ދެވަނަ މައްސަލައަކީ ވަޢުޡެވެ.
ހުރިހައި ކަމެއްގެ މައްޗަށް ﷲ ބައްލަވައިވޮޑިގެންވާ ކަމާއި ހުރިހައި ކަމެއް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވާ ކަމުގެ ވަޢުޡަށްވުރެ ބޮޑުވެގެންވާ ވާޢިޡެއް، އަދި އުރެދުންތަކުން ދުރުހެލިކޮށްދޭ އެއަށްވުރެ މަތިވެރި ޒާޖިރެއް ﷲ އުޑުން ބާވައިލައްވާފައި ނުވާ ކަމަށް ޢިލްމުވެރީން ވަނީ އިޖްމާޢު ވެވަޑައިގެންފައެވެ. އެއީ އިންސާނާގެ ވެރި ރައްބު އޭނާގެ މައްޗަށް ބައްލަވައިވޮޑިގެން، އޭނާ ކުރާ ކަންތަކަށް ފާރަވެރިވެވޮޑިގެންވާ ކަމާއި، އޭނާ ފާޅު ކުރާ ކަންތަކާއި ވަންހަނާ ކުރާ ކަންތައް ދެނެވޮޑިގެންވާކަން އިންސާނާއަށް އެނގުމެވެ.
މި ބޮޑުވެގެންވާ ވަޢުޡާއި، މަތިވެރިވެގެންވާ ޒާޖިރުގެ ވާހަކައިން ޚިޔާލަށް ގެނެވޭ ކަންތައްތައް ޙިއްސުތަކާ ހަމައަށް ތިލަކޮށް ސާފު ކޮށްދެއްވުމަށް ޓަކައި ޢިލްމުވެރީން މިސާލެއް ޖެއްސެވިއެވެ.
ލޭއޮހޮރުވުން ގިނަ، މީސްތަކުން ޤަތުލުކޮށް އުޅޭ، ބާރާއި ޢުޤޫބާތް ގަދަފަދަ ރަސްކަލަކު ވާކަމަށް ބަލަމާ ހިނގާށެވެ. އޭނާގެ ޖައްލާދު ހުރީ އޭނާގެ ކުރިމަތީގައެވެ. ލޭގެ ސަތަރިގަނޑެއް ވަނީ ބިންމަތީގައި ފަތުރާފައެވެ. އަދި އޭނާގެ ކަނޑީން ލޭތިކި ޖަހަމުން ދެއެވެ. އަދި މި ރަސްގެފާނުގެ ވަށައިގެން އޭނާގެ އަނބީންނާއި ދަރިދަރިކަނބަލުން ވެއެވެ. ފަހެ، އެ ރަސްގެފާނު ބަލަބަލައި ހުއްޓައި، އެތަނުގައި ޙާޟިރުވެހުރި އެކަކަށް ވެސް އޭނާގެ އަނބީންނާއި ދަރީން ކުރެ ކަނބަލަކާ މެދުގައި ޙަރާމް ކަމެއް ނުވަތަ ޝައްކެއް އުފެދޭ ވަރުގެ ކަމެއް ވެސް ކުރަން ހިތަށް ވެސް އަރައިފާނޭ ހެއްޔެވެ؟ ނޫނެކެވެ! ހަމަހިލައި އެހެންނަކުން ނުވާނެއެވެ! ﴿وَلِلَّهِ ٱلْمَثَلُ ٱلْأَعْلَىٰ﴾ ”އަދި އެންމެ މަތިވެރި މިޘާލު ވަނީ، ﷲއަށެވެ.“ އަދި ކިއެއް، އެންމެހައި ޙާޟިރީން ތިބޭނީ ބިރުންނެވެ. ހިތްތައް ކިޔަމަން ވެގެންނެވެ. ލޯތަށް އިސްދަށަށް ޖަހައިގެންނެވެ. އަދި ގުނަވަންތައް ގުޑުވާލަން ވެސް ނުކެރިފައެވެ. އެއުރެންގެ އުންމީދުތައް ކޮޅުންލާ ހިސާބަކީ އޭނާގެ ކިބައިން ސަލާމަތްވެވުމެވެ.
ޝައްކެއްނެތެވެ. –އަދި އެންމެ މަތިވެރި މިޘާލު ވަނީ، ﷲއަށެވެ.– ފަހެ މި ރަސްގެފާނަށްވުރެން ﷲގެ ބެއްލެވުން ފުރިހަމަވެފައި ޢިލްމުފުޅު ތަނަވަސްވެގެން ވެއެވެ. އަދި ޝައްކެއް ނުވާ ގޮތުގައި، އެ ރަސްގެފާނަށްވުރެ އެކަލާނގެ ޢުޤޫބާތް މަތިވެރިވެފައި، އިންތިޤާމް ގަދަފަދަވެފައި، ޢަޛާބު ބިރުވެރިވެގެން ވެއެވެ.
އަދި އެކަލާނގެ ބިމުގައި، އެކަލާނގެ ރައްކާތެރި ކުރައްވައި ޙިމާޔަތް ކުރައްވާފައިވާ އިމަކީ އެކަލާނގެ ޙަރާމް ކުރެއްވި ކަންތައްތަކެވެ.
ފަހެ، ރަށެއްގެ އަހުލުވެރީން ރޭގަނޑު ކުރާހައި ކަމެއް އެ ރަށުގެ އަމީރަށް އެނގޭނެކަން އެއުރެން ދަނެފިނަމަ، އެއުރެން ރޭކުރާނީ އެކަމާމެދު ބިރުވެތިވާ ޙާލުގައެވެ. އަދި އޭނާ ދެކެ ބިރުން އެންމެހައި މުންކަރާތްތަކެއް ދޫކޮށްލާނެއެވެ.
އަދި ﷲ ބަޔާން ކުރައްވާފައިވާ ގޮތުގައި އެ ޙިކުމަތަކަށް ޓަކައި ޚަލްޤުތަކުން ޚަލްޤު ކުރެއްވި ޙިކުމަތަކީ އެއުރެން އިމްތިޙާނު ކުރެއްވުމެވެ. ﴿أَيُّهُمْ أَحْسَنُ عَمَلًا﴾ [އަލްކަހްފު 7] ”އެއުރެން ކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ“ އިމްތިޙާނު ކުރެއްވުމެވެ. ހޫދު ސޫރަތުގެ ކުރީ ކޮޅުގައި ﷲ ވަޙީ ކުރެއްވިއެވެ. ﴿وَهُوَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ وَكَانَ عَرۡشُهُۥ عَلَى ٱلۡمَآءِ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلٗا﴾ [ހޫދު 7] ”އަދި އެކަލާނގެއީ، ހަ ދުވަހުގެ ތެރޭގައި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ ޢަރްޝު (އޭރު) ވަނީ ފެން މަތީގައެވެ. (އެއީ) ތިޔަބައިމީހުންގެ ތެރެއިން، އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށެވެ.“ މި ދެ އާޔަތުގައި، ”އެންމެ ޢަމަލު ގިނައީ ކާކުތޯ“ އޭ ވަޙީ ނުކުރައްވައެވެ. އަދި މުލްކު ސޫރަތުގައި ވަޙީކުރެއްވިއެވެ. ﴿ٱلَّذِي خَلَقَ ٱلۡمَوۡتَ وَٱلۡحَيَوٰةَ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلٗاۚ وَهُوَ ٱلۡعَزِيزُ ٱلۡغَفُورُ﴾ [އަލްމުލްކު 2] ”އެކަލާނގެއީ ތިޔަބައިމީހުން ކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށް ޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.“
އިސްވެދިޔަ ދެ އާޔަތުން އަންނަނިވި އާޔަތުގެ މުރާދު ބަޔާން ކޮށްދެއެވެ. ﴿وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إلا لِيَعْبُدُونِ﴾ [އައްޛާރިޔާތު 56] ”ތިމަންރަސްކަލާނގެއަށް އަޅުކަން ކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.“
ޚަލްޤުތަކުން ޚަލްޤު ކުރެއްވުމުގެ ޙިކްމަތަކީ އިސްވެ ޛިކުރުވެދިޔަ އިމްތިޙާނު ކަމުގައި ވީހިނދު، އެ އިމްތިޙާނުން ފާސްވާނެ ގޮތް މީސްތަކުންނަށް ބަޔާން ކޮށްދެއްވަން ޖިބްރީލުގެފާނު އެދިވަޑައިގަތެވެ. ފަހެ ނަބިއްޔާ ﷺ އަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”أَخْبِرْنِي عَنِ الْإحْسَانِ“ މާނައީ: ”އިޙްސާންތެރިކަމާ ބެހޭ ގޮތުން ތިމަންކަލޭގެފާނަށް ޚަބަރުދެއްވާށެވެ!“ އެހެނީ އެ ކަމަކީ އެކަމަކާމެދު އިމްތިޙާނު ކުރެއްވުމަށް ޓަކައި ޚަލްޤުތަކުން ޚަލްޤު ކުރެއްވި ކަންތަކެވެ. ދެން ފަހެ މި ބޮޑުވެގެންވާ ޒާޖިރު، އަދި މަތިވެރިވެގެންވާ ވާޢިޡު ކަމުގައިވާ އިޙްސާންތެރިކަމުގެ މަގު، ނަބިއްޔާ ﷺ ބަޔާން ކުރައްވައި ޙަދީޘް ކުރެއްވިއެވެ. ”هُوَ أَن تَعْبُدَ اللهَ كَأَنَّكَ تَرَاهُ، فَإن لَمْ تَكُنْ تَرَاهُ فَإنَّهُ يَرَاكَ.“ [متفق عليه]. މާނައީ: ”އެއީ ތިބާއަށް ﷲ ފެނިހުރެ ކުރާ ފަދައިން އެ އިލާހަށް އަޅުކަން ކުރުމެވެ. އެހެނީ ތިބާއަށް އެއިލާހު ނުފެނުނަސް އެ އިލާހު ތިބާ ދެކިވޮޑިގެންވެއެވެ.“
އެހެންކަމުން ތިބާ މުޞްޙަފުގެ ކޮންމެ ގަނޑަކަށްހެން އެއްލައިލިޔަސް މި ވާޢިޡު ތިބާއަށް ފެންނާނެތެވެ.
﴿وَلَقَدْ خَلَقْنَا الْإِنْسَانَ وَنَعْلَمُ مَا تُوَسْوسُ بِهِ نَفْسُهُ وَنَحْنُ أَقْرَبُ إِلَيهِ مِنْ حَبْلِ الْوَرِيدِ﴾ [ޤާފު 16] ”އަދި ހަމަކަށަވަރުން، ތިމަންއިލާހު އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ ނަފްސު އޭނާޔަށް ވަސްވާސްދޭ ކަންތައް ތިމަންއިލާހު ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެ ވެސް ތިމަންއިލާހު އޭނާޔާ ކުއްތަންވެވޮޑިގަތުން ބޮޑެވެ.“
﴿مَا يَلْفِظُ مِنْ قَوْلٍ إلا لَدَيهِ رَقِيبٌ عَتِيدٌ﴾ [ޤާފު 18] ”(ކުރާ ޢަމަލުތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި ޙާޟިރުވެ މަލާއިކަތަކު ނެތި، އޭނާއަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ.“
﴿فَلَنَقُصَّنَّ عَلَيهِمْ بِعِلْمٍ وَمَا كُنَّا غَائِبِينَ﴾ [އަލްއަޢުރާފް 7] ”އަދި (އެއުރެން ކުރި ހުރިހައި ކަމެއް) ދެނެވޮޑިގެންވާ ޙާލުގައި، ހަމަކަށަވަރުން، ތިމަންއިލާހު އެއުރެންނަށް ކިޔައިދެއްވާ ހުށީމެވެ. އަދި (އެމީހުންގެ ކަންކަމަށް) ޣާއިބުވެވޮޑިގެންވާ ކަލަކުކަމުގައި ތިމަންއިލާހު ނުވެއެވެ.“
﴿وَمَا تَكُونُ فِى شَأْنٍ وَمَا تَتْلُوا۟ مِنْهُ مِن قُرْءَانٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ ۚ وَمَا يَعْزُبُ عَن رَّبِّكَ مِن مِّثْقَالِ ذَرَّةٍ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ وَلَآ أَصْغَرَ مِن ذَٰلِكَ وَلَآ أَكْبَرَ إِلَّا فِى كِتَٰبٍ مُّبِينٍ﴾ [ޔޫނުސު 61] ”ކަލޭގެފާނު ކޮންމެ ކަމެއްގައި އުޅުއްވިޔަސް، އަދި ކަލޭގެފާނު ޤުރްއާނުން ކޮންމެ އެއްޗެއް ކިޔަވައިވިދާޅުވިޔަސް، އަދި ތިޔަބައިމީހުން ކޮންމެ ޢަމަލެއް ކުރިޔަސް، އެ ޢަމަލުގެ ތެރޭގައި ތިޔަބައިމީހުން އުޅޭ ހިނދު، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ހެކިވެވޮޑިގެންވާ ކަމުގައި މެނުވީ ނުވަމެވެ. އަދި އުޑާއި، ބިމުގައިވާ ޛައްރެއްގެ މިންވަރު ވެސް، އަދި އެއަށްވުރެ ކުޑަޔަސް، އަދި އެއަށްވުރެ ބޮޑަސް، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ވަންހަނާ ވެގެނެއް ނުވެތެވެ. ބަޔާން ވެގެންވާ ފޮތެއްގައި އެތަކެތި ލިޔުއްވާފައި މެނުވީ ނުވެތެވެ.“
﴿أَلَا إِنَّهُمْ يَثْنُونَ صُدُورَهُمْ لِيَسْتَخْفُوا مِنْهُ أَلَا حِينَ يَسْتَغْشُونَ ثِيَابَهُمْ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ﴾ [ހޫދު 5] ”ދަންނާށެވެ! ހަމަކަށަވަރުން، އެއުރެން، އެއުރެންގެ މޭތައް އަނެއް ފަރާތަށް އަނބުރައިލަތެވެ. (އެއީ) އެކަލާނގެއަށް ވަންހަނާވެގަތުމަށެވެ. ދަންނާށެވެ! އެއުރެންގެ ފޭރާމުން އެއުރެން ފޮރުވިގެން ތިބޭ އިރު ވެސް، އެއުރެން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައި ވާހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.“
މިފަދައިން ޤުރްއާނުގެ އެކި ތަންތަނުގައި ވެއެވެ.
ތަރުޖަމާ
ޙައްސާން ޢަބްދުއްރައްޒާޤް
އަދާހަމަ
17 ސެޕްޓެންބަރު 2024
ލައިސެންސް
މި ތަރުޖަމާގެ ކޮޕީރައިޓާ ގުޅޭ އެންމެހައި ޙައްޤުތައް ލިބިގެން ވަނީ ތަރުޖަމާ ކުރި ފަރާތަށެވެ.