ނޯޓު
މިއީ އައްޝައިޚް މުޙައްމަދުލް އަމީން އައްޝަންޤީޠީ ލިޔުއްވި ”އިސްލާމް ދީނަކީ ފުރިހަމަ ދީނެކެވެ.“ މި ފޮތުގެ ތަރުޖަމާ ގެނެސްދޭ ސިލްސިލާގެ ފަސްވަނަ ބައެވެ.

ހަތަރުވަނަ މައްސަލައަކީ މާތް­ވެގެންވާ ޝަރީޢަތް ފިޔަވައި އެހެން އެއްޗެއް ޙުކުމް­ވެރި­ކުރުމެވެ.

އެކަމަކީ ބަވާޙް ކުފުރެއް ކަމާއި، ﷲއާ ޝަރީކުކުރުން ކަމުގައި ކީރިތި ޤުރްއާނުގައި ވަނީ ބަޔާން ކުރައްވާފައެވެ.

އަހަރެމެންގެ ނަބިއްޔާ އަރިހު ސުވާލު ދެންނެވުމަށް މައްކާގެ މުޝްރިކުންނަށް ޝައިޠާނާ ވަސްވާސްދިނެވެ. ”ކަންބަޅި­އެއް މަރުވެ މުޅަ­އެއްޗެއްގެ ގޮތުގައި ވާހިނދު، އޭތި ޤަތުލުކުރި ފަރާތަކީ ކާކު ހެއްޔެވެ؟“ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ”އޭތި ޤަތުލު­ކުރެއްވީ ﷲއެވެ.“ ދެން އެކަލޭގެފާނަށް ދެންނެވުމަށް ޝައިޠާނާ އެއުރެންނަށް ވަސްވާސްދިނެވެ. ”ތިޔަބައި­މީހުންގެ އަތް­ތަކުން ކަތިލާތަކެތި ޙަލާލު­ވެފައި، ﷲގެ މާތް އަތްޕުޅުން ކަތިލައްވާ ތަކެތި ޙަރާމް ވަނީ ހެއްޔެވެ! އެހެން­ވެއްޖެއްޔާ ތިޔަބައި­މީހުން ﷲއަށްވުރެ މާ ހެޔޮކަންބޮޑުތާއެވެ!“ ﷲ ވަޙީ ކުރެއްވިއެވެ. ﴿وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَى أَوْلِيَائِهِمْ لِيُجَادِلُوكُمْ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ [އަލްއަންޢާމް 121]. ”އަދި ހަމަ­ކަށަވަރުން، ތިޔަބައި­މީހުންނާ ޖަދަލު ކުރުމަށް ޝައިޠާނުން އެއުރެންގެ ވާގިވެރީންނަށް ވަސްވާސް ދޭނެއެވެ. ތިޔަބައި­މީހުން، އެއުރެންނަށް ކިޔަމަންވެއްޖެ­ނަމަ ހަމަ­ކަށަވަރުން، ތިޔަބައި­މީހުންނަކީ ވެސް، މުޝްރިކުންކަން ކަށަވަރެވެ.“

﴿إِنَّكُمْ لَمُشْرِكُونَ މި ޖުމްލައިގެ ކުރިއަށް ف ވަދެފައި ނެތުމަކީ، ހުވައި­ކުރުމުގެ މަގުން އަންނަ ل އެތަނަށް މިންވަރު­ކުރުމަށް އޮތް ފާޅުކަން ބޮޑު ޤަރީނާއެކެވެ. ފަހެ އެއީ ﷲ ކުރައްވާފައިވާ ހުވައެކެވެ. މުޅަތަކެތި ޙަލާލު­ކުރުމުގައި ޝައިޠާނާގެ ޝަރުޢު­ކުރުމަށް ތަބާވެއްޖެ މީހަކީ މުޝްރިކެއް ކަމަށް މި އާޔަތުގައި ﷲ ވަނީ ހުވައި­ކުރައްވާފައެވެ. އައި އެކަމަކީ އިސްލާމީ މިއްލަތުން އިންސާނާ ބޭރު­ކޮށްލަނިވި ބޮޑު ޝިރުކެއް ކަމަށް މުސްލިމުން ވަނީ އިޖްމާޢު ވެފައެވެ.

އަދި ޤިޔާމަތްދުވަހުން އެކަން ކުރި ފަރާތްތަކަށް ﷲ މަލާމާތް ރައްދު­ކުރައްވާނެއެވެ. ﴿ أَلَمۡ أَعۡهَدۡ إِلَيۡكُمۡ يَٰبَنِيٓ ءَادَمَ أَن لَّا تَعۡبُدُواْ ٱلشَّيۡطَٰنَۖ إِنَّهُۥ لَكُمۡ عَدُوّٞ مُّبِينٞ ‮٦٠ وَأَنِ ٱعۡبُدُونِيۚ هَٰذَا صِرَٰطٞ مُّسۡتَقِيمٞ [ޔާސީން 60–61] ”އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައި­މީހުން ޝައިޠާނާއަށް އަޅުކަން ނުކުރުމަށް ތިމަން­ރަސް­ކަލާނގެ ތިޔަބައި­މީހުންނަށް އަމުރު ނުކުރައްވަން ހެއްޔެވެ؟ ހަމަ­ކަށަވަރުން، އޭނާޔަކީ ތިޔަބައި­މީހުންނަށް ހުރި، ފާޅު­ވެގެންވާ ޢަދާވަތް­ތެރިޔެކެވެ. އަދި ތިޔަބައި­މީހުން ތިމަން­ރަސް­ކަލާނގެއަށް އަޅުކަން ކުރާށެވެ! މިއީ ސީދާ­ވެގެންވާ ތެދުމަގެވެ.“

އަދި އެކަލާނގެ ޚަލީލު ވިދާޅުވި ބަސް­ފުޅު އެކަލާނގެ ވަޙީ­ކުރައްވާފައި ވެއެވެ. ﴿يَٰٓأَبَتِ لَا تَعۡبُدِ ٱلشَّيۡطَٰنَ [މަރްޔަމް 44] ”އޭ ބައްޕާއެވެ! ޝައިޠާނާއަށް އަޅުކަން ނުކުރާށެވެ!“ އެބަހީ: ކުފުރާއި ފާފަތަކުގެ ތެރެއިން އެކަލޭގެ ޝަރުޢުކުރާ ކަންތައްތަކަށް ތަބާ ނުވާށެވެ.

އަދިވެސް ﷲ ވަޙީ­ކުރައްވާފައި ވެއެވެ. ﴿إِنْ يَدْعُونَ مِنْ دُونِهِ إلا إِنَاثًا وَإِنْ يَدْعُونَ إلا شَيطَانًا مَرِيدًا [އައްނިސާ 117] ”އެކަލާނގެ ފިޔަވައި އަންހެން (ނަން­ތަކެއް ކިއިގެންވާ) ބުދުތަކަކަށް މެނުވީ، އެއުރެން އަޅު­ކަމެއް ނުކުރެތެވެ. އަދި، ނުބައި­ކަމާއި ނުކިޔަމަން­ތެރިކަން ބޮޑު­ވެގެންވާ ޝައިޠާނާއަށް މެނުވީ، އެއުރެން އަޅު­ކަމެއް ނުކުރެތެވެ.“ އެބައީ އެއުރެން ޝައިޠާނާ ގެނައި ޝަރީޢަތަށް ތަބާވީތީ އެއުރެން އެ ޝައިޠާނާއަށް މެނުވީ އަޅުކަން ކުރި­ކަމަށް ނުވެއެވެ.

އަދިވެސް އެކަލާނގެ ވަޙީ­ކުރެއްވިއެވެ. ﴿وَكَذَلِكَ زَيَّنَ لِكَثِيرٍ مِنَ الْمُشْرِكِينَ قَتْلَ أَوْلَادِهِمْ شُرَكَاؤُهُمْ [އަލްއަންޢާމް 137]. ”ހަމައެފަދައިން، މުޝްރިކުންގެ ގިނަ މީހުންނަށް އެއުރެންގެ ދަރިން މެރުމަށް، އެއުރެންގެ ޝަރީކުން، ޒީނަތް­ތެރި­ކޮށް ދެއްކިއެވެ.“ އެ ޝައިޠާނުންނަކީ އެމީހުންގެ ޝަރީކުން ކަމުގައި ﷲ އެ ވަނީ ނަން­ދެއްވާފައެވެ. އެއީ ﷲއަށް އުރެދި އެއުރެންގެ ދަރީން މެރުމުގައި އެ ޝައިޠަނުންނަށް ކިޔަމަންގަތީތީއެވެ.

﴿اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا [އައްތައުބާ 31] ”އެއުރެންގެ ޢިލްމުވެރީންނާއި، ފާދިރީންނާއި…، މިއީ ﷲ ފިޔަވައި އިލާހުން ކަމުގައި އެއުރެން ހެދޫއެވެ.“ މި އާޔަތާ މެދު ޢަދިއްޔު ބިން ޙާތިމް ނަބިއްޔާ އަރިހު ސުވާލު ދެންނެވުމުން ޖަވާބުގައި، އެއީ ﷲ ޙަލާލު ކުރައްވާފައިވާ ތަކެތި ޙަރާމް ކުޅައުމުގައްޔާއި، އެކަލާނގެ ޙަރާމް­ކުރެއްވި ތަކެތި ޙަލާލު ކުޅައުމުގައި އެބައި­މީހުން އެއުރެންނަށް ތަބާ­ވުން ކަމުގައި ޙަދީޘް ކުރެއްވިއެވެ. މި ކަމަކީ އެކަމާމެދު ދެބަސްވުމެއް ނެތް ކަމެކެވެ.

﴿أَلَمۡ تَرَ إِلَى ٱلَّذِينَ يَزۡعُمُونَ أَنَّهُمۡ ءَامَنُواْ بِمَآ أُنزِلَ إِلَيۡكَ وَمَآ أُنزِلَ مِن قَبۡلِكَ يُرِيدُونَ أَن يَتَحَاكَمُوٓاْ إِلَى ٱلطَّٰغُوتِ وَقَدۡ أُمِرُوٓاْ أَن يَكۡفُرُواْ بِهِۦۖ وَيُرِيدُ ٱلشَّيۡطَٰنُ أَن يُضِلَّهُمۡ ضَلَٰلَۢا بَعِيدٗا [އައްނިސާ 60] ”ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި، ކަލޭގެފާނުންގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް، އީމާން ވެގެން ތިބި­ކަމަށް ބުނާ މީހުން ކަލޭގެފާނު ދެކެ­ވަޑައިނުގަންނަވަމު ހެއްޔެވެ؟ އެއުރެން ޙުކުމް ލިބިގަންނާން، އުރެދުން­ތެރިކަން ބޮޑުފަރާތަށް ދިއުމަށް އެއުރެން އެދެތެވެ. ހަމަ­ކަށަވަރުން، އެފަރާތަށް ކާފިރު ވުމަށް އެއުރެންނަށް އަމުރު ކުރައްވާ ޙާލުގައެވެ. އަދި، ޝައިޠާނާ އެދެނީ، (ޙައްޤު މަގުން) ދުރު­ވެގެންވާ މަގުފުރެދުމަކުން، އެއުރެން މަގުފުރެއްދުމަށެވެ.“

﴿وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ [އަލްމާއިދާ 44] ”الله ބާވައި­ލެއްވި ޙުކްމުން ޙުކުމް ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ ކާފިރުންނެވެ.“

﴿أَفَغَيرَ اللَّهِ أَبْتَغِي حَكَمًا وَهُوَ الَّذِي أَنْزَلَ إِلَيكُمُ الْكِتَابَ مُفَصَّلًا وَالَّذِينَ آتَينَاهُمُ الْكِتَابَ يَعْلَمُونَ أَنَّهُ مُنَزَّلٌ مِنْ رَبِّكَ بِالْحَقِّ فَلَا تَكُونَنَّ مِنَ الْمُمْتَرِينَ [އަލްއަންޢާމު 114] ”(ކަލޭގެފާނު ވިދާޅުވާށެވެ!) ޙުކުމްކުރާ މީހަކު ކަމުގައި الله ނޫން ފަރާތެއް އަހުރެން އެދޭނެ ހެއްޔެވެ؟ އެކަލާނގެއީ، (ޙައްޤާއި ބާޠިލު) ތަފްޞީލު ކޮށް ބަޔާން­ކުރައްވާފައިވާ ގޮތުގައި، ތިޔަބައި­މީހުންނަށް ފޮތް ބާވައި­ލެއްވި ކަލާނގެއެވެ. އަދި އެއީ، ކަލޭގެފާނުގެ ވެރިރަސް­ކަލާނގެ ޙަޟްރަތުން ޙައްޤު ގޮތާއިގެން ބާވައި­ލެއްވި ފޮތެއްކަން، ތިމަން­ރަސް­ކަލާނގެ އެއުރެންނަށް ފޮތް­ދެއްވި މީހުން ދަނެތެވެ. ފަހެ، ޝައްކުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައި­ނުގަންނަވާހުށި­ކަމެވެ!“

އަދިވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ. ﴿وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا لَا مُبَدِّلَ لِكَلِمَاتِهِ وَهُوَ السَّمِيعُ الْعَلِيمُ [އަލްއަންޢާމު 115] ”އަދި ކަލޭގެފާނުގެ ވެރިރަސް­ކަލާނގެ ކަލިމަ­ފުޅު ތެދު­ވެރި­ކަމާއި، ޢަދުލު­ވެރި ކަމުގައި ފުރިހަމަވެއްޖެއެވެ. އެކަލާނގެ ކަލިމަ­ފުޅުތައް ބަދަލު­ކުރެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާ­ވޮޑިގެންވާ މޮޅަށް ދެނެ­ވޮޑިގެންވާ ރަސް­ކަލާނގެއެވެ.“ އެކަލާނގެ މި ބަސް­ފުޅުގައި: ﴿صِدْقًا އޭ އެ ވަނީ ޚަބަރު­ފުޅު­ތަކުގައި ތެދު­ވެރި ވާހަކައެވެ. ﴿وَعَدْلًا، އޭ އެ ވަނީ ޙުކުމް­ފުޅު­ތަކުގައި ޢަދުލު­ވެރި ވާހަކައެވެ. ﴿أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِقَوْمٍ يُوقِنُونَ [އަލްމާއިދާ 50]. ”ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ ޙުކުމް ހެއްޔެވެ؟ ޔަޤީން ކުރާ ބަޔަކަށް، ﷲއަށްވުރެ ޙުކުމް­ކުރެއްވުމަށް މޮޅީ ފަހެ ކާކު­ހެއްޔެވެ؟“

މި ފޮތުގެ އެހެން ބައިތައް