އެތަކެއްޗަކަށް (އެބަހީ: ބުދުތަކަށް) އަޅު­ކަމެއް ނުކުރަމުއެވެ.“ ﴿وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ ۚ قُلْ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعْلَمُ [ޔޫނުސް 18] ”އަދި އެއުރެން ބުނެތެވެ. މި ތަކެއްޗަކީ، اللهގެ ޙަޟްރަތުގައި ތިމަންމެންނަށް ޝަފާޢަތް­ތެރި ވާނޭ ތަކެއްޗެވެ. ކަލޭގެފާނު ވިދާޅުވާށެވެ! الله ދެނެ­ވޮޑިގެން ނުވާ ކަމެއްގެ ވާހަކައިން ތިޔަބައި­މީހުން އެކަލާނގެއަށް ޚަބަރު ދެނީ­ހެއްޔެވެ؟“

[2. ތައުޙީދުލް އުލޫހިއްޔާ]

ދެވަނަ ބާވަތަކީ الله އަށް އަޅުކަން ކުރުމުގައި އެކަލާނގެ އެއްކައު­ވަންތަ ކުރުމެވެ. ރަސޫލުންނާއި އެބޭ­ކަލުން އެބަ­އެއްގެ ގާތަށް ފޮނުއްވުނު އުންމަތްތަކާ ދެމެދު ހިނގައިދިޔަހައި ހަނގުރާމަ­އެއް ހިނގައި ދިޔައީ މިކަމާ މެދުގައެވެ. މި ކަމަކީ މިކަން ޙަޤީޤަތަކަށް ހެދުމަށް ޓަކައި ރަސޫލުން ފޮނުއްވުނު ކަން­ތަކެވެ.

ތައުޙީދުގެ މި ބާވަތުން ޙާޞިލުވަނީ ”لا إله إلا الله“ ގެ މާނައެވެ. ފަހެ މި ކަލިމައިގެ މާނަ ބިނާ ވަނީ ދެ އަޞްލެއްގެ މައްޗަށެވެ. އެއީ އޭގައިވާ ނަފީ­ކުރުމާއި ސާބިތު­ކުރުމެވެ. ”لا إله إلا الله“ ގައި ވާ ނަފީގެ މާނައަކީ، ކޮންމެ އަޅު­ކަމަކަށް ވިޔަސް، الله ފިޔަވައި އެހެން ފަރާތަކަށް އެކަން ކުރުމުން އެއްކިބާވެ ބަރީއަ­ވުމެވެ. ސާބިތު­ކުރުމުގެ މާނައަކީ اللهއަަށް އަޅުކަން ކުރުމަށް ޓަކައި އެކަލާނގެ ޝަރުޢު ކުރައްވާފައިވާ ގޮތަށް، އެކަލާނގެއަށް އަޅުކަން ޚާލިޞް­ކުރުމެވެ. ޤުރްއާނުގެ ބޮޑު ބައި އައިސްފައި ވަނީ މިކަމާ މެދުގައެވެ.

﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ [ނަޙްލު 36] ”ހަމަ­ކަށަވަރުން، ތިމަންއިލާހު ކޮންމެ އުއްމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، اللهއަށް އަޅުކަން ކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ.“

﴿وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إلا نُوحِي إِلَيهِ أَنَّهُ لَا إِلَهَ إلا أَنَا فَاعْبُدُونِ [އަންބިޔާ 25] ”ހަމަ­ކަށަވަރުން، ތިމަންއިލާހު މެނުވީ އިލާހަކު ނުވާ­ކަމަށް އެ ބޭކަލަކަށް ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިން ވެސް ތިމަންއިލާހު ނުފޮނުއްވަމެވެ. ފަހެ، ތިޔަބައި­މީހުން (ހަމައެކަނި) ތިމަންއިލާހަށް އަޅުކަން ކުރާށެވެ!“

﴿فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى [ބަޤަރާ 256] ”ފަހެ، ޠާޣޫތަށް2 ކާފަރުވެ اللهއަށް އީމާންވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ، އެންމެ އިތުބާރުހުރި އުޅައްގަނޑުގައި (އެންމެ ވަރުގަދަ ޢަޤީދާގައި) ހިފަހައްޓައިފިކަން ކަށަވަރެވެ.“

﴿وَسۡـَٔلۡ مَنۡ أَرۡسَلۡنَا مِن قَبۡلِكَ مِن رُّسُلِنَآ أَجَعَلۡنَا مِن دُونِ ٱلرَّحۡمَٰنِ ءَالِهَةٗ يُعۡبَدُونَ [ޒުޚްރުފް 45] ”އަދި ތިމަން­ރަސް­ކަލާނގެ ރަސޫލުންގެ ތެރެއިން ކަލޭގެފާނުގެ ކުރިން ތިމަން­ރަސް­ކަލާނގެ ފޮނުއްވި ރަސޫލުން ކުރެން އައްސަވާށެވެ! (އެބަހީ: އެބޭ­ކަލުންގެ ޝަރީޢަތުން ބައްލަވާށެވެ!) ރަޙްމާން­ވަންތަ ރަސް­ކަލާނގެ މެނުވީ، އަޅުކަންވެވޭ އެހެން އިލާހުން­ތަކެއް ތިމަން­ރަސް­ކަލާނގެ ލެއްވިން ހެއްޔެވެ؟“

﴿قُلْ إِنَّمَا يُوحَى إِلَيَّ أَنَّمَا إِلَهُكُمْ إِلَهٌ وَاحِدٌ فَهَلْ أَنْتُمْ مُسْلِمُونَ [އަންބިޔާ 108]، ”ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް ވަޙީ އިއްވަވާކަން ކަށަވަރީ، ތިޔަބައި­މީހުންގެ އިލާހަކީ، އެއްކައު­ވަންތަ އިލާހެއް ކަމަށެވެ. ފަހެ، ތިޔަބައި­މީހުންނީ (އެކަން ޤަބޫލު­ކޮށް) އިސްލާމްވާ ބަޔެއް ހެއްޔެވެ؟“

މި ކަމާމެދު ބާވައިލައްވާފައިވާ އެތައް އާޔަތެއް ވެއެވެ.

[3. ތައުޙީދުލް އަސްމާއި ވައްޞިފާތި]

ތިންވަނަ ބާވަތަކީ: الله ގެ އިސްމުފުޅު­ތަކާއި ޞިފަފުޅު­ތަކުގައި އެކަލާނގެ އެއްކައު­ވަންތަ ކުރުމެވެ. ތައުޙީދުގެ މި ބާވަތް ބިނާ­ވެގެން ވަނީ الله ބަޔާން ކުރައްވާފައިފާ ދެ އަޞްލެއްގެ މައްޗަށެވެ.

  1. ފުރަތަމައީ: [ނެތުމުގެ ތެރެއިން] އުފެދިފައިވާ ތަކެތީގެ ސިފަތަކާ އެއްވައްތަރު ވުމުން އެކަލާނގެ ހުސްދުރު­ކުރުމެވެ.

  2. ދެވަނައީ: ﷲ، އެކަލާނގެ ޛާތު­ފުޅު ސިފަ ކުރައްވާފައިވާ އެންމެހައި ޞިފަފުޅު­ތަކާއި، އެކަލާނގެ ރަސޫލާ ، އެކަލާނގެ ސިފަ ކުރައްވާފައިވާ ސިފަ­ފުޅުތަކަކަށް އީމާން ވުމެވެ. އެއީ އެކަލާނގެ ފުރިހަމަވަންތަ­ކަމާއި މަތިވެރިވަންތަ­ކަމާ ލާއިޤު­ވެގެންވާ ގޮތެއްގައެވެ. އެ ސިފަ­ފުޅުތަކުގެ ޙަޤީޤީ މާނައިގައެވެ. މަޖާޒީ މާނައިގަ­އެއް ނޫނެވެ.

    الله ގެ ޛާތު­ފުޅު، الله ދެނެ­ވޮޑިގެންވާ ވަރަށްވުރެ ބޮޑަށް ދަންނަ ފަރާ­ތަކުން އެކަލާނގެ ޞިފަ ނުކުރާނެ­ކަމާއި، الله ގެ ޛާތު­ފުޅު، الله ގެ ރަސޫލާ ދެނެ­ވަޑައިގަންނަވާ ވަރަށް ވުރެ ބޮޑަށް އެކަލާނގެ ދަންނަ މީހަކު ވެސް އެކަލާނގެ ޞިފަ ނުކުރާނެކަން އެނގިގެން ވެއެވެ.

    الله، އެކަލާނގެ ޛާތުފުޅާ މެދު ވަޙީ ކުރެއްވިއެވެ. ﴿ءَأَنتُمْ أَعْلَمُ أَمِ ٱللَّهُ [ބަޤަރާ 140]. ”ބޮޑަށް އެނގެނީ ތިޔަބައި­މީހުންނަށް ހެއްޔެވެ؟ ނުވަތަ (ދެނެ­ވޮޑިގަތުން ބޮޑީ) الله ހެއްޔެވެ؟“

    އަަދި އެކަލާނގެ ރަސޫލާއާ މެދު ވަޙީ­ކުރެއްވިއެވެ: ﴿وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ ٣ إِنۡ هُوَ إِلَّا وَحۡيٞ يُوحَىٰ [ނަޖްމު 3–4] ”އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަ­ފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީ­އެއް ކަމުގައި ނޫނީ ނުވެތެވެ.“

    އެކަލާނގެއާ (އެހެން އެއްޗަކާ) އެއްފަދަ ވުން ނަފީ ކުރައްވައި الله ވަޙީ ކުރެއްވިއެވެ. ﴿لَيسَ كَمِثْلِهِ شَيءٌ [ޝުރާ 11] ”އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ.“ އަދި އެކަލާނގެ ސިފަ­ފުޅުތައް ޙަޤީޤީ މާނައިގައި ސާބިތުވާކަން ބަޔާން ކުރެއްވިއެވެ. ﴿وَهُوَ السَّمِيعُ الْبَصِيرُ ”އަދި އެކަލާނގެއީ، މޮޅަށް އައްސަވާ­ވޮޑިގެންވާ، މޮޅަށް ބައްލަވާ­ވޮޑިގެންވާ ރަސް­ކަލާނގެއެވެ.“ އާޔަތުގެ ކުރީބައި ނިޔާކުރަނީ ތަޢުޠީލު3 ނުކުރުމަށެވެ. (އެބަހީ: އޭގެ ތެރެއިން އެެއްވެސް ޞިފަފުޅަކަށް ނުވަތަ އޭގަ މާނައަށް އިންކާރު­ކޮށް ނަފީ­ކުރުމެވެ). ފަހެ، މި އާޔަތުން ސާފުވާ ގޮތުގައި ވާޖިބު­ވެގެންވަނީ (اللهގެ) ޞިފަ­ފުޅުތައް އެއްވެސް އެއްޗަކާ އެއްފަދަ­ކޮށް އަޅައިކިޔުމެއްނެތި އޭގެ ޙަޤީޤީ މާނައިގައި ސާބިތު­ކުރުމެވެ. އަދި އެ ޞިފަ­ފުޅުތައް ނަފީ­ކޮށް ތަޢުޠީލު ކުރުމަކާ ނުލައި، އެހެން އެއްޗަކާ އެއްފަދަ­ވުން ނަފީ­ކުރުމެވެ.

    އަދި ޚަލްޤު­ތަކުންނަށް الله އާ ބެހޭ ކަންތައްތައް ދެނެ­ގަތުމަށް ނުކުޅެދިގެންވާކަން ބަޔާން ކުރައްވައި ވަޙީ ކުރެއްވިއެވެ. ﴿يَعْلَمُ مَا بَينَ أَيدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِهِ عِلْمًا [ޠާހާ 110] ”އެއުރެންގެ ކުރިމަތީގައިވާ ކަން­ތަކާއި، އެއުރެންގެ ފަހަތުގައިވާ ކަންތައްތައް އެކަލާނގެ ދެނެ­ވޮޑިގެންވެތެވެ. އަދި އެއުރެންނަކަށް އެ ކަންތައް­ތަކެއް އެނގިގެނެއް ނުވެތެވެ.“


  1. މިތަނުގެ އަސްލު ލަފުޒަކީ އިސްތިޤްރާއެވެ. އިސްތިޤްރާއު (Inductive Reasoning) އަކީ ވަކި މައުޟޫޢަކާ ގުޅޭ ޖުޒްއީ (ވަކިވަކި) ދަލީލު­ތަކާއި މިސާލުތައް ދިރާސާ­ކުރުމަށްފަހު، އެ ހުރިހާ ކަމެއް ޝާމިލުވާ ޢާންމު ޤާޢިދާ­އެއް ނުވަތަ ޙުކުމެއް ނެރުމުގެ ޢިލްމީ މަންހަޖެވެ. މިގޮތުން ތައުޙީދާ ގުޅޭގޮތުން ޤުރުއާނުގައި ވާރިދު­ވެފައިވާ އެންމެހައި ނައްޞުތައް ބަލައި ފުން­ކޮށް ދިރާސާ­ކުރުމުން އެނގޭ ގޮތުގައި، އެ ނައްޞުތައް ބެހިފައި ވަނީ ތިން ބަޔަކަށެވެ. ↩︎

  2. މިފޮތުގެ މުޞައްނިފު އެބޭފުޅާގެ ތަފްސީރުގައި ވިދާޅުވިއެވެ. ”ﷲ ފިޔަވައި އަޅުކަން ކުރެވޭ ކޮންމެ ފަރާތަކީ ޠާޣޫތެކެވެ.“ [އަޟްވާއުލް ބަޔާން 2/374]

    ޠާޣޫތުގެ މާނައާ މެދު އިމާމް ޠަބަރީ ވިދާޅުވެއެވެ: ”އެއީ ﷲ އަށް އުރެދި ހައްދުފަހަނަޅައިދާ، އަދި ﷲ ފިޔަވައި އެ ފަރާތަކަށް އަޅުކަން­ކުރެވޭ ކޮންމެ ފަރާތެކެވެ. އެ އަޅުކަން ކުރަނީ އަޅުކަންކުރާ މީހުންނަށް މަޖުބޫރު­ކޮށްގެން ކަމުގައިވިޔަސް، ނުވަތަ އެއަށް އަޅުކަންކުރާ މީހުން ހިތުން ރުހުމުން އޭނާއާ ކުއްތަންވުމުގެ ގޮތުން ކަމުގައިވިޔަސްމެއެވެ. އަޅުކަން­ކުރެވޭ އެ ފަރާތަކީ އިންސާނެއް ކަމުގައި ވިޔަސް، ނުވަތަ ޝައިޠާނެއް ކަމުގައި ވިޔަސް، ނުވަތަ ބުދެއް ކަމުގައި ވިޔަސް، ނުވަތަ އެނޫންވެސް ކޮންމެ އެއްޗެއް ކަމުގައި ވިޔަސް މެއެވެ.“ [ތަފްސީރުއްޠަބަރީ 3/19]

    މި ތަޢުރީފު އިތުރަށް ސާފުކޮށް­ދެއްވަމުން އިމާމް އިބްނުލް ޤައްޔިމް ވިދާޅު­ވެފައިވެއެވެ: ”ޠާޣޫތަކީ، އެ ފަރާތަކާ މެދު އަޅާ ހައްދު ފަހަނަޅައިދާ ކޮންމެ ފަރާތެކެވެ. އެއީ އަޅުކަން­ކުރެވޭ ފަރާތެއްގެ ގޮތުގައި ވިޔަސް، ނުވަތަ ތަބަޢަވޭ ފަރާތެއްގެ ގޮތުގައި ވިޔަސް، ނުވަތަ ކިޔަމަންގަންނަ ފަރާތެއްގެ ގޮތުގައި ވިޔަސް މެއެވެ. ފަހެ، ކޮންމެ ބައެއްގެ ވެސް ޠާޣޫތަކީ، ﷲ އާއި އެކަލާނގެ ރަސޫލާ ފިޔަވައި، އެބައި­މީހުން ޙުކުމް ހޯދުމަށް އެދިގޮސް އުޅޭ ފަރާތެވެ. ނުވަތަ ﷲ ފިޔަވައި އެބައި­މީހުން އަޅުކަންކުރާ ފަރާތެވެ. ނުވަތަ ﷲގެ ފަރާތުންވާ ބަޞީރަތަކާ (ސާފު ދަލީލަކާ) ނުލައި އެބައި­މީހުން ތަބަޢަވާ ފަރާތެވެ. ނުވަތަ އެއީ ﷲ އަށް ކިޔަމަންގަތުން ކަން ނޭނގިތިބެ، އެބައި­މީހުން ކިޔަމަންގަންނަ ފަރާތެވެ. ފަހެ، މިއީ ދުނިޔޭގެ ޠާޣޫތުންނެވެ.“ [އިޢުލާމުލް މުވައްޤިޢީން 1/85]

    އެހެނަސް މަލާއިކަތުންނާއި ނަބީބޭ­ކަލުން ފަދަ، އެފަރާތްތައް އެ އަޅު­ކަމުން ބަރީއަ­ވެގެންވާ ޙާލުގައި މުޝްރިކުން އަޅުކަން ކުރާ ފަރާތްތަކަށް ޠާޣޫތުގެ ނަން ނިސްބަތް ނުކުރެވޭނެއެވެ. ↩︎

  3. ބަހުގެ ގޮތުން ތަޢުޠީލުގެ މާނައަކީ: އެއްޗެއް ހުސް­ކޮށްލުން ނުވަތަ ފަޅު­ކޮށް، ދޫކޮށް­ލުމެވެ. މި ތަނުގައި ތަޢުޠީލޭ ބުނެވެނީ: الله އެކަލާނގެ ނަފްސުފުޅަށް ސާބިތު ކުރައްވާފައިވާ އިސްމުފުޅަކަށް ނުވަތަ ސިފަފުޅަކަށް އިންކާރު ކުރުމެވެ. އެއީ އެ އެއް­ކޮށް ނުވަތަ އޭގެ ބައެއް ނަފީ ކުރުން ކަމުގައި ވިޔަސް، އެ ބަދަލު­ކޮށް އޮޅުވާލައިގެން ކަމުގައި ވިޔަސް، އެއާ ދެކޮޅު ހަދައިގެން ކަމުގައި ވިޔަސް މި ހުރިހައި ކަމަކީ ވެސް ތަޢުޠީލެވެ. [ބައްލަވާ: އަލްޢަޤީދަތުލް ވާސިޠިއްޔާގެ، ޝައިޚް ޢުޘައިމީންގެ ޝަރަޙަ، 1 / 81] ↩︎