އިސްލާމް ދީނަކީ ފުރިހަމަ ދީނެކެވެ: ތަޢާރަފު

މިއީ އައްޝައިޚް މުޙައްމަދުލް އަމީން އައްޝަންޤީޠީ ގެ ”الإسلام دين كامل“ މި ފޮތުގެ ތަރުޖަމާއެވެ. އެ ފޮތުގެ އަޞްލަކީ މޮރޮކޯގެ ރަސްގެފާނު މުޙައްމަދު އަލްޚާމިސްގެ އެދުން­ފުޅުގެ މަތިން މަސްޖިދުއްނަބަވީގައި ޝައިޚު ދެއްވި ދަރެހެކެވެ. މައުޟޫޢަކީ: އިސްލާމް ދީން ފުރިހަމަ ކުރައްވައިފިކަން އަންގަވައި ޙައްޖަތުލް ވަދާޢުގައި ބާވައި­ލެއްވި ﴿ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ… މި އާޔަތެވެ. މި ގޮތުން އިސްލާމް ދީނުގެ ފުރިހަމަކަން ބަޔާން­ކުރެއްވުމުގެ ގޮތުން ދިހަ ދާއިރާއަކަށް އަލި­އަޅުއްވާ­ލެއްވިއެވެ.

އެކުލެވިގެންވާ ބައިތައް

ނަސޭހަތް ދިނުމާއި އެއްޗެހިކިޔުމުގެ ފަރަޤު

އިބްނުލް ޤައްޔިމް ވިދާޅުވިއެވެ.

ނަޞޭޙަތް ދިނުމާއި އެއްޗެހި ކިޔުމުގެ ފަރަޤު ދަންނައެ، ފަހެ ނަޞޭޙަތަކީ ތިބާ ނަޞޭޙަތް ދޭ ފަރާތަށް އޯގާ­ތެރިވުމާއި، ހެޔޮއެދުމާއި، ޣީރަތް­ތެރިވުމުގެ ސޫރައިގައި ވެވޭ އިޙްސާން­ތެރި­ކަމެކެވެ. އެއީ ރަޙްމަތާއި، އޯގާ­ތެރި­ކަމުގެ ސަބަބުން އުފެދިގެން އަންނަ ސާފުސީދާ އިޙްސާން­ތެރި­ކަމެކެވެ. އެކަމުގައި ނަޞޭޙަތް­ތެރިޔާގެ އެދުމަކީ ﷲގެ ވަޖުހު­ފުޅެވެ. އެކަލާނގެ ރުއްސެ­ވުމެވެ. އަދި އެކަލާނގެ ޚަލްޤު­ތަކުންނަށް އިޙްސާން­ތެރި­ވުމެވެ. އެހެން­ކަމުން އެކަމުގައި އޭނާ ވީހައި ވެސް ބޮޑަށް އޯގާ­ތެރި ވެއެވެ. އަދި ނަޞޭޙަތް ދެވޭ ފަރާތުގެ ދުއްތުރާލާއި އޭނާގެ މަލާމާތް ތަޙައްމަލު­ކުރެއެވެ. އޭނާއާ މެދު މުޢާމަލާތު ކުރަނީ ބަލިބޮޑު­ވެފައިވާ ބަލިމީހަކާ މެދު އޭނާއަށް އޯގާ­ތެރިވާ މޮޅު ޑޮކްޓަރަކު ޢަމަލުކުރާ ފަދައިންނެވެ. އޭނާއަށް ބޭސް ފޯރު­ކޮށް­ދިނުމުގައި، އޭނާގެ ޚުލުޤު ނުބައި­ކަމާއި، ގަދަދެއްކުމާއި، ނަފްތަރު ތަޙައްމަލު ކޮށް، އޯގާ­ތެރި­ކަމާއެކު އެ ބޭސް އޭނާއަށް ފޯރު­ކޮށްދެވޭތޯ ބަލައެވެ. މިއީ ނަޞޭޙަތް­ތެރިޔާގެ ކަންތައް ހުރި ގޮތެވެ.

އެއްޗެހިކިޔާ ދަންނައެ، ފަހެ، އޭނާގެ ޤަޞްދަކީ ނަޞޭޙަތް ދިނުމުގެ ސޫރައިގައި އަނެކާ ބޭޒާރު­ކޮށްލައި، އިހާނެތި­ކޮށް ދެރަ­ކޮށްލުމެވެ. އޭނާއަށް އެއްޗެހި ކިޔައި އަގުވައްޓާލުމެވެ. ހެޔޮއެދޭ ނަޞޭޙަތް­ތެރި­އެއްގެ ސޫރައިގައި ބުނާނީ: އޭ މިވެނި ކަމެއް ކުރާ މީހާއެވެ! އޭ އިހާނެތި­ކަމާއި ދެރަކަން ޙައްޤުވާ މީހާއެވެ! މިފަދައިންނެވެ.

މިފަދަ މީހެއްގެ ޢަލާމަތަކީ: އޭނާ ލޯބިވާ، އޭނާ ހެޔޮއެދޭ މީހަކު، ހަމަ އެފަދަ ޢަމަލެއް ނުވަތަ އެއަށްވުރެ ވެސް ނުބައި ޢަމަލެއް ކުރަނި­ކޮށް ފެނުނު­ކަމުގައި ވިޔަސް އޭނާއަށް ހުރަހެއް ނާޅާނެއެވެ. އަދި އެއްޗެކޭ ވެސް ނުކިޔާނެއެވެ. ބަލާނީ އޭނާއަށް ކޮންމެވެސް ބަހަނާ­އެއް ހޯދޭ­ތޯއެވެ. ބުނާނެއެވެ: މަޢުޞޫމުކަން ޖާމިނު­ވެގެން ވަނީ އަހަރެމެންގެ ތެރެއިން ވަކި ކާކަށް ހެއްޔެވެ؟ އިންސާ­ނުންނަކީ ކުށް­ކުރެވޭ ބައެކެވެ. އޭނާގެ ނުބައި ކަންތަކަށް ވުރެ ހެޔޮގަންތައް ގިނަ­ވެގެން ވެއެވެ. އަދި ﷲ އަކީ ފާފަ ފުއްސަވާ ރަޙީމް­ވަންތަ އިލާހެވެ. މިފަދަ ބަސް­ތަކެވެ.

ކޮންފަދަ އަޖައިބެއް ތޯއެވެ! އޭނާ ރުޅިއަރާ މީހާއާ މެދު އެހެން ކަންތައް ކޮށްފައި، ލޯބިވާ މީހާއާ މެދު މިހެން ކަންތައް މިކުރީ ކިހިނަކުން ހެއްޔެވެ! ނަސޭޙަތުގެ ސިފައިގައި ތިބާގެ ފަރާތުން އޭނާއަށް ލިބުނު އެއްޗަކަށްވީ އެއްޗެހިކިޔުން ކަމަށް ވެފައި މީނާއަށް ލިބުނު އެއްޗަކީ، ފުއްސެވުމާއި މަޣުފިރަތަށް އުންމީދު­ކޮށް، އެކިއެކި ބަހަނާތައް ހޯދުން ކަމުގައި ވީ ކިހިނަކުން ހެއްޔެވެ!

ނަޞޭޙަތް­ތެރިޔާއާއި އެއްޗެހިކިޔާ މީހާގެ މެދުގައިވާ ފަރަޤުތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ: ނަޞޭޙަތް­ތެރިޔާގެ ނަޞޭޙަތް ތިބާ ޤަބޫލު ނުކުރިޔަސް އޭނާ ތިބާއާ ޢަދާވާތް­ތެރި­އެއް ނުވާނެއެވެ. އޭނާ ބުނާނީ: ތިބާ ޤަބޫލު ކުރިޔަސް ނުކުރިޔަސް އަހަރެންގެ އަޖުރު ﷲގެ ޙަޟްރަތުގައި ސާބިތު­ވެގެން ވާނެއެވެ. އަދި އޭނާ ތިބާ ނެތް ތަނުގައި ވެސް ތިބާއަށް ހެޔޮދުޢާ ކުރާނެއެވެ. އަދި ތިބާގެ ޢައިބުތަކުގެ ވާހަކަ ދައްކައި މީސް­ތަކުންގެ ތެރޭގައި ނުފަތުރާނެއެވެ. އެއްޗެހިކިޔާ މިހާގެ ކަންތައް ހުންނާނީ މީގެ އިދިކޮޅަށެވެ.

މަޞްދަރު: އައްރޫޙު، ޞ: 716–717

ހިތްތައް އެކުވެރިކުރުމަށްޓަކައި މުސްތަޙައްބު ކަންކަން ދޫކޮށްލުން

އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: ނަމާދުކުރާ ގޮތަށް ބަލާއިރު އޭގެ އެއް ޝިޢާރަކީ ބިސްމީގެ މައްސަލައެވެ. ފަހެ ބިސްމިއަކީ ޤުރްއާނުގެ (އެބަހީ އަލްޙަމްދުގެ) އާޔަތެއްކަން ސާބިތު ކުރުމާއި ނަފީ ކުރުމުގައްޔާއި، (ނަމާދުގައި) ބިސްމި ކިޔުމާ މެދުގައި މީސް­ތަކުން ވަނީ އަރައިރުން ވެފައެވެ. އަދި މައްސަލައިގެ ދެ ފަރާތުން ވެސް ވަނީ އޭގެ ބައެއް ވާހަކަ­ތަކުން ބާވަތެއްގެ ޖާހިލު­ކަމަކާއި އަނިޔާ­ވެރި­ކަމެއް ފާޅުވާ ކަހަލަ ލިޔުން­ތަކެއް ލިޔެފައެވެ. ކަމަކީ ކިތަންމެހައި ވެސް އާދައިގެ ކަމަކަށް ވާ ހިނދުގައެވެ. ފަހެ މި މައްސަލައާއި މިކަހަލަ މައްސަލަ­ތަކުގައި ތަޢައްޞުބު ވުމީ އަހަރެމެންނަށް ނަހީ ކުރައްވާފައިވާ ބައިބައިވުމާއި އިޚްތިލާފުގެ ޝިޢާރެކެވެ. އެހެނީ މިކަމަށް ގޮވާލާ ސަބަބަކީ އުންމަތުގެ މެދުގައި ޚިލާފު ވެފައިވާ ކަންކަން ފައުޅު ކުރުމެވެ.

ނަމާދުގައި މީސްތަކުންގެ ދަރަޖަތައް

އިމާމް އިބްނުލް ޤައްޔިމް ވިދާޅުވިއެވެ:

ނަމާދުގައި މީސް­ތަކުން ވަނީ ފަސް ދަރަޖައަކަށެވެ.

ފުރަތަމައީ: އަމިއްލަ ނަފްސަށް އަނިޔާ­ވެރިވެ، ފަރުވާކުޑަކުރި މީހާއެވެ. އޭނާއަކީ ނަމާދުގެ ވުޟޫގައާއި، ވަގުތުތަކުގައާއި، އޭގެ ޙައްދު­ތަކާއި ރުކުން ތަކުގައި އުނިކުރި މީހާއެވެ.

ދެވަނައީ: ނަމާދުގެ ވަގުތުތަކަށާއި، ބޭރުފުށުގެ ޙައްދު­ތަކާއި، ރުކުންތަކަށާއި ވުޟޫއަށް ރައްކާ­ތެރިވާ މީހާއެވެ. ނަމަވެސް ވަސްވާސް­ތަކުން ދުރުވުމަށް އޭނާގެ ނަފްސާ ޖިހާދުކުރުން ދޫކޮށް­ލާފައިވާ މީހާއެވެ. ފަހެ އޭނާ ވަނީ އެ ވަސްވާސް­ތަކާއި އޭނާގެ އަމިއްލަ ފިކުރުތަކާ އެކުގައެވެ.

ދުޢާ އިޖާބަ ނުކުރައްވަނީ ކީއްވެ؟

އަބޫ ނުޢައިމް އަލްއަޞްބަހާނީ ރިވާ­ކުރެއްވިއެވެ. އެއްދުވަހަކު އިބްރާހީމް ބިން އަދްހަމް (އަވަހާރަވީ 162ހ) ބަޞްރާގެ ބާޒާރެއްގެ ތެރެއިން ވަޑައިގެންނެވިއެވެ. އެހިނދު މީސް­ތަކުން އެކަލޭގެފާނުގެ އަރިހަށް އެއް­ވެފައި ދެންނެވިއެވެ. އޭ އަބޫ އިސްޙާޤެވެ! ﷲ ތަޢާލާ ވަނީ މިފަދައިން އެއިލާހުގެ ފޮތުގައި ވަޙީ­ކުރައްވާފައެވެ: ﴿ٱدۡعُونِيٓ أَسۡتَجِبۡ لَكُمۡ މާނައީ: ”ތިޔަބައި­މީހުން ތިމަންއިލާހަށް ދުޢާކުރާށެވެ! ތިމަން­ރަސް­ކަލާނގެ އިޖާބަ­ކުރައްވާ­ހުށީމެވެ.“ އަހަރުމެން މިދަނީ ވަރަށް ކުރީއްސުރެ އެއިލާހަށް ދުޢާ ކުރަމުންނެވެ. އެކަމަކު އެއިލާހު އަހަރެމެންނަކަށް އިޖާބަ­އެއް ނުދެއްވައެވެ.

ދެން އިބްރާހީމް ވިދާޅުވިއެވެ. އޭ ބަޞަރާގެ އަހުލުވެރީންނޭވެ! 10 ކަމެއްގައި ތިޔަބައި­މީހުންގެ ހިތްތައްވަނީ މަރުވެފައެވެ.

الله ގެ ނޫރުފުޅު ފާފަވެރިޔަކަށް ނުދެއްވާނެއެވެ.

އިމާމް ޝާފިޢީ އަށް ނިސްބަތް­ކުރެވޭ ޅެންބައިތު­ތަކެއްގައި ވެއެވެ.

شكوتُ إلى وكيعٍ سوءَ حفظي

فأرشدني إلى ترْكِ المعاصي

وأخبرني بأن العلمَ نورٌ

ونور الله لا يهدى لِعاصي

މާނަ: އަހަރެންގެ ހަދާން ބަލި­ކަމާމެދުގައި އަހަރެން ވަކީޢު އަރިހު ޝަކުވާ ދެންނެވީމެވެ. ފަހެ (އެކަލޭގެފާނު) އަހަންނަށް އިރުޝާދު ދެއްވީ ފާފަ­ތަކުން ދުރުހެލިވުމަށެވެ. އަދި ޢިލްމަކީ ނޫރެއް ކަމަށާއި، ﷲގެ ނޫރު­ފުޅު ފާފަ­ވެރިޔަކަށް ނުދެއްވާނެ­ކަމަށް އަހަންނަށް ޚަބަރު­ދެއްވިއެވެ.

[ދީވާނުއްޝާފިޢީ، ޞ 54، އެކުލަވާލީ މުޙައްމަދު ޢަފީފް އައްޒަޢަބީ]