އަށްވަނަ މައްސަލައަކީ: ކާފިރުން މުސްލިމުންގެ މައްޗަށް ގަދަވެގަތުމެވެ.
ރަސޫލުﷲ ﷺ ގެ މާތް އަޞްޙާބުންގެ މެދުގައި އެކަލޭގެފާނު ހުންނަވަނިކޮށް އެ ބޭކަލުން މި މައްސަލައާ މެދު ސުވާލު އުފެއްދެވިއެވެ. އަދި އެކަމާމެދުގައި الله އެކަލާނގެ ފޮތުގައި، ސަމާވީ ފަތުވާއެއް ބާވައިލައްވައި އެ އޮޅުން ފިލުވައިލެއްވިއެވެ.
އުޙުދު ހަނގުރާމައިގެ ދުވަހު މުސްލިމުންނަށް ކުރިމަތިވި ކަންތައްތައް ކުރިމަތިވުމުން އެއުރެން އެކަމާ ކަންބޮޑުވެވަޑައިގެން ދެންނެވޫއެވެ. ތިމަންމެންނީ ޙައްޤުގެ މަތީގައި ތިބި ބަޔަކު ކަމުގައި ވެފައި، އެބައިމީހުންނަކީ ބާޠިލްގެ މަތީގައި ތިބި ބަޔަކު ކަމުގައި ވާއިރު، މުޝްރިކުންނަށް ތިމަންމެންގެ މައްޗަށް ގަދަވެވެނީ، އަދި ތިމަންމެންގެ މައްޗަށް އެބައިމީހުންނަށް ކާމިޔާބު ލިބެނީ ކިހިނަކުން ހެއްޔެވެ؟
ފަހެ، ﷲ އެބޭކަލުންނަށް އެކަމުގައި ފަތުވާ ދެއްވީ އަންނަނިވި ވަޙީ ބަސްފުޅުންނެވެ. ﴿أَوَلَمَّا أَصَابَتْكُمْ مُصِيبَةٌ قَدْ أَصَبْتُمْ مِثْلَيهَا قُلْتُمْ أَنَّى هَذَا قُلْ هُوَ مِنْ عِنْدِ أَنْفُسِكُمْ﴾ [އާލު ޢިމްރާން 165] ”މިކަންތައް އައީ ކޮންތާކުންހޭ ތިޔަބައިމީހުން ބުނީ، ތިޔަބައިމީހުންނަށް މުޞީބަތެއް އައިސް ޖެހުނީމާ ހެއްޔެވެ؟ ހަމަކަށަވަރުން، އެ މުޞީބަތުގެ ދެގުނަ (އެއުރެންނަށް) ތިޔަބައިމީހުން ވަނީ ޖައްސާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުގެ ފަރާތުން އައިކަމެކެވެ.“
އަދި އެކަލާނގެ ވަޙީބަސްފުޅުގައި ވެއެވެ. ﴿قُلْ هُوَ مِنْ عِنْدِ أَنْفُسِكُمْ﴾ [އާލު ޢިމްރާން 165] މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ ކިބައިން އައި ކަމެކެވެ.“ އަދި އެއީ ޙަޤީޤަތެއްކަން ސާފުކޮށް ބަޔާން ކޮށްދެއްވަމުން ﷲ ވަޙީ ކުރެއްވިއެވެ. ﴿وَلَقَدۡ صَدَقَكُمُ ٱللَّهُ وَعۡدَهُۥٓ إِذۡ تَحُسُّونَهُم بِإِذۡنِهِۦۖ حَتَّىٰٓ إِذَا فَشِلۡتُمۡ وَتَنَٰزَعۡتُمۡ فِي ٱلۡأَمۡرِ وَعَصَيۡتُم مِّنۢ بَعۡدِ مَآ أَرَىٰكُم مَّا تُحِبُّونَۚ مِنكُم مَّن يُرِيدُ ٱلدُّنۡيَا وَمِنكُم مَّن يُرِيدُ ٱلۡأٓخِرَةَۚ ثُمَّ صَرَفَكُمۡ عَنۡهُمۡ لِيَبۡتَلِيَكُمۡ﴾ [އާލު ޢިމްރާން 152] ”ހަމަކަށަވަރުން ﷲ، ތިޔަބައިމީހުންނަށް، އެކަލާނގެ ވަޢުދުފުޅު ފުއްދަވައި ދެއްވިއެވެ. އެކަލާނގެ އިޛުނަފުޅާ ލައިގެން ތިޔަބައިމީހުން އެ ކާފިރުން ޤަތުލުކޮށް ނެތިކުރަމުން ދިޔަ ހިނދުގައެވެ. ތިޔަބައިމީހުން ހިތްއެދޭ ކަންތައް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްކެވުމަށްފަހު، ތިޔަބައިމީހުން އުރެދި، އަދި (ރަސޫލާ އެންގެވި) ކަންތަކުގައި ތިޔަބައިމީހުން ދެބަސްވެ، ފިނޑިވެއްޖައުމަށް ދާނދެނެވެ. ތިޔަބައިމީހުންގެ ތެރޭގައި ދުނިޔެ އެދޭ މީހުން ވެއެވެ. އަދި، ތިޔަބައިމީހުންގެ ތެރޭގައި އާޚިރަތް އެދޭ މީހުން ވެސް ވެއެވެ. ދެން، އެ ކާފިރުންގެ ކިބައިން ތިޔަބައިމީހުން އެއްކިބާ ކުރެއްވިއެވެ. އެއީ، ތިޔަބައިމީހުން އިމްތިޙާނު ކުރެއްވުމަށް ޓަކައެވެ.“
ފަހެ، މި ސަމާވީ ފަތުވާގައި، ބަޔާން ކޮށްދެއްވަނީ، މުސްލިމުންގެ މައްޗަށް ކާފަރުންނަށް ގަދަވެވުނީ، މުސްލިމުންގެ އަމިއްލަ ނަފްސުތަކުން އައި ކަންތައްތަކެއްގެ ސަބަބުން ކަމުގައެވެ. އެއީ މުސްލިމުންގެ ނާކާމިޔާބާއި، ކަންކަމުގައި ދެބަސްވުމާއި، އޭގެތެރެއިން ބަޔަކު ރަސޫލާއަށް އުރެދި، ދުނިޔެ އެދިގެން ކުރި ކަންތައްތަކުގެ ސަބަބުން ކަމުގައެވެ. އެއީ، ފަރުބަދައިގައި ތިބި ތީރު ޖަހާ މީހުން، ކާފަރުން މުސްލިމުންގެ ފުރަގަހުން އައުމަށް ހުރަސްއަޅަމުން ގޮސްފައި، ފުރަތަމަކޮޅު މުޝްރިކުން ބަލިވާން ފެށުމުން ޣަނީމާ މުދާ ލިބުމަށް ދަހިވެތިވުމުގެ ސަބަބުންނެވެ. ފަހެ، އެބައިމީހުންނަށް ލިބެންއޮތް ދުނިޔޭގެ މުދަލަށްޓަކައި، ރަސޫލުﷲ ﷺ ގެ އަމުރުފުޅު އެއުރެން ދޫކޮށްލީއެވެ.
ތަރުޖަމާ
ޙައްސާން ޢަބްދުއްރައްޒާޤް
އަދާހަމަ
26 ސެޕްޓެންބަރު 2025
ލައިސެންސް
މި ތަރުޖަމާގެ ކޮޕީރައިޓާ ގުޅޭ އެންމެހައި ޙައްޤުތައް ލިބިގެން ވަނީ ތަރުޖަމާ ކުރި ފަރާތަށެވެ.