ހަވަނަ މައްސަލަ: އިޤްތިޞާދީ މައްސަލަ
މިކަމުގެ ކުރިހައި ފަރުޢުތަކެއް އެއަށް ރުޖޫޢަވާ، މައިގަނޑު އުޞޫލުތައް ޤުރުއާނުގައި ސާފުކޮށް ބަޔާންކޮށްދެއްވާފައި ވެއެވެ. އެހެނީ އިޤްތިޞާދީ މައްސަލަތައް ރުޖޫޢަ ވަނީ ދެ އަޞްލަކަށެވެ.
-
ފުރަތަމަ އަސްލަކީ: މުދާ ހޯދުމުގައި ރަނގަޅަށް ވިސްނުމެވެ.
-
ދެވަނަ އަސްލަކީ: މުދާ ޚަރަދުކުރަންވީ ތަންތަނަށް ޚަރަދުކުރުމުގައި ރަނގަޅަށް ވިސްނުމެވެ.
ދީނާއި މުރޫއަތްތެރިކަމާ މުނާސަބުވާ ފަދަ ސަބަބުތަކުގައި ހިފައިގެން މުދާ ހޯދާނެ މަގުތައް، ﷲ، އެކަލާނގެ ފޮތުގައި ބަޔާންކޮށްދެއްވައި، އެ މަގަށް އަލިކޮށްދެއްވާފައިވާ ގޮތް ނިކަންފަހެ ބައްލަވާށެވެ! އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ: ﴿فَإِذَا قُضِيَتِ الصَّلَاةُ فَانْتَشِرُوا فِي الْأَرْضِ وَابْتَغُوا مِنْ فَضْلِ اللَّهِ﴾ [އަލްޖުމުޢާ 10] މާނައީ: ”ފަހެ، ނަމާދުކޮށް އަވަދިވެއްޖެހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: ޙަޔާތުގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން ﷲގެ ފަޟްލު ވަންތަކަމުން (ދެއްވުމަށް) އެދޭށެވެ!“ އަދި ވަޙީ ކުރެއްވިއެވެ. ﴿وَآخَرُونَ يَضْرِبُونَ فِي الْأَرْضِ يَبْتَغُونَ مِنْ فَضْلِ اللَّهِ﴾ [އަލްމުއްޒައްމިލް 20] މާނައީ: ”ތިޔަބައިމީހުންގެ ތެރެއިން އަނެއްބަޔަކު ﷲގެ ފަޟްލުވަންތަކަން އެދިގެން ބިމުގައި ދަތުރުފަތުރުކުރާކަމާއި… [ދެނެވޮޑިގެންވެތެވެ.]“ އަދި ވަޙީކުރެއްވިއެވެ. ﴿لَيسَ عَلَيكُمْ جُنَاحٌ أَنْ تَبْتَغُوا فَضْلًا مِنْ رَبِّكُمْ﴾ [އަލްބަޤަރާ 198] މާނައީ: ”ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ލިބޭ ފަޟްލުވަންތަވެރިކަމެއް (އެބަހީ: ވިޔަފާރިކުރުންފަދަ ގޮތްގޮތުން ހޯދާ ތަނަވަސްކަމެއް) ހޯދަން އުޅުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ.“ އަދި ވަޙީ ކުރެއްވިއެވެ. ﴿إلَّا أَنْ تَكُونَ تِجَارَةً عَنْ تَرَاضٍ مِنْكُمْ﴾ [އައްނިސާ 29] މާނައީ: ”އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ.“ އަދި ވަޙީ ކުރެއްވިއެވެ. ﴿وَأَحَلَّ اللَّهُ الْبَيعَ﴾ [އަލްބަޤަރާ 275] މާނައީ: ”(ނަމަވެސް) ވިޔަފާރި ކުރުންވަނީ، ﷲ ހުއްދަ ކުރައްވައިފައެވެ. އަދި، ރިބާ ވަނީ ޙަރާމް ކުރައްވައިފައެވެ.“ އަދި ވަޙީ ކުރެއްވިއެވެ. ﴿فَكُلُوا مِمَّا غَنِمْتُمْ حَلَالًا طَيِّبًا﴾ [އަލްއަންފާލު 69] މާނައީ: ”ފަހެ، ތިޔަބައިމީހުންނަށް ޣަނީމާގެ ގޮތުން ލިބިފައިވާ ތަކެތި ޙަލާލު ރަނގަޅު ތަކެތީގެ ގޮތުގައި ކައިއުޅޭށެވެ!“
މިނޫނަސް އެތައް އާޔަތެކެވެ.
އަދި ޚަރަދުކުރުމުގައި އިޤްތިޞާދުކުރުމަށް އަމުރުކުރައްވާފައިވާ ގޮތް ނިކަން ބައްލަވާށެވެ! ﴿وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَى عُنُقِكَ وَلَا تَبْسُطْهَا كُلَّ الْبَسْطِ﴾ [އަލްއިސްރާ 29] ”ތިބާގެ ކަނދުރާއާއެކު ކަސްތަޅު އެޅިގެންވާ އެއްޗެއް ކަމުގައި، ތިބާގެ އަތް ނުހަދާށެވެ! އަދި އެ އަތް މުޅިން ފަތުރައިވެސްނުލާށެވެ! ފަހެ، އޭރުން މަލާމާތް ލިބި، ހިތާމަ ލިބިގެންވާ ޙާލު، ތިބާ އިންނަން ޖެހިދާނެއެވެ.“ ﴿وَالَّذِينَ إِذَا أَنْفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَينَ ذَلِكَ قَوَامًا﴾ [އަލްފުރްޤާން 67] ”އަދި އެއުރެންނީ، އެއުރެން ހޭދައެއް ކޮށްފިނަމަ އިސްރާފު ނުކުރާ، އަދި މުށްބާރު ވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ.“ ﴿وَيَسْأَلُونَكَ مَاذَا يُنْفِقُونَ قُلِ الْعَفْوَ﴾ [އަލްބަޤަރާ 219] ”އަދި އެއުރެން ހޭދަކުރަންވީ ކޮންއެއްޗެއްތޯ ކަލޭގެފާނާ އެއުރެން ސުއާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ހޭދަކުރަންވީ) އިތުރުވީ އެއްޗެކެވެ.“
އަދި އެކަންކަމަށް ހޭދަކުރުން ހުއްދަވެގެންނުވާ ކަންކަމަށް ޚަރަދުކުރުން ނަހީކުރައްވާފައިވާ ގޮތް ބައްލަވާށެވެ! ﴿فَسَيُنْفِقُونَهَا ثُمَّ تَكُونُ عَلَيهِمْ حَسْرَةً ثُمَّ يُغْلَبُونَ﴾ [އަލްއަންފާލު 36]. ”ފަހެ، އެއުރެން އެތަކެތި ހޭދަކުރަމުން ގެންދާނެތެވެ. ދެން އެ މުދާތައް، އެއުރެންގެ މައްޗަށް ހުރި ހިތާމަޔަކަށް ވެގެންދާނެތެވެ. ދެން އެއުރެން ބަލިކުރައްވާނެތެވެ.“
ތަރުޖަމާ
ޙައްސާން ޢަބްދުއްރައްޒާޤް
އަދާހަމަ
9 އޮގަސްޓު 2024
ލައިސެންސް
މި ތަރުޖަމާގެ ކޮޕީރައިޓާ ގުޅޭ އެންމެހައި ޙައްޤުތައް ލިބިގެން ވަނީ ތަރުޖަމާ ކުރި ފަރާތަށެވެ.