ފަސްވަނަ މައްސަލައަކީ އިޖްތިމާޢީ އެކި ޙާލަތްތަކެވެ. މި ކަންތައް ވެސް ކީރިތި ޤުރްއާނުގައި ވަނީ ސާފުކޮށް ބަޔާން ކުރައްވައި، އޭގެ ނޫރުން މި މަގަށް އަލި ކޮށްދެއްވާފައެވެ.
ފަހެ އެންމެ އިސް ރައީސަށް އޭނާގެ މުޖުތަމަޢާ މެދު ޢަމަލުކުރުމަށް ކީރިތި ޤުރުއާން އަމުރުކުރައްވަނީ ކޮންފަދައަކުންކަން ނިކަން ބައްލަވާށެވެ! ﴿وَاخْفِضْ جَنَاحَكَ لِمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ﴾ [އައްޝުޢަރާއު 215] މާނައީ: ”މުއުމިނުންގެ ތެރެއިން ކަލޭގެފާނަށް ތަބާވީ މީހުންނަށް، ކަލޭގެފާނުގެ ފިޔަފުޅު ތިރިކުރައްވާށެވެ! (އެބަހީ: މަޑުމައިތިރި ވެވަޑައިގަންނަވާށެވެ!)“ ﴿فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاورْهُمْ فِي الْأَمْرِ﴾ [އާލު ޢިމްރާން 159] މާނައީ: ”އެއުރެންނަށް ކަލޭގެފާނު އޯގާވެރި ވެވަޑައިގަތީ، ﷲގެ ޙަޟްރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، ޚުލުޤު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނު ވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު ޢަފޫ ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ މަޝްވަރާ ކުރައްވާށެވެ!“
އަދި ޢާންމުން އެއުރެންގެ ވެރީންނާ މެދު ކަންތައް ކުރުމަށް އަމުރު ކުރައްވަނީ ކޮން ފަދައަކުންތޯ ވެސް ބައްލަވާށެވެ! ﴿يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنْكُمْ﴾ [އައްނިސާ 59] ”އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲއަށް ކިޔަމަންވާށެވެ! އަދި، ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރީންނަށް ވެސް ކިޔަމަންވާށެވެ!“
އަދި އިންސާނާއަށް އޭނާގެ ޚާއްޞަ މުޖުތަމަޢާއެކު (އެބަހީ: އޭނާގެ އަނބިދަރީންނާއެކު) ކަންތައް ކުރުމަށް އަމުރު ކުރައްވާފައިވާ ގޮތަށް ބައްލަވާށެވެ. ﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ قُوٓاْ أَنفُسَكُمۡ وَأَهۡلِيكُمۡ نَارٗا وَقُودُهَا ٱلنَّاسُ وَٱلۡحِجَارَةُ عَلَيۡهَا مَلَٰٓئِكَةٌ غِلَاظٞ شِدَادٞ لَّا يَعۡصُونَ ٱللَّهَ مَآ أَمَرَهُمۡ وَيَفۡعَلُونَ مَا يُؤۡمَرُونَ﴾ [އައްތަޙްރީމު 6] ”އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރީން، ނަރަކައިން ސަލާމަތް ކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިން ކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުން ވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާ ކަންތައް އެބޭކަލުން ކުރައްވާނެތެވެ.“
އަދި އެކަލާނގެ، އިންސާނާއަށް، އޭނާގެ ޚާއްޞަ މުޖުތަމަޢާ މެދު ފަރުވާތެރިވެ ސާބިތުވެ ހުރުމަށް ސަމާލުކަން ގެނުވާ ގޮތް ނިކަން ބައްލަވާށެވެ! ނޭދެވޭ ކަމެއް އެއުރެންގެ ފުށުން ފެނިއްޖެ ނަމަ އަމުރުކުރައްވަނީ ޢަފޫކޮށް، މާފުކުރުމަށެވެ. އެހެނަސް، ފުރަތަމަ އަމުރުކުރައްވަނީ، ސަމާލުވެ، ސާބިތުވެ، ރައްކާވެ ހުރުމަށެވެ. ދެވަނައަށް، ޢަފޫކޮށް، މާފުކޮށް، ދޫކޮށްލުމަށެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا إِنَّ مِنْ أَزْوَاجِكُمْ وَأَوْلَادِكُمْ عَدُوًّا لَكُمْ فَاحْذَرُوهُمْ وَإِنْ تَعْفُوا وَتَصْفَحُوا وَتَغْفِرُوا فَإِنَّ اللَّهَ غَفُورٌ رَحِيمٌ﴾ [އައްތަޣާބުނު 14] މާނައީ: ”އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަނބީންނާއި، ތިޔަބައިމީހުންގެ ދަރީންގެ ތެރެއިން، ތިޔަބައިމީހުންނަށް ޢަދާވަތްތެރިން ވެއެވެ. ފަހެ، އެއުރެންނަށް ތިޔަބައިމީހުން ރައްކާތެރިވެ ތިބޭށެވެ! ތިޔަބައިމީހުން ޢަފޫކޮށް، މާފުކޮށް، އަދި ކުށަކަށް ނުހަދައިފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.“
އަދި ޢާންމު މުޖުތަމަޢުގެ އަފްރާދުންނަށް އެކަކުއަނެކެއްގެ މެދުގައި މުޢާމަލާތު ކުރަން އެކަލާނގެ އަމުރު ކުރައްވާފައި ވާ ގޮތް ބައްލަވާށެވެ! ﴿إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ﴾ [އައްނަޙްލު 90] މާނައީ: ”ހަމަކަށަވަރުން، ޢަދުލުވެރި ވުމަށާއި، އިޙްސާންތެރި ވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް ﷲ އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، މުންކަރާތްތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ، ތިޔަބައިމީހުންނަށް، ވަޢުޡު އިއްވަވަނީ، ތިޔަބައިމީހުން ހަނދުމަ ކުރުމަށް ޓަކައެވެ“.
އަދިވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ وَلَا تَجَسَّسُوا وَلَا يَغْتَبْ بَعْضُكُمْ بَعْضًا﴾ [އަލްޙުޖުރާތު 12] މާނައީ: ”އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެ ތެރެއިން ގިނަ ކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ!“
އަދިވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ. ﴿لَا يَسْخَرْ قَوْمٌ مِنْ قَوْمٍ عَسَى أَنْ يَكُونُوا خَيرًا مِنْهُمْ وَلَا نِسَاءٌ مِنْ نِسَاءٍ عَسَى أَنْ يَكُنَّ خَيرًا مِنْهُنَّ وَلَا تَلْمِزُوا أَنْفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ بِئْسَ الاسْمُ الْفُسُوقُ بَعْدَ الْإِيمَانِ وَمَنْ لَمْ يَتُبْ فَأُولَئِكَ هُمُ الظَّالِمُونَ﴾ [އަލްޙުޖުރާތު 11] މާނައީ: ”އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަ ކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަ ކުރި މީހުންނަށްވުރެ، އެ ފުރައްސާރަ ކުރެވުނު މީހުން މާ ހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޢައިބު ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭ ކަހަލަ ލަޤަބުތަކުން ނުގޮވާށެވެ! އީމާން ވުމަށްފަހު ފާސިޤު ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައި ވެގެންވާ ކަމެކެވެ. އަދި (އެ ކަންތަކުން) ތައުބާ ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރީންނެވެ.“
އަދި ވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ. ﴿وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ﴾ [އަލްމާއިދާ 2] މާނައީ: ”ހެޔޮކަންތައް ކުޅައުމާއި، ތަޤްވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވަތް ތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!“ ﴿إِنَّمَا الْمُؤْمِنُونَ إِخْوَةٌ﴾ [އަލްޙުޖުރާތު 10] މާނައީ: ”މުއުމިނުން ވާކަން ކަށަވަރީ، އަޚުންތަކެއް ކަމުގައެވެ.“ ﴿وَأَمْرُهُمْ شُورَى بَينَهُمْ﴾ [އައްޝޫރާ 38] މާނައީ: ”އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައި ވަނީ މަޝްވަރާގެ މަތިންނެވެ.“
އަދި މިނޫންވެސް އާޔަތްތަކެވެ.
އެހެންނަމަވެސް، ތިމާއަކީ ކޮންމެ ފަދަ މީހަކަށް ވިޔަސް، މުޖުތަމަޢުގެ އަފްރާދުންކުރެ އެކަކަށް ވެސް، އޭނާގެ މުޖުތަމަޢުގެ ތެރެއިން އޭނާއާ ޢަދާވަތްތެރި ވާނޭ ފަރާތެއް ނެތި ނުދެއެވެ. އެއީ އިންސީންނާއި ޖިންނީގެ ތެރެއިން ކަމުގައި ވެސް ވެދާނެއެވެ.
لَيسَ يَخْلُو الْمَرءُ مِن ضِدٍّ وَلَو
حَاوَلَ الْعُزْلَةَ فِي رََأْسِ الْجَبَلْ
ޖުމްލަ މާނައީ: މީހަކު ފަރުބަދައެއްގެ ކޮޅުގައި އެކަހެރިވެގެން އުޅެން އުޅުނަސް، އޭނާއާ އިދިކޮޅުވާ މީހަކު ނެތި ނުދާނެއެވެ.
މީސްތަކުންގެ މައްޗަށް ޢާންމުވެ ފެތުރިފައިވާ މި ބަލިމަޑުކަމުގެ ފަރުވާއަށް ކޮންމެ ފަރުދަކު ވެސް ވަނީ ބޭނުން ޖެހިފައެވެ. އެހެންކަމުން މިކަމުގެ ފަރުވާ އެކަލާނގެ ފޮތުގެ ތިން ތަނެއްގައި ބަޔާން ކުރެއްވިއެވެ. އިންސީންގެ ދެކޮޅުވެރިކަމުގެ ފަރުވާއަކީ އެކަމަށް ފުރަގަސްދީ އޭގެ ބަދަލުގައި އިޙްސާންތެރިކަން އިިސްކުރުންކަން އޭގައި ބަޔާން ކުރެއްވިއެވެ. އަދި ޖިންނީންގެ ތެރޭގައިވާ ޝައިޠާނުންގެ ފަރުވާއަކީ އެސޮރުމެންގެ ނުބައިކަމުގެ ކިބައިން ﷲގެ ޙަޟްރަތުން ރައްކާތެރިކަން އެދުން ކަން ވެސް ބަޔާން ކުރެއްވިއެވެ.
-
ފުރަތަމަ ތަނަކީ އަޢުރާފު ސޫރަތް ނިމޭ ތަނުގައި އިންސީންނާ މެދު ވަޙީކުރެއްވިއެވެ. ﴿خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ﴾ [އަލްއަޢުރާފު 199]. މާނައީ: ”ކަލޭގެފާނު ޢަފޫކުރެއްވުމުގައި ހިއްޕަވާށެވެ! އަދި ހެޔޮ ކަންތަކަށް އަމުރު ކުރައްވާށެވެ! އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ!“
އެއާ ވިދިގެން (އޭގެ އަނެއްކޮޅުން) ޖިންނީންގެ ތެރޭގައިވާ ޝައިޠާނުންނާ މެދު ވަޙީ ކުރެއްވިއެވެ. ﴿وَإِمَّا يَنْزَغَنَّكَ مِنَ الشَّيطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ إِنَّهُ سَمِيعٌ عَلِيمٌ﴾ [އަލްއަޢުރާފް 200]. ”އަދި ހަމަކަށަވަރުން، ޝައިޠާނާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، ﷲގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ.“
-
ދެވަނަ ތަނަކީ މުއުމިނޫނަ ސޫރަތެވެ. އެ ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރެއެވިއެވެ. ﴿ادْفَعْ بِالَّتِي هِيَ أَحْسَنُ السَّيِّئَةَ نَحْنُ أَعْلَمُ بِمَا يَصِفُونَ﴾ [އަލްމުއުމިނޫން 96] މާނައީ: ”އެންމެ ހެޔޮ ރިވެތި ގޮތުން ކަލޭގެފާނު ނުބައިކަންތައް ދުރުކުރައްވާށެވެ! އެއުރެން ބުނެ ސިފަކުރާ ގޮތްތައް، ތިމަންރަސްކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ.“
އަނެއްކޮޅުން އެއާ ވިދިގެން ވަޙީ ކުރެއްވިއެވެ. ﴿وَقُل رَّبِّ أَعُوذُ بِكَ مِنۡ هَمَزَٰتِ ٱلشَّيَٰطِينِ ٩٧ وَأَعُوذُ بِكَ رَبِّ أَن يَحۡضُرُونِ﴾ [އަލްމުއުމިނޫން 97–98]. ”އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! ޝައިޠާނުންގެ ވަސްވާސްތަކުން ދުރުކުރެއްވުން އެދި، އިބަރަސްކަލާނގެ ޙަޟްރަތުން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ. އަދި އަޅުގެ ވެރިރަސްކަލާކޮ! އެ ޝައިޠާނުން ތިމަންއަޅާގެ ގާތަށް ޙާޟިރުވެދާނެކަމަށްޓަކައި އިބަރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.“
-
ތިންވަނަ ތަނަކީ ފުއްޞިލަތު ސޫރަތުގައެވެ. އެ ސަމާވީ ފަރުވާއިން، އެ ޝައިޠާނީ ބަލި ކަނޑުވާލާކަން މި ސޫރަތުގައި އެކަލާނގެ އިތުރަށް ޞަރީޙަކޮށް ބަޔާންކުރެއްވިއެވެ. އަދިވެސް އިތުރަށް ބަޔާންކުރައްވާފައި ވަނީ، އެ އުޑުން ބާވައިލެއްވި ފަރުވާ ހުރިހާ މީހުންނަކަށް ނުދެއްވާކަމެވެ. އެހެނެއްކަމަކު، އެންމެ ފުރިހަމަ ނަސީބު ލިބިފައިވާ މީހުންނަށް މެނުވީ އެ ފަރުވާ ނުދެއްވާނެއެވެ. އެ ސޫރަތުގައި ވަޙީ ކުރައްވާފައި ވެއެވެ: ﴿ٱدۡفَعۡ بِٱلَّتِي هِيَ أَحۡسَنُ فَإِذَا ٱلَّذِي بَيۡنَكَ وَبَيۡنَهُۥ عَدَٰوَةٞ كَأَنَّهُۥ وَلِيٌّ حَمِيمٞ ٣٤ وَمَا يُلَقَّىٰهَآ إِلَّا ٱلَّذِينَ صَبَرُواْ وَمَا يُلَقَّىٰهَآ إِلَّا ذُو حَظٍّ عَظِيمٖ﴾ [ފުއްޞިލަތު 34–35]. ”އެންމެ ހެޔޮ، ރިވެތި ގޮތުން ތިބާ (ނުބައި ކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި ޢަދާވަތްތެރިކަމެއްވާ މީހާ، ގާތް ރަޙްމަތްތެރިޔަކު ފަދައިން ވެދާނެތެވެ. އަދި ކެތްތެރިވި މީހުންނަށް މެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ. އަދި ބޮޑުވެގެންވާ ނަސީބުވެރިޔަކަށް މެނުވީ، އެ މާތް ސިފަ ލިބިއެއް ނުގަނެވޭނެތެވެ.“
އޭގެ އަނެއް ކޮޅު ބަޔާން ކުރައްވައި ﷲ ވަޙީ ކުރެއްވިއެވެ: ﴿وَإِمَّا يَنْزَغَنَّكَ مِنَ الشَّيطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ إِنَّهُ هُوَ السَّمِيعُ الْعَلِيمُ﴾ [ފުއްޞިލަތު 36]. ”އަދި ހަމަކަށަވަރުން، ޝައިޠާނާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަ ނަމަ، ﷲގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.“
މި ދެންނެވި އޯގާތެރިކަމާއި މަޑުމައިތިރިކަމަކީ ކާފިރުން ފިޔަވައި ހަމައެކަނި މުސްލިމުންނަށް ޙާއްޞަވެގެންވާ ކަމެއްކަން އެހެން އާޔަތްތަކުގައި ބަޔާން ކުރެއްވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ﴿فَسَوْفَ يَأْتِي اللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ﴾ [އަލްމާއިދާ 54]. ”…ފަހެ، (މުރުތައްދުވީ މީހުންގެ ބަދަލުގައި) އެބަޔަކަށް އެކަލާނގެ ލޯބިވެވޮޑިގެންވާ، އަދި އެބަޔަކު އެކަލާނގެ ދެކެ ލޯބިވާ ބަޔަކު ﷲ ގެންނަވާނެތެވެ. އެއީ މުއުމިނުންގެ މައްޗަށް އޯގާވެރި، މަޑުމައިތިރި ބަޔެކެވެ. ކާފިރުންގެ މައްޗަށް ގަދަފަދަ ޢިއްޒަތް ތެރި ބަޔެކެވެ.“ އަދިވެސް ވަޙީ ކުރެއްވިއެވެ: ﴿مُحَمَّدٌ رَسُولُ اللَّهِ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَينَهُمْ﴾ [އަލްފަތުޙު 29] މާނައީ: ”މުޙައްމަދުގެފާނީ، ﷲގެ ރަސޫލާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި ރަޙްމަތް ތެރިބަޔެކެވެ.“ އަދިވެސް ވަޙީ ކުރެއްވިއެވެ: ﴿يَا أَيُّهَا النَّبِيُّ جَاهِدِ الْكُفَّارَ وَالْمُنَافِقِينَ وَاغْلُظْ عَلَيهِمْ﴾ [އައްތައުބާ 73] މާނައީ: ”އޭ ނަބިއްޔާއެވެ! ކާފިރުންނާއި މުނާފިޤުންނާ ދެކޮޅަށް ކަލޭގެފާނު ޖިހާދު ކުރައްވާށެވެ! އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހަރުކަށިވެ ވަޑައިގަންނަވާށެވެ! އަދި (އާޚިރަތް ދުވަހުން) އެއުރެން ތިބެނިވި ތަނަކީ ނަރަކައެވެ. އަދި (އެއީ) ހާދަހައި ނުބައިވެގެންވާ ނިމިދިޔުމެކެވެ.“
ފަހެ، މަޑުމައިތިރިކަން ގެންގުޅެން ޖެހޭ ތަނުގައި ހަރުކަށިކަން ގެންގުޅުމަކީ މޮޔަކަމަކާއި ބުއްދި ދެރަކަމެވެ. އަދި ހަރުކަށިކަން ގެންގުޅެންޖެހޭ ތަނުގައި މަޑުމައިތިރިކަން ގެންގުޅުމަކީ ބަލިކަށިކަމަކާއި ފިނޑިކަމެކެވެ.
إِذَا قِيلَ: حِلْمٌ، قُلْ: فَلِلْحِلْمِ مَوضِعُ
وَحِلْمُ الْفَتَى فِي غَيرِ مَوضِعِهِ جَهْلُ
މި ބައިތުގެ ޖުމްލަ މާނައީ: ހިލްމުވެރިކަމޭ ބުނެވިއްޖެނަމަ، ބުނާށެވެ: ހިލްމުވެރިކަމަށް ވެސް ވަނީ (އެކަށޭނަ) ތަނެކެވެ. އަދި ޒުވާނާ އެކަށޭނަ ތަން ނޫން ތަނެއްގައި ހިލްމުވެރިކަން ގެންގުޅުމަކީ ޖާހިލުކަމެކެވެ.
ތަރުޖަމާ
ޙައްސާން ޢަބްދުއްރައްޒާޤް
އަދާހަމަ
19 ޖުލައި 2024
ލައިސެންސް
މި ތަރުޖަމާގެ ކޮޕީރައިޓާ ގުޅޭ އެންމެހައި ޙައްޤުތައް ލިބިގެން ވަނީ ތަރުޖަމާ ކުރި ފަރާތަށެވެ.