ނޯޓު
މިއީ އައްޝައިޚް މުޙައްމަދުލް އަމީން އައްޝަންޤީޠީ ލިޔުއްވި ”އިސްލާމް ދީނަކީ ފުރިހަމަ ދީނެކެވެ.“ މި ފޮތުގެ ތަރުޖަމާ ގެނެސްދޭ ސިލްސިލާގެ ހަތަރުވަނަ ބައެވެ.

ތިންވަނަ މައްސަލައަކީ ޞާލިޙު ޢަމަލާއި އެނޫން ޢަމަލުތަކުގެ ފަރަޤު ބަޔާން­ކުރުމެވެ.

ޞާލިޙު ޢަމަލަކީ އޭގައި ތިން ކަމެއް ފުރިހަމަވާ ޢަމަލުކަން ކީރިތި ޤުރުއާނުގައި ވަނީ ބަޔާން ކުރައްވާފައެވެ. އޭގެ ތެރެއިން އެންމެ ކަމެއް އުނި ވިޔަސް އެ ޢަމަލު ކުރި މިހާއަށް އެޢަމަލަކުން ޤިޔާމަތް ދުވަހު އެއްވެސް މަންފާ­އެއް ނުކުރާނެއެވެ.

  1. ފުރަތަމައީ: އެ ޢަމަލަކީ ނަބިއްޔާ ގެނެސް­ދެއްވި ގޮތާ އެއްގޮތަށް ކުރެވޭ ޢަމަލެއް ކަމުގައި ވުމެވެ. އެހެނީ ﷲ ވަޙީ ކުރެއްވިއެވެ. ﴿وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا [އަލްޙަޝްރު] ”އަދި ރަސޫލާ ތިޔަބައި­މީހުންނަށް ގެނެސް­ދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައި­މީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައި­މީހުންނަށް ނަހީ­ކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައި­މީހުން ދުރުވެގަންނާށެވެ!“ އަދިވެސް ވަޙީ ކުރެއްވިއެވެ. ﴿مَنْ يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ [އައްނިސާ 80] ”ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަ­ކަށަވަރުން ﷲއަށް ކިޔަމަން ވެއްޖެއެވެ.“ ﴿قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي [އާލުޢިމްރާން 31] ”ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައި­މީހުން، ﷲއަށް ލޯބިވާ­ކަމުގައި ވަނީ­ނަމަ، ފަހެ، ތިޔަބައި­މީހުން، ތިމަންކަލޭގެފާނަށް ތަބާވާށެވެ!“ ﴿أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنَ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ [އައްޝޫރާ 21] ”ނުވަތަ ﷲ، އިޛުނަ ދެއްވާފައި ނުވާ ދީނެއް، އެއުރެންނަށް، ޝަރުޢު­ކޮށް ކަނޑައަޅައިދިން ޝަރީކުން­ތަކެއް އެއުރެންނަށް ވޭހެއްޔެވެ؟“ ﴿آللَّهُ أَذِنَ لَكُمْ أَمْ عَلَى اللَّهِ تَفْتَرُونَ [ޔޫނުސް 59]. ”ތިޔަބައި­މީހުންނަށް (އެކަމަށް) އިޛުނަ ދެއްވީ ﷲ ހެއްޔެވެ؟ އަދި ކިއެއްތަ! ﷲއާމެދު ތިޔަބައި­މީހުން ހަދައިގެން ދޮގެއް ބުނަނީއެވެ.“

  2. ދެވަނައީ: އެ ޢަމަލަކީ ﷲގެ ވަޖުހުފުޅަށް­ޓަކައި ޚާލިޞް­ކޮށް ކުރެވޭ ޢަމަލަކަށް ވުމެވެ. އެހެނީ ﷲ ވަޙީ­ކުރެއްވިއެވެ. ﴿وَمَا أُمِرُوا إلا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ [އަލްބައްޔިނާ 5] މާނައީ: ”ﷲއަށް އަޅުކަން ޚާލިޞް ކުރާ ޙާލު، ﷲއަށް އަޅުކަން ކުރުމަށާއި… މެނުވީ، އެއުރެންނަށް އަމުރު­ކުރައްވާފަ­އެއް ނުވެތެވެ.“ އަދިވެސް ވަޙީ­ކުރެއްވިއެވެ. ﴿قُلْ إِنِّىٓ أُمِرْتُ أَنْ أَعْبُدَ ٱللَّهَ مُخْلِصًا لَّهُ ٱلدِّينَ ‮١١ وَأُمِرْتُ لِأَنْ أَكُونَ أَوَّلَ ٱلْمُسْلِمِينَ ‮١٢ قُلْ إِنِّىٓ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍ ‮١٣ قُلِ ٱللَّهَ أَعْبُدُ مُخْلِصًا لَّهُۥ دِينِى ‮١٤ فَٱعْبُدُوا۟ مَا شِئْتُم مِّن دُونِهِۦ [އައްޒުމަރު 11–15]. ”ކަލޭގެފާނު ވިދާޅުވާށެވެ! ހަމަ­ކަށަވަރުން، އަހުރެންނަށް އަމުރު ކުރައްވާފައި ވަނީ، ﷲއަށް ދީން ޚާލިޞްކުރާ ޙާލު، އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. އަދި އަހުރެންނަށް އަމުރު ކުރައްވާފައި ވަނީ (މި އުއްމަތުގެ) މުސްލިމުންގެ ތެރެއިން އެންމެ ފުރަތަމަ މީހާ ކަމުގައި އަހުރެން ވުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންގެ ވެރިރަސް­ކަލާނގެއަށް އަހުރެން އުރެދިއްޖެ­ނަމަ، ބޮޑު­ވެގެންވާ ދުވަހެއްގެ ޢަޛާބަށް ހަމަ­ކަށަވަރުން، އަހުރެން ބިރުގަންނަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއަށް އަހުރެންގެ ދީން ޚާލިޞްކުރާ ޙާލު، އަހުރެން އަޅުކަން ކުރަނީ، ހަމައެކަނި ﷲއަށެވެ. ފަހެ، އެކަލާނގެ ފިޔަވައި ތިޔަބައި­މީހުން އެދޭ އެއްޗަކަށް ތިޔަބައި­މީހުން އަޅުކަން ކޮށްބަލާށެވެ!“

  3. ތިންވަނައީ: އެ ޢަމަލަކީ ޞައްޙަ ޢަޤީދާގެ މައްޗަށް ބިނާވާ ޢަމަލަކަށް ވުމެވެ. އެހެނީ ޢަމަލަކީ ފުރާޅު ފަދަ އެއްޗެކެވެ. ޢަޤީދާއަކީ ބިންގާ ފަދަ އެއްޗެކެވެ. ﷲ ވަޙީ­ކުރެއްވިއެވެ. ﴿وَمَنْ يَعْمَلْ مِنَ الصَّالِحَاتِ مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ… [އައްނިސާ 124] ”އަދި، މުއުމިނަކު ކަމުގައި ވެގެންހުރެ، ފިރިހެނުންނާއި، އަންހެނުންގެ ތެރެއިން ހެޔޮ ޢަމަލުކުރާ މީހާ (ދަންނާށެވެ!)…“ ފަހެ މި އާޔަތުގައި ހެޔޮ ޢަމަލު މިވަނީ ”މުއުމިނަކު ކަމުގައި ވެގެންހުރެ“ ކުރާ ޢަމަލު ކަމުގައި ޤައިދު ކުރައްވައިފައެވެ.

    އަދި އީމާން ނުވާ މީހާއާމެދު ވަޙީ­ކުރެއްވިއެވެ. ﴿وَقَدِمْنَا إِلَى مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَنْثُورًا [އަލްފުރްޤާން 23]. ”އަދި ޢަމަލުގެ ތެރެއިން އެއުރެން ކުޅަ ކަންތަކަށް، ތިމަން­ރަސް­ކަލާނގެ ބައްލަވައި، އެ ޢަމަލުތައް ވަޔާ ބުރައިގެންދާ ކުނޑިފުއް­ތަކެއް ފަދައިން ލައްވާ­ހުށީމެވެ.“ އަދިވެސް ވަޙީ­ކުރެއްވިއެވެ. ﴿أُولَئِكَ الَّذِينَ لَيسَ لَهُمْ فِي الْآخِرَةِ إلا النَّارُ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَا كَانُوا يَعْمَلُونَ [ހޫދު 16]، ”އެއުރެންނީ އާޚިރަތުގައި ނަރަކަ ނޫން އެހެން ތަނެއް އެއުރެންނަށް ނުވާ މީހުންނެވެ. އަދި އެއުރެންކުޅަ ކަންތައް އެތާނގައި، ބޭކާރު­ވެގެންވެތެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް ބާޠިލު ވެގެން ވެތެވެ.“ މިނޫން ވެސް އާޔަތް ތަކެވެ.

މި ފޮތުގެ އެހެން ބައިތައް