އިސްލާމް ދީނުގެ ފުރަތަމަ ރުކުނަކީ: ޝަހާދަތުގެ ދެ ކަލިމައަށް ހެކިވުމެވެ.
އެއީ އެއިން އެއް ކަލިމައަށް ހެކިވެފައި އަނެއް ކަލިމައަށް ހެކިނުވެއެއް ނުވާނެއެވެ. أَشْهَدُ أن لَا إلَهَ إلَّا اللهُ ކިޔައި ﷲ މެނުވީ ޙައްޤު ވެގެން އަޅުކަން ކުރެވޭ އިލާހަކު ނުވާކަމަށް ހެކިވެފައި، مُحَمَّدٌ رَسُولُ اللهِ، މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް އިންކާރުކުރާ ނަމަ ފުރަތަމަ ޝަހާދަތް، أَشْهَدُ أن لَا إلَهَ إلَّا اللهُ މި ޝަހާދަތް، ޞައްޙައެއް ނުވާނެއެވެ.
ހަމަ އެހެންމެ، މުޙައްމަދު ﷺ ގެ ރިސާލަތަށް ހެކިވެފައި ﷲ ފިޔަވައި ޙައްޤު އިލާހެއް ނުވާކަމަށް އޭނާ އިންކާރު ކުރާނަމަ ރަސޫލާގެ ރިސާލަތަށް ހެކިވި ޝަހާދަތަކުން ފައިދާއެއް ނުކުރާނެއެވެ. ދެ ޝަހާދަތަށް އެކީ ހެކިވާން ޖެހޭނެއެވެ.