އިސްލާމް ދީނަކީ ފުރިހަމަ ދީނެކެވެ: ތައުޙީދު

ނޯޓު
މިއީ އައްޝައިޚް މުޙައްމަދުލް އަމީން އައްޝަންޤީޠީ ލިޔުއްވި ”އިސްލާމް ދީނަކީ ފުރިހަމަ ދީނެކެވެ.“ މި ފޮތުގެ ތަރުޖަމާ ގެނެސްދޭ ސިލްސިލާގެ ދެވަނަ ބައެވެ.

ފުރަތަމަ މައްސަލައަކީ ތައުޙީދެވެ. ﷲގެ އެއްކައުވަންތަ­ކަމެވެ. މުޅި ޤުރްއާން ފުން­ކޮށް ދިރާސާ­ކުރުމުން އެނގޭ ގޮތުގައި ތައުޙީދު ބެހެނީ ތިން ބަޔަކަށެވެ.

[1. ތައުޙީދުއްރުބޫބިއްޔާ]

ފުރަތަމައީ الله ގެ ރުބޫބިއްޔަތުގައި އެކަލާނގެ އެއްކައު­ވަންތަ ކުރުމެވެ. ތައުޙީދުގެ މި ބާވަތަކީ ބުއްދިވެރީންގެ ފިޠުރަތުގައި ޠަބީޢީ ގޮތުން އެކުލެވިފައިވާ ބާވަތެކެވެ. الله ވަޙީ ކުރެއްވިއެވެ. ﴿وَلَئِن سَأَلۡتَهُم مَّنۡ خَلَقَهُمۡ لَيَقُولُنَّ ٱللَّهُ [ޒުޚްރުފް 87] ”ހަމަ­ކަށަވަރުން، އެއުރެން ހެއްދެވީ ކާކުތޯ، އެއުރެންނާ ކަލޭގެފާނު ސުވާލު ކުރައްވައިފި­ނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. ﷲއެވެ.“

އިސްލާމް ދީނަކީ ފުރިހަމަ ދީނެކެވެ: ތަޢާރަފު

މިއީ އައްޝައިޚް މުޙައްމަދުލް އަމީން އައްޝަންޤީޠީ ގެ ”الإسلام دين كامل“ މި ފޮތުގެ ތަރުޖަމާއެވެ. އެ ފޮތުގެ އަޞްލަކީ މޮރޮކޯގެ ރަސްގެފާނު މުޙައްމަދު އަލްޚާމިސްގެ އެދުން­ފުޅުގެ މަތިން މަސްޖިދުއްނަބަވީގައި ޝައިޚު ދެއްވި ދަރެހެކެވެ. މައުޟޫޢަކީ: އިސްލާމް ދީން ފުރިހަމަ ކުރައްވައިފިކަން އަންގަވައި ޙައްޖަތުލް ވަދާޢުގައި ބާވައި­ލެއްވި ﴿ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ… މި އާޔަތެވެ. މި ގޮތުން އިސްލާމް ދީނުގެ ފުރިހަމަކަން ބަޔާން­ކުރެއްވުމުގެ ގޮތުން ދިހަ ދާއިރާއަކަށް އަލި­އަޅުއްވާ­ލެއްވިއެވެ.

އެކުލެވިގެންވާ ބައިތައް

ވެރީންނަށް ނަޞޭޙަތްތެރިވުން

އައްޝައިޚް އަލްޢައްލާމާ ޢަބްދުއްރަޙްމާން ބިން ސިޢްދީ ވިދާޅުވިއެވެ:

މުސްލިމުންގެ އިމާމުންނަށް ނަޞޭޙަތް ދިނުމަށް ބަލާއިރު، ފަހެ، އެމީހުންނަކީ، ދައުލަތުގެ އެންމެ އިސް ވެރިޔާއާއި އޭނާ ޢައްޔަނު­ކޮށްފައި ތިބޭ އަމީރުންނާއި، ޤާޟީންނާއި، މިހެން ގޮސް ކުޑަޔަސް ބޮޑަސް މީސް­ތަކުންގެ މައްޗަށް އެއްވެސް ކަހަލަ ވެރި­ކަމެއް ދެވިފައި ތިބޭ މީހުންނެވެ. އެމީހުންގެ ވަޒީފާއާއި އެމީހުންގެ ވާޖިބުތައް އެހެން މީހުންގެ ވަޒީފާ­ތަކާއި ވާޖިބުތަކަށްވުރެ ބޮޑު­ވެގެން ވީ ހިނދުގައި، އެމީހުންގެ މަޤާމާއި ދަރަޖަޔާ އެއްވަރަށް ނަޞޭޙަތް­ދިނުން ވާޖިބެވެ. އެއީ؛ އެމީހުންގެ އިމާމަތު ޤަބޫލު ކުރުމާއި އެމީހުންގެ ވެރި­ކަމަށް އިޢުތިރާފު ވުމާއި، ހެޔޮ ކަން­ތަކުގައި އެމީހުންނަށް ކިޔަމަންތެރި­ވުން ވާޖިބު­ކަމަށް އިޢުތިރާފުވުމާއި، އެމީހުންނާ ދެކޮޅަށް ނުނިކުތުމާއި، އަދި އެމީހުންނަށް ކިޔަމަން­ތެރިވުމަށް ރައްޔިތުންނަށް ބާރުއެޅުމާއި، ﷲ އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅަކާ ޚިލާފު ނުވާހައި ހިނދަކު އެމީހުންގެ އަމުރުތަކުގެ މަތީ ލާޒިމުވެ ތިބުމާއި، އެ ވެރީންނަށް ނަޞޭޙަތް­ތެރިވުމުގެ ގޮތުން އެ މީހަކަށް ކުރެވެން އޮތް ކަމެއް ކުރުމާއި، އަދި އެމީހުން ވެރިކަން ހިންގުމުގައި ރިޢާޔަތްކުރަން ޖެހޭ ކަންތައް­ތަކުން ނޭނގިފައި އޮތް ކަމެއް، ކޮންމެ މީހަކުވެސް އެމީހަކަށް ވީ ވަރަކުން، އެ މީހުންނަށް ކިޔައިދީ ސާފު­ކޮށްދިނުމާއި، އެމީހުން އިސްލާޙުކޮށް­ދެއްވައި ހެޔޮމަގަށް ތައްފީޤުދެއް­ވުން އެދި އެމީހުންނަށް­ޓަކައި ދުޢާ­ކޮށްދިނުމާއި މި ކަން­ކަމުންނެވެ. އެހެނީ އެމީހުން އިޞްލާޙުވުމަކީ ރައްޔިތުންނަށް ވެސް ހުރި އިޞްލާޙެކެވެ.

ނަސޭހަތް ދިނުމާއި އެއްޗެހިކިޔުމުގެ ފަރަޤު

އިބްނުލް ޤައްޔިމް ވިދާޅުވިއެވެ.

ނަޞޭޙަތް ދިނުމާއި އެއްޗެހި ކިޔުމުގެ ފަރަޤު ދަންނައެ، ފަހެ ނަޞޭޙަތަކީ ތިބާ ނަޞޭޙަތް ދޭ ފަރާތަށް އޯގާ­ތެރިވުމާއި، ހެޔޮއެދުމާއި، ޣީރަތް­ތެރިވުމުގެ ސޫރައިގައި ވެވޭ އިޙްސާންތެރި­ކަމެކެވެ. އެއީ ރަޙްމަތާއި، އޯގާތެރި­ކަމުގެ ސަބަބުން އުފެދިގެން އަންނަ ސާފުސީދާ އިޙްސާންތެރި­ކަމެކެވެ. އެކަމުގައި ނަޞޭޙަތް­ތެރިޔާގެ އެދުމަކީ ﷲގެ ވަޖުހު­ފުޅެވެ. އެކަލާނގެ ރުއްސެ­ވުމެވެ. އަދި އެކަލާނގެ ޚަލްޤު­ތަކުންނަށް އިޙްސާންތެރި­ވުމެވެ. އެހެން­ކަމުން އެކަމުގައި އޭނާ ވީހައި ވެސް ބޮޑަށް އޯގާ­ތެރި ވެއެވެ. އަދި ނަޞޭޙަތް ދެވޭ ފަރާތުގެ ދުއްތުރާލާއި އޭނާގެ މަލާމާތް ތަޙައްމަލު­ކުރެއެވެ. އޭނާއާ މެދު މުޢާމަލާތު ކުރަނީ ބަލިބޮޑު­ވެފައިވާ ބަލިމީހަކާ މެދު އޭނާއަށް އޯގާ­ތެރިވާ މޮޅު ޑޮކްޓަރަކު ޢަމަލުކުރާ ފަދައިންނެވެ. އޭނާއަށް ބޭސް ފޯރުކޮށް­ދިނުމުގައި، އޭނާގެ ނުބައި އަޚްލާޤާއި، ގަދަދެއްކުމާއި، ނަފްރަތު ތަޙައްމަލު ކޮށް، އޯގާތެރި­ކަމާއެކު އެ ބޭސް އޭނާއަށް ފޯރު­ކޮށްދެވޭތޯ ބަލައެވެ. ފަހެ، ނަޞޭޙަތް­ތެރިޔާގެ ޙާލަކީ މިއީއެވެ.

އެއްޗެހިކިޔާ ދަންނައެ، ފަހެ، އޭނާގެ ޤަޞްދަކީ ނަޞޭޙަތް ދިނުމުގެ ސޫރައިގައި އަނެކާ ބޭޒާރު ކޮށްލައި، އިހާނެތި­ކޮށް ދެރަ­ކޮށްލުމެވެ. އޭނާއަށް އެއްޗެހި ކިޔައި އަގުވައްޓާލުމެވެ. ހެޔޮއެދޭ ނަޞޭޙަތްތެރި­އެއްގެ ސޫރައިގައި ބުނާނީ: އޭ މިވެނި ކަމެއް ކުރާ މީހާއެވެ! އޭ އިހާނެތި­ކަމާއި ދެރަކަން ޙައްޤުވާ މީހާއެވެ! މިފަދައިންނެވެ.

މިފަދަ މީހެއްގެ ޢަލާމަތަކީ: އޭނާ ލޯބިވާ، އޭނާ ހެޔޮއެދޭ މީހަކު، ހަމަ އެފަދަ ޢަމަލެއް ނުވަތަ އެއަށްވުރެ ނުބައި ޢަމަލެއް ކުރަނި­ކޮށް ފެނުނު­ކަމުގައި ވިޔަސް އެކަމަކާ އަޅަ­އެއް ނުލާނެއެވެ. އަދި އެއްޗެކޭ ވެސް ނުކިޔާނެއެވެ. ބަލާނީ އޭނާއަށް ކޮންމެވެސް ބަހަނާ­އެއް ހޯދޭ­ތޯއެވެ. ބުނާނެއެވެ: މަޢުޞޫމުކަން ޖާމިނު­ވެގެން ވަނީ އަހަރެމެންގެ ތެރެއިން ވަކި ކާކަށް ހެއްޔެވެ؟ އިންސާ­ނުންނަކީ ކުށް­ކުރެވޭ ބައެކެވެ. އޭނާގެ ނުބައި ކަންތަކަށް ވުރެ ހެޔޮކަންތައް ގިނަ­ވެގެން ވެއެވެ. އަދި ﷲ އަކީ ފާފަ ފުއްސަވާ ރަޙީމް­ވަންތަ އިލާހެވެ. މިފަދަ ބަސް­ތަކެވެ.

ކޮންފަދަ އަޖައިބެއް ތޯއެވެ! އޭނާ ރުޅިއަރާ މީހާއާ މެދު އެހެން ކަންތައް ކޮށްފައި، ލޯބިވާ މީހާއާ މެދު މިހެން ކަންތައް މިކުރީ ކިހިނަކުން ހެއްޔެވެ! ނަސޭޙަތުގެ ސިފައިގައި ތިބާގެ ފަރާތުން އޭނާއަށް ލިބުނު އެއްޗަކަށްވީ އެއްޗެހިކިޔުން ކަމަށް ވެފައި މީނާއަށް ލިބުނު އެއްޗަކީ، ފުއްސެވުމާއި މަޣުފިރަތަށް އުންމީދު­ކޮށް، އެކިއެކި ބަހަނާތައް ހޯދުން ކަމުގައި ވީ ކިހިނަކުން ހެއްޔެވެ!

ނަޞޭޙަތް­ތެރިޔާއާއި އެއްޗެހިކިޔާ މީހާގެ މެދުގައިވާ ފަރަޤުތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ: ނަޞޭޙަތް­ތެރިޔާގެ ނަޞޭޙަތް ތިބާ ޤަބޫލު ނުކުރިޔަސް އޭނާ ތިބާއާ ޢަދާވާތްތެރި­އެއް ނުވާނެއެވެ. އޭނާ ބުނާނީ: ތިބާ ޤަބޫލު ކުރިޔަސް ނުކުރިޔަސް އަހަރެންގެ އަޖުރު ﷲގެ ޙަޟްރަތުގައި ސާބިތު­ވެގެން ވާނެއެވެ. އަދި އޭނާ ތިބާ ނެތް ތަނުގައި ވެސް ތިބާއަށް ހެޔޮދުޢާ ކުރާނެއެވެ. އަދި ތިބާގެ ޢައިބުތަކުގެ ވާހަކަ ދައްކައި މީސް­ތަކުންގެ ތެރޭގައި ނުފަތުރާނެއެވެ. އެއްޗެހިކިޔާ މިހާގެ ކަންތައް ހުންނާނީ މީގެ އިދިކޮޅަށެވެ.

މަޞްދަރު: އައްރޫޙު، ޞ: 716–717

ހިތްތައް އެކުވެރިކުރުމަށްޓަކައި މުސްތަޙައްބު ކަންކަން ދޫކޮށްލުން

އިބްނު ތައިމިއްޔާ ވިދާޅުވިއެވެ:

ނަމާދުގެ ސިފަ­ތަކާއި އޭގެ ޝިޢާރުތަކުގެ ތެރެއިން ބިސްމި ކިޔުމުގެ މައްސަލައާމެދު ދަންނާށެވެ! ފަހެ ބިސްމިއަކީ ޤުރްއާނުގެ (އެބަހީ އަލްޙަމްދުގެ) އާޔަތެއްކަން ސާބިތު ކުރުމާއި ނަފީ ކުރުމުގައްޔާއި، (ނަމާދުގައި) ބިސްމި ކިޔުމާ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ. އަދި މައްސަލައިގެ ދެ ފަރާތުން ވެސް ފޮތްތައް ލިޔެވިފައިވާއިރު، އޭގެ ތެރެއިން ބައެއް ވާހަކަ­ތަކުން ޖަހާލަތާއި އަނިޔާވެރި­ކަމުގެ ބާވަތެއް ފާޅުވެއެވެ. ކަމަކީ ކިތަންމެހައި ވެސް އާދައިގެ ލުއި ކަމަކަށް ވާ ހިނދުގައެވެ.

ފަހެ މި މައްސަލަ­ތަކާއި މިފަދަ މައްސަލަ­ތަކުގައި ތަޢައްޞުބު­ވުން ދަންނާށެވެ! ފަހެ އެއީ އަހަރެމެންނަށް ނަހީ ކުރައްވާފައިވާ ބައިބައިވުމާއި އިޚްތިލާފުގެ ޝިޢާރުތަކުގެ ތެރެއިންވާ ކަމެކެވެ. އެހެނީ މިކަމަށް ގޮވާލާ ސަބަބަކީ އުއްމަތް ބައިބައިކުރަނިވި ޝިޢާރުތައް ނެރެ ފާޅު­ކުރުމެވެ. އެހެންޏާ މި މައްސަލަތަކަކީ ޚިލާފީ މައްސަލަތަކުގެ ތެރެއިން މުހިންމު­ކަމުގެ ގޮތުން އެންމެ ލުއި މައްސަލަތަކުގެ ތެރޭ ހިމެނޭ ކަން­ކަމެވެ. ބައިބައިވުމުގެ ޝިޢާރުތައް ފައުޅު ކުރުމަށް ޝައިޠާނާ ގޮވާ ގޮވެލި ނުވާ­ނަމައެވެ. [މަޖްމޫޢުލް ފަތާވާ 22/‏405]

ނަމާދުގައި މީސްތަކުންގެ ދަރަޖަތައް

އިމާމް އިބްނުލް ޤައްޔިމް ވިދާޅުވިއެވެ:

ނަމާދުގައި މީސް­ތަކުން ވަނީ ފަސް ދަރަޖައަކަށެވެ.

ފުރަތަމައީ: އަމިއްލަ ނަފްސަށް އަނިޔާ­ވެރިވެ، ފަރުވާކުޑަކުރި މީހާއެވެ. އޭނާއަކީ ނަމާދުގެ ވުޟޫގައާއި، ވަގުތުތަކުގައާއި، އޭގެ ޙައްދު­ތަކާއި ރުކުން ތަކުގައި އުނިކުރި މީހާއެވެ.

ދެވަނައީ: ނަމާދުގެ ވަގުތުތަކަށާއި، ޙުދޫދުތަކަށާއި، ބޭރުފުށުން ފެންނަ ރުކުންތަކަށާއި ވުޟޫއަށް ރައްކާ­ތެރިވާ މީހާއެވެ. ނަމަވެސް ވަސްވާސް­ތަކުން ދުރުވުމަށް އޭނާގެ ނަފްސާ ޖިހާދުކުރުން ދޫކޮށް­ލާފައިވާ މީހާއެވެ. ފަހެ އޭނާ ވަނީ އެ ވަސްވާސް­ތަކާއި އޭނާގެ އަމިއްލަ ފިކުރުތަކާ އެކުގައެވެ.